މަސްޖިދުއް ނަބަވީގެ ގޭޓް ރޭގެ ފަތިސް ނަމާދުގެ ކުރިން ހުޅުވާލަނީ. --ފޮޓޯ:ހަރަމައިން
31 މެއި 2020 - 12:31
މައްކާ (މެއި 31) - ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ގާތްގަނޑަކަށް ދެ މަހާއި ބައިގެ މުއްދަތަކަށް ސައުދީގެ މިސްކިތްތައް ބަންދު ކުރުމަށް ފަހު މަދީނާގެ މަސްޖިދުއް ނަބަވީއާ އެކު މިސްކިތްތައް ރޭ ފަތިސް ނަމާދުން ފެށިގެން އާއްމުންނަށް ހުޅުވާލައިފި އެވެ.
ނަމަވެސް މައްކާގެ މާތްވެގެންވާ ހަރަމްފުޅު އަދިވެސް ވަނީ އާއްމުންނަށް ބަންދުކޮށްފަ އެވެ. މަސްޖިދުލް ހަރާމްގައި ޖަމާއަތުގައި ނަމާދު ކުރާނީ އިމާމުންނާއި ހަރަމްފުޅުގެ މުވައްޒަފުން އެކަންޏެވެ.
މަސްޖިދުއް ނަބަވީ ހުޅުވާލި ނަމަވެސް ނަމާދަށް ތިބެން ޖެހެނީ ދުރުދުރުގައި. --ފޮޓޯ:ހަރަމައިން
މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތްކޮޅު ހުޅުވި ނަމަވެސް މިސްކިތުގެ 40 ޕަސެންޓް ފުރުމާ އެކު ބަންދުކުރާނެ އެވެ. މިސްކިތުގެ ދޫލަތައް ވަނީ ނަގައިފަ އެވެ.
ސައުދީ އަރަބިއާ އިން މިހާތަނަށް ވަނީ 83,384 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 480 މީހުން މަރުވެފަ އެވެ.
މަސްޖިދުއް ނަބަވީ ހުޅުވާލުމުގެ ކުރިން ތައްޔާރީތައް ރޭ ކުރިއަށް ގެންދަނީ. --ފޮޓޯ:ހަރަމައިން
- އުމްރާގެ އަޅުކަން އަދިވެސް ވަނީ މެދުކަނޑާލާފައި
- މަސްޖިދުލް ހަރާމް އާއްމުންނަށް ހުޅުވާލައިފައެއް ނުވޭ
- މިސްކިތަށް ދާ ކޮންމެ މީހަކު މާސްކް އެޅުން މަޖްބޫރު
- އަމިއްލަ މުސައްލާ ގެންދަން ޖެހޭ
- ކުޑަ ކުދިން މިސްކިތަށް ދިއުން މަނާ
- ދެ ސަފު ދެމެދުގަ އާއި ނަމާދަށް ތިބޭ މީހުންގެ މެދުގައި ހުސްތައް ބޭއްވުން
- ޒަމްޒަމް ފެން ފޯރުކޮށް ދިނުން ހުއްޓާލުން
- ނަބަވީގެ ރައުޟާ އާއި ރިޔާޟުލް ޖައްނާ އަށް ޒިޔާރަތް ކުރުން މެދުކަނޑާލުން
ދެ މަހަށް ވުރެ ގިނަ ދުވަހަށް ފަހު ގުދުސްގެ މަސްޖިދުލް އަގްސާ ވެސް މިއަދު ވަނީ އާއްމުންނަށް ނަމާދު ކުރަން ހުޅުވާލައިފަ އެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނގަޅު ގޮތް
01 June 2020
އިސްލާމް ދީނުގައި ނޯވޭ އެކަކު އަނެކަކުގެ ފައިމައްޗަށް އަރައިގެން ދެ ކޮނޑު ޖައްސައިގެން ނަމާދު ކުރުމެއް. 3 ނުވަތަ 4 އިންޗި ދުރުދުރުން ވެސް ސަފު އަތުރާ ލެވިދާނެ.
ދަންނަ ނުދަންނަ
31 May 2020
މިސްކިތްތައް ބަންދުނުކޮށް އަޅުކަންކުރުން އިތުރުކޮށް ތަޤްވާވެރިކަން އިތުރުކޮށްގެން ޚުޝޫއަތްތެރިވެގެން ދުޢާކޮށްގެން މި ވަބާއިން ސަލާމަތްވާނީ. އެހެން ތަންތަން ހުޅުވާ އުސޫލުން މިސްކިތްތައް ހުޅުވައިގެން ގައިދުރުކޮށްގެން އަޅުކަން ކުރުމުގެ ފުރުޞަތު އޮންނަންވާނެ.
ގެދާނޯމޮސް
31 May 2020
ކޮންމެ ރަށެއްގަ ހުންނަ އެންމެ މުގައްދަސު އެންމެ މާތް ގެކޮޅަކީ މިސްކިތެވެ. އެހެންވެ އެކަން ބަޔަކު ތިބެނީ ދެކިގެންނެވެ.
ހަށަނަރަބަޅަކައަ
01 June 2020
ބަލިޖެހިފައިވާ ރަށްތަކުގައި މިސްކިތްތަށް ނުހުޅުވުމަކީ ސަބަބުތަކުގައި ހިފުން. އާން މަވެސް ގަބޫލުކުރަން އެހެންތަންތަން ހުޅުވެންޏާ މިސްކިތްތައްވެސް ހުޅުވެންޖެހޭނެކަން، އެކަމަކު ބަލި ކޮންޓްރޯލްކުރަން މީހުން އެއްވާ ހުރިހާ ތަންތަނެއްވެސް ބަންދުކުރަންޖެހޭ. ދިވެހިންގެ ސާފްތާހިރުކަން މިސްކިތްތައް ހުޅުވޭ ވަރަށް ވުރެ ގޯސް. ބަލިނެތް ދުވަސްވަރުގައިވެސް މިސްކިތުގެ ތަޅުމުން ދުވަނީ ނިތްކުރީގެ ދާވަސް. ދާވަސް ދުވަންޏާ ވައިރަސްވެސް ފެތުރޭނެ.