ހަލަބަށް ދޭ ވައިގެ ހަމަލާތަކުގެ ސަބަބުން އެ ސިޓީ ވަނީ ފުނޑުފުނޑުކޮށްލާފައި. --ފޮޓޯ:ރޮއިޓާސް
18 އޮކްޓޯބަރ 2016 - 12:42
މޮސްކޯ (އޮކްޓޯބަރު 18) - ސީރިއާގެ ހަލަބު ސިޓީ އަށް ދޭ ހަމަލާތައް އަށް ގަޑިއިރަށް ހުއްޓާލުމަށް ރަަޝިޔާ އިން އެއްބަސްވެއްޖެ އެވެ.
އަންނަ ބުރާސްފަތި ދުވަހު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށް ހަމަލާތައް ހުއްޓާލުމަށް ރަޝިޔާ އިން އެއްބަސްވީ ހަނގުރާމަވެރިންނާއި އާއްމުން ހަލަބުން ނުކުތުމަށް ފުރުސަތު ދިނުމަށެވެ. އެކަމަކު އދ. އިން ބުނެފައި ވަނީ އަށް ގަޑިއިރަކީ އެކަށީގެންވާ ވަގުތެއް ނޫން ކަމަށާއި އެންމެ މަދުވެގެން 12 ގަޑިއިރު ބޭނުންވާނެ ކަމަށެވެ.
"ހަމަލާތައް ކިތަންމެ ކުޑަ ވަގުތު ކޮޅަކަށް ހުއްޓާލިއަސް އެކަމަށް މަރުހަބާ ކިޔަން. އެކަމަކު އެހީ ފޯރުކޮށް ދިނުމަށް މިއަށް ވުރެ ގިނަ ވަގުތު ބޭނުންވާނެ،" އދ.ގެ ތަރުޖަމާން ސްޓެފާން ޑުޖާރިޗް ވިދާޅުވި އެވެ.
ހަލަބަށް ދިން ވައިގެ ހަމަލާތަކުގައި ވެއްޓުނު އިމާރާތެއްގެ ދަށުން 12 އަހަރުގެ ކުޑަ ކުއްޖަކު ސަލާމަތް ކުރަނީ. --ފޮޓޯ:އޭއެފްޕީ
ހަމަލާތައް ހުއްޓާލިކަން ރަޝިޔާ އިން އިއުލާންކޮށްފައި މި ވަނީ ހަލަބަށް ދިން ހަމަލާއެއްގައި އެއް އާއިލާއަކުން 14 މީހުން މަރާލި ހާދިސާ އަށް ފަހު އެވެ. ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން ސާގީ ރުޑްސްކޯއީ ވިދާޅުވީ ބުރާސްފަތި ދުވަހު ހެނދުނުން ފެށިގެން ރަޝިޔާ އާއި ސީރިއާ ސިފައިންގެ ވައިގެ ހަމަލާތައް ހުއްޓާލާނެ ކަމަށެވެ. އަދި ރަޝިޔާ އިން މަސައްކަތް ކުރަނީ ހަލަބަށް ސުލްހަވެރި ހައްލެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ހަލަބަށް ބޮމުގެ ހަމަލާތައް ދެމުންދާތީ ހުޅަނގުން ދަނީ ރަޝިޔާ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ރަޝިޔާ އިން ހިންގަނީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏ އައިކު
18 October 2016
ހުޅަގުން ފާޑުކިޔާނެ، އެމީހުން ހީކުރީކަހަލަ ތިމަންމެން އެކަނި ކަމަށް ދުނިޔޭގަ އުޅެންވީ. ރަޝިޔާ، ޗައިނާ ދުނިޔޭގެ ނުފޫޒުގެ ތެރެއަށް ވަދެގަތީމަ، ދެން ހުޅަގަށާއި އެމެރިކާއަށް ކުރެވޭނެ ކަމަކީ ފާޑުކިއުމާއި، ކުއްވެރިކުރުން. ނުކެރޭނެ މި ދެގައުމާއި ހަނގުރާމަކޮށްލާކަށް.