ލައިފްސްޓައިލް / ދީން

ނަމާދާއި ދުއާ އިން ނަފްސަށް ހަމަޖެހުން ލިބޭ

މިސްކިތެއްގައި ބަޔަކު ނަމާދުކުރަނީ: އެހެން ދީންތަކަށް ޖާގަ ހޯދަން މަގުފަހިވާ ވާހަކަތައް ނުފަތުރަން އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައި.

ޑރ. ސަޢުދުﷲ ޢަލީ

10 އެޕްރީލް 2020 - 09:42

4 comments

މުއުމިނުންނަށް ނަފްސާނީ ގޮތުން ހަމަޖެހުން ލިބެން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ނަމާދު ކުރުމާއި ދުއާ ކުރުން ހިމެނެއެވެ. މިއީ މާއްދިއްޔަތަށް ލޯބިކުރާ ވަރަށް ގިނަބަޔަކަށް އެއިން މަހްރޫމުވެފައިވާ، އެކަމަކު ކަލާނގެ އަށް އީމާންވާ މީހުންނަށް ލިބޭ ވަރަށް މުހިންމު ނިއުމަތެކެވެ. މުއުމިނުން ކޮންމެ ދުވަހަކު މަދުވެގެން ފަސް ނަމާދު ކުރަން ޖެހެއެވެ. މި ނަމާދުތަކުގައި ކުރާ ދުއާތަކެއް ހުރެއެވެ. މި ދުޢާތަކުގެ އިތުރުންވެސް ދިރިއުޅުމުގެ އެކި ކަންކަމާއި ތަފާތު ހާލަތްތަކާ ގުޅުވައިގެން މުއުމިނުން ކުރާ ދުއާތައް ހުރެއެވެ.

ނަމާދަކީ ދުނިޔަވީ އެންމެހާ މަޝްޣޫލުވުންތަކުން އެއްކިބާވެ ހުރެ ރޫހާނީ ތަރައްގީއެއް ނަފްސަށް ގެނައުމަށް މުއުމިނު އިންސާނާ ހުސްކޮށްލާ ވަގުތު ކޮޅެކެވެ. އޭނާ ހައްދަވައި ބޮޑު ކުރެއްވި ސާހިބުވަންތަ ރަސްކަލާނގެ ހަޒްރަތުގައި ހުއްޓި ހުރެ ހައްގުވެގެންވާ ގޮތުގައި އެކަލާނގެ އަށް ހަމްދުސަނާ އާއި ތަސްބީހަ އާއި ތަކުބީރު ކިޔާ ވަގުތު ކޮޅެކެވެ. އުއްމީދާއި އާދޭހާ އެކު ﷲ ގެ ހަޒްރަތުން އެތައް ކަމަކަށް އެދި ދަންނަވާ ވަގުތުކޮޅެކެވެ. ﷲ އާ އެކު ބޭއްވޭ މި ރޫހާނީ ގުޅުމުގެ ސަބަބުން ނަފްސަށް ވަރުގަދަކަން ލިބެ އެވެ. ހިތަށް ހަމަޖެހުން ލިބެ އެވެ. ދިރިއުޅުމުގެ ދަތިތައް ހައްލު ކުރުމަށް މަދަދެއް ކަމުގައިވެ އެވެ. ކެތްތެރިކަމާއި ނަމާދުން މި މަދަދު ހޯދުމަށް ﷲ އަމުރު ކުރައްވާފައި ވަނީ ވެސް މިހެން ވެގެންނެވެ. (އަލްބަޤަރާ 153).

ސަލާމާއި ޞަލަވާތް ލެއްވި މާތް ނަބިއްޔާ ވެސް ބޮޑުކަމެއް މެދުވެރިވާ ކޮންމެ ފަހަރަކު ނަމާދަށް އަވަސްވެގަންނަވަ އެވެ. އެކަލޭގެފާނުގެ ނަމާދުފުޅަކީ ހަމައެކަނި ބޭރުފުށުން ފެންނަ އޮނިގަނޑެއް އެކަންޏެއް ނޫނެވެ. އެހެންނަމަވެސް އެއީ ﷲ އަށް މުނާޖާ ދެންނެވުމުގައި އިންތިހާއަށް ވަޑައިގަންނަވާ ރޫހާނީ ޢަމަލުފުޅެކެވެ. ނަމާދުގެ ވަގުތުތައް އައުމާ އެކު ޝައުގުން ފުރިގެންވާ ހާލު އެކަމުން ލިބޭ ރާހަތު އަވަހަށް ލިބިގަތުމަށްޓަކައި ބަންގި ގޮވައި ނަމާދު ފެށުމަށް ބިލާލުގެ ފާނަށް އިރުޝާދު ދެއްވަ އެވެ. އަދި އެކަލޭގެފާނު ދެލޯފުޅަށް ފިނިކަމެއް ގެނެސްދޭ ކަމަކީ ނަމާދު ކަމުގައި އެކަލޭގެފާނު ހަދީސް ކުރައްވާފައިވެ އެވެ.

ނަމާދު ކުރުން ނުވަތަ ދުއާ ކުރުން މިއީ ބާޠިލު ދީންތަކުގައި ވެސް އޮންނަ ކަމެކެވެ. އިސްލާމް ދީނުގައިވާ ނަމާދާއި ދުޢާ އިން ލިބޭ ފަދަ މަންފާތަކާ އެއްވަރު ނުވިއަސް ނަމާދާއި ދުޢާ އަކީ އޭގެ ޒާތުގައި ވެސް އެއިން މުހިންމު އަސަރުތަކެއް ގެނެސްދޭ ކަމެކެވެ. ވަކި ދީނަކަށް ނުބަލައި ޖުމްލަކޮށް ނަމާދަށް (ދުޢާ ވެސް ހިމެނޭ ގޮތުގައި) ބަލާއިރު އެއިން ލިބޭ ފައިދާއާ ބެހޭ ގޮތުން އެމެރިކާގެ ލިޔުންތެރިއެއް ކަމުގައިވާ ޑޭލް ކާނެގީ ބުނަނީ ނަމާދަކީ ހީވެސް ނުކުރާހާ ބޮޑު އެހީތެރިކަމެއް އެއިން ލިބޭ ކަމެއް ކަމަށެވެ. ސަބަބަކީ އެއީ އަސަރު ކުރުވަނިވި އަދި އެހާމެ ޢަމަލީ ކަމެއް ކަމުގައިވާތީ އެވެ. ކަލަކަށް އީމާންވާ މީހެއް ކަމަށް ވިއަސް ނުވިއަސް އަދި އީމާންވަނީ ހައްގު ކަލާނގެ އަށް ކަމުގައި ވިއަސް ނުވިއަސް ނަމާދު ކުރާ ނަމަ، އިންސާނާ އަށް ކޮންމެހެން ބޭނުންވާ ތިންކަމެއް އެއިން ހާސިލުކޮށްދޭ ކަމަށް ކާނެގީ ބުނެފައި ވެއެވެ. އެއް ކަމަކަށް އޭނާ ފާހަގަކޮށްފައި ވަނީ، ނަފްސަށް އުނދަގޫވާ ކަންތައްތައް ވަރަށް ސާފުކޮށް ބަރާބަރަށް އަމާނާތްތެރިކަމާ އެކު ހާމަކުރަން ނަމާދުން ފުރުސަތު ލިބުމެވެ. އެއްވެސް މައްސަލައަކާ ކުރިމަތިލާއިރު އެމައްސަލަ ރަނގަޅަށް ސާފު ނުވާނަމަ އެކަމާ ކުރިމަތިލާން އުނދަގޫވާނެ އެވެ. މައްސަލަ ހައްލު ކުރަން ބޭނުން ނަމަ މައްސަލައިގައި ހިމެނޭ ހުރިހާ ކަމެއް ވަރަށް ސާފުކޮށް ބަރާބަރަށް ދޫ މައްޗަށް ގެނެވެން ޖެހޭނެ އެވެ.

ކާނެގީ ފާހަގަ ކުރާ ދެވަނަ ކަމަކީ، މައްސަލަތައް ހައްލު ކުރުމުގައި ނުވަތަ ކަންބޮޑުވުންތައް ފިލުވާލުމުގައި ތިމާ އެކަނި ނުވާކަމުގެ އިހުސާސް ނަމާދުން ލިބިދިނުމެވެ. އުނދަގޫ މައްސަލަތައް ހައްލު ކުރުމުގައި ތިމާ އެކަނި އެކަން ތަހައްމަލު ކުރަން ދަތިވާ މީހުން ވަރަށް ގިނަ އެވެ. އެހެންނަމަވެސް ގިނަ މައްސަލަތަކަކީ ވަރަށް ޒާތީ މައްސަލަތަކެއް ކަމުން ތިމާއާ ކިތަންމެ ގާތް ނަމަވެސް ދެވަނަ މީހަކާ އެ ހިއްސާ ކުރަން އުނދަގޫވެ އެވެ. އެކަމަކު ނަމާދުގައި ކަލާނގެއާ އެކަން ހިއްސާ ކުރަން ހަމަ އެކަކުވެސް ޖެހިލުމެއް ނުވެ އެވެ. ނަފްސާނީ ޑޮކްޓަރުން އެއްބަސްވާ ގޮތުގައި ނަފްސާނީ ހަމަނުޖެހުންތަކާއި ކަންބޮޑުވުމާއި ހާސްވުން ފަދަ ކަންކަމުން ފަރުވާ ހޯދުމުގައި އެފަދަ ކަންކަން ދެވަނަ ފަރާތަކާ ހިއްސާކޮށް ނަފްސުގައިވާ އުދާސްތައް ބޭރުކޮށްލުމަކީ ވަރަށް މަންފާ ހުރި ކަމެކެވެ.

ނަމާދުން ލިބޭ ތިންވަނަ ފައިދާއެއްގެ ގޮތުގައި ކާނެގީ ފާހަގަ ކުރަނީ، ނަމާދަކީ މަސައްކަތް ކުރުމަށް ކުރިމަތިލުމަށާއި މަސައްކަތުގައި ދެމިހުރުމަށް ވަރަށް ބޮޑު ބާރެއް ލިބުމަށް އެހީވެދޭ ކަމެއް ކަމަށެވެ. އެހެނީ ނަމާދަކީ މަސައްކަތުގެ ފުރަތަމަ ފިޔަވަޅެވެ. އިންސާނަކު އެއްދުވަހުން އަނެއް ދުވަހަށް ނަމާދު ކުރުމުގައި ދެމިހުންނަ ނަމަ ހަމަ ޔަގީނުންވެސް އެކަމުން ފައިދާތަކެއް ލިބިގެންދާނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. އެލެކްސިސް ކަރެލް، އިންސާނާއާ ބެހޭ ގޮތުން ލިޔެފައިވާ އޭނާގެ މަޝްހޫރު ފޮތުގައި ބުނެފައިވެ އެވެ. "ހަރަކާތްތެރިވުމަށް އެންމެ ބޮޑު ހަކަތައެއް އުފައްދައިދޭ ކަމެއް ކަމަށް މިހާތަނަށް އެނގިފައިވާ އެންމެ ވަރުގަދަ އެއް ކަމަކީ ނަމާދެވެ. ވީއިރު އަހަރެމެން އެއިން މަންފާ ލިބިނުގަންނަންވީ ކީއްވެގެން ހެއްޔެވެ؟" އާދެ، މިއީ ވަކި ދީނަކަށް ނުބަލައި އާންމުކޮށް ނަމާދާ ބެހޭ ގޮތުން ދެކެވޭ ވާހަކަ އެވެ.

މުސްލިމުން ކުރާ ނަމާދުގެ ހަގީގަތް މިފަދަ މީހުންނަށް އެންމެ ފުރިހަމަ ގޮތުގައި އެނގޭ ނަމަ ނަމާދުން އިންސާނާ އަށް ލިބޭ ހިތްހަމަޖެހުމާއި ނަފްސަށް ލިބޭ ތާހިރުކަމާއި އަޚްލާޤީ މަންފާތަކާއި ޝަޚުޞީ ތަރުބިޔަތާ ބެހޭ ގޮތުން މިއަށްވުރެ މާ ފުޅާކޮށް އެމީހުން ވާހަކަ ދެއްކީސް ކަން ކަށަވަރެވެ. އެއްކައުވަންތަ ﷲ އަށް އީމާންވާ މުއުމިނުންގެ ނަމާދަކީ ނަފްސާނީ ފަރުވާގެ އިތުރުންވެސް އޭގައި ވަރަށްގިނަ މަންފާތައް ހިމެނޭ އަޅުކަމެކެވެ. މިގޮތުން އެއީ ހަށިގަނޑުގެ ބޭރުފުށުންނާއި އެތެރެފުށުން ސާފުކޮށްދޭ އަޅުކަމެކެވެ. ހަށިގަނޑުގެ ގުނަވަންތައް ހަރަކާތްތެރި ކުރުވާ އަޅުކަމެކެވެ. އަބަދަށް ދެމިގެންވާ ﷲ ގެ ވަހީބަސްފުޅު ތިލާވަތު ކުރާ އަޅުކަމެކެވެ. ﷲ އަށް ހަމްދުކޮށް ޝުކުރުކޮށް އެފަރާތުގެ ހުސްތާހިރުވަންތަކަން ކަށަވަރު ކުރާ އަޅުކަމެކެވެ. ދުނިޔޭގައި ސީދާވެގެންވާ މަގުގައި ލަހައްޓަވައިދެއްވުމަށް އެދި ދަންނަވާ އަޅުކަމެކެވެ. ނަތީޖާއެއްގެ ގޮތުން އެމަގުން އެއްކިބާނުވެ ހުރުމަށް ވަރަށް ބޮޑު ބާރެއް ލިބޭ ކަމެކެވެ.

ނަމާދަކީ ފާހިޝް ކަންކަމާއި މުންކަރާތްތައް ނަހީ ކުރާ ކަމެކޭ ކީރިތި ޤުރުއާނުގައި (އަލްޢަންކަބޫތު 45) އަންގަވާފައި ވަނީ މިހެން ވެގެންނެވެ. މީގެ އިތުރުން މުސްލިމުންގެ ނަމާދަކީ ދުނިޔެ އާއި އާޚިރަތުގައި ހެޔޮކަމަށް އެދި ދަންނަވާ އަޅުކަމެކެވެ. ވީމާ އުޚުރަވީ ހަޔާތް ވެސް ކާމިޔާބު ކުރުމަށް އޮތް ފުރުސަތެއް ކަމުގައި މުސްލިމުންގެ ނަމާދު ވެގެންދެ އެވެ. މި ސަބަބުތަކަށްޓަކައި ނަމާދަކީ މުއުމިނު އިންސާނާ އަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ގެނެސްދޭ ކަމެކެވެ.

އެއްކައުވަންތަ ﷲ އަށް އީމާންވާ މުއުމިނުންގެ ނަމާދަކީ ނަފްސާނީ ފަރުވާގެ އިތުރުންވެސް އޭގައި ވަރަށްގިނަ މަންފާތައް ހިމެނޭ އަޅުކަމެކެވެ. މިގޮތުން އެއީ ހަށިގަނޑުގެ ބޭރުފުށުންނާއި އެތެރެފުށުން ސާފުކޮށްދޭ އަޅުކަމެކެވެ. ހަށިގަނޑުގެ ގުނަވަންތައް ހަރަކާތްތެރި ކުރުވާ އަޅުކަމެކެވެ. އަބަދަށް ދެމިގެންވާ ﷲ ގެ ވަހީބަސްފުޅު ތިލާވަތު ކުރާ އަޅުކަމެކެވެ. ﷲ އަށް ހަމްދުކޮށް ޝުކުރުކޮށް އެފަރާތުގެ ހުސްތާހިރުވަންތަކަން ކަށަވަރު ކުރާ އަޅުކަމެކެވެ. ދުނިޔޭގައި ސީދާވެގެންވާ މަގުގައި ލަހައްޓަވައިދެއްވުމަށް އެދި ދަންނަވާ އަޅުކަމެކެވެ.

ނަމާދުގެ އިތުރުން ނަމާދުގެ ތެރޭގައި ވިއަސް އަދި ނަމާދުން ބޭރުގައި ވިއަސް މުއުމިނު އިންސާނާ ކުރާ އެންމެހާ ދުޢާތަކަކީ ވެސް ނަފްސަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭ ކަމެކެވެ. ދަތި ހާލެއްގައި އުޅޭއިރު އެކަމުގެ ޝަކުވާ، އެންމެހާ ކަންކަމުގެ ވެރި ކުޅަދުންވަންތަ ރަސްކަލާނގެ ހަޒްރަތުގައި ދަންނަވާލެވުން އޭގެ ޒާތުގައި ވެސް އެއީ ހަމަޖެހުން ލިބޭނެ ކަމެކެވެ. ބޭނުންވާ ގޮތަށް ދުޢާގެ ނަތީޖާ މި ދުނިޔެ މަތިން ނުފެނުނަސް މުއުމިނަކު ގަބޫލު ކުރާނީ ﷲ ދުއާ އިޖާބަ ކުރައްވާ ތިންގޮތުން ކުރެ ކޮންމެވެސް އެއްގޮތަކަށް ހަމަ ޔަގީނުން ވެސް އިޖާބަ ކުރައްވާނެ ކަމަށެވެ. އެއީ، އެ މީހަކު އެދުނު ކަމެއް އެ އެދުނު ގޮތަކަށް ހިންމަވައިދެއްވުން ނުވަތަ އޭގެ ބަދަލުގައި އެހެން ކަމެއް ހިންމަވައިދެއްވުން (ހެޔޮކަމެއް މެދުވެރިވުން ނުވަތަ ނުބައި ކަމަކުން މިންޖުވުން) ނުވަތަ އުޚުރަވީ ހަޔާތުގައި އެކަމުގެ ބަދަލު ލިބޭނެގޮތް މެދުވެރި ކުރެއްވުމެވެ.

ވީމާ އިސްލާމީ ޢަޤީދާ ގަބޫލުކުރާ މީހަކީ ދުޢާ ކުރުމުން އޭގެ ޒާތުގައި ލިބޭ ހިތްހަމަޖެހުން ހާސިލު ކުރާނެ މީހެކެވެ. މީގެ އިތުރުން އެމީހަކު ބޭނުންވާ ގޮތަށް ދުޢާ އިޖާބަ ނުވާތަން ފެންނަ ހިނދު ބައެއް މީހުންނަށް ލިބޭ ފަދަ ނުތަނަވަސް ކަމުން ވެސް ސަލާމަތް ވެގެންވާނެ މީހެކެވެ. މީގެ ނަތީޖާއަކަށް ވެގެންދާނީ ދުއާ ކުރުމުން ނަފްސަށް ހަމަޖެހުން ލިބުމެވެ. އާދެ، މިފަދައިން އެންމެ ފުރިހަމަ ގޮތުގައި ނަފްސަށް ހަމަޖެހުން ލިބޭނީ އެއްކައުވަންތަ ﷲ އަށް އީމާންވާ މުއުމިނުން ކުރާ ނަމާދާއި ދުޢާއިންނެވެ. މި ނަފްސާނީ ހަމަޖެހުމަކީ ދިރިއުޅުމުގައި ބާއްޖަވެރިކަން ހާސިލުކުރުމަށް ވެސް ބޭނުންވާ ވަރަށް މުހިންމު އެއް ކަންތަކެވެ.

4 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 0%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލާމްްް

10 April 2020

ޑރ ސައުދުﷲ ލިއުއްވާ ލިއުއްވުންތަކަށް މާތްﷲ ބަރަކާތް ލައްވާށި! ވަރަށް ކިޔާލަން ފަސޭހަ ގޮތަކަށް ލިއުންތަކުގައި ހުންނަނީ.

The name is already taken The name is available. Register?

ޙުސެން

10 April 2020

ވަރަށް ރަނގަޅު ލިޔުމެއް

The name is already taken The name is available. Register?

އާދަމް ޒާހިރު

10 April 2020

މިފަދަ ޢިލްމުވެރި ލިޔުން ލިބޭން ހުންނައިރު ކިޔުންތެރިކަން ދަށްވީމާ ވަރަށް ދެރަވޭ. ގިނަ ބަޔަކަށް މިފަދަ ލިޔުން ހުންނަކަންވެސް ނޭނގޭ. މިއީ މި ދުވަސްވަރަށް އަދި މުޅި ޙަޔާތަށްވެސް ފައިދާކުރަނިވި މޮޅު ލިޔުމެއް. އައްސަރިބަސް މިތުރު ޑރ.

The name is already taken The name is available. Register?

އާމިނަތު

10 April 2020

ވަރަށް ރަނގަޅު ލިޔުމެއް!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454