މާރުކޭޓުގައި ވިއްކަން ހުރި ގިތެޔޮ މިރުސްތަކެއް:.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
26 އެޕްރީލް 2020 - 12:16
މާލެ އިން ކަނޑޫދޫ މިރުސް ކިލޯއެއް ވިއްކަނީ 800-900ރ. އާ ދެމެދުގެ އަގުތަކެއްގައި ކަމަށް ވިޔަފާރިވެރިން ބުނެފި އެވެ.
ލޮކްޑައުނާ ގުޅިގެން ލޯކަލް މާރުކޭޓު ބަންދު ކުރި ނަމަވެސް، ކަނޑޫދޫ އިން މިރުސް ގެނެސްގެން ބައެއް ވިޔަފާރިވެރިން އަންނަނީ ވިއްކަމުންނެވެ. އޮންލައިންކޮށް އޯޑަރުދީގެން ކަނޑޫދޫ މިރުސް ވިއްކާ ވިޔަފާރިވެރިޔާ އަހުމަދު ރިއްފަތު (ބީމާ) ބުނީ، ރޯދަ އާއި ދިމާކޮށް ކަނޑޫދޫ މިރުސް ގެނެސްގެން ވިއްކަމުން އަންނަ ކަަމަށެވެ. އެގޮތުން މިހާރު ކިލޯއެއް ވިއްކަނީ އަމިއްލަ އަށް ބަަލާ އަންނަ ނަމަ 850ރ. އަށް އަދި ޑެލިވަރީ ކުރާ ނަމަ 900ރ. އަށް ކަމަށެެވެ.
އޭނާ ބުނީ، ރޯދަ މަސް ފެށުމުގެ ދެތިން ދުވަސް ކުރިން މި މިރުހުގެ އަގު ހުރީ 1،100ރ. ގައި ކަމަށެވެ. އެހެން ނަމަވެސް މިހާރު އަގު ކޮންމެވެސް ވަރަކަށް ވަނީ ދަށްވެފަ އެވެ. ކަނޑޫދޫ މިރުހަކީ އާންމުންގެ ބޮޑު ޑިމާންޑެއް އޮންނަ މިރުހަކަށްވާ އިރު ރޯދައާ ދިމާކޮށް މި މިރުގެ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެ އެވެ. މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ކަނޑޫދޫ މިރުހުގެ ޑިމާންޑް އިންތިހާއަށް ބޮޑުވެ، ކިލޯއެއް 1،500ރ. އަށް ވެސް އެރި އެވެ.
"މިފަހަރު މިރުސް ހޯދުމުގައި ދަތިތަކެއް އެބަހުރި. ވަރަށް އުނދަގުލުން މިގެންނަނީ. މާދަމާ އަނެއްކާ ވެސް މިރުހުގެ އާ ޝިޕްމެންޓެއް އަންނާނެ. އެއަށް ފަހު އަނެއްކާ ވެސް ނޭންގެ ލިބޭނެ އިރެއް،" އޭނާ ބުންޏެވެ.
މިދިޔަ އަހަރުތަކުގައި އާންމުކޮށް 400 ނުވަތަ 500 ކިލޯގެ މިރުސް ލިބުނު ނަމަވެސް މިހާރު ކަނޑޫދޫން ލިބެނީ ގާތްގަނޑަކަށް 130 ކިލޯގެ މިރުސް ކަމަށް ރިއްފަތު ބުންޏެވެ. މީގެ އެންމެ ބޮޑު ސަބަބަކީ މިދިޔަ ހޫނު މޫސުމުގެ ދުވަސްވަރު އެންމެ ރަނގަޅަށް ދަނޑުވެރިންނަށް މިރުސް ނުހެއްދުމެވެ.
ތ. ކަނޑޫދޫ ކައުންސިލްގެ މެންބަަރު މުހައްމަދު އާދަމް ވިދާޅުވީ، އެ ރަށުގައި މިރުސް ވިއްކަނީ ކިލޯއެއް 800ރ. އަށް ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާ އިރު މާލެ އަށް މިރުސް ގެންދިޔުމުގައި ދަތިތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ. ހާލަތު ކިތަންމެ ގޯސްވެފައި އޮތް ނަމަވެސް، އެރަށުގައި ވިއްކާ މިރުހުގެ އަގާއި މާލޭގައި އެރަށު މިރުސް ލިބެން ހުރި ވަރު ހުރީ ދާދި އެއްހަމައެއްގަ އެވެ.
"ބައެއް ދަނޑުވެރިން މިފަހަރު ވެސް ވަރަށް ރަނގަޅަށް ދަނޑުތައް ހައްދާފައި އެބަހުރި. މިހާރު ހަމައެކަނި ގެންދަނީ، ވަކި ވަކި ވިޔަފާރިވެރިންގެ އޯޑަރުތަކަށް،" އޭނާ ވިދާޅުވި އެވެ.
ކަނޑޫދޫ އަކީ މިރުގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއް ކުރާ އެއް ރަށެވެ.
ކަނޑޫދޫ މިރުހުގެ އިތުުރުން ރާއްޖެ އިން ބޭރުން ގެނެސްފައިވާ މިރުސް ވެސް މިދުވަސްވަރު ބާޒާރުގައި ލިބެން ހުރީ ވަރަށް މަދުންނެވެ. އެއާ އެކު އަގު ވެސް ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އެގޮތުން ބޭރު މިރުސް ކިލޯއެއްގެ އަގު އުޅެނީ 400ރ. އާއި 500ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރުލް ސަލީމް
27 April 2020
އަތާ އަނގަޔާ ދިމާނުވިޔަސް ތިޔަ މިރުސް ކާންޖެހޭނެ.
ވައި
26 April 2020
ފުރަތަމަ މާލޭ ކުލި ކުޑަކުރޭ!
މީމަގޭ ހިޔާލު
26 April 2020
ދިވެހި އެންމެއާދައިގެ މީހާގެވެސް ހާލުހުރީ މިދަރަގައިގަ މިރުސްހައްދާ މީހާ 5000ރ މިރުސްކިލޯއެއް ވިއްކަން ފަހަކަށް ނުޖެހޭ އެހެޔޮ އާބާދީގެ ބޮޑުބަޔަކަށް މިރުހެއް އަތްނުފޯރިއަސް 10×10 ފޫޓުގެ ކޮޓަރިއެއް ދިހަހާސް ރުފިޔާއަށް ދަންޏާ އެގަށް ދޫކޮށްލަން ޖެހިލުމެއްނުވޭ އެހެޔޮ ހިފާމީހާގެ އަމްދަނީގެ 90% އެކަމަށް ހޭދަވިއަސް އެކަމު އަމަ މިމީހާ އެހެން ތަކެތި ބާޒާރުގައި މައްޗަށްދިޔާމަ އެބަ އަނގަތަޅާ އެކަމާ
އާޒިމާ
26 April 2020
ފައްޔާޒު މިނިސްޓަރު ބުނިދޯ މިރޯދަމަހު ކަނޑޫދޫ މިރުސް އަގުބޮޑުކޮށް ނުވިއްކޭނޭ! ކިހިނެއް މިވަނީ ؟؟؟؟
ރައްޔިތުމީހު
26 April 2020
އެކަމަކު އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ބުނެފަދޯ އޮތީ ކަނޑޫދޫ މިރުސް މިރޯދަމަހު އަގުބޮޑުކޮށް ނުވިއްކެނޭ! ހެޔޮއަގުގަ ރައްޔިތުންނަށް ލިބޭނެގޮތް ހަދާނަމޭ!
ކަނޑޫދޫ މިރުސް
26 April 2020
ފައްޔާޒު ހައްދާ އެއޗެއްތަ މީ.
ޖަޒީރާ 07
26 April 2020
އަސްލު އަގު ވަރަށް ރަނގަޅު. ބޭނުން ނުވާ ބޭފުޅުން އަގުހެޔޮ ކޮށް ހުރި މިރުސް ގަތީމަ ރަނގަޅުވާނެ..
ހައިރާން
26 April 2020
ތި ވިއްކާނެ ކަމެއްވެސް ނެތް ، ތިހާ ހޯދަން ދަތި އެއްޗަކަށް ވަންޏާ. ބަ.....
ކަ އްކާ---
26 April 2020
މިރުސް ކިލޯ އެއްގެ އަގު މި ޖެހެނީ ވިލާގެ މުވައްޒަފެއްގެ މަހު މުސާރަ-
އުއްޗު
26 April 2020
2 ގުނަ
މާހު މުހައްމަދު
26 April 2020
މީ ރަންތަ އަޅެފަހެ؟
ކުލިބެބްރޯ
26 April 2020
ދެންވެސް މާލޭގެ ގެދޮރުވެެރިންނަށްބަވާ.. މިރުސް ކައިފަ ފައިސާނުދެއްކިއަސް ކުށްވެރިއެއްނުވާނެ..