ޚަބަރު / އެޑިއުކޭޝަން މިނިސްޓްރީ

ތައުލީމީ ނިޒާމަށް ލިބޭ ގެއްލުން ކުޑަކުރަން ޔުނިސެފްގެ އެހީތެރިކަން ވަރަށް ބޮޑު: މިނިސްޓްރީ

ހަމަދު ސްކޫލުގައި ބޭއްވި ހަރަކާތަކަށް ޒިޔާރަތްކުރި އައްޑޫ ހައި ސްކޫލުގެ ދަރިވަރުންތަކެއް.-- ފޮޓޯ: ހަމަދު ސްކޫލު

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ތައުލީމީ ނިޒާމަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ޔުނިސެފުން އެހީތެރިކަން ދެމުން އަންނަކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓާ މޫސާ އާދަމް ވިދާޅުވީ ކޮވިޑާ ގުޅިގެން ސްކޫލުތައް ބަންދުކޮށްފައި ހުރި ކަމުގައި ވިއަސް ދުރުންދޭ ތައުލީމުގެ ނިޒާމުން ދަރިވަރުންނަށް ކިޔަވައިދިނުމަށް ޓީޗަރުންނަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމަށް އެހީތެރިކަން ދެމުން އަންނަކަމަށެވެ. އޭގެ އިތުރުން ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަށް އެކި ދާއިރާތަކުން އެ ޖަމާއަތުން އެހީތެރިކަން ދެމުން އަންނަކަމަށް ވެސް ވިދާޅުވި އެވެ.

ޔުނިސެފްގެ އެހީތެރިކަމާ އެކު މިނިސްޓްރީން މިހާރު ވެސް އަންނަނީ ޓީޗަރުންނަށް ހާއްސަކޮށްގެން ގޫގުލް ފޯ އެޑިއުކޭޝަން ތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންދަމުންނެވެ.

"ޓެލިކިލާސްތައް ކުރިއަށް ގެންދިއުމުގައި ހުރި ދަތިކަން ހައްލުކޮށްދިނުމަށް ޔުނިސެފުން އެންއައިއީ ސްޓޫޑިއޯ ސެޓަޕް ގާއިމުކޮށްދީ އެކަމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ވަނީ ފޯރުކޮށްދީފައި. އޭގެ އިތުރުން މީމިސް ޕޯޓަލަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށް ދޭ،" މޫސަ ވިދާޅުވި އެވެ.

ނިއު ނޯމަލްގައި ސްކޫލުތައް ހުޅުވުމަށް މިނިސްޓްރީން ތައްޔާރުވަމުން އަންނައިރު އެކަމަށް އެންމެ ބޮޑު އެހީތެރިކަމެއް ދެމުން އަންނަ އެއް ފަރާތަކީ ޔުނިސެފް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެގޮތުން ސްކޫލުގައި ދަރިވަރުން އަތް ދޮންނަން ބޭނުންވާ ސައިބޯންޏާއި ކަރިކިއުލަމްތަކަށް ބަދަލުތައް ގެނައުމާއި އޮންލައިންކޮށް ކިޔަވައިދޭން ބޭނުންކުރާނެ އެއްޗެހި ތައްޔާރުކުރުމުގައި ވެސް އެހީތެރިކަން ދެމުން އަންނަކަމަށް މޫސަ ވިދާޅުވި އެވެ.

ސްކޫލުތައް ބަންދުކޮށްފައި ހުރި ކަމުގައި ވިއަސް ޓެލިކިލާސް މެދުވެރިކޮށް ދަރިވަރުންނަށް އަންނަނީ ކިޔަވައިދެމުންނެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ، ސްކޫލުތައް ބަންދުކޮށް ކިޔަވައިނުދެވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ. ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީޕީއީ) އަދި ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ސިއެރަ ލިއޯންގެ ބޭސިކް އަދި ސީނިއާ ސެކަންޑްރީ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން މިދިޔަ މަހު ބޭއްވި މިނިސްޓަރުންގެ ފޯރަމްގައި، މިނިސްޓަރު ވިދާޅުވީ މިދިޔަ މާޗު 12 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ސްކޫލުތައް ބަންދުކޮށްފައިވާއިރު، ދަރިވަރުންނަށް ފިލާވަޅުތައް ހަވާލުނުކުރެވި، ސްކޫލުން ވަކިވާ ދަރިވަރުންގެ އަދަދު ގިނަވުމުގެ ފުރުސަތު އޮތުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ފިޔަވަޅުތަކަށް ލުއިދީ އެންމެ އަވަހަށް ސްކޫލުތައް ހުޅުވާނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިސްނާމީހާ

03 June 2020

"ޔުނިސެފްގެ އެހީތެރިކަމާ އެކު މިނިސްޓްރީން މިހާރު ވެސް އަންނަނީ ޓީޗަރުންނަށް ހާއްސަކޮށްގެން ގޫގުލް ފޯ އެޑިއުކޭޝަން ތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންދަމުންނެވެ." މީ ޔުނިސެފްގެ ސަޕޯޓް ބޭނުންވާވަރުގެ ކަމެއްބާ ؟ މިރާއްޖޭގައިވެސް ތިކަންކުރެވޭވަރު މީހުން ތިބޭނެ. މައްސަލައަކީ އިސްނެގުމާ ޑެޑިކޭޝަންނެތީ. ގައުމުގަ ޕްރޮޑަކްޓިވް ވިސްނުމަށްވުރެން ބޮޑަށްއޮތީ ޒާތީ ހަސަދައާ ބޭކާރު ސިޔާސީ ހަމަނުޖެހުމާ ކޯޅުންތައް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454