މިފްކޯއަށް މަސް ކިރުވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
03 މެއި 2020 - 13:13
މިދިޔަ އަހަރު ނިމުނު އިރު އެކްސްޕޯޓަށް 21.4 މިލިއަން ޑޮލަރު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ.
މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކުގެ ރިޕޯޓުގައިވާ ގޮތުން ރާއްޖެ އިން އެކްސްޕޯޓު ކުރި މިންވަރު ވަނީ ޖުމްލަ ހަ ޕަސެންޓުގެ ކުރިއެރުމެއް ހޯދައިފަ އެވެ. މިއާ އެކު ރާއްޖެ އިން މިދިޔަ އަހަރު އެކްސްޕޯޓު ކުރި ވަރު އުޅެނީ 361 މިލިއަން ޑޮލަރުގަ އެވެ. މިއީ 44 ޕަސެންޓް ޑޮމެސްޓިކް އެކްސްޕޯޓާއި 56 ޕަސެންޓުގެ ރީ-އެކްސްޕޯޓެވެ.
މިދިޔަ އަހަރުގެ ޑޮމެސްޓިކް އެކްސްޕޯޓު ދަށްވި ނަމަވެސް ޖުމްލަ އެކްސްޕޯޓް އެހާ ބޮޑަށް ކުރިއެރީ ރާއްޖޭގައި ރީ-އެކްސްޕޯޓު ކުރުން އިތުރުވުމުގެ ސަބަބުންނެވެ. އެގޮތުން ރީ-އެކްސްޕޯޓުން 29 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފައިވެ އެވެ. އެއީ ޖުމްލަ 202 މިލިއަން ޑޮލަރުގެ ރީ-އެކްސްޕޯޓެވެ. ރީ-އެކްސްޕޯޓު އެންމެ ގިނައިން ކޮށްފައިވަނީ އެއާލައިންތަކަށް ބޭނުންވާ ޖެޓް ފިއުލެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ރާއްޖެ އަށް އަންނަ ފްލައިޓްތައް އިތުރުވެ، އިންޓަނޭޝަނަލް ދަތުރުތައް ގިނަ ވުމެވެ.
ރާއްޖޭގެ ޖުމްލަ އެކްސްޕޯޓުގެ 95 ޕަސެންޓަކީ މަހުގެ ބާވަތްތައް ކަމަށްވާ އިރު މިދިޔަ އަހަރު މަހުގެ އެކްސްޕޯޓުން ވަނީ 158 މިލިއަން ޑޮލަރު ދަށްވެފަ އެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި މަހުގެ ބާވަތްތަކުގެ އަގު ދަށްވުން ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
ރާއްޖެ އިން އަބަދުވެސް އެންމެ ގިނައިން އެކްސްޕޯޓު ކުރަނީ ގަނޑުކުރި ކަޅުބިލަ މަހެވެ. މިދިޔަ އަހަރު ޖުމްލަ އެކްސްޕޯޓުގެ 29 ޕަސެންޓް މި ބާވަތް ހިއްސާ ކުރެ އެވެ. މީގެ އިތުރުން އެކްސްޕޯޓުގެ 23 ޕަސެންޓަކީ ދަޅުމަހެވެ. އަދި 27 ޕަސެންޓަކީ ފިނި ކުރި ކަންޏެއްޔެވެ.
ޖުމްލަ އެކްސްޕޯޓުން ކުރިއެރުމެއް ލިބުނު ނަމަވެސް މިދިޔަ އަހަރު ރާއްޖެ އަށް އިމްޕޯޓުކުރި ވަރު ވަނީ ދެ ޕަސެންޓަށް ދަށަށް ޖެހިފަ އެވެ. މިދިޔަ އަހަރު ނިމުނު އިރު ރާއްޖެ އަށް 2.9 ބިލިއަން ޑޮލަރުގެ މުދާ އެތެރެ ކުރި އިރު މެޝިނަރީ ފަދަ ސާމާނު އިމްޕޯޓު ކުރި ވަރު ވަނީ 29 ޕަސެންޓް ދަށްވެފަ އެވެ. މީގެ އިތުރުން ކޮންސްޓްރަކްޝަން ސާމާނު އިމްޕޯޓުކޮށްފައިވާ ވަރު ވެސް މަދެވެ. ރާއްޖެ އަށް އެންމެ ގިނައިން އެތެރެ ކުރަނީ ކާބޯތަކެއްޗާއި ކޮންސްޓްރަކްޝަން ސާމާނާއި ތެލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
04 May 2020
ރާއްޖެގެ ރިޒާވް ރައްޓެހިންނަ ބަހާފަ ރާއްއިތުންނަ ލިބުނު މޮޅެއްނެ. ކޮވިޑް19 ދައުލަތުގެ ބަޖެޓުން 14 ދުވަސް ތެރޭ 560 މިލިޔަން ރުފިޔާ ހަރަދު ކޮއްފިޔޯ ؟ 20 މިލިޔަންވެސް ނުދާނެ 14 ދުވަސް ތެރޭ.
ައޮނޯނިމަސ
03 May 2020
އެކުސްޕޯޓު ގިނަ.. ޓޫރިސްޓުން އައިލެއް ގިނަ.. ޓެކުސް ލިބުނުވަރު ގިނަ.. އެކަމަކު ޕެންޑެމިކު ލައިގަތްއިރު ދައުލަތުގަ ރުފިޔާއަކާއި ފަޅިއެއްވެސް ނެތް.. އެންމެ 2 މަހުގެ މުސާރަ ދެވޭވަރުވެސް ނެތް... އެކަން ކުރަންވެސް މިޖެހުނީ އޯވާ ޑުރޯ ކުރަން..
މަހަނު
03 May 2020
ކަލޯ މިދިޔަ އަހަރުގެ ވާހަކައޭ މީގަ މި އޮތީ!!!
ވަމ މީން
03 May 2020
މަހަނު..ހޭބައަޔާ.. މިދިޔަ އަހަރު ނި މުނުތާ އެން މެ 4 މަހޭ ވީ..ކޮބާތަ އިތުރައް ލިބުނު ލާރިތައް.. ސަޓަނި ހަދައިގެން ގަރުދިޔައާއި ލައިގެން ކެއީތަ.
ރާއްޖެ ތެރެ
04 May 2020
މިދިޔަ އަހަރަށް އެކްސްޕަޔާ ވީ ފައިސާތަ އެއީ؟ މަހަނު ސުކޫލަށް ދާންވީ އެއްނުން