ކުޅިވަރު / ފްރާންސް ލީގު

ފްރާންސް ލީގު ކެންސަލް، މަގާމުތަކާ މެދު ގޮތެއް ނިންމަނީ

ޕީއެސްޖީ އާއި މޮނާކޯގެ މެޗެއްގެ ތެރެއިން: ފްރާންސްގެ ފުޓްބޯޅަ ސީޒަން ވަނީ ކެންސަލްކޮށްފައި.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (އޭޕްރީލް 29) - ކޮވިޑް-19 ގެ ސަބަބުން ފްރާންސް ސަރުކާރުން ސެޕްޓެމްބަރު މަހުގެ ކުރިން ކުޅިވަރު ހަރަކާތެއް ނުބޭއްވޭ ގޮތަށް ކަނޑައެޅުމާ ގުޅިގެން ފްރާންސް ލީގު ކެންސަލްކޮށްފި އެވެ.

އެއާ އެކު މި ފަހަރުގެ ލީގުގެ މަގާމުތަކާ މެދު ގޮތެއް ކަނޑައަޅަން ދި ފްރެންޗް ލީގު (އެލްއެފްޕީ) އިން އަންނަނީ ތައްޔާރުވަމުންނެވެ.

އެލްއެފްޕީން ފްރާންސްގެ ކްލަބްތަކާ އެކު ކުރެވުނު މަޝްވަރާތަކަށް ފަހު ޖޫން 17 ވަނަ ދުވަހު ލީގު ފަށައި ޖުލައި 25 އަށް ސީޒަން ނިންމާލުމަށް ކުރިން އޮތީ ރާވައިފަ އެވެ. އެކަމަކު އެ ނިންމުމާ އެއްގޮތަށް ކަންތައްތައް ކުރިއަށްގެންދިއުމުގެ ދޮރު ބަންދުވީ މީހުން އެއްވެ އުޅޭގޮތަށް ކުރިއަށްގެންދާ ހުރިހާ ހަރަކާތްތައް ސެޕްޓެމްބަރު މަހުގެ ކުރިން ނުބޭއްވޭ ގޮތަށް ރޭ ފްރާންސްގެ ބޮޑު ވަޒީރު އެޑޮއާޑް ފިލިޕޭގެ ސަރުކާރުން ކަނޑައެޅުމުންނެވެ. އަދި ސަޕޯޓަރުން ނުވައްދައި ފުޓްބޯޅަ އާއި ރަގްބީ ވެސް ނުކުޅެވޭނެކަން ވަނީ އަންގައިފަ އެވެ.

ނެދަލެންޑްސް އިން ވަނީ އެ ގައުމުގެ ސަރުކާރުން ސެޕްޓެމްބަރުގެ ކުރިން ކުޅިވަރު ހަރަކާތެއް ނުބޭއްވޭނެކަން އެންގުމާ އެކު ޗެމްޕިއަނެއް ކަނޑަނާޅާ ގޮތަށް ލީގު ކެންސަލްކޮށްފަ އެވެ. ލީގު ކެންސަލްކުރިއިރު އެއް ވަނައިގައި އޮތް އަޔަކްސް އާއި އޭޒެޑް އަލްކްމާރް އޮތީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފަ އެވެ. ފްރާންސްގެ ލީގު ވެސް ކެންސަލްކުރަން ޖެހިފައިވާއިރު، މަގާމުތަކާ މެދު އަމަލުކުރާނެ ގޮތެއް އަދި އެލްއެފްޕީން ނުނިންމަ އެވެ. ރިޕޯޓްތައް ބުނާގޮތުން މާދަމާގެ ވަގުތެއްގައި އެލްއެފްޕީގެ ބޯޑުން ބައްދަލުކުރާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. އެކަމަކު އެ ބައްދަލުވުމުގައި ވެސް ރަސްމީކޮށް ލީގު ކެންސަލްކުރުމުގައި ވަކި ގޮތެއް ނިންމާނެކަން ކަނޑަނާޅަ އެވެ.

ފްރާންސްގެ ސްޕޯޓްސް މިނިސްޓަރު ރޮޒާނާ މަރަސިނިއަނޫއާ އެކު އެލްއެފްޕީން ވަރަށް އަވަހަށް ބައްދަލުކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފްރާންސް ލީގުގެ އެއް ވަނައިގައި މި ވަގުތު ޕީއެސްޖީ އޮތީ 12 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެ މަގާމުގައި ޕީއެސްޖީ އޮތީ އެހެން ޓީމުތަކަށް ވުރެން އެއް މެޗު މަދުން ކުޅެގެންނެވެ. ދެ ވަނައިގައި އޮތީ މާސޭ އެވެ. އަދި ތިން ވަނައިގައި އޮތީ ރެނެސް އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެލްއެފްޕީން މީގެ ކުރިން ކްލަބްތަކާ އެކު ބޭއްވި ބައްދަލުވުމެއްގައި ލީގު ކެންސަލްކުރަން ޖެހިއްޖެނަމަ މަގާމުތައް ކަނޑައެޅުމުގައި އަމަލުކުރާނެ ތިން ގޮތެއް ވަނީ ހިއްސާކޮށްފަ އެވެ. އެ ގޮތުން ފުރަތަމަ ގޮތަކީ މޮޅުވާ ކޮންމެ މެޗަކަށް ޕޮއިންޓުގެ އުސޫލުން ބަލައިގެންނެވެ. ދެ ވަނަ ގޮތަކީ 27 ވަނަ މެޗާ ހަމައަށް ހުރިހާ ޓީމެއްގެ ނަތީޖާ އަކީ ފައިނަލް ކަމަށް ކަނޑައަޅައިގެންނެވެ. ތިން ވަނަ ގޮތަކީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުނު ހިސާބަށް ބަލައި އޭރު އޮތް މަގާމު ފައިނަލް ކުރުމެވެ.

ފްރާންސް ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ނޮއެލް ލެ ގްރައެޓް ވިދާޅުވީ ސަރުކާރުގެ އެންގުމާ އެކު ފުޓްބޯޅަ ސީޒަން ނިމުނީ ކަމަށާއި ދެން ހުރިހާ ކްލަބެއްގެ ހައްގުގައި އެންމެ ރަނގަޅު ގޮތެއް ނިންމަން އެންމެން ވެސް މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ. އެ ގޮތުން މަގާމުތައް ކަނޑައެޅުން މުހިއްމުކަން ގްރައެޓް ފާހަގަކުރެއްވި އެވެ.

ޔުއެފާ އިން ވަނީ މި ފަހަރުގެ ސީޒަނާ މެދު ގައުމުތަކުން އަމަލުކުރާ ގޮތެއް ވީ އެންމެ އަވަހަށް ފައިނަލްކޮށް އެ ފެޑެރޭޝަނަށް އަންގަން ބުނެފަ އެވެ. އެ ގޮތުން ވަކި ގޮތެއް ކަނޑައަޅަން ފެޑެރޭޝަންތަކަށް ދިން މުއްދަތަކީ އަންނަ މަހުގެ 25 އެވެ. ބެލެވޭގޮތުގައި ޔުއެފާ އިން މި ކަމަށް ވަކި މުހުލަތެއް ދިނީ މަގާމުތައް ކަނޑަނާޅައި ލީގު ކެންސަލްކުރާ ގައުމުތަކަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުން ފުރުސަތު ދިނުމާ މެދު އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454