ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ނުއުމާން އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ކ) ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް
08 އެޕްރީލް 2020 - 13:05
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި އަހްމަދު ނުއުމާނަކީ އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ކަސްޓަމްސްގެ އިސްވެރިއަކަށް ޑިސެމްބަރު 11، 2018 ގައި ރައީސް އައްޔަންކުރެއްވި، ނުއުމާން، 47، ވަނީ އާލާސްކަންފުޅަކަށް އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯއްދަވަނިކޮށް އިއްޔެ އަވަހާރަވެފަ އެވެ. އެކަމަށް ފަރުވާ ހޯއްދަވަން އިންޑިއާގައި އުޅުއްވާތާ ހައެއްކަ މަސް ވެދާނެ އެވެ.
ކޮމިޝަނަރ ޖެނަރަލް އޮފް ކަސްޓަމްސް އަޙްމަދު ނުޢުމާން އަަަވަހާރަވި ޚަބަރު އެހީ ހިތާމަޔާއެކު. ނުޢުމާންއަކީ ތެދުވެރި އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް. އަދި ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި މަރުހޫމުގެ ފުރާނައަށް ސުވަރުގެ މިންވަރުކުރެއްވުމަށް އެދި ދުޢާ ދަންނަވަން.
— Ibrahim Mohamed Solih (@ibusolih) April 8, 2020
އާއިލާ އަށް ތައުޒިޔާ ވިދާޅުވެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނުއުމާން އަވަހާރަވި ހަބަރު އެއްސެވީ ހިތާމައާ އެކު ކަމަށެވެ. އޭނާއަކީ ތެދުވެރިކަމާ އެކު މަސައްކަތް ކޮށްދެއްވި ބޭފުޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"އާއިލާ އަށް ތައުޒިޔާ ދަންނަވައި މަރުހޫމުގެ ފުރާނަ އަށް ސުވަރުގެ މިންވަރުކުރެއްވުމަށް އެދި ދުއާ ދަންނަވަން،" ޓްވީޓުގައި ވެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އޭރު ފެށި އިސްލާހީ މަސައްކަތުގައި ވެސް އަދާލަތު ޕާޓީގެ ފަރާތުން އިސް ދައުރެއް އަދާކުރެއްވީ ނުއުމާނެވެ. ބޭރުގެ ސަފީރުންނާ އެކު ބޭއްވި ބައްދަލުވުންތަކާއި ނިއުސް ކޮންފަރެންސްތަކުގައި ވެސް ބައިވެރިވެވަޑައިގެން ގައުމުގެ ހާލަތު އެ ބޭފުޅުންނަށް ހިއްސާކުރެއްވި އެވެ.
ފެނަކަ ކުންފުނީގެ ފުރަތަމަ ޗެއާމަންގެ މަގާމުގެ އިތުރުން ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް މަސައްކަތް ކުރެއްވި ނުއުމާނަކީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުގެ މެމްބަރެކެވެ. މަޑުމައިތިރި، ހުރިހާ ފިކުރެއްގެ މީހުންނާ ވެސް ގާތްގުޅުމެއް ބޭއްވެވި ނުއުމާނަކީ އަދާލަތު ޕާޓީގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގެ ރައީސް ވެސް މެ އެވެ.
ނުއުމާނާ އެކު މަސައްކަތްކުރެއްވި ބޭފުޅުން އިއްތިފާގުވާ ގޮތުގައި އޭނާއަކީ އުސޫލުތަކުގައި ހިފެހެއްޓެވި، ހުލްގު ހެޔޮ ބޭފުޅެކެވެ.
އޭނާ އަވަހާރަވިއިރު، ދެ ފިރިހެން ބޭފުޅުންނާއި އަނބިކަނބަލުން ދުނިޔޭގައި އެބަތިއްބެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިރު
08 April 2020
އަދާލަތި ޕާޓީޔަކީ ކޮންމެ ސަރުކާރަކާވެސް ދޮކޮޅަށް ނުކުން ބައެއް... އިމްރާން އެމަގާމުގަ ބެހެއްޓިހާ ދުވަހަކު މިސަރުކާރަކާ ދެކޮޅަކަށް ނުނިކުންނާނެ
ޢައިޝާތު
08 April 2020
މީހަކު މަރުވިޔަސް ކަލޭމެންގެ ބަސްމަގު އިންނާނީ ތިހެން
ރަދީފްއޮފިޝިއަލް
08 April 2020
ނޮޓް ރެލެވެންޓް.