ސޮނެވާ ޖާނީ
09 އެޕްރީލް 2020 - 11:26
ކޮރޯނާވައިރަސް ކޮންޓްރޯލްކުރަން ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައިވާ ގައުމުތަކުގައި ނުތިބެ ރާއްޖޭގެ ރިސޯޓްތަކުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ބޭނުންވެގެން މަހުޖަނުންގެ ފަރާތުން ހުށަހެޅުންތައް ލިބެމުން އަންނަ ކަމަށް ސޮނޭވާ ރިސޯޓް ޗެއިންގެ ވެރިޔާ ސޯނޫ ޝިވްދަސާނީ ވިދާޅުވެއްޖެ އެވެ.
ކޮރޯނާވައިރަހުގެ ސަބަބުން ޓޫރިސްޓުން ދަތުރުނުކުރާތީ، ރާއްޖޭގެ އިގްތިސާދީ މައި ސިނާއަތް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެކަމުން ސަލާމަތްވެވޭނެ ގޮތާ ބެހޭ ގޮތުން ސޯނޫ، ކޯޕަރޭޓް މޯލްޑިވްސް ވެބްސައިޓުގައި ޝާއިއުކުރެއްވި ލިޔުމެއްގައި ވިދާޅުވީ ކޮރޯނާވައިރަހުން ސަލާމަތްވާން ރާއްޖޭން ކުރަމުން އަންނަނީ ކުރިއަރަފާއިވާ ގައުމުތަކާ އަޅާބަލާއިރު ނަމޫނާ މަސައްކަތެއް ކަމަށެވެ.
ރާއްޖެ އަކީ މި ވައިރަހުން ސަލާމަތްވެފައިވާ ގައުމެއް ކަމަށް ލަސްތަކެއް ނުވެ އިއުލާންކުރެވޭ ހާލަތެއްގައި ބޯޑަރު ހުޅުވައިފި ނަމަ އެކަމުގެ ފައިދާ އެންމެ ރަނގަޅަށް ހިފޭނީ ކިހިނެއްކަމާ މެދު ސޯނޫ ލިޔުއްވާފައިވެ އެވެ.
"މިކަން ފަށަން އެންމެ ރަނގަޅު އެއް ގޮތަކީ އަމިއްލަ ޖެޓްތަކުގައި އަންނަ ބޮޑެތި މަހުޖަނުންނަށް ފުރުސަތު ހުޅުވާލުން" ކަމަށް ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ސޮނޭވާ ލަގްޒަރީ ރިސޯޓްގެ ސީއީއޯ އަދި ފައުންޑަރު ސޯނޫ ވިދާޅުވި އެވެ.
އޭނާ ލިޔުއްވާފައިވާ ގޮތުގައި އަމިއްލަ ޖެޓްތަކުގައި އަންނަ މަހަޖަނުންނާ އެކު މާ ގިނަ ފަސިންޖަރުންނެއް ނާންނާނެ އެވެ. އެހެންވެ އެއާޕޯޓް ވީއައިޕީއާ ހިސާބުން ފަސޭހަމާ އެކު އެ މީހުން އައިސޮލޭޓް ކުރެވޭނެ ކަމަށާއި ވަގުތުން ނަތީޖާ ލިބޭ ޓެސްޓް ކިޓްތައް ހޯދައި އެ ތަނުން ވަގުތުން ޓެސްޓް ވެސް ކުރެވޭނެ ކަމަށް ލިޔުއްވި އެވެ.
"އެ މީހުން އެތެރެވުމުގެ ހުއްދަ ދޭނީ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ އެވެ. ޕޮޒިޓިވް ވިޔަސް، ދުނިޔޭގެ ފެންވަރުގައި ވެސް އެންމެ ފެންވަރު ރަނގަޅު ކަރަންޓީން ފެސިލިޓީތައް ހުރި މި ރާއްޖޭގެ ފެސިލިޓީއަކަށް އެ މީހުން ފޮނުވޭނެ އެވެ. މިކަން ކުރުމަށް، ވަގުތުން ނަތީޖާ ލިބޭ ޓެސްޓް ކިޓްތައް ބޭނުންވާނެ އެވެ،" ޓޫރިޒަމުން އަވަހަށް އާމްދަނީ ހޯދަން ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ކުރަންވީ ކަމެއްގެ ގޮތުގައި ސޯނޫ ޚިޔާލު ފާޅުކުރެއްވި އެވެ.
ސޯނޫ ވިދާޅުވެފައިވާ ގޮތުގައި އަމިއްލަ ޖެޓްތަކުގައި އަންނަ މަހުޖަނުންގެ މަދު ބަޔަކު އައި ނަމަވެސް ނިސްބަތުން ރަނގަޅު އާމްދަނީއެއް ލިބޭނެ އެވެ.
ސޮނޭވާ ލަގްޒަރީ ރިސޯޓްގެ ސީއީއޯ އަދި ފައުންޑާ ސޯނޫ ޝިވްދަސާނީ
"އަމިއްލަ ޖެޓްގައި ރާއްޖެ އަށް އަންނަން ބޭނުންވެގެން ސޮނޭވާ އަށް މިހާރުވެސް ވިއްސަކަށް ހުށަހެޅުން ވަނީ ލިބިފަ އެވެ. އެ މީހުން ބޭނުންވަނީ އެ މީހުންގެ ގައުމުގައި ލޮކްޑައުންގައި ތިބުމުގެ ބަދަލުގައި މަހެއްހާ ދުވަސް ވަންދެން ރާއްޖޭގައި ތިބޭށެވެ. މިކަހަލަ ދެތިން ސަތޭކަ މީހުން ގެނެވުނަސް އެ މީހުން ފަސް މިލިއަނެއްހާ ޑޮލަރު ހޭދަކުރާނެ ކަމަށް ބެލެވެ އެވެ. މި އަދަދުން ޖީއެސްޓީގެ ގޮތުގައި ދައުލަތަށް 600،000 ޑޮލަރު ލިބޭނެ އެވެ،" މި ހާލަތުގައި ހޯދިދާނެ އާމްދަނީއާ ބެހޭ އަންދާޒާއެއް ދެއްވަމުން ސޯނޫ ލިޔުއްވި އެވެ.
ކޮރޯނާވައިރަސް މުޅި ދުނިޔެ އަށް ފެތުރުމާ އެކު ރާއްޖޭން ވެސް ވަނީ ބޭރުން މީހުން އައުން ކޮންޓްރޯލްކުރަން ފިޔަވަޅުތައް އަޅައި އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލައިފަ އެވެ. މިކަމާ ބެހޭ ގޮތުން ސޯނޫ ވިދާޅުވި ގޮތުގައި، ވައިގެ ދަތުރުތައް ރާއްޖެ އަށް އަލުން ފެށިދާނެ އެވެ. މިހާރު ވައިރަސްގެ ނުރައްކާ ކުޑަވެފައިވާ ގައުމުތަކާ ދެމެދު ދަތުރު ފެށިދާނެ ކަމަށާއި އެގޮތުން ސޯނޫ ވިދާޅުވީ ޗައިނާ އަކީ ރަނގަޅު ގައުމަކަށް ވާނެ ކަމަށެވެ. އެކަމަކު މިކަން ކުރާ ނަމަ، ޗައިނާ އިން އަންނަ މީހުން 14 ދުވަހުގެ ކަރަންޓީނަކަށް ގެންދެން ސަރުކާރުން ނިންމާފައިވާ ނިންމުން އެހެން ގޮތަކަށް ބަދަލުވާން ޖެހޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
ކޮރޯނާވައިރަސް އެންމެ ފުރަތަމަ ޗައިނާގައި ފެތުރުނު ސަރަހައްދުތަކުން ގާތްގަނޑަކަށް އެ ވައިރަސް ނައްތާލައި އާންމު ހާލަތަކަށް މިހާރު ވަނީ އައިސްފަ އެވެ.
ސޯނޫ ވިދާޅުވީ ކޮރޯނާވައިރަހަށް ޕޮޒިޓިވް އެންމެ 19 ކޭސް ރާއްޖޭން ފެނި އަދި އާންމުންގެ ތެރޭގައި ވައިރަސް ފެތުރިގެން ދިޔަ ނުދީ މިހާތަނަށް ހިފެހެއްޓުމަކީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ އެވެ. އެހެން ގައުމުތަކުން ވަނީ މިކަމުން ސަލާމަތްވާން ލިބުނު އެންމެ މުހިންމު ދުވަސްތައް، ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނާޅައި ބޭކާރުކޮށްލާފައި ކަމަށާއި އެކަމަކު ދިވެހިންގެ ރައްކާތެރިކަމަށް، އިގްތިސާދީ ގޮތުން ކިތަންމެ ބޮޑު އަގެއް ދައްކަން ޖެހުނަސް، ދިވެހި ސަރުކާރުން އަޅާފައިވަނީ މުހިންމު ފިޔަވަޅުތަކެއް ކަމަށް ވެސް އޭނާ ލިއުއްވި އެވެ.
ރާއްޖޭގެ މުޅި އިގްތިސާދު ބިނާވަނީ ޓޫރިޒަމަށް ކަމަށް ވިޔަސް ސަރުކާރުން އިސްކުރީ ރައްޔިތުންގެ ރައްކާތެރިކަން ކަން އޭނާ ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީގ
10 April 2020
ގިނަ މީހުން މިތާ ކޮމެންޓު ކުރާހެން ރިސޯޓުވެރިން ހުށަހަޅާ ހުށަހެޅުންތަކަކީ އެމީހުންގެ ފައިދާ އައް ހުށަހަޅާ ހުށަހެޅުންތައް އެކަމަކު އެހުށަހެޅުމަކުން އަހަރެމެންރައްޔިތުންނައް ފައިދާއެއްވާ ކަމައްވިޔަސް އެމީހުންނައް ވާނެ ފައިދާ އެއް ހުއްޓުވުމުގެ ގޮތުން އެގޮތަކައް ކަންތައް ކުރުމައްދެކޮޅު ހެދުމަކީ ބުއްދިވެރިކަމެއްނޫން. އަދި އެހުށަހެޅުމަކުން ރައްޔިތުންނައްވާ ފައިދާ ބޮޑުވާނެގޮތަކައް ވިސްނުންގެނެވިދާނެ.
ނީރާ
10 April 2020
ސޯނޫގެވާހަކަ ކިހާމޮޅު.ރާއްޖޭގެ ރިސޯޓްތަކުގެ 95 ޕަސަންޓް ރިސޯޓަކީ މެދުފަންތިއާއި ދަށްފަންތީގެ ތޫރިސްޓުންއަންނަ ތަންތަން. ޓުއަރިޒަމް ދާއިރާގައި އުޅޭ ދިވެހިންގެ99 ޕަސަންޓްމީހުން މަސައްކަތްކުރަނީ މިފަދަރިސޯޓްތަކުގަ. ސޮނެވާފުށިފަދަ ތަންތަނަކީ ސޯނޫ އެބުނާފަދަ މަހުޖަނުންނަށް ޚާއްޞަކޮށްގެންހިންގާ ރިސޯޓްތައް.. ވީމަ މިތަނުގަ ސޯނޫފާޅުކޮށްފައިއެވަނީ އޭނަޔަށް ފައިސާލިބޭނެއައިޑިއަރ އެއް. ވީމާ މިފަދަމަދުރިސޯޓްތައް އަވަަހަށްސަރުކާރަށް ނަގާފަ މަހުޖަނުން ގެނޭ.
ޚިޔާލު
10 April 2020
މިކަމުގައި ހަދަންވީ މަހުޖަނު އެކްސްޗޭންޖެއް. ރާއްޖޭގެ މަހުޖަނުން ރާއްޖެއިން ބޭރަށް ފޮނުވާލުމަށްފަހު ބޭރުގެ މަހުޖަނުން ގެންނަންވީ. ރާއްޖޭގެ މަހުޖަނުންގެ ފަރާތުން ދިވެހިންނަށްވާ ފައިދާއެއް ނޯވޭ. އެކަމަކު ބޭރުގެ މަހުޖަނުން ހިންގާ ވެލާ ރިސޯޓުން ރަގަޅަށް މުސާރައާއި ސާވިސް ޗާޖުދޭ. ބޭރުގެ މަހުޖަނުން ގެނައުމަށްޓަކާ ރާއްޖެއިން މަދުވެގެން 1 އަހަރުގެ ވިސާ ތައާރަފުކުރަންޖެހޭ. އެވިސާ ތައާރަފުކުރުމަށް އެއްއަހަރު ހޭދަވާނަމަ ކަމަކުނުދާނެ. ސަރުކާރު ސްލޯ ނޫންކަން ދައްކާ.
ކާޖާ
09 April 2020
މިހާރުން މިހާރަށްވެސް ރަގަޅު މޮނިޓަރިން ނިޒާމަކާއެކު އަމިއްލަ ޖެޓްތަކުގައި އަންނަ މަހުޖަނުންނަށް ރާއްޖޭގެ ޓޫރިޒަމް ހުޅުވާ ނުލާންވީ ސަބަބެއް ނެތެވެ. އާމްދަނީ ލިބެން ހުރި ދޮރުތައް އެއްކޮށް ބަންދުކޮށްގެން މިގޮތަށް ތިބުމަކީވެސް އެންމެ ބުއްދިވެރި ގޮތެއް ނޫންނެވެ. ސޯނޫގެ ހިޔާލަށް ފުރިހަމަށް ތާއިދުކުރަމެވެ.
ރަދީފްް
09 April 2020
ރިސޯޓްބިންތަކުގައި ދަނޑުހައްދައިފިނަމަ ރައްޔިތުންނަށް މާ މަންފާބޮޑިވާނެ.ރިސޯޓްތައް ސަރުކާރުންނަގާ
ބޮޑުމީހާ
09 April 2020
މަހުޖަނުންވެސް ގެނެވިދާނެ، އާއްމު ރައްޔިތު މީހާގެ ޝަކުވާއަކީ ވަޒީފާގެ ޔަގީންކަން އޮންނާނެހޭ! ކިތައް މަހުޖަނުން އައިސް ހުއްޓާތަ މި ކާރިސާ ދިމާވީ، ބައި ރުފިޔާވެސް މުވައްޒަފަށް އިތުރެއް ނުވޭ، ކާރިސާއަށް މަހެއް ނުވަނީސް 11000 މީހުން އެތިބީ ނޯޕޭގަ، ނޫނީ މުސާރަ ދަށްކޮށްފަ، ތި ރިސޯޓްތައް ދައުލަތަށް ނަގަންވީ
އިހްލާސް
09 April 2020
މިގޮތަށް ލޮކް ކޮށްގެން 3 މަހަށްވުރެ އިތުރުވެއްޖެނަމަ ގައުމުގެ ހާލަތު ގޯސްވާނެ ، މިހާރުވެސް ސަރުކާރުގެ ޕްރެޝަރާ ހެދި ގިނަ ރިސޯޓްތަކުން ބައި މުސާރަވެސް ދޭން އެއްބަސްވީ، ރިސޯޓްތަކަކަށްވެސް 3 މަހަށްވުރެ އިތުރުވާނަމަ މުސާރައެއް ނުދެވޭ، އެކަން ޤަބޫލްކުރަންޖެހޭ، ކާބޯތަކެތި ގައުމުން ހުސްނުވިޔަށް ޖީބުތަކަށް ފައިސާވަނުން ހުއްޓިއްޖެނަމަ ގައުމު އަންދަވަޅަކަށް ވެއްޓުންގާތް، އިގްތިސޯދު ކޮޅަށް ޖެހުމަށް ވިސްނަންޖެހޭ،
ނައިން
09 April 2020
ވަރަށް ރަގަޅު ވާހަކަތަކެއް. ގައުމު އިނދްޖެހި ހަލާކުވުމުގެ ކުރިން އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމާއެކު ޓޫރިސްޓުން އެތެރެކުރެވޭނެ ކޮންމެވެސް މަގެއް ހޯދަން ޖެހޭ. މިކަމާ އެއްބަސްވާ މީހުން ދުވަހަކަށް ވުރެން ދުވަހެއް ދާނީ އިތުރުވަމުން.
ސޯނީ
09 April 2020
ކޮބާތަ ތިބުނާ އަދަދުން ރާއްޖެ ވަންނަ ޓެކްސް. ކުރިންވެސް ތި ރިސޯޓަށް މަގުޖަނުން އާދެ. ޓެކްސްއަށް ލިބެނީ މަދު އެތިކޮޅެއް.
ފޫހު
09 April 2020
ހައިރާންވެ އަންތަރީސްވެއްޖެ. ފައިސާއަށްޓަކައި މީނާ ވިސްނީ ހަމައެކަނި މީނާގެ ވިޔަފާރިއަށް. ބަލަ އަގަރެމެންވެސް މިތިބީ ކުދި ކެފޭތައްވެސް ބަންދުކޮށްގެންނޭ. މިދަނޑިވަޅުގައި ވެސް ތިޔަ މުއްސަދި ރިސޯޓުތަކުން ދައުލަތަށް ޑިމާންޑުކުރީ ފައިސާހޯދަން. އެހީއެއްގެ ގޮތުން މާސްކްކޮޅެއް ފޯރުވާލަދޭންކެރުނުބަޔަކުނެތް. ދެންކޮންވާހައެއް.