މާލެ: މޭ 24، 2016- "މިހާރު" ނޫހާއި ވެބްސައިޓް ލޯންޗްކުރުމައް ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތަށް ފަހު، އެ ނޫހުގެ މުވައްޒަފުން ގުރޫޕް ފޮޓޯއެއް ނަގަނީ.
24 މެއި 2020 - 09:34
"ތިޔަ ވަދެވުނީ މުޅިން އާ ނޫހެއްގެ މުޅިން އާ ވެބްސައިޓަކަށެވެ. މިއީ 'މިހާރު' އެވެ. މަރުހަބާ އެވެ."
މީގެ ހަތަރު އަހަރު ކުރިން މޭ 24، 2016 ދުވަހުގެ ރޭ 9:13 ގައި ލޯންޗުކުރި "މިހާރު" ނޫހުގެ ބޮޑު ހަބަރު ފެށީ އެ އިބާރާތުންނެވެ. އޭގެ ފަހުން "މިހާރު"ގެ މުޅި ޓީމު މިއަދާ ހަމައަށް މި އާދެވުނީ، ވަރަށް ބުރަ މަސައްކަތަކާއި ވަރަށް ބޮޑު ހިތްވަރަކުންނެވެ.
އާ ނޫސް ފަށަން ޖެހުނީ ކުއްލިއަކަށެވެ. ދިމާވީ ވެސް އެހާމެ ބޮޑެތި، ސީރިއަސް މައްސަލަތަކެކެވެ. އެއްކޮޅުގައި ނޫސްވެރިކަމަށް އެކި ގޮތްގޮތުން ފިއްތަމުން ދިޔަ ސަރުކާރަކާއި ރައްޔިތުންގެ މަޖިލިހެކެވެ. އަަނެއްކޮޅުގައި، ކިއުންތެރިންނާއި ބައެއް ވިޔަފާރިވެރިންގެ އިތުބާރެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސް ވީ ނޫހާއި ރާއްޖޭގެ އެއް ވަނަ ވެބްސައިޓް "ހަވީރު" ނެރުން، ސިވިލް ކޯޓުގެ ކުއްލި އަމުރަކާ އެކު، ހުއްޓާލުމަކީ "މިހާރު" އުފަންވުމުގެ ހަމައެކަނި ސަބަބެވެ. އެ އަމުރާ ގުޅިގެން ނޫސްވެރިން ވެސް ހިމެނޭ ގޮތަށް "ހަވީރު"ގެ 75 މުވައްޒަފުން މާޔޫސްވި އެވެ. ވަޒީފާއަށް ވާނީ ކިހިނެއްތޯ ސުވާލު އުފެދުނެވެ. އެކަމަކު މާޗު 31، 2016 ގައި އެ ލިބުނު މާޔޫސްކަމުން ނުކުންނަން ވެސް އެ އެންމެން އަޒުމްކަނޑައެޅީ އެކުގަ އެވެ.
މާލެ: މޭ 24، 2016- "މިހާރު" ނޫހާއި ވެބްސައިޓް ލޯންޗްކުރުމައް ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ނޫހުގެ ބައެއް ސީނިއާ މުވައްޒަފުންނާއި ހަފްލާ އަށް ވަޑައިގެންނެވި ބައެއް ބޭފުޅުން.
"މިހާރު"ގެ އެގްޒެކްޓިވް ޑައިރެކްޓަރު ވާއިލް ޒާހިރު ހުސެއިން އާއި "މިހާރު"ގެ އޭރުގެ ސީއީއޯ ރިއްފަތު މުހައްމަދު، އެ މުހިންމު ވަގުތު މުވައްޒަފުންގެ ފަހަތުގައި ތިއްބެވި ތިއްބެވުމަކީ، މުޅި ޓީމުގެ މިސްރާބެވެ.
ހަގީގަތުގައި "މިހާރު"ގެ ނޫސްވެރިންގެ ހިތުގައި ނޫސްވެރިކަމަށް އޮތް ލޯތްބަށް، ސިވިލް ކޯޓުގެ އަމުރަކުން އަދި ސިޔާސީ ފިއްތުންތަކަކުން، އަސަރެއް ނުކުރި އެވެ.
އޭގެ ފަހުން ދެ މަސް ވާން ކައިރިވެފައި ވަނިކޮށް، މޭ 24، 2016 ގައި "މިހާރު"ގެ ޗާޕް އަދަދާއި ވެބްސައިޓް ލޯންޗުކޮށް މިއަދާ ހަމައަށް މި އާދެވުނީ އޭރު ކަނޑައެޅި "ޓީމު އެކެއް"ގެ ހިތްވަރަށް ބަދަލެއް ނައިސް ކުރި މަސައްކަތުންނެވެ.
މިއަދު އަނެއްކާ މުޅިން އެހެން ހާލަތެކެވެ. ނޫސްވެރިންގެ ބޭނުން އާންމުންނަށް، ކުރިއަށް ވުރެ ވެސް ބޮޑު ދުވަސްވަރެކެވެ. ނުރައްކާތެރިކަން ވެސް ބޮޑެވެ. "މިހާރު"ގެ ހަތަރު ވަނަ އަހަރީ ދުވަސް ފާހަގަކުރަން މި ޖެހުނީ ކޮންމެ މުވައްޒަފަކު ވެސް ގޭގައި ހުރެގެންނެވެ. އެކަމަކު ކޮވިޑް-19 ގެ ކަވަރޭޖްގައި އެއްވެސް ނޫސްވެރިޔަކު ހިތްވަރު ދެރަނުކޮށް، ހާލަތާ އެއްގޮތަށް ތެދު، މުހިންމު މައުލޫމާތު ގެނެސްދެވޭތޯ 24 ގަޑިއިރު ކަހަލަ ގޮތަކަށް އެބަ މަސައްކަތްކުރެ އެވެ.
މިއަދު އިގުތިސާދީ ގޮތުން ވެސް މުޅިން އެހެން ހާލަތެކެވެ. މި ގޮތަށް މުޅި ގައުމު، މުޅި ދުނިޔެ، ހުއްޓިދާނެ ކަމަކަށް އެއްވެސް މީހަކު ހިއެއްނުކުރެ އެވެ. މި ހުއްޓުމާ އެކު މުޅި އިގުތިސާދަށް އަންނަ ހީނަރުކަން މީޑިއާތަކަށް ވެސް އެބަ އޮތެވެ. އެކަމަކު "މިހާރު"ގެ ނޫސްވެރިން މިއަދު ކުރިއަށް ނެރެފައި ވަނީ ގައުމީ ހިދުމަތެވެ. ދަތިތަކެއް ހުއްޓަސް އުނދަގުލުން ނަމަވެސް ރައްޔިތުންނަށް މުހިންމުވާނެ މައުލޫމާތު ފޯރުކޮށްދެވޭތޯ ކުރާ މަސައްކަތަކީ، އެޑިޓަރެއްގެ ގޮތުން، މީގެ ކުރިން ކުރެވިފައި ނެތް ތަޖުރިބާއެކެވެ.
"މިހާރު" ނޫސް އުފެއްދި ދުވަސްވަރު ބޭނުންކުރި ނިއުސް ރޫމްގައި ދެ ނޫސްވެރިއަކު މަސައްކަތުގައި.
ކޮރޯނާވައިރަސްގެ ހަބަރުތަކުން ދުނިޔޭގެ މީޑިއާ ފުރިގެން ދިޔައީ ސަބަބުތަކެއް ހުރެގެންނެވެ. އެއީ މައުލޫމާތު ސިއްރުނުކޮށް، ވީހާވެސް ގިނައިން އޭގެ އަޕްޑޭޓްތައް ކިއުންތެރިންނާ ހަމައަށް ގެނެސްދޭން ޖެހޭ ފަދަ ނުރައްކަލަކަށް ބަލިމަޑުކަމުގެ ހާލަތު ބަދަލުވުމެވެ. ކޮރޯނާވައިރަސް އިން ޖެހޭ ބައްޔަށް ކޮވިޑް-19 ގެ ނަން ދިނުމުގެ ކުރިން ދުނިޔޭގެ މީޑިއާގތަކުގެ ހުރިހާ ވަގުތެއްހެން، އެ ވައިރަސްއާ ގުޅޭ ކަންކަމަށް ހުސްވި އެވެ. ރާއްޖެ ވެސް އޭގެ ތެރެއިން ބާކީވެފައެއް ނެތެވެ.
މާލެ: މޭ 24، 2017- "މިހާރު" ގެ ފުރަތަމަ އަހަރީ ދުވަހާ ގުޅިގެން އެ ނޫހުގެ މުވައްޒަފުން ގުރޫޕް ފޮޓޯއެއް ނަގަނީ.
އެންމެ ފަހުގެ އަޕްޑޭޓްތައް އާންމުންނާ ހަމައަށް ގެނެސްނުދީ ނޫސްވެރިންގެ ވާޖިބު އަދައެއްނުކުރެވެ އެވެ. އެއްކޮޅުން ބަލީގެ މައްސަލަ ބޮޑުވާ އިރު އަނެއްކޮޅުން އޮތީ އިގުތިސާދުގެ ވެއްޓުމެވެ. އެއީ ވެސް އާންމު ކޮންމެ މީހަކާ ގުޅިފައި އޮތް މައްސަލައެކެވެ. އެހެންކަމުން ނޫސްވެރިންނަށް މިއީ މީގެ ކުރިން ކުރިމަތިނުވާހާ ބިޒީ ދުވަސްތަކެކެވެ. ގެއިން ބޭރަށް ނުނިކުމެވޭތީ، މަސައްކަތަށް ބޮޑެތި ދަތިތަކެއް ހުއްޓަސް، މުހިންމު ކަވަރޭޖްތަކަށް އުނިކަން ނާންނާނެ ގޮތަށް، ނޫސްވެރިން ގެންދަނީ ކަވަރުކުރަމުންނެވެ.
"މިކަމުން ސަލާމަތްވާނީ ކޮން ދުވަހަކުންހޭ" މިއީ ނޫސްވެރިންގެ ވެސް އާންމު ސުވާލެވެ. އެކަމަކު މިއީ ފަސޭހައިން ނިމެން ނެތް ކަމެއް ކަން ވެސް، އެންމެ ބޮޑަށް އެނގޭނީ ނޫސްވެރިންނަށެވެ. ރަސްމީކޮށް ހާމަނުކުރާ ކަންކަމުގެ މައުލޫމާތު އެމީހުންނަށް ލިބެ އެވެ. ދުނިޔޭގައި ބަލި ފެރޭ ގޮތާއި ހާލަތު ކޮންމެ ދުވަހަކު ހެން ދެނެގަނެ އެވެ. އެހެންކަމުން ކޮވިޑް-19ގެ ތެރޭގައި އަދިވެސް އެތައް މަހެއް ހޭދަކުރަން، ނޫސްވެރިން ތިބީ ތައްޔާރުވެގެންނެވެ.
"މިހާރު"" ގެ ނިއުސް ރޫމްގައި ދެ ނޫސްވެރިއަކު މަސައްކަތުގައި.
އެޑިޓަރެއްގެ ގޮތުން ކަންބޮޑުވުންތައް ވެސް ގިނަ އެވެ. ކޮވިޑް-19ގެ ކަވަރޭޖަކީ އޭގެ ޒާތުގައި ވެސް ބުރަ މަސައްކަތެކެވެ. ދިގު ޕްރެސް ކޮންފަރެންސްތައް ހުލާސާކުރުމާއި އެއިން ލިބޭ އާ މައުލޫމާތުތަކާ ބެހޭ ތަފްސީލީ ރިޕޯޓްތައް ހެދުމަކީ، އެތައް ގަޑިއިރެއްގެ މަސައްކަތެވެ. އެހެންކަމުން ގޭގައި ތިބެގެން ނަމަވެސް ނޫސްވެރިން އެ ހޭދަކުރަނީ، އެ މީހުންގެ ނޫސްވެރިކަމުގެ ހަޔާތުގައި ވެސް ވަރުގަދަ ދުވަސްތަކެކެވެ: "މިހާރު"ގެ ކިއުންތެރިންނަށެވެ. ދިވެހި ރައްޔިތުންނަށެވެ. ކާރިސާއެއްގެ ތެރޭގައި އޮތް ގައުމަށެވެ.
އަދިވެސް ކޮޅެއް ފެންނަން ނެތް ކަވަރޭޖް ކުރިއަށް އޮތީ އެވެ. ވަރުބަލި ދުވަސްތަކެއްކަން ޔަގީނެވެ. އެކަމަކު މިހާތަނަށް ވެސް، މިދިއަ ހަތަރު އަހަރު ވެސް، "މިހާރު"ގެ ނޫސްވެރިން ކުރީ ބުރަ މަސައްކަތެކެވެ. ކިއުންތެރިންނާ ހަމައަށް ލިއުމެއް ގެނެސްދިނުމުގެ ކުރިން، ހާއްސަކޮށް ސީރިއަސް މައްސަލަތަކާ ބެހޭ މައުލޫއެއްގައި، އެކި މީހުންގެ އިންޓަވިއުތައް ހޯދައިގެން، އެ ކުރާ މަސައްކަތްތަކަށް ހަގީގަތުގައި ވެސް ސާބަހެވެ.
މިދިއަ ހަތަރު އަހަރުގެ ތެރޭގައި "މިހާރު"ގެ ކުޑައިގެ ދަށުން އިތުރު އުފެއްދުންތަކެއް ވެސް ވަނީ، ރާއްޖޭގެ ނޫސްވެރިކަމުގެ ތެރެއަށް ތައާރަފުވެފަ އެވެ. އެގޮތުން "މިހާރު" ނޫހަކީ ރާއްޖޭގައި ޗާޕްކޮށްގެން ނެރޭ ހަމައެކަނި ނޫހެވެ. ދެން ހިމެނެނީ "ދޯ" އާއި އިނގިރޭސި ބަހަށް ހާއްސަ "ދި އެޑިޝަން"ގެ އިތުރުން އަހަރަކު އެއް ފަހަރު ނެރޭ "ބްރޭންޑްސް އޮފް މޯލްޑިވްސް" އެވެ. މި ހުރިހާ ބައެއްގައި ވެސް ހުނަރުވެރި ނޫސްވެރިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އިއުލާން އާއި ވަޒީފާގެ ބާޒާރަށް ހައްސަކޮށްގެން "މިހާރު ކަނެކްޓް" ވެސް ވެބްސައިޓްގެ ވަކި ބައެއްގެ ގޮތުގައި ވަނީ ތައާރަފުކޮށްފަ އެވެ.
"މިހާރު"ގެ ފުރަތަމަ އަދަދު ޗާޕް ކުރަނީ ފޮޓޯ: ނިޝާން އަލީ/ މިހާރު
އޮންލައިން ނޫސްވެރިކަމުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބައެއް ކަމަށްވާ ވީޑިއޯ ޕްރޮޑަކްޝަންގައި ވެސް އެކަމަށް ހާއްސަ ޓީމަކުން މަސައްކަތްކުރެ އެވެ.
މިއިން ކޮންމެ ދާއިރާއަކުން ވެސް މިދިއަ ހަތަރު އަހަރު "މިހާރު"ން ބުނެދިން ވާހަކަ އަކީ "ހިތްވަރާއި އުއްމީދާ އެކު ކުރާ މަސައްކަތެއްގެ ނަތީޖާ ފެންނާނެ ކަމެ"ވެ.
"މިހާރު"ގެ ނޫސްވެރިންނަށް، ވެބް ޑިވެލޮޕްމަންޓް ޓީމަށް، ވީޑިއޯ ޑިޕާޓްމަންޓަށް، މާކެޓިން ޓީމާއި މެނޭޖްމަންޓަށް ވެސް މިއަދު ބުނެލަން އޮތީ "އައްސަރި ބަހާއި ސާބަހެ"ވެ. "މިހާރު"އާ އެކު ތިބި ވިޔަފާރިވެރިންނަށް ދިއްކޮށްލަން ބޭނުންވަނީ ޝުކުރުން ފުރިފައި އޮތް ހިތެކެވެ.
ކިއުންތެރިންގެ އިތުބާރާއި ޝައުގުވެރިކަމަށް، ހިތުގެ އަޑިން ލޯތްބެވެ.
މާލެ: މޭ 24، 2016 ގައި "މިހާރު" ނޫހާއި ވެބްސައިޓް އިފުތިތާހު ކުރުމަށް ޗަންޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ކުޅިވަރުގެ ދެ ތަރިއަކާ އެކު، "މިހާރު" ގެ ކުޅިވަރު ދެ ނޫސްވެރިން މުހައްމަދު ހަމްދޫނާއި އައްޒާމް ސެލްފީއެއް ނަގަނީ---ނިޝާން އަލީ/މިހާރު ފޮޓޯ
"މިހާރު"ގެ ހަތަރު ވަނަ އަހަރާއި "ހުވަނދު ލަމުން އައި ފިތުރު އީދު ދުވަސް" ގުޅިގެން ދިއުމުގެ އުފާ ވެސް ބޮޑެވެ. އެހެންކަމުން ފިތުރު އީދުގެ ތަހުނިޔާ ވެސް ފޮނުވަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެހެންތަ
25 May 2020
4 ވަނަ އަހަރި ދުވަހާ ފިތުރު އީދުގެ ތަހުނިޔާ މިހާރު ނޫހުގެ ހުރިހާ ސްޓާފުންނަށް އަރިސްކުރަން. ދެން ރާއްޖޭގެ ވަރަށް ތަޖުރިބާކާރު އަދި ވަރަށް ކުޅަދާނަ ނޫސްވެރިއެއް މޫސައަކީ. މޫސަގެ މި އާޓިކަލް ކިޔާފަ ކޮވިޑްގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތު މޫސަގެ ހިތުގެ ތެރެއިން ފޭދިގެން ނިކުތް ވޭނީ އުދާސްތަކެއްގެ ގޮތުގަ މަށަށް ސިފަވަނި. އީދު މުބާރިކް.. ިިި
ބޯޖަލީލު
24 May 2020
ހަނދާނާ ތާރީހުގެ ތެރެއިން 2008 ގައި ގ ކެނެރީގެ މުހައްމަދު ނަސީދު ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ކަމުގެ ހުވާކުރުމަށްފަހު އޭނާގެ އާރާ ބާރުގައި " ހަވީރު " ނޫހުގެ އިދާރާ ހިންގަމުންއައިތަން 7 ދުވަސްތެރޭ ހުސްކުރަން އެންގި ، ޒާހިރު ހުސައިން މިއީ ދޮގެކޭ ވިދާޅުވެބަލަ
އައްޔު
24 May 2020
ޔާމީންގެ ސަރުކާރުން ޤަޞްދުގައި ހަވީރު ބަންދުކުރުވި ކުރުމަކީ މުޅި ރާއްޖޭގެ ޚަބަރާއި މަޢުލޫމާތުގެ ދާއިރާއަށް ދިން ބޮޑުވެގެންވާ ގެއްލުމެއް. 'މިހާރަ'ށް އޭރުގެ ޑޭޓާ ތަކަށް އެކްސެސް ލިބުނަސް އާންމުންނަށް އެ އިލެޓްރޯނިކް ޑޭޓާބޭސް އެއްކޮށް ގެއްލުނީ، ރިރާސާ އަކަށްވެސް އެ ލިބޭނެގޮތެއް ނެތް، ޔާމީން އަކީ ހަމަ ރަގަޅަށްވެސް ބޮޑު ގެއްލުމެއް ދީފައިވާ މުޖުރިމެއް. ވެރިއަކަށް ކުފޫ ހަމަ ނުވާ، މީހުން ދައްކާ ވާހަކަ ހަޖަމު ނުވާ މީހެއް.
ސިމްޕަލް
24 May 2020
"އެއްކޮޅުގައި ނޫސްވެރިކަމަށް އެކި ގޮތްގޮތުން ފިއްތަމުން ދިޔަ ސަރުކާރަކާއި ރައްޔިތުންގެ މަޖިލިހެކެވެ." މޫސާ ލަތީފް ގެ މިކުރު ބަސްކޮޅަކީ 2013 އިން 2018 އަށް ރާއްޖެ އޮތް ހާލަތު އަންނަން އޮތް ޖީލް ވަޒަންކުރަން ބޭނުންކުރާނެ މިންގަޑު. މިނިވަންކަމާއެކު ރައްޔިތުންގެ ބަސް މިއަދު އިވެމުން މިދަނީ "މިހާރު" ނޫހުން އެދުވަހު ދެއްކި ހިތްވަރުގެ ސަބަބުން. ޝުކުރިއްޔާ "މިހާރު"!
ރަދީފްް
24 May 2020
ނޫސްތަކުން ލިޔުންތެރިން ކިޔުންތެރިންނަށް އީދުމުބާރިކު ކިޔަނީ ވަރަށް ފަނޑުގޮތަކަށްކމަށް ފާހަގވޭ އަބަސުވެސް މިވޭލާއަށް ބަލާއިރު
ރަދީފްް
24 May 2020
ޢަޅުގަނޑު ނޫހެއް ހަދާނަމަ ކިޔާނީ އެހާރާއި މިހާރުގެ ކިޔާގޮތައް ކުރީގެ ލަފްޒު އެވޭލާ މިވޭލާ. މިވޭލާނޫސް.
ކޮންޓޭ
24 May 2020
މިހާރު ނޫސް ހަމަ ވަރަށް ބަރާބަރު.
ރަދީފްް
24 May 2020
ދިވެހިންގެ އީދަކީ އެހާރަށް އަދި މިހާރަށް ބަލާލިޔަސް އެވޭލާއަށް އަދި މިވޭލާއަށް ބަލާލިޔަސް ވަރަށް ކުލަގަދަކޮށް އުފާތަކާއި މަޖާތަކާއި ކުލަހަދަ ރަސްމިއްޔާތުތައް ހިމަނައި ދިވެހިންގެ ސަގާފަތާއި ގުޅިފައިފައިވާ ވަރަށް ހާއްސަދުވަހެއް.މިއަދު އަަޅުގަނޑުމެންނަށާއި މުޅިދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކަލުން މި އުފާތަކުގައި ބައިވެރި ނުވެވޭކަމަކީ ހިތާމަކުރާކަމެއް..
އޮނަރަބްލް އަފީފު ދީދީ
24 May 2020
ނޫހުގެ ފަޙްރުވެރި އަހަރީ ދުވަހުގެ ތަހްނިޔާ މެނޭޖްމަންޓަށާއި ޓީމަށް ދަންނަވަން. އަދި ބަރަކާތް ތެރި ފިތުރު ޢީދުގެ ތަހްނިޔާ ތިބޭފުޅުންނަށާއި ކިއުންތެރިންނަށް އަރިސްކުރަން. عيد مبارك .
ފޮޑިރަބަލް ފީފާބުރި
24 May 2020
މަރުވެފަ ތިބޭ މީހުން ޢީދު ތަހުނިޔާވެސް ކިޔަނީތަ؟!!
ރެކިފުތާ
24 May 2020
މިހާރުގެ އެޑްމިންއާ ގުޅޭ ނަމްބަރެއް އަންގާލަބަލަ!