ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގެ ވިޔަފާރިވެރިއަކު އޭނާއަށް ލިބުނު ގޮޅީގެ ތެރޭގައި-- ފޮޓޯ: ނިޝާން އަލީ/މިހާރު
13 އެޕްރީލް 2020 - 15:42
ހަތް މަސް ދުވަސް ވަންދެން ދަތުރުވެރިންގެ މާރުކޭޓު ބަންދު ކޮށްފައި ބެހެއްޓީ ކުރިން ހުރި ގޮޅިތަކުގެ ފެންވަރު ރަނގަޅު ކުރުމަށެވެ. އެކަމަކު މިހާރު މި ގޮޅިތައް ވިޔަފާރިވެރިންނަށް ދޫކުރަން ފަށާފައިވާއިރު ގިނަ މީހުން އަންނަނީ ގޮޅީގެ ޖާގަ ކުޑަވުމުގެ ސަބަބުން ފާޑު ކިޔަމުންނެވެ.
މާލެ ސިޓީ ކައުންސިލުން ފަހުން ނިންމީ މާރުކޭޓު އަލުން ހުޅުވާއިރު ގޮޅިއެއް ފަސް ފޫޓު ހަ ފޫޓަށް ކުޑަކުރުމަށެވެ. ނަމަވެސް މިއީ ދަނޑުވެރިން އުފައްދާ ގިނަ ބާވަތްތައް ވިއްކުމަށް އެކަށީގެންވާ ވަރުގެ ގޮޅިތައް ނޫން ކަމަށް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ.
މާރުކޭޓުގައި މިހާރު ވެސް ވިޔަފާރި ކުރަމުން އަންނަ މީހަކު ބުނީ އެންމެ ފުރަތަމަ ކޮންމެ މީހަކަށް 10 ފޫޓުގެ ގޮޅިއެއް ލިބޭނެ ކަމަށް ކައުންސިލުން ބުނެފައިވާ ކަމަށެވެ. ނަމަވެސް ފަހުން ގެނައި ބަދަލާއެކު ކުއްޔަށް ބަދަލު ނުގެނައުމުން އެތަނުގައި ވިޔަފާރި ކުރާ މީހުންނަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް އޭނާ ބުންޏެވެ.
މާރުކޭޓުގެ ގޮޅިއެއްގައި ހުންނާނީ ފަސް ފޫޓު ހަ ފޫޓު-- ފޮޓޯ: ނިޝާން އަލީ/މިހާރު
މާރުކޭޓުގެ ގޮޅިއެއް ކައުންސިލުން ދޫކުރަނީ މަހަކު 3،150ރ. އަށެވެ. އެއީ ކުނި އުކަން ނަގާ 150ރ. އާ އެކު ކަނޑައަޅައިފައިވާ އަގެކެވެ. ކުރިން މި ގޮޅިތައް ދޫކުރީ މަހަކު 1،700ރ. އެވެ.
"އެންމެ ފުރަތަމަ ބުނީ 10 ފޫޓުގެ ގޮޅިއެއް ދޭން. އެވަރުގެ ގޮޅިއަކަށް އަސްލު 3000ރ. ރަނގަޅު. އެކަމަކު މިހާރު މި ގޮޅިތަކުގައި މަދު އެއްޗެހި ވިއްކައިގެން ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ގެއްލުން ވާނެ. މި ގޮޅީގައި ނެތް އަޅުގަނޑު ވަދެ އުޅޭނެ ވަރުގެ ޖާގަ އެއްވެސް،" މާރުކޭޓުގައި ވިޔާފަރި ކުރަމުން އަންނަ މީހަކު ބުންޏެވެ.
މީގެ ކުރިން ގޮޅިތައް ފުރެންދެން ތަރުކާރީ އާއި މޭވާގެ ބާވަތްތައް ބަހައްޓާފައި ހުރެ އެވެ. ނަމަވެސް އަލުން ގޮޅިތައް ހުޅުވާލާއިރު ލިބެން ހުންނާނީ މަދު ބާވަތްތަކެއް ކަމަށް ވެސް ބައެއް ވިޔަފާރިވެރިން ބުނެ އެވެ. މިއީ ގޮޅިތައް ކުޑަވުމުގެ ސަބަބުން ރައްކާ ކުރާނެ ޖާގަ ނެތުމުން އަންނާނެ ބަދަލެކެވެ. މި ބަދަލުގެ ސަބަބުން ދަނޑުވެރިން އަތުން ގަންނަ ތަކެތީގެ އަދަދު މަދުވެ ދަނޑުވެރިންނަށް ވެސް ގެއްލުން ވާނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެ އެވެ.
މާރުކޭޓުގެ ވިޔަފާރިވެރިއެއް: މިހާރުވެސް ބައެއް މީހުން ދަނީ ވިޔަފާރި ކުރަމުން-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އާއްމުކޮށް އެކި ރަށްރަށުން އެބަގެންނަން އެއްފަހަރާ ދެތިން ހަފްތާއަށް ވާވަރަށް ތަކެތި. އެކަމަކު މިހާރު އެވަރަށް ގެނެސް އެތަކެތި ބަހައްޓާނެ ތަނެއް ނެތް. ހުރިހާ އެއްޗެއް ހަލާކުވާނީ. މިތާ މަތީގައި ވެސް ހުރިހާ އެއްޗެއް ބެހެއްޓޭކަށް ނެތް." މާރުކޭޓުގައި ވިޔަފާރި ކުރާ މީހަކު ބުންޏެވެ.
މާރުކޭޓުގައި މިހާރު 165 ގޮޅި ހުރެ އެވެ. މި ގޮޅިތަކަށް 2000 އަށްވުރެ ގިނަ މީހުން އެދިފައިވާއިރު ޝަރުތު ހަމަވާ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށް ކައުންސިލުން ދަނީ ގޮޅިތައް ހަވާލު ކުރަމުންނެވެ.
ސިޓީ ކައުންސިލުން ގޮޅިތައް ހަވާލު ކުރާއިރު އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެ ކައުންސިލުން ރާނާފައިވާ ފާރަށްވުރެ އުސްވާގޮތަށް ދޮންކެޔޮ ފިޔަވައި އެއްވެސް އެއްޗެން ވިއްކަން ނުބެހެއްޓޭނެ އެވެ. އަދި އެ ކައުންސިލުން އަޅާފައިވާ ރީނދޫ ރޮނގުން ބޭރުގައި ވެސް އެއްވެސް އެއްޗެއް ވިއްކާކަށް ނުބެހެއްޓޭނެ އެވެ.
މީގެ އިތުރުން ގޮޅިތަކުގައި ތިބޭ މީހުންނަށް ހާއްސަ ފާހެއް ވެސް ސިޓީ ކައުންސިލުން ވަނީ ދޫކޮށްފަ އެވެ. ވިޔަފާރި ކުރާއިރު ފޮޓޯ ހުންނަ ލިޔުމާއި ފާސް ބޭނުން ކުރަން ޖެހޭނެ އެވެ. އަދި ވިޔަފާރި ކުރަން އެއްވެސް ބިދޭސީއަކު ނުބެހެއްޓޭނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
14 April 2020
ފުރަތަމަ ކަމަށް މިހާރު ލޯކަލް މާރުކޭޓް ގަ ބިދޭސީ ކޭޝިއަރުންތައް އެތަނުން ބޭރު ކުރަން ވީ އެވެ. އަދި ބިދޭސީ ކޭޝިއަރުން ބަހައްޓާ ގޮޅިތަކުގެ ވެރީންނަށް ގުޅާ ދިވެހީންނަށް ބަދަލު ނުކުރާނަމަ ގޮޅިތައް ސަރުކާރައް ނަގަން ވީ އެވެ. މިކަން ރަމަޒާން މަސް ފެށުމުގެ ކުރީން ކުރަން ވީ އެވެ. ދުވާލަކަށް ރޯދަ މަހު 15 ހާސް ރުފިޔާ ލިބޭ އިރު ބޮޑު ބައެއް ދަނީ ރާއްޖެ އިން ބޭރަށެވެ.
ޢީސަ
14 April 2020
މިސަރުކާރުން ގޮޅިދޭނީ އެ މީހެއްގެ ކުޑަބޮޑު މިނައްބަލާފަ ކުޑަކަ މައްވަންޏާ ރަށައްދޭ މިހެން މިބުނީ ހެޔޮހިތުން.
ކުރިޝުލް
14 April 2020
ކޮން ޝަކުވާއެއް ކުރާކަށް! ޝަކުވާ ކުރުމުގެ ބޭނުމެއް ނެތް! ރައްޔިތުން ބޭނުންވަނީ ނަޝީދު، ޔާމީން، މައުމޫނު އަދި އިބޫ އާއި އެކު ސެލްފީއެއް ނަގަން! އެކަމަށް މީން ކޮންމެ ވެރިއަކަށް މަހަކު 100،000ރ މިހާރުވެސް އަހަރެމެންގެ ޓެކްސް ފައިސާއިން ހަރަދު ކުރަނީ! މީން ކޮންމެ މީހަކު ދައުލަތުގެ ހަރަދުގައި އުޅެނީ! އަމިއްލަ މަސައްކަތެެއް ދުވަހަކުވެސް ކުރިބައެއްނުން! އަހަރަމެން 10 ފ 10ފ ގޮޅެއެއްގަ ދަރިން ގޮވައިގެން މުޅި އުމުރު ކުލިދައްކާ ޓެކްސް ދައްކާލަ ދައްކާ! އޯކޭއްނު!
ޖައިސާމް
14 April 2020
1. މުޅި ލިޔުމުގަ އޮތީ ގޮޅި ކުރިއަށްވުރެ ގޮޅި ކުޑަވާހަކަ. ކުޑަވީ ކިހާ ވަރެއްކަމެއް ކިޔާ ކިޔާ ނޭނގުނު. 2. މިގޮތަށް ނިންމީ ކީއްވެކަން އަންގައިދިނުމުގެ ގޮތުން ސިޓީ ކައުންސިލްގެ ބަހެއް ހިމަނާލިނަމަ ރަނގަޅުވީސް. އޭރުން ކިޔުންތެރިންނަށް އިނގޭނެ އަމިއްލައަށް ނިންމަން ސިޓީ ކައުންސިލްގެ ނިންމުމަކީ ކިޔުންތެރިޔާއަށް ކަމުދާ ނިންމުމެއްތޯ. 3. ޖާގަ ކުޑަ ވާހަކަ ދައްކާއިރު މަދު ބޮޑު ގޮޅިތޯ ނުވަތަ ގިނަ ކުޑަ ގޮޅިތޯ ރަނގަޅީ ވިސްނާލުން ރަނގަޅު.
އިބްރާހިމްފުޅު
14 April 2020
ތިޔަ މާރުކޭޓަކީ ރާއްޖޭގައި އުފައްދާ ތަކެތި ވިއްކަން ޚާއްޞޮ ކޮށް ހަދާފައިވާ މާރުކޭޓެއް. ރާއްޖޭގައި ހައްދާ ތަކެތި ވިއްކަން ގޮޅިތަކެއް ކުޑައެއްނުވާނެ. ރާއްޖޭން ބޭރުން އިމްޕޯޓްކޮށްގެން ގެންނަ ތަރުކާރީ އާ މޭވާޔާ ކުކުޅު ބިހާ ފިޔަޔާ އަލުތްވާ ލޮނުމެދާ މިހެންގޮސް ހުރިހާ ތަކެތި ބަހައްޓާން ގޮޅިތަކުގައި ޖާގައެއްނޯންނާނެ.
އަސްތާރު
14 April 2020
މަތީ ފޮޓޯގައިވާ މީހަކީ ދަނޑު ހައްދާ ދަނޑެއް އޮތް މީހެއްކަމެއް މަށެއް ނުދެނަހުރިން. ގޮޅިދިނީ ދަނޑު އޮންނަ މީހުންނަށޯ ކިޔާ އަޑުއެހިން. އެކަމަކު މީނައަށް ގޮޅިއެއް ލިބުނުކަން 100% ޔަގީން. ޓްރާންސް ޕޭރެންޓް ކަމުން ހައްދުފަހަނަ އަޅާފަ. ކިހާ ސަޅި
ބޮލުރޮދި
14 April 2020
އެ މީހާގެ ދަނޑެއް ނެތްކަ މަކު އެތާހުރެވިދާނެ ބަންގާޅިން ތިބެނީ ދަނޑެއް އޮވެގެންބާ.
ހަޒާނާ
14 April 2020
ގޮޅީގަ ވިޔަފާރި ކުރަން ދިވެއްސަކު ހުންނަމަ މައްސަލަ އެއް ނެތެވެ.
ޙިނި
14 April 2020
ތިކަމައް ވާހަކަ ދައްކާނަން އުފާވެރި އަވާމެންދުރު 2023 ގެ ކެންފޭނުގަ
އާންމުމީހާ
14 April 2020
ތި ގޮޅިތައް ހެދީ ރާއްޖެތެރޭ ދަނޑުވެރިން މާލެ އައިސް އެމީހުންގެ އެތިކޮޅު ވިއްކަން.. އެހެންވީމަ ބޭރުން އިމްޕޯޓްކޮށްގެން ވިއްކާ ބަޔަކަށް ތި ކިތަންމެހާވެސް ކުޑަވާނެ..
ޓަކިބެ
14 April 2020
އަސްލު އެތަން ކުޑަ. މީ ދެން މީހުން ކަންކުރާ ގޮތްތަ. މި ސަރުކާރު ދެކެ މީހުން ރުޅި އެރުވުން ނޫނ ކަމެއް ނުކުރޭ.
ގައުމުގެ ދޫ
14 April 2020
ދިނަސް ރަނގަޅުގޮތެއް ނެތް. ޝަކުވާ ނުކުރާނެ ގޮތެއް އެއީ ނެތް ގޮތެއް. ތިވަރު ގޮޅީގާ ތިންހަތަރު ބަންގާޅީން މުސާރަދީގެން ގެންގުޅެނީ ހަމަ ފައިދާ ނުވާތީތޯ؟ ވިޔަފާރިކުރާ ގިނަ މީހުން ފައިދާއެއް ވާކަމަކަށް ދުވަހަކު ނަހަދާނެ، ނަމަވެސް އުޅޭނީ އެންމެ މުއްސަނދި ދިރިއުޅުން. ފައިދާ ނުވަންޏާ ގޮޅި ދޫކޮށްލުން ބުއްދިވެރި، ފައިދާ ނެރެން އެނގޭ މީހުން ހަވާލުވާނެ.