ސީއެސްސީގެ މެމްބަރު އާމިރާ: އޭނާ ވަކިކުރުމުގެ މަސައްކަތް ފަށަން ތަޅުމަށް ފޮނުވަން ވަނީ ނިންމާފައި
03 ޖޫން 2020 - 10:45
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ފާތިމަތު އާމިރާ ވަކި ކުރުމުގެ މަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ރޭ ނިންމައިފި އެވެ.
ސީއެސްސީގެ ފަސް މެމްބަރުންގެ ތެރެއިން އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ޒަކަރިއްޔާ ހުސައިންގެ އިތުރުން އިބްރާހިިމް ޝަހީގު ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ކުރިން ނިންމިޔަސް، އެކަމާ މެދު އަލުން ގޮތެއް ނިންމަން ކޮމެޓީއަށް އޮތީ ފޮނުވައިފަ އެވެ. ބާކީ ހުންނެވި މެމްބަރު އާމިރާގެ މައްސަލައެއް ވެސް ވަކިން ބަލަން ކޮމެޓީން ފަހުން ނިންމާފައި އޮތަސް، އޭނާގެ މައްސަލާގައި ކޮމެޓީން ވަކި ގޮތެއް ނިންމައިފައެއް ނެތެވެ.
ރޭ ބޭއްވި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި، އާމިރާ ވަކި ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލީހުގެ ޖަލްސާއެއްގައި އެކަން އިއުލާން ކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވުމަށް ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މުހައްމަދު އަބްދުﷲ ޝަފީގެވެ. އަދި އެއަށް ފަހު ކުރިން ވަކިކުރަން ނިންމާފައިި ތިބި ހަތަރު މެމްބަރުންގެ މައްސަލައާ އެއްކޮށް އާމިރާގެ މައްސަލަ ވެސް ކޮމެޓީން ނިންމުމަށް އޭނާ ހުށަހެޅުއްވި އެވެ.
އެ ހުށަހެޅުން ފާސްވީ ހަ މެމްބަރުންގެ ވޯޓުންނެވެ. އެކަމާ ދެކޮޅަށް ފަސް މެމްބަރަކު ވޯޓު ދެއްވި އެވެ.
އާމިރާގެ މައްސަލަ އާއި އެ ކޮމިޝަންގައި ދެން ތިއްބެވި ހަތަރު މެމްބަރުންގެ މައްސަލައަކީ ތަފާތު މައްސަލަތަކެއް ކަމަށްވާތީ އާމިރާގެ މައްސަލައާ މެދު ވަކިން ގޮތެއް ނިންމުމަށް ކޮމެޓީގެ ބައެއް މެމްބަރުން ހުށަހެޅުއްވިޔަސް، އެކަމަށް ތާއީދެއް ނުލިބުނެވެ.
މީގެ އިތުރުން އެ މައްސަލާގައި ގޮތެއް ނުނިމި ލަސްވެފައި އޮތްކަން ކޮމެޓީގެ ބައެއް މެމްބަރުން ފާހަގަ ކުރައްވައި، އެ މައްސަލަ އަންނަ ހަފުތާގައި ނިންމަން އެދިވަޑައިގަތެވެ.
މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން ވަކި މަގާމަކުން މީހަކު ވަކިކުރަން ކޮމެޓީއަކަށް ފެނިއްޖެ ނަމަ، އެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ކުރިން މަޖިލީހުގެ ރައީސަށް ފޮނުވައި، މަޖިލީހުގެ ޖަލްސާއެއްގައި އެކަން އިއުލާން ކުރަން ޖެހޭނެ އެވެ.
މެމްބަރުން ވަކި ކުރުމާ ދެކޮޅަށް އެ ކޮމެޓީގައި ވާހަކަ ދެއްކެވީ އަމިއްލަ މެމްބަރެއްގެ ގޮތުގައި ހުންނެވި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެކަންޏެވެ. އޭނާ ވިދާޅުވީ ސީއެސްސީގެ ގިނަ މެމްބަރުންގެ ދައުރު ހަމަވާން ދެން ބާކީ އޮތީ ކުޑަ ދުވަސްކޮޅެއް ކަމަށާއި އަދި މެމްބަރުންނަށް ތުހުމަތުކުރާ ކަންކަމަށް ބަލާއިރު، ހުރިހާ މެމްބަރުން އެއްފަހަރާ ވަކިކުރުން ރަނގަޅު ނޫން ކަމަށެވެ.
"ހަތަރު މެމްބަރުންގެ މައްސަލަ އަޅުގަނޑުމެން ބެލިއިރު މައިގަނޑު ގޮތެއްގައި މި ފާހަގަ ކުރެވެނީ މިދިޔަ ސަރުކާރުގެ ތެރޭގައި އެ ބޭފުޅުން ކޮށްފައި ހުރި ކަންތައްތަކެއްގެ ވާހަކަ. މާ ބޮޑަށް މި ސަރުކާރުގައި އުސޫލުގެ ބޭރުން ކަންތައްތަކެއް ކުރިކަމަކަށް އަޅުގަނޑުމެން ބެލި ބެލުންތަކުން ވެސް ނެތް ފާހަގަ ކުރެވިފައެއް. އަޅުގަނޑު ހިތަށް އަރާ އެއްޗަކީ މިހާރު އެ ހަތަރު މެމްބަރުން އެތަނުގައި ތިއްބަވައިގެން ސަރުކާރަށް އެއްބާރުލުން ނުލިބެއޭ އެ ވިދާޅުވާ ވާހަކައިގައި އެހާ ބޮޑު ހަގީގަތެއް އޮތް ކަމަކަށެއް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" އުޝާމް ވިދާޅުވި އެވެ.
އާމިރާ ވަކިކުރުމުގެ މަސައްކަތް ފެށުމަށް ނިންމިއިރު، އޭނާއަކީ މި ސަރުކާރު އައިފަހުން 2018 ވަނަ އަހަރުގެ ފަހުކޮޅު ސީއެސްސީއަށް އައްޔަންކުރި މެމްބަރެކެވެ. އެ ކޮމިޝަންގައި ދެން ތިއްބެވި މެމްބަރުންނަކީ ކުރީގެ ސަރުކާރުގެ ދުވަސްވަރު އައްޔަންކުރި މެމްބަރުންނެވެ.
ސީއެސްސީގެ މެމްބަރުން ވަކިކުރަން ނިންމީ ސީއެސްސީގެ މަސައްކަތްތައް ލަސްވެ، މިނިސްޓްރީތަކަށް ދަތިތައް ކުރިމަތިވާ ކަމަށް ވަޒީރުންގެ މަޖިލީހުގައި އެދިފައި ވަނިކޮށެވެ. ކުރިން ވަކިކުރަން ނިންމި ހަތަރު މެމްބަރުންގެ މައްސަލަ އަނބުރާ ކޮމެޓީއަށް ފޮނުވާލީ އޭރު ކޮމެޓީން އެގޮތަށް ފާސްކުރީ މަދު އަދަދެއްގެ މެމްބަރުން ބައިވެރިވި ބައްދަލުވުމެއްގައި ކަމަށްވާތީ އެވެ.
ސީއެސްސީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ހުރިހާ މެމްބަރުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ޖެންޑާ ކޮމިޓީން ވެސް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލީޑަރޝިޕް234
04 June 2020
އަމިއްލަ ވަޒީފާއަދާކުރާނެ ގޮތެއްނޭގިގެން އުޅޭހެންހީވަނީ، އިރުއިރުކޮޅާ މީހުންވަކިކުރަން ބަހުސްތިކުރަނީ ގުޑްގަވަނެންސް ދޯ.
ޢަލިމަނިކުފާނު
04 June 2020
ކޮބާ އެތަނުގެ ރައީސް. އެވެސް ބޭރުކުރަންޖެހޭ
މަންޑޭލާ
04 June 2020
އަސްލު މިކަމުގަ އަސްލަކީ އެމްޑީޕީ މީހަކު އައްޔަން ކުރުން މި މަގާމަ.
ޝޮކްތެރަޕީ
04 June 2020
ރާއްޖެ ދެކެ ލޯބިވާ އެމްމެން ވަކިކޮއްފަ އިންޑިޔާ މީހުން ވަޒީފާތަކަ ލާންވީ. އޭރުން ނަޝީދު ހިންހަމަ ޖެހޭނީ.
ރީތި މޫސަ
04 June 2020
ވަޒީފާތަކުގަ އުޅޭމީހުނަށް ބޭނުންހާގޮތެއްހަދަން އެއްބަސްނުވީމަ ވަޒީފާއިން ވަކިކުރަނީ މީ އިންސާފުހޯދައިދޭނަމޭބުނެ އައިސަރުކާރުގެ ކަންހުރިގޮތަކީ
އޮތެންޓިކްޕަވަރ
03 June 2020
މިހާރު މިއޮތް ސިވިލްސަރވިސް ކޮމިޝަނަކީ ނަގައިގެން 5 އަހަރު ސިވިލްސަރވިސް މުވައްޒަފުންނަށް އުނިކަމެއް ގެނެވެން އޮތިއްޔާ އެމަގުން އެކަން ކުޅަ ކޮމިޝަން އެއް ވާނީ އެހެން ވިގަނި އަރާހުރެ އެމްއެމް ޕީ އާރސީ ޖީބަށް ކަހާލާއިފި ދެން ޖެހުނީ މުވައްޒަފުންނަށް ލިބެންހުރި އެއްޗެތި މަދުކުރަން ކޮމިޝަން އޮތީ ފޫގަޅާ ސައިދުލް އިސްލާމް ވެސް ސެޓްފިކެޓް އަތަށް ލިބޭ ވަރަކަށް މަގާމްތަކުގެ އަސާސީ ޝަރްޠުތައް ބަދަލްކުޅަ އާމިރާ ނުހިމެނި އާމިރާ އަކީ މާފަހުގެ ކަނބަލެއް
އޮފީސް މަންޖެ
03 June 2020
އާމިރާ އަކީ ވަރަށް ކޮރަޕްޓް އެހާމެ ނުފޫޒުގަދަ މީހެއް. މީހުންނަށް ޖެއްސުންކުރުމާއި ޒާތީގޮތުން ޖައްސާލުން ކަމަކަށްވެފައި އޮންނަނީ. އޮފީސްގަ އުޅެންމިޖެހެނީ ބިރުވެރި ކަމެއްގެ ތެރޭގައި. ތަނެއްދޮރެއްނޭގޭ ކަމަނާއެއްމީ. މީނަޖެހޭނީ މިފަދަ ޒިންމާދާރު މަޤާމުތަކުން އެކަހެރިކޮށްފަ ގޭގަ ބައިންދަން.
ފޫހޖ
03 June 2020
މަޖިލީހާ ނުބެހޭ ކަމެއްނެތް. މިވަރުވީމަ އެއީ ބޮޑުވަރު. ހުރިހާ މިނިސްޓްރީ ތަކުން އޮފީސްހިންގަން ކުރަންޖެހޭކަންކަން މަޖިލީހުން ބުނެދޭ ހިސާބަށް ދިއުމުން ވުޒާރާތަކުން ޖަވާބުދާރީވާންޖެހެނީ ރައީސަށްތޯ ނުވަތަ މަޖިލީހަށްތޯ ސުވާލު އުފެދޭ. މިނިވަން މުވައްސަސާތަކާ ހިލާފަށް މިނިސްޓްރީތަކަކީ އެގްޒެކެޓިވް ބާރު އެބާރަށް ގާނޫނުހަދާ ބާރުވަދެ ހަތަރެސްފައި ބޭނުމަކީ ގޯހެއް. ލެއްވިހާ ކޮމެޓީއެއްހަދައިގެން ތިޔަގަންނަގަނޑަކީ މެންޑޭޓުގެ ބޭރުން ކުރާކަންކަން. ޒަކާތް ބަހަންވާ ލިސްޓާއި ފޫޅުމައި ފޯމް ލިޔަންވާގޮތް މަޖިލީހަކަށް ނުބުނެވޭނެ.
ރިތި މޫސަ
04 June 2020
ނޭގޭތަ ކާކުކަން ރިޔާސަތުގައިނީ ނުބެހޭކަމެއްނޯންނާނެ
ރުކުމާނު
03 June 2020
އާމިރާ އެކަންޏެއްނޫން. ހުރިހާ މެމްބަރުންވެސް ކަންޑާލަންޖެހޭ. އަލީ ޝަމީމާއި ޝަހީދަކީ ސިޔާސީ ކަންކަމުގަ ސިދާ ހަރަކާތްތެރިވި މީހުން. ސޯޝަލް މީޑިއާގަ އޭގެ ހެކި ސާފުކޮށް ފެންނަން އެބަހުރި. ވިދާޅުވިގޮތަކަށް ކަންކުރާ މީހުން މިހާ ޒިންމާދާރު ކޮމިޝަންތަކުގައި ބޭތިއްބުމުން ލިބުނު ގެއްލުން ސިވިލް ސާވިސްއަށް ފޫނުބެއްދޭނެ. ވަގުތުން ކަނޑާލަންޖެހޭ
ރުކުގޯނާ
03 June 2020
އާމިރާވެސް ހިމެނޭ ގޮތަށް ކޮމިޝަނުގެ ހުރިހާ މެންބަރުން ވަކި ކުރަން ނިންމާފަ އެއޮތީ. ރުކުމާނު އާޓިކަލް ރަނގަޅަށް ކިޔާފަ ކޮމެންޓް ކޮއްބަ
ބަނބުކެޔޮ ނަޝީދު
03 June 2020
މައްސަލަ އޮތީ ސީ އެސް ސީ ގައެއްނޫނޭ މައްސަލަ އޮތީ މަޖިލީހުގަ މަޖިލީހުން މަޖިލީހުގެ މައްސަލަނުބަލާ އެހެން އެއްވެސް މައްސަލައެއްނުބެލޭނެ . ފުރަތަމަ މަޖިލީސް ރައީސްގެ މައްސަލަބާ އެކަލޭގެ ބޭރުކުރުން މެންބަރުން ނަށް އައުލާކަން ބޮޑު