ޔުނައިޓެޑް ވިކްޓަރީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ވިކްޓަރީ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
17 އޮކްޓޯބަރ 2016 - 19:01
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން އެރި އަހުމަދު ރިޒްވާން އިސްމާއިލްގެ ލަނޑުން 1-0 އިން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ވިކްޓަރީން މުހިއްމު ތިން ޕޮއިންޓް ހޯދައިފި އެވެ.
މި މޮޅާ އެކު ވިކްޓަރީން ވަނީ ލީގުގެ ހަ ވަނައިގައި އޮތް ނިއު ރޭޑިއަންޓާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފަ އެވެ. ހަ ވަނައިގައި އޮތް ނިއު އަށް 19 މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ވިކްޓަރީ ހަތް ވަނައިގައި އޮތީ 20 މެޗުން 19 ޕޮއިންޓް ހަމަކޮށްގެންނެވެ. އެންމެ ފުލުގައި އޮތް ބީޖީ އަށް 19 މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ.
ލީގުގައި މިރޭ ކުޅޭ މެޗުން ނިއު އަތުން ބީޖީ މޮޅުނުވެއްޖެނަމަ އެޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވާނެ އެވެ. އެއީ ބާކީ އޮތް އެއް މެޗުން މޮޅުވިޔަސް އެ ޓީމަށް ލީގުގެ ހަތް ވަނައިގައި އޮތް ވިކްޓަރީއާ ހަމަނުކުރެވޭނެތީ އެވެ. މި މޮޅާ އެކު ވިކްޓަރީން ވަނީ ރެލިގޭޝަނުން ސަލާމަތްވުމުގެ އުއްމީދުއާ ކޮށްފަ އެވެ.
މެޗުގެ ފެށިގެން ވިކްޓަރީން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ގިނަ ވަގުތު ޔުނައިޓެޑް ވިކްޓަރީ ހާފްގެ ތެރޭގައި ކުޅުނުއިރު ނުރައްކާތެރި ދެ ހަމަލާއެއް ވެސް ވަނީ ފޮނުވާލައިފަ އެވެ.
މެޗުގެ ހަތަރު ވަނަ މިނިޓްގައި ވިކްޓަރީގެ މެދުތެރެއަށް ކުޅޭ ބިދޭސީ މިޑްފީލްޑަރު އަހުމަދު އަބްދުއްރަހްމާން އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ 10 މިނިޓް ފަހުން ޔުނައިޓެޑް ވިކްޓަރީ އޭރިއާ ތެރެއިން ވިކްޓަރީގެ އަހުމަދު ހަސަން (އައްމަޑޭ) ފޮނުވާލި ބޯޅަ ޔުނައިޓެޑް ވިކްޓަރީ އަށް ކުޅޭ ސީރިއާ ގައުމީ ޓީމުގެ ކީޕަރު މުހައްމަދު އަލް ޔޫސުފް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 55 ވަނަ މިނިޓްގައި ވިކްޓަރީގެ ބިދޭސީ ފޯވާޑް އޮމޮދޫ ގޮޑްފްރޭ ވެސްޓް އެ ޓީމަށް ލީޑު ނަގައިދިނުމާ ގާތަށް ޖެހިލި އެވެ. އަރިމަތިން އަބްދުއްރަހްމާން ނަގައިދިން ހުރަހަކުން އޮމޮދޫ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑިއަށެވެ. އޭގެ ހަ މިނިޓް ފަހުން އޮމޮދޫ ފޮނުވާލި ބޯޅަ ޔުނައިޓެޑް ވިކްޓަރީ ކީޕަރު އަލްޔޫސުފް ވަނީ މަތަކޮށްފަ އެވެ.
ވިކްޓަރީ މޮޅުކޮށްދިން ލަނޑު ރިޒްވާން ޖެހީ މެޗުގެ ފަހު މިނިޓްގަ އެވެ. ޔުނައިޓެޑް ވިކްޓަރީ އޭރިއާ ތެރެއަށް މަތިން އައި ބޯޅައެއް ވިކްޓަރީގެ ހުސެއިން ޝިހުބާން ބޮލުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލުމުން އެ ބޯޅަ ރިޒްވާން ގޯލުގެ ތެރެއަށް ވައްދާލީ ބޮލުން ޖަހަ އެެވެ.
ލީގުގެ ދެ ވަނަ ބުރުގައި ވިކްޓަރީގެ ކޯޗުކަމުން މުހައްމަދު ނަޒީހު ވަކިކޮށް ސްލޮވާކިއާގެ ކޯޗު ލާޒްލޯ ކިސްއާ ޓީމު ހަވާލުވި ފަހުން އެ ޓީމުން ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިއަލިޓީ
17 October 2016
އަސްލުގައި ވެސް މަށައް ވެސް ޝައްކު ހަމަ! ޔުނައިޓެޑް ވިކްޓަރީއިން މާޒިޔާ، ނިއު، ވެލެންސިއާ އަދި ޓީސީ ކަހަލަ ޓީމުތަކާއި ވާދަކޮށް ރަނގަޅަށް ފައިޓުދީ މިތަނުން ބަޔެއް ޓީމުތައް މީގެ ކުރީ ބުރުގައި ބަލިކުރިއިރު، ބަލިކަށިވެފައި އޮތް ވިކްޓަރީ އަތުން ކީއްވެބާއޭ މޮޅުނުވެވެންވީ ހިތަށްއަރާ! އެބައުޅޭ މައްސަލައެއް! ބޮޑަށް ބެލެވެނީ ކޮންމެވެސް ބަޔެއްގެ ނުފޫޒުން ޔޫވީ އިން މެޗު ދޫކޮށްލީކަމަށް!
ހައިސަމް
17 October 2016
މެޗު ދޫ ކޮއްލީ
މުޙައްމަދު
17 October 2016
ޔޫ ވީ އިން އީގަލްސް ، ޓީސީ ބަލިކުރާ އިރު ވިކްޓަރީ ބަލި ނުކުރެވޭނީ މެޗް ދޫކޮއްލީމާ.