އަބްދުއްރަޝީދު ހުސެއިން (ކ) އަދި ދަރިފުޅު އައިމިނަތު ތަސްނީމް.
24 އެޕްރީލް 2020 - 09:15
ނޮވެމްބަރު 3، 1988 ގައި ތަމަޅައިން މާލެ އަރައި އެއް ގްރޫޕުން ސިފައިންގެ އަށް ހަމަލާ ދެމުންދިޔައިރު އަނެއް ގްރޫޕުން ދިޔައީ ސަރުކާރުގެ އިސް ވެރިންތަކެއް އަތުލައިގަންނަން މަސައްކަތްކުރަމުންނެވެ. ބާގީން ހެދި ލިސްޓުގައި، އޭނާގެ ނަން އޮތްކަން އެނގިވަޑައިގަތުމުން، ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެގްޒެކެޓިވް ސެކްރެޓަރީ އަބްދުއްރަޝީދު ހުސެއިން އަނބިދަރިން އެހެން ގެޔަކަށް ބަދަލުކުރައްވައި ވަގުތުން ފިއްލެވި އެވެ. ބާގީންގެ ރާޑަރަށް ނާރައި، އޭނާ މުންޑުކޮޅެއްގައި އަތިރިމަތީގައި ފިއްލަވައިގެން ވަރަށް ގިނަ ވަގުތު އުޅުއްވި އެވެ.
އެކަމަކު ރައީސްގެ އެންމެ އިސް އެއް މުވައްޒަފުގެ ހައިސިއްޔަތުން ނަންގަވަން ޖެހޭ ޒިންމާތައް، އެ ބިރުވެރި ވަގުތު ވެސް އޭނާ ނެންގެވި އެވެ. ރައީސް މައުމޫނާއި ޑިފެންސް މިނިސްޓަރުގެ ނާއިބް އިލްޔާސް އިބްރާހީމްގެ ހާލުކޮޅު ބެއްލެވި އެވެ. ރަހީނުން ގޮވައިގެން ބާގީން ފިލަން ގޮސް، މާލެތެރެ ހަމަޔަކަށް އެޅުމާ އެކު، ޒަހަމްވެގެން ހޮސްޕިޓަލަށް ގެންދެވުނު މީހުންގެ ކަންކަން ވެސް ބެއްލެވި އެވެ.
އެ އުދުވާނީ ހަމަލާއާ ގުޅިގެން އަބްދުއްރަޝީދުގެ ހިތާއި ސިކުނޑި ފުރުނީ ހަމައެކަނި ބިރާއި ހާސްކަމާއި ހިތްދަތިކަމުގެ އިހުސާސްތަކުން ނޫނެވެ. އާއިލާގެ ހާލު ބެލޭނެ ގޮތެއް ނެތި ދުވަސް ހޭދަކުރަން ޖެހުމާއި އެ ހާލަތުގައި ނަންގަވަން ޖެހިވަޑައިގެންނެވި ބޮޑެތި ޒިންމާތަކާ އެކު ޖަޒުބާތުތަކާއި ޝުއޫރުތަކުން ވެސް ހިތާއި ސިކުނޑި ފުރުނެވެ. ބާގީންގެ ރޭވުން ނާކާމިޔާބުކޮށްލައި ރާއްޖޭން ނަސްރު ހޯދި ނަމަވެސް، އަވަދިނެތި އުޅުއްވަން ޖެހިވަޑައިގަތުމުގެ ސަބަބުން، އަބްދުއްރަޝީދުގެ ހަށިގަނޑުގެ ތެރޭގައި އެ އިހުސާސްތަކާއި ޖަޒުބާތުތަކާއި ޝުއޫރުތައް ހިފެހެއްޓިފައި ހުރީ އެވެ.
1989 ވަނަ އަހަރުގެ ލަވަ މުބާރާތުގެ ފޮތުގައި ޝާއިއުކޮށްފައިވާ ތަސްނީމްގެ އޭރުގެ ފޮޓޯ.
އެގޮތުގައި ދުވަސްތައް ފާއިތުވަމުން ގޮސް ޖެހިގެން އައި 1989 ވަނަ އަހަރުގެ ޓީވީއެމް ސްކޫލް ލަވަ މުބާރާތުގައި ބައިވެރިވި އަބްދުއްރަޝީދުގެ ދަރިފުޅު އައިމިނަތު ތަސްނީމް ލަވައެއް ހަދައިދޭން އެދުނެވެ. އިންޑިއާގައި 1980 ވަނަ އަހަރު އުފެއްދި "ދާ ބާނިން ޓްރެއިން" ގެ "ތެރީ ހޭ ޒަމީން، ތެރާ އާސްމާން" ލަވައިގެ ރާގަށް، ދަރިފުޅަށް ލަވައެއް ހައްދަވަން އަބްދުއްރަޝީދު އިށީނދެވަޑައިގެން، ގަނޑުގައި ގަލަން ޖައްސާލުމާ އެކު އޮހިގެން ދިޔައީ ހިތާއި ސިކުނޑީގައި ފުނިޖެހިފައި ހުރި ނޮވެމްބަރު ތިނެއްގެ ޝުއޫރުތަކެވެ. ފަސް ބައިތެއްގެ މައްޗަށް އޭނާ "ދުއާ" ގެ ނަމުގައި ލިޔުއްވި "އިލާހީ މި ބިން، ކުރައްވާށި އަމާން" ތަސްނީމްގެ މައުސޫމް އަޑުން މުޅި ރާއްޖެ އަށް އިވުނީ ދުޝްމިނުންގެ ހަމަލާތަކުން މި ރާއްޖެ އަމާންކުރައްވާތޯ އެދި މާތްﷲގެ ހަޟްރަތުގައި ދެންނެވުނު ދުއާއެއްގެ ގޮތުގަ އެވެ.
އޭގެ ފަހުން މިވީ 30 އަހަރުގެ ތެރޭގައި ވެސް އެއީ ތުރާތަކާއި ދަތިތަކުގެ ވަގުތު ﷲގެ ހަޒްރަތުގައި ދިވެހިން ދަންނަވާ ދުއާއެއް ފަދަ ލަވައެކެވެ. އެ ލަވަ އިވޭ ކޮންމެ ފަހަރަކު އަދި އެ ލަވައިގެ ބައިތެއް ފެންނަ ކޮންމެ ފަހަރަކު ބޭއިހުތިޔާރުގައި ދުއާއަށް އަތް އުފުލެ އެވެ.
މާތްﷲގެ ހަޒްރަތުން އޮހޭ މަދަދު އަބަދަށްމެ ލިބިލިބިވާ، އަހަރެމެންގެ އުފަން އިލާހީ މި ބިން އަމާންކުރައްވަން އެދި ދުއާ ދަންނަވަމުން ފަށާފައިވާ މި ޅެމުގެ ދެ ވަނަ ބައިތުގައި އޮންނަނީ މި ރާއްޖެ އަށް އެކަލާނގެ ރަހުމަތުން ލިބިފައިވާ ނިއުމަތްތައް ސިފަކޮށްދީފަ އެވެ. ވައިފެން ހެޔޮ، ކަނޑުރޯދި އޮތް ރީތި ގައުމެއް ކަމެވެ. ދިވެހިންގެ މުޅި ދިރިއުޅުން އެ އެއްޗަކާ ގުޅިފައިވާ ރުކުގެ ވާހަކަ އެވެ. އެ ނިއުމަތްތަކުން ފުރިފައިވާ މި މާހައުލު ދިވެހިންގެ ދިރިހުރުމާ ގުޅިފައިވާ ކަމަށް ބުނެ ފާޅުކުރި ޝުއޫރާ އެކު ﷲގެ ހަޒްރަތުގައި އެދެނީ ގުދުރަތުގެ އިލާހީ އެ ނިއުމަތްތަކުގައި އަބަދުގެ އަބަދަށް މި ރާއްޖެ ދެމި އޮތުމަށެވެ. ކުރު އެހެނަސް މާނަ ފުން، އަސަރުގަދަ އެ ލަވަ ނިންމާލާފައިވަނީ ގައުމުގެ މިނިވަންކަމަށްޓަކައި ޝަހީދުވި ކާބަފައިންގެ ލޭއޮހޮރި، މިއަށް ވުރެ ވަކި އެހެއް އިއްޒަތްތެރި ބިމެއް ނުވާ މި ރާއްޖެ ﷲގެ މަތިވެރި ރަހުމަތުގައި އަބަދުވެ ލައްވާ ބަރަކާތް އަބަދުމެ އޮހި އޮތުމަށް އެދި ދަންނަވަމުންނެވެ.
"އެއީ ނޮވެމްބަރު ތިނެއްގައި އަޅުގަނޑުގެ އިހުސާސްތައް. އަޅުގަނޑަށް އެ ދުވަހު ކުރަން ޖެހުނީ ވަރަށް އެހެން ކަހަލަ އިހުސާސެއް. އަޅުގަނޑު ހައްޔަރުކުރަން އުޅޭކަމުގެ މައުލޫމާތު ލިބުމާ އެކު، އާއިލާއަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އަނބިދަރީން އެހެން ގެޔަކަށް ބަދަލުކޮށް ފިލަފިލައިގެން އުޅެން ޖެހުނީ،" ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަދި މަޝްހޫރު ޅެންވެރިޔާ ވިދާޅުވި އެވެ.
ބައްޕަގެ އެ އިހުސާސްތައް، މުޅި ގައުމަށް އިއްވާލަދިނުމަކީ އޭރު އަމީނިއްޔާ ސްކޫލުގެ ގްރޭޑް ނުވައެއްގައި ކިޔަވަމުން ދިޔަ ތަސްނީމަށް ވެސް އަސަރުކުރި ކަމެކެވެ. ނޮވެމްބަރު ތިނެއްގައި ބައްޕައާ ގުޅޭނެ ގޮތެއް ނެތި އެހެން ގެޔެއްގައި، މަންމައާ އެކު ހޭދަކުރި ބިރުވެރި ދުވަސްތައް ތަސްނީމްގެ ސިކުނޑީގައި ވެސް ހަރުލާފައިވެ އެވެ. ކެނޑިނޭޅި އިވެމުން ދިޔަ ބަޑީގެ އަޑުފައްގަނޑުން އެ ދުވަހު ތެޅުނު އޭނާގެ ހިތަށް މިއަދު ހަމަޖެހުން ގެނެސްދެނީ އެ ލަވައިންނެވެ. ޓީވީއެމުން އެ ލަވަ ފޮނުވާ ކޮންމެ ފަހަރަކު އަދި މިއަދު ސޯޝަލް މީޑިއާ އިން އެ ލަވަ އިވޭ ކޮންމެ ފަހަރަކު، އޭނާ އަށް ހާއްސަ އުފަލެއް ލިބެ އެވެ.
"އަޅުގަނޑަށް ހިންދީ ލަވަ ރީތިވެގެން ބައްޕަ އަށް ދެންނެވީ އެ ރާގަށް ލަވައެއް ހަދައިދޭން. ވަކި މައުލޫއެއް ނުދެން. އެކަމަކު ބައްޕަ ވަރަށް ފުރިހަމައަށް އެ ލަވަ އެއޮތީ ހައްދަވާފައި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ލަވަ އެހާ މަގުބޫލުވީ އަދި ދިވެހިންގެ ހިތްތަކާ ގުޅުނީ، ދުއާއެއްގެ ގޮތުގައި ބައްޕަ އެ ލަވަ ލިޔުއްވިލެއް ފުރިހަމަކަމުން،" ތަސްނީމް ބުންޏެވެ.
"އުނދަގުލުގެ ވަގުތުތަކުގައި އެ ލަވައަކީ އެތައް ބައެއްގެ ހިތަށް ހަމަޖެހުން ގެނެސްދޭ ލަވައަކަށް ވާތީވެ ވަރަށް ބޮޑަށް އުފާވޭ."
ލަވަކިޔުމަކީ ހަމައެކަނި ސްކޫލް ހަރަކާތެއްގެ ގޮތުން ތަސްނީމް ކުރި ކަމަކަށްވާތީ، އޭނާގެ އިތުރު ލަވައެއް އާއްމުންނާ ހަމަޔަށް އައިސްފައެއް ނުވެ އެވެ. އޭނާ އޭގެ ފަހުން ހެދި ހަމައެކަނި ރެކޯޑިން އަކީ ވެސް ދިވެހިރާއްޖޭގެ އަޑުން ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ރެކޯޑްކުރި މި ލަވައިގެ އާ ވާޝަނެކެވެ. އެ ލަވަ އޭރު ދޭތެރެއަކުން އަޑުން ފޮނުވި ނަމަވެސް، އަދިވެސް ދިވެހިންގެ ހިތްތަކުގައި ހަރުލާފައިވަނީ ތަސްނީމް އުމުރުން 15 އަހަރުގައި ލަވަ މުބާރާތުގެ ސްޓޭޖުގައި ކީ ވާޝަނެވެ.
މުންދު ތައްޔާރުކުރެއްވި ވީޑިއޯ
އެ ލަވައިގެ ކަވާއެއް މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) އާއި މާއިން ރަޝީދު އަދި ޅެންވެރިޔާ ނަސްމާ އަބްދުލްމުހުސިން (ނައްކޮ) ގެ އަޑުން ރެކޯޑްކުރި އެވެ. މީގެ ތެރެއިން ނައްކޮ އެ ލަވަ ކިޔާފައިވަނީ އަބްދުއްރަޝީދުގެ އުފަން ރަށް މ. ދިއްގަރުގައި މި އަހަރު ބޭއްވި ޅެންވެރިންގެ ދުވަހު އޭނާ އަށް ދިން ހަދިޔާއެއްގެ ގޮތުގަ އެވެ. އަދި މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ކުރީ ސަފުގައި ތިއްބެވި ބޭފުޅުންނަށް ޝުކުރު އަދާކޮށް، ހާލަތުގެ ދުއާއެއްގެ ގޮތުގައި، މުހައްމަދު އާސިފް (މޮންދު) ވަނީ މި ލަވައިގެ ހާއްސަ ވީޑިއޯއެއް ހައްދަވައި ސޯޝަލް މީޑިއަށް ދޫކޮށްލައްވައިފަ އެވެ. ލަވަކިޔުންތެރިންނާއި ސިއްހީ ހިދުމަތްތެރިންނާއި ބައެއް ނޫސްވެރިންގެ އަޑުން މޮންދު ރެކޯޑްކުރި މި ވާޝަނުގައި ފުރަތަމަ ބައިތު ކިޔާފައިވަނީ ތަސްނީމެވެ. އަދި ނިންމާލާފައިވަނީ އަބްދުއްރަޝީދު ވިދާޅުވި ބައިތަކުންނެވެ.
މި ލަވަ ދިވެހި އަދަބިއްޔާތަށް ހަދިޔާކުރެއްވި އަބްދުއްރަޝީދު އަދަބީ ދުނިޔެއަށް ނޭވާލެއްވީ، މަޖީދިއްޔާ ސްކޫލުގައި ތައުލީމް ހާސިލްކުރެއްވިއިރު، 1960ގެ އަހަރުތަކުގެ ތެރޭގަ އެވެ. އެ ސްކޫލުގެ "އެކުވެރިންގެ ގުޅުން" ޖަމިއްޔާގެ ރައީސްކަން ކުރައްވައި އެ ޖަމިއްޔާ އިން ނެރުނު "އެކުވެރިޔާ" މަޖައްލާގެ އެޑިޓަރުކަން ކުރެއްވި އަބްދުއްރަޝީދަކީ އެހާތަނުން ފެށިގެން އަދަބީ ތަރިއެކެވެ. ދިވެހި އަދަބިއްޔާތަށް ހިދުމަތްކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ޝަރަފްވެރިކަމުގެ އިނާމް ވަނީ ހާސިލްކުރައްވައިފަ އެވެ. ޕްލޭނިން މިނިސްޓަރުކަމާއި އެޓޯލްސް މިނިސްޓަރުކަމާއި ފިޝަރީޒް މިނިސްޓަރުކަން އަދި އެމްޕްލޯއިމަންޓް އެންޑް ލޭބާ މިނިސްޓަރުކަން ކުރެއްވެވި، ދައުލަތުގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި އާއްމުކޮށް ފެނިވަޑައިގަން ނަމަވެސް އޭނާގެ އަދަބީ ތަރީގެ ބެބުޅުން އެހާމެ ގަދަ އެވެ.
އޭނާގެ ލަވަ އާއި ޅެންތަކުގެ ތެރެއިން "ރީތި ނަލަނަލަ ހަނދެއް ކުރި އަލީގައި" އެއީ ލޯބީގެ ދަރުބާރުތަކުގެ ހޮވުމެވެ. "މިނިވަންކަމުން އަޅުވެތިކަމަށް ދާންހޭ، ނުދާނަމޭ" އެއީ ގައުމީ މުނާސަބަތުތަކުގެ ގޮވާލުމެވެ. "ކުޅެ ފިސާރި ޖޯޝުގާ" އެއީ ފުޓްބޯޅަ ދަނޑުގެ ގުގުމާލުމެވެ. ގައުމީ ފުޓްބޯޅަ ޓީމުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުން މަރުހަބާ ކިޔުމަށް، ޓީމުގެ ހުރިހާ މެމްބަރުންގެ ނަން ހިމެނޭ ގޮތަށް އޭނާ އެ ލަވަ ހެއްދެވީ، ތަށި ލިބުނު ރޭގެ މެންދަމުގެ ވަގުތެއްގައި، ހާއްސަ ބޭފުޅެއްގެ އެދުމަކަށެވެ. ގައުމީ ޓީމަށް މަރުހަބާ ކިޔުމުގެ ރަސްމިއްޔާތު ފެށިއިރު އެ ލަވަ ރެކޯޑްކޮށް ނުނިމެ އެވެ. އެކަމަކު ވަކި ހިސާބަކުން ތައްޔާރުވެ އެ ލަވަ އިވެން ފެށުމާ އެކު އެހެން ހުރިހާ ލަވަތަކެއްގެ އަޑު ހިނދިގެން ދިޔައީ އެވެ.
އެފަދަ މޮޅު ލަވަތަކެއް އަބްދުއްރަޝީދު ހެއްދެވުމުގެ ފަހަތުގައި އޮތީ އޭނާގެ ޅެންވެރިކަމުގެ ހުނަރުކަމަށް ވީ ނަމަވެސް، އެ ލަވަތައް ހިތްތަކުގެ އެންމެ ފުނާ ހަމަޔަށް ދަތުރުކުރަނީ އެ ލަވަތަކުގެ ޝުއޫރު ބައި ވެސް އެހާމެ ވަރުގަދަވަމުންނެވެ. އަބްދުއްރަޝީދު ވިދާޅުވި ގޮތުގައި އެކަމުގެ ފަހަތުގައި އޮތީ، އެފަދަ ޝުއޫރުތަކެއް އުފެދޭ ކަންކަން އޭނާ އަށް ފެނި ތަޖުރިބާރުކުރައްވަން ޖެހުން ކަމަށެވެ. އޭގެ މިސާލަކީ، ނޮވެމްބަރު ތިނެއްގެ ބަދަލު ޝަހީދު ހުސެއިން އާދަމްގެ އިލްތިމާސެއްގެ ގޮތުގައި ހެއްދެވި އަސަރުގަދަ ލަވަ "އެކުވެރީންނޭ ހަވާލޭ ވަތަން ލޯބިވާ" މި ލަވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ އެ ދުވަހު ޝަހީދުވި ސިފައިންގެ ސަންދޯއްތަކުގައި ގައުމީ ދިދަ އަޅައި، ވަޅުލާން ތައްޔާރުވި ވަގުތު އެ މަންޒަރު ފެނި ކަރުނައަޅައަޅާ ހާލުގައި ހިތުގައި އުފެދުނު ޝުއޫރުތަކެވެ.
"އެ އިހުސާސްތައް ކުރެވޭނީ އެކަންކަމުގައި، ހޭކި އަތްފައި މެށިފައިވާ މީހުންނަށް."
އަބްދުއްރަޝީދު އެ ވިދާޅުވީ ތެދުފުޅެކެވެ. މިއަދުގެ ޖީލަށް އަދި ދެން އަންނަން އޮތް ޖީލުތަކަށް ހަގީގީ މާނައިގައި އެ އިހުސާސެއް ނުކުރެވޭނެ އެވެ. އަބްދުއްރަޝީދަށް ޝުކުރު ހައްގުވަނީ، އެ އިހުސާސްތަކުން ބައިކުޅަ ބައެއް ނަމަވެސް އަހަރެމެންގެ ހިތްތަކަށް ވައްދައިދީ، އެ އަސަރުތަކުން ގައުމީ ޖޯޝް އުތުރިއަރުވައިލަން އޭނާ ކުރެއްވި އަދަބީ އެފަދަ މަސައްކަތްތަކުގެ ސަބަބުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުލިގަމް އިސްޓައިލް
25 April 2020
ހާލަތާއި ގުޅުވާލަދޭ ޖާދުވީ ޅެމެއް. އެކަމު ހިންދީ ރާގެއްގައި ގަތާލެވިފައި ވާތީ އަސްލު ހަމަ ދެރަވޭ...ހިތައް އަރާ ދިވެހިން ފަހުރުވެރިވާ ކަހަލަ އުފެއްދުމެއް މިއުޒިކީ ރަސުލް މާލުގައި ނެތީބާވައޭ...
ހަޑިގިއްލާ
25 April 2020
"މިއަށްވުރެ ވަކިން އިއްޒަތްތެރި އެހެން ބިމެއް ނުވާ" "އިލާހީ މިބިން" ގެ ގޮތުގައި ސިފަ ކޮށްދެއްވުމަކީ މިބިމަށް ލިބިގެންވާ ސިފަތަކެއްނޫން. ﷲ ތައާލާ މާތްކުރެއްވި އަދި ދަރަޖަ އުފުއްލެވި މާތްވެގެންވާ ބިމެއްގެ ގޮތުގައި ދިވެހިންގެ މިބިމެއް ނުވޭ.
ކުމުންދޫއަލީ
25 April 2020
ވަތަނީ އެއްޗަކަށް ކިތަންމެވަރަކަށް ހަދަން އުޅުނަސް ހިންދީ ލަވައެއްގެ ރާގު ކޮޕީކޮއްގެން ހަދިފައިވާތީ އެއްވެސް އަމިއްލަވަންތަ ބުރަދަނެއް ތިޔަ ލަވަޔަކަށް ނުދެވޭނެދޯ
މެހެބޫބާ
25 April 2020
ލަވައިގެ ރާގަކީ ރީތިރާގެއް އެހެދީ އިންޑިއާމީހުން، އެއޮތީ ލަވައިގެ %90 ނިމިފަ. ދެން އޮންނާނީ ލަވަކިޔުން. އެއީ ރަށުމީހުނަށް އެކަނި ދައުލަތުގެ ފައިސާއިން "ގައުމީ" ޓީވީދެއްކި ޒަމާން، އެތަނުން ހިލޭ ޕްލެޓްފޯމުލިބުނީ. ދެން އޮންނާނީ ލަވައިގެ މާކެޓިން. 25-20 އަހަރުވަންދެން ދުވާލުދެދަޅައަށް ރައްޔިތުންގެ ކަންފަތަށް ލަވަ އިއްވައިފި. ކިތަންމެ ހުތުރު ލަވައެއްވެސް ވިއްސަކަށްފަހަރު އަޑުއިވުނީމަ ރީތިވާކަމަށްވަނީ. މީގަ މޮޅުކަމެއްކޮބާ.
ަލިކޮ ރަމް
25 April 2020
ކިތަންމެހާވެސް ރީތި މިފަދަބޭފުޅުން ކޮށްފަހުރި މަސައްކަތް ފަނޑު ނުވާނެ
ރީތި މޫސަ
24 April 2020
ތިރީތި ޅެންވެސްވަނީ މިޔަދު ބަޔަކުހުތުކޮށް ހަޑިކޮށްލާފަ ހިތުހުރިގޮތަކަށް ހިތުހުރިރާގަކަށް ކިޔާހަޑިކޮށްލާފަ ނަމަވެސް ކުރީގެގޮތުގަ އަޑުއަހާލުމުން އަދިވެސް ތިވަރެއްނެތް ކޮންމެޒަމާނަކާވެސްގުޅޭ ވަރަށްރީތި
ސަން
24 April 2020
މުހައް މަދު ބުނިހެން ވަރަށް ބޮޑަށް އަބަ މާޒީހަދާންވޭ! އަދި މުހައްމަދު ބުނިހެން މިއަށްވުރެ ފުރިހަމަ ދިވެހިލަވައެއް ހަމަ ނެތް! ލަވަހެއްދެވި އރހ އަށާ އަދި އެންމެ ފުރަތަމަ ލަވަވިދާޅުވި އާމިނަތު ތަސްނީމަށް ހަމަ ހަބޭސް! ސާބަހޭ! އަޅުގަޑަށް އެންމެ ސަޅީ އޮލިމްޕަހުގައި މުބާރާތުގައި ލައިވް ކޮށް ގެނެސްދިން ވާރޝަން.
އުއިގަސް ގެހެނާ
24 April 2020
މަވެސް މީގެ އަހަރުތަކެއް ކުރިން އެހެން ކަހަލަ އިހުސާސެއް ކުރީމެވެ. ހަށިގަނޑުގެ ތެރޭގައި އެ އިހުސާސްތަކާއި ޖަޒުބާތުތަކާއި ޝުއޫރުތައް ހިފެހެއްޓިފައި އަދިވެސް އެބަހުއްޓެވެ. އެ އިހްސާސްތަކާއި ދުރަކަށް ނުދެވެއެވެ.އެ އިހުސާސްތަކުގައި ހޭކި އަތްފައި މެށުން ފިޔަވައި ވީ އެއްވެސް އިތުރުކަމެއް އަދާއި ހަމައަށްވެސް ނެތުމަކީ އަހަރެން ކުރާ ހިތާމައެވެ.މިއީ ނިކަން އަސަރުގަދަ ޅެމެކެވެ.ޅެންވެރިޔާއަކީ ދިވެހި ޅެންވެރިކަމުގެ މީރު ކުރި ރުކެކެވެ.
ޝުއޫރު
24 April 2020
ޅެންވެރި ކަމުގެ ހުނަރަށް އެކަނި ބެލިޔަސް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ލަޤަބު ހައްގުވޭ. ގައުމަށް ކޮށްދީފައިވާ ޚިދުމަތްތަކަށް ޝުކުރިއްޔާ
ޢަބްދުﷲނާފިޒް
25 April 2020
ޅެން ހެއްދެވުމުގަ "ތުއްތޮންބެ" ގެ ވަރަށް ބޮޑު އެހީތެރިކަން ލިބުނު ކަމަށް ބުނެތެވެ.
ހަސަން ދޮންރަހާ
24 April 2020
މިއި އޮތީ ވަރުގަދަ މެސެޖެއް ދީފައި ނޫންހެއްޔެވެ. "އެ އިހުސާސްތައް ކުރެވޭނީ އެކަންކަމުގައި، ހޭކި އަތްފައި މެށިފައިވާ މީހުންނަށް." މަ އަބަދުވެސް ފުލުހުންނާއި ސިފައިންދެކެ ލޯބިވަމެވެ.މަ ސިފައިން ޖަހާ ޕެރޭޑް ބަލަނީ މަ އެމީހުންނަށް ދޭ "ކޮންޓްރިބިއުޝަންގެ" ގޮތުގައިއެވެ.މަ ދެން ލިޔާނެ އިތުރު ކޮމެންޓެއް ނެތެވެ.
އަމީމާ
24 April 2020
އިޚުލާސްތެރި ކޮންމެ ހިތަކުން ނުކުންނާނީ ތެދުބަސް.