ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ޓްރާންސްފާ ބާޒާރު ވަރަށް ތަފާތުވާނެ: މޮރީނިއޯ

ޓޮޓެންހަމްގެ ފަރިތަކުރުމެއްގެ ތެރެއިން މޮރީނިއޯ.-- ފޮޓޯ: އޭއެފްޕީ

28 މެއި 2020 - 13:01

ލަންޑަން (މެއި 28) - ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު ކުރިއަށް އޮތް ޓްރާންސްފާ ބާޒާރު ވަރަށް ބޮޑަށް ތަފާތުވާނެ ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ކޯޗިން ކެރިއަރުގައި މޮރީނިއޯ ހޭދަކުރި ވިއްސަކަށް އަހަރު ތެރޭގައި އޭނާ ހުރި ކްލަބްތަކުން ވަނީ ކުޅުންތެރިންގެ ޓްރާންސްފާ ފީތަކަށް އެއް ބިލިއަން ޑޮލަރަށް ވުރެން ގިނައިން ހަރަދުކޮށްފަ އެވެ. އަގުބޮޑު ކޯޗެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މޮރީނިއޯ އަކީ އޭނާ ބޭނުންވާ ނަތީޖާ ނެރޭ ޓީމެއް އެކުލުވާލުމުގައި ކްލަބްތަކުގެ މެނޭޖްމަންޓް ލައްވައި ގިނަ ހަރަދުތަކެއް ކުރާ ކޯޗެކެވެ. އެ ގޮތަށް އޭނާ ވަނީ ގިނަ ކްލަބްތަކުގައި ނަތީޖާ ނެރެ ބޮޑެތި ކާމިޔާބީތައް ހޯދައިފަ އެވެ.

ކޮވިޑް-19ގެ މި ހާލަތުގައި މާލީ ގޮތުން ގިނަ ކްލަބްތަކަށް ވަނީ ގެއްލުންތަކެއް ކުރިމަތިވެފަ އެވެ. އެހެންވެ ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައި ބައެއް ކްލަބްތަކުން ކުޅުންތެރިންނަށް ހަރަދުނުކުރާނެ ކަމަށް ވަނީ ބެލެވެ އެވެ. ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނީ ކުރިން ކުޅުންތެރިންގެ އަގުތައް ކުރިއަށް އޮތްތަނުގައި ވަރަށް ތަފާތުވާނެ ކަމަށެވެ.

"މި ނޯމަލްގައި ވަރަށް ތަފާތު ޓްރާންސްފާ ބާޒާރެއް ފެންނާނީ. މުޅި ދުނިޔެ އިން ވެސް ހާއްސަކޮށް ފުޓްބޯޅައިގައި އަހަންނަކަށް ނުފެނޭ އެހާ ވަރުގެ ބޮޑު އަގުތަކެއް ދީފައި ކުޅުންތެރިން ގެންދާނެ ކްލަބެއް. ތެދެއް ޓްރާންސްފާ އަށް ބަލާއިރު މިިދިޔަ ދެ އަހަރެއްހާ ދުވަސްތެރޭ ވަރަށް އާދަޔާ ހިލާފު އަދަދުތަކެއް ފެނިއްޖެ. އެކަމަކު މި ފަހަރު އޮންނާނީ އެހެނެއް ނޫން،" މޮރީނިއޯ ބުންޏެވެ.

އިނގިރޭސި ކްލަބްތަކުން އަންނަނީ އެ ޓީމުގައި މިހާރު ތިބި މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވާ ކުޅުންތެރިން ލައްވައި އިތުރު އެއް އަހަރަށް އެއްބަސްވުން އާ ކުރަމުންނެވެ. މިއީ ވެސް ކްލަބްތަކުން ޓްރާންސްފާ އަށް ކުރާ ހަރަދުކުޑަކުރަން ކުރާ ކަމެއް ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.

ޖެނުއަރީ މަހު މޮރީނިއޯ އެދުމުން ޓޮޓެންހަމުން ވަނީ 33 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށް ޕީއެސްވީން ނެދަލެންޑްސްގެ ފޯވާޑް ސްޓީވެން ބާގްވެއިން ގެނެސްފަ އެވެ. މޮރީނިއޯ ބުނީ މިހާރު އޮތް ހާލަތުގައި ޓޮޓެންހަމް ލައްވައި އިތުރު ހަރަދުތަކެއް ކުރުމުގެ ވިސްނުން އޭނާގެ ނެތް ކަމަށެވެ.

"ޓްރާންސްފާ ބާޒާރު ދެން އޮންނާނެ ދުވަހެއް ނޭނގޭ. ޖުލައިގައި ތޯ ނޫނީ އޮގަސްޓް ތޯ. ޔަގީނުން ވެސް އަހަރެން މި ހުރީ ޓޮޓެންހަމަށް އިތުރު ތަކުލީފެއް ދޭކަށް ނޫން. އަހަންނަށް ދުނިޔެ އޮތްގޮތް އެބަފެނޭ މި ދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތަކީ އެންމެނަށް ވެސް ރަނގަޅު ހާލަތެއްގައި ތިބެވޭނެ އުސޫލެއްގައި ތިބެ ބެލެންސެއް ހޯދުން،" ކުރިން ޕްރިމިއާ ލީގުގެ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކޮށްދިން މޮރީނިއޯ ބުންޏެވެ.

އިނގިރޭސި ފުޓްބޯޅައިގެ މާލީ ކަންތައްތަކާ ބެހޭ ތަޖުރިބާކާރުން ކުރި ދިރާސާ އަކުން ދައްކާގޮތުގައި ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ކުޅުންތެރިއެއް ވިއްކާނުލައި ބޮޑު ހަރަދެއް ކުރެވޭނެ ހަމައެކަނި ކްލަބަކީ ޔުނައިޓެޑް އެވެ.

އަންނަ މަހުގައި ޕްރިމިއާ ލީގު އަލުން ފެށުމުގެ މަސައްކަތްތައް ކުރެވެމުން އަންނައިރު، އިއްޔެ ނެގި ވޯޓުން ވަނީ ކުޅުންތެރިން އެކުގައި ކޮންޓެކްޓް ކުރެވޭ ގޮތަށް ޓްރެއިނިންތައް ގެންދަން ވޯޓުން ފާސްކޮށްފަ އެވެ. ލީގު އަލުން ފަށާއިރު މޮރީނިއޯ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ މާޗް މަހު ލީގު މެދުކަނޑާލިއިރު އަނިޔާގައި ތިބި ހެރީ ކޭން އާއި ސޮން ހެއުން މިން ފިޓްވުމެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454