ފިނޭންސް މިނިސްޓްރީ: ދައުލަތުން މީހުންނަށް އެހީގެ ގޮތުގައި ފައިސާ ދިނުމާ ބެހޭ އުސޫލަށް ވަނީ ބަދަލު ގެނެސްފައި -- ފޮޓޯ/މިހާރު
13 މެއި 2020 - 14:59
ދައުލަތުން މީހުންނަށް އެހީގެ ގޮތުގައި ފައިސާ ދޭ އުސޫލަށް މިއަދު ބަދަލު ގެނެސްފި އެވެ.
މާލިއްޔަތު ގަވާއިދު ކުރިން އޮންނަ ގޮތުން ދައުލަތުން އެހީގެ ގޮތުގަައި މީހުންނަށް ފައިސާ ދެވޭނީ ކަމާބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން އަދި އެ ދާއިރާއެއްގެ މިނިސްޓަރުގެ ހުއްދައާ އެކު ފިނޭންސް މިނިސްޓްރީން ފައިސާ ދޫކުރުމުންނެވެ.
މާލިއްޔަތު ގަވާއިދަށް ފިނޭންސް މިނިސްޓްރީން މިއަދު ގެނައި އިސްލާހުގައިވާ ގޮތުން މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ކުރިމަތިވާ ހާލަތްތަކުގައި އެހީ ދޭން ސަރުކާރަށް ފެނިއްޖެ ނަމަ، އެ އެހީ ދޫކުރެވޭނީ ރައީސްގެ ހުއްދަ ލިބިގެންނެވެ. އަދި ގިނަ ބަޔަކަށް ގެއްލުންތަކެއް ކުރިމަތިވާ ހާލަތްތަކުގައި ދައުލަތުން އެ މީހުންނަށް އެހީ ދިނުމާއި އެކަމާ ބެހޭ ތަފްސީލުތައް ކަނޑައަޅާނީ ވެސް ރައީސް ކަމަށް އެ އިސްލާހުގައިވެ އެވެ.
އެހީގެ ގޮތުގައި ފައިސާ ދިނުމަށް ދައުލަތުގެ އިދާރާއަކުން ބޭނުންވާ ނަމަ، ފިނޭންސް މިނިސްޓްރީން ފައިސާ ދޫކުރުމުން އެހީ ދޫކުރެވޭ ގޮތަށް ކުރިން ގަވާއިދުގައި އޮތަސް، އެ އިސްލާހުގައިވާ ގޮތުން އެގޮތަށް ވެސް ފައިސާ ދޫކުރެވޭނީ ރައީސްގެ ހުއްދަ ލިބިގެންނެވެ.
އެ އިސްލާހުގައިވާ ގޮތުން ފިނޭންސް މިނިސްޓްރީން އެފަދަ ކަންކަމަށް ފައިސާ ދޫކުރަން ޖެހޭނީ އެ އަހަރެއްގެ ބަޖެޓުގައި އެފަދަ ކުއްލި ކަންކަމަށް ޚަރަދު ކުރަން ހުންނަ ފައިސާއިންނެވެ. އަދި އެ އަހަރެއްގެ ބަޖެޓުގެ ތެރެއިން އެކަން ހަމަނުޖެހޭ ނަމަ، ފައިސާ ދޫކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކޮށްގެން ކަމަށް އެ އިސްލާހުގައިވެ އެވެ.
ދައުލަތުން އެހީގެ ގޮތުގައި ފައިސާ ދިނުމުގެ އުސޫލަށް ބަދަލު ގެނައިއިރު، ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކާއި ވަކި މިންވަރަކަށް ވުރެ މުސާރަ ކުޑަކުރި ފަރާތްތަކަށް މާލީ އެހީ ދިނުމުގެ އުސޫލު މިއަދު ވަނީ އާންމު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުނާން
13 May 2020
ބީއެމްއެލްގެ ލޯން ސަޕޯޓް ފޯމުތައް އަދި ވެސް ޕްރޮސެސް ނުކުރެވޭ.
ކަންނާޑި
13 May 2020
ރިޔާސީ ގަޑުބަޑު ކޯލިސަން ނިޒާމުގައި ސަރުކާރު ހިންގާ ފަރާތާ މަޖިލިސް އެންމެ ގޮނޑިއެއް ތަމްސީލްނުކުރާ 3000 ހަމަނުވާ ޕާޓީވެސް އޮންނަނީ ސަރުކާރު ތެރޭ އެއްބަޔަކު އުޅެނީ ސަރުކާރު ވައްޓާލަން ... ހަރަދު ބޮޑުކުރުމަށް ފަސްޓު ކުލާހުގައި ގޮސް ތިބޭނީ ނަން މަސްހޫރު އަގު ބޮޑެތި ހޮޓާތަކުގައި....ކޮންޓްރޯލެއްނެތި ދައުލަތް ހުލިކުރަމުނދާއިރު މިކަމުގެ ޒިންމާ ނަގަން ޖެހޭ ފަރާތުން މި ފިޔަވަލު އެޅުން މާ ބޮޑަށްވެސް ލަސްވެއްޖެ
މުދިމު ކަތީބު
13 May 2020
ރިޔާސީ ގަޑުބަޑު ކޯލިސަން ނިޒާމުގައި ސަރުކާރު ހިންގާ ފަރާތާ މަޖިލިސް އެންމެ ގޮނޑިއެއް ތަމްސީލްނުކުރާ 3000 ހަމަނުވާ ޕާޓީވެސް އޮންނަނީ ސަރުކާރު ތެރޭގައި. އެއްބަޔަކު އުޅެނީ ސަރުކާރު ވައްޓާލަން ...އިނތިހާ އަށް ސަރުކާރުގެ ހަރަދު ބޮޑުކުރުމަށް ބޭރު ގައުމުތަކަށް ފަސްޓު ކުލާހުގައި ތިބޭނީ ނަން މަސްހޫރު އަގު ބޮޑެތި ހޮޓާތަކުގައި....ކޮންޓްރޯލެއްނެތި ދައުލަތް ހުލިކުރާނެ މިކަމުގެ ޒިންމާ ނަގަން ޖެހޭ ފަރާތުން މި ފިޔަވަލު އެޅުން މާ ބޮޑަށްވެސް ލަސްވެއްޖެ
އެހީ
13 May 2020
"އެހީ ދޭން ސަރުކާރަށް ފެނިއްޖެ ނަމަ" :-((
މުދިމު ކަތީބު
13 May 2020
އިސްލާހް ރަނގަޅު މާލީވަޒީރަށް އިތުބާރެއްނެތް. ރައްޔިތުން ގެ ގިނަބަޔަކު ކޮރަޕްސަން ގެ އިނގިލި ދިއްކުރަމުންދާ އިތުބާރު ގެއްލިފައި ހުރި މާލީ ވަޒީރެއް މިގައުމަކަށް ބޭނުމެއް ނުވޭ.
ނިރު
13 May 2020
ދެން އެހްންވީމަ ބައިރުފިޔާވެސް ލިބެންއޮތީ ރައިސް ސޯލިހްގެ ހެޔޮފުޅު ކަމުން ދޯ...
4422
13 May 2020
ސާލިހަކީ ހެޔޮމީހެއް ބަލަންތިބޭތި..