އިމްރާން (ވ) ގައުމީ ޓީމުގެ ޖާޒީގައި: އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 17 އަހަރަށް ފަހު.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
12 އޮކްޓޯބަރ 2016 - 21:49
ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު އިމްރާން މުހައްމަދު، 17 އަހަރަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.
އުމުރުން 19 އަހަރުގައި ގައުމީ ޓީމަށް ކުޅެން ފެށި އިމްރާން ފޭސްބުކްގައި މިރޭ ބުނި ގޮތުގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ނެގި އެންމެ އުދަނގޫ ނިންމުމެވެ. އެކަމަކު، މިއީ ޒުވާން ކީޕަރުންނަށް ފުރުސަތު ދިނުމަށް ގައުމީ ޓީމާ ދުރަށް ދާން އެންމެ ރަނގަޅު ވަގުތު ކަމަށް އޭނާ ބުންޏެވެ.
"ރާއްޖޭގެ ޒުވާން ކީޕަރުންނާ މެދު ވަރަށް ބޮޑު އިތުބާރެއް އެބައޮތް. އެ ކުޅުންތެރިންނަށް މޮޅު ކުޅުމެއް ދެއްކި ދާނެ ކަމަށް ގަބޫލުކުރަން،" ކުލަބު ލެވެލްގައި މިހާރު މާޒިޔާ އަށް ކުޅޭ އިމްރާން ފޭސްބުކްގައި ލިޔެފައިވެ އެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ބުނީ އެ ކުޅިވަރުން ގައުމު ފަހުރުވެރި ކޮށްދިނުމަށް އޭނާ އަށް ކޮންމެވެސް ވަރެއްގެ ދައުރެއް އަދާކޮށްދެވުނު ކަމަށް އުއްމީދު ކުރާ ކަމަށެވެ. އެކަމަކު، އެކަން ނިންމަން ދޫކޮށްލާނީ ސަޕޯޓަރުންނަށް ކަމަށް ވެސް އޭނާ ބުންޏެވެ.
"އަހަރެން ކުޅުން ހުއްޓާލި ވަގުތާއި އޭޝިއަން ކަޕުގެ ކޮލިފައިންގެ ގްރޫޕް ސްޓޭޖަށް ރާއްޖެ ހޮވުނު ވަގުތާ އިއްތިފާގުން ދިމާވީތީ އުފާ ކުރަން،" ކޮލިފައިން އިން ރޭ ރާއްޖެ ޖާގަ ކަށަވަރު ކުރި މެޗުގައި ކެޕްޓަން ބޭންޑު ވެސް އެޅި އިމްރާން ބުންޏެވެ.
ގައުމީ ޓީމުގެ ފަރިތަކުރުންތަކެއްގައި އިމްރާން ބައިވެރިވަނީ: އޭނާ ވަނީ ގައުމީ ޓީމަށް 111 މެޗު ކުޅެ ދީފައި.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
ފުޓްބޯޅައިގައި ރާއްޖެ ތަމްސީލު ކުރުމުގައި ހޭދަކުރި މުއްދަތުގައި އެހީތެރިކަން ދިން ފަރާތްތަކަށް ޝުކުރު އަދާކުރާނެ ގޮތެއް ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެކަމުގައި އެންމެ ކުޑަ މިންވަރަކަށް އެހީތެރިކަން ދިން މީހުންނާއި ކޯޗުންނާއި ކުޅުންތެރިންނާއި އެކުވެރިންނާއި ސަޕޯޓަރުންނާ އަދި އެފްއޭއެމް އަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.
"އާއިލާ އާއި އަންހެނުންނާއި ދަރިންގެ އެހީތެރިކަން ނެތި އަހަރެންނަށް މިކަން ހާސިލެއް ނުކުރެވުނީސް،" އިމްރާން ބުންޏެވެ.
"ރާއްޖޭގެ ޒުވާން ކީޕަރުންނާ މެދު ވަރަށް ބޮޑު އިތުބާރެއް އެބައޮތް. އެ ކުޅުންތެރިންނަށް މޮޅު ކުޅުމެއް ދެއްކި ދާނެ ކަމަށް ގަބޫލުކުރަން." -- އިމްރާން
ގައުމީ ޓީމަށް ކުޅުން ހުއްޓާލި ކަމަށް ވީ ނަމަވެސް، ކުލަބު ލެވެލްގައި ކުޅޭނެ ކަމަށާއި ގައުމީ ޓީމަށް އެހީތެރިކަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިހުންނާނެ ކަމަށް ވެސް އިމްރާން ބުންޏެވެ.
"ދިވެހި ފުޓްބޯޅަ އާއި ގައުމީ ޓީމަށް ކާމިޔާބީ އާއި ބާއްޖަވެރި ދުވަސްތަކަކަށް އެދެން،" އިމްރާންގެ ފަހު ބަސް ނިންމާލަމުން ބުނެފައިވެ އެވެ.
ގައުމީ ޓީމު ކުޅުނު މެޗެއް ފެށުމުގެ ކުރިން ގައުމީ ސަލާމް ކިޔާއިރު އިމްރާން (ކ) ބައިވެރިވަނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
ގައުމީ ޓީމަށް 1999 ވަނަ އަހަރު ކުޅެން ފެށި އިމްރާން ރިޓަޔާ މި ކުރީ ގައުމީ ޓީމަށް 111 މެޗު ކުޅެ ދިނުމަށް ފަހު އެވެ. އޭނާ ވަނީ ރާއްޖޭން 2008 ވަނަ އަހަރުގެ ސާފު ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު މޮޅު ކުޅުމެއް ދައްކާފަ އެވެ. އަދި 2004 ވަނަ އަހަރު ގަދަފަދަ ދެކުނު ކޮރެއާއާ ލަނޑެއް ނުޖެހި ރާއްޖެ އެއްވަރު ވި މެޗުގަ އާއި 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕުގެ ތިންވަނަ ރާއްޖެ ހޯދިއިރު ވެސް އޭނާ މުހިއްމު ދައުރެއް އަދާކޮށްފައިވެ އެވެ.
އދ. މަހިބަދޫ އަށް އުފަން އިމްރާނަކީ ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގައި ވެސް އުފެދުނު އެންމެ މޮޅު އެއް ކީޕަރެވެ. އޭނާ ވަނީ ހަތް ސާފު ޗެމްޕިއަންޝިޕެއްގައި ކުޅެފަ އެވެ. އެއާ އެކު، އޭނާ ވެފައި ވަނީ ދެކުނު އޭޝިއާގައި އެންމެ ގިނަ އަދަދެއްގެ މެޗު ކުޅުނު އެއް ކުޅުންތެރިޔާ އަށެވެ.
ކުލަބު ލެވެލްގައި އީގަލްސް، ވިކްޓްރީ، ވީބީ، ނިއު ރޭޑިއަންޓް އަދި މާޒިޔާ އަށް ކުޅެފައިވާ އިމްރާން ފާހަގަކުރެވެނީ މޮޅު ކީޕަރެއްގެ އިތުރުން ހަމަ އެހާމެ މޮޅު ކެޕްޓަނެއްގެ ވެސް ގޮތުގަ އެވެ. އެ ގޮތުން، އޭނާ ވަނީ ގައުމީ ޓީމުގެ ވައިސް ކެޕްޓަންކޮށް އަދި 2006 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ވާދަކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ.
އިމްރާން އެންމެ ފުރަތަމަ އާއްމުންނަށް ފެނުނީ 2000 ވަަނަ އަހަރު ބޭއްވި ގޯލްޑަން ޖުބިލީ މުބާރާތުންނެވެ. އެ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ސްރީ ލަންކާ އަތުން ރާއްޖެ ބަލިވި ނަމަވެސް، ޒުވާން ކީޕަރުގެ ކުޅުމަށް ގިނަ ބަޔަކު ތައުރީފު ކުރި އެވެ. އޭގެ ފަހުން، މިއަދާ ހަމަ އަށް ވެސް އިމްރާން އަތުން ގައުމީ ޓީމުގެ އެއް ނަމްބަރު ކީޕަރުކަން ގެއްލިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާރިސް
14 October 2016
އިމްރާން ކާމިޔާބުގެ އެއް ސިއްރަކީ ދަނޑުން ބޭރުގަ ވެސް އޭނައަކީ ވަރަށް ހީވާގި މަސްވެރިއެއް. ހުރިހާ ކުޅުންތެރިންވެސް ހޮބީއެއް ގެންގުޅުން މުހިއްމު
ދަރޮކް
14 October 2016
އިމްރާން އެފް.އޭ.އެމް ގެ ރައީސަށް
ޕިންކީސް
13 October 2016
އިމްރާން އައް އުމުރުން ކިތައް އަހަރުތަ ވީ
ކާކު
13 October 2016
މަހީކުރީ މިއުޅޭ އަދާލަތު ޕާޓީގަ އުޅޭ އިމްރާން ކަމައް ނޭންގޭނުން މުޅި ރާއްޖޭގަ ހުސް އިމްރާނު ވީއާ
އަހުމަދު
13 October 2016
ދިވެހި ފުޓުބޯޅައަށް ހިތާމަވެރި ދުމަހެއް. އިމްރާން ގޯލްގަ ހުައްޓަސް މަމެން ހާދަ އުފާވޭ. ހާދަ އިތުބާރު ހުރި މޮޅު ކީޕަރެކޭ
ދިވެހި ދަރިއެއް
13 October 2016
އިމްރާން އަކީ މި ސަރަހައްދުގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕާރެވެ. މި ގައުމުގެ ފުޓުބޯޅައަށް ގިނަގުނަ ފައިދާ އާއި ހިތްހަމަޖެހުން ގެނެސްދިން މޮޅު ކުޅުންތެރިއެއް. އަދި އެންމެ މުހިއްމުކަމެއް ގޮތުގައި ދަނޑުގައާއި ދަނޑުންބޭރުން، އަހްލާގު ހިފަހައްޓާ މީހެކެވެ. ކުޅިވަރުގައި ނަމޫނާއަކަށް ބަލަންޖެހޭވަރުގެ މީހެކެވެ. ހަރުދަނާ ލީޑަރެކެވެ. އަޅުގަނޑުމެން އެންމެނަށް ގެނެސްދިން ހިނިތުންވުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ
ކްރިޓިކަލް
13 October 2016
މުޅި އޭޝިއާގެ އެއްވަނަ ކީޕަރ... އަދިވެސް މިހާރުގެ ޒުވާން ކިޕަރުންނައް ވުރެ ގަދަ...
ޝުކުރިއްޔާ ޤައުމު
13 October 2016
ޝުކުރިްޔާ އިމްރާން. އިމްރާން އިމްރާނަކަށްވީ ކުޅިވަރު މައިދާނުގައި ދެއްކި ރަނގަޅު އަޚްލާޤުގެ ސަބަބުން. އިމްރާނުގެ މަސައްކަތަށް ތަޢުރީފު ޙައްޤު
މޫސަ
13 October 2016
1999 ވަނަ އަހަރު ޤައުމީޓީމަށް ކުޅެންފެށި އިރު އުމުރަކީ 19 އަހަރު ކަމުގައި ވާނަމަ 2006 ވަނަ އަހަރު 23 އަހަރުން ދަށުގެ ޤައުމީ ޓީމަށް ކުޅޭނެ ގޮތެއް ނުވިސްނުނު. 1999 ވަނަ އަހަރު 19 އަހަރުވީ މީހަކަށް 2006 ވަނަ އަހަރު 25 ނުވަތަ 26 އަހަރުވާނެ.
ޝަރަފް
13 October 2016
23 އަހަރުން ދަށުގެ ޓީމަށް ސީނިއަރ ކުޅުންތެރިޔަކަށް ކުޅެވޭކަން ނޭގުމަކީ ދިވެހި ފުޓުބޯޅަ ނޭގުން
ޙަލީމް
13 October 2016
މިއަދު އޮތީ ޢީމަރާންގެ ޤައުމީ ޚިދުމަތް ފާހަގަ ކުރުން.. ޔަޤީން ޤައުމީ ލެވެލްގައި އޭނާ ފުޓްބޯޅަ އަށް ޚިދުމަތް ކުރާނެ، މިއަދު ޤައުމު އޭނާ އަށްޓަކައި ފަޚުރުވެރި ވުމަކީ އެންމެ މަތީ ފެންވަރުގައި ޤައުމީ އެވާރޑް އަދި މެޑެލް ދިނުން....