އަދުހަމް: އޭނާ ފުލުހުންނަށް ކުރި ތުހުމަތުތައް ބެލުމަށް އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން ވަނީ ދީފައި
18 ޖޫން 2020 - 12:28
ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލުމުގެ ދައުވާލިބޭ އަދުހަމް މުހައްމަދުގެ ފަރާތުން ފުލުހުންގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅޭ ކަންކަން ބެލުމަށް އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.
މިދިޔަ ޑިސެމްބަރު މަހު ގާސިމްގެ ކާރުގައި ދަތުރު ކުރަމުން ގޮސް ކަރަށް ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލި ކަމަށް ބުނެ ދައުލަތުން ދައުވާކުރާ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް ކޯޓުގައި ކުށަށް އެއްބަސްވުމަށް ފަހު އޭނާ ފަހުން ވަނީ އެކަމަށް އިންކާރު ކޮށްފަ އެވެ. އޭނާ ބުނެފައިވަނީ ކުރިން ކުށަށް އެއްބަސްވީ ފުލުހުންގެ ބަންދުގައި ހުރިއިރު އޭނާއަށް މަސްތުވާތަކެތި ދިނުމުގެ ސަބަބުން ވާނުވާ ނޭނގޭ ހާލަތެއްގައި ހުރެގެން ކަމަށެވެ.
އެ މައްސަލައިގެ ވީޑިއޯ ކޮންފަރެންސްކޮށް މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އަދުހަމްގެ ވަކީލާ އައިމިނަތު ރުކްޝާނާ ވިދާޅުވީ އަދުހަމް ކުރި ތުހުމަތުތަކާ ގުޅިގެން އިތުރު ކަންކަން ސާފުކުރަމުން އަންނަ ކަމަށާއި ހެކި ހާމަކުރުމުގެ ކުރިން އެކަމުގެ މައުލޫމާތު ސާފުކުރަން ބޭނުންވާ ކަމަށެވެ. އެހެންވެ، އެކަމަށް ހަތް ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށާއި އޭގެ ފަހުގައި އަދުހަމްގެ ފަރާތުން ވެސް ދިފާއުގައި ހެކި ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ ވަކީލާ ނިއުމާ މުހައްމަދު ވިދާޅުވީ އަދުހަމްގެ ތުހުމަތުތަކާ ގުޅިގެން އެކަން ހިނގި ގޮތް ދައުލަތުން ވެސް ބަލަމުން އަންނަ ކަމަށާއި އިތުރަށް އެ ކަންކަން ސާފުކުރަން ޖެހިއްޖެ ނަމަ، ތަހުގީގުކުރި ފުލުހުން ވެސް ޝަރީއަތަށް ހާޒިރު ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އަދުހަމްގެ ވަކީލަށް ފުރުސަތެއް ދިނުމަށް ދައުލަތުން ވެސް ދެކޮޅެއް ނުހެދި އެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ މައްސަލައިގެ ބާވަތުން އެކަމަށް ފުރުސަތެއް ދެއްވަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އަދި ހަތް ދުވަހުގެ ފުރުސަތަށް ފަހު ބާއްވާ އަޑުއެހުމެއްގައި ދެ ފަރާތުން ހެކި ހާމަ ކުރުމުގެ މަރުހަލާ ކުރިއަށް ގެންދަން ޖެހޭނެ ގާޒީ އިސްމާއިލް ވިދާޅުވި އެވެ.
ގާސިމް މަރާލި ކަމަށް ކޯޓުގައި އެއްބަސްވެ، މައާފަށް އެދުމަށް ފަހު ކުއްލި ގޮތަކަށް އަދުހަމް އެކަމަށް އިންކާރުކުރީ އޭނާގެ މައްޗަށް ހުކުމް އިއްވަން ބޭއްވި މަޖިލީހުގަ އެވެ. އޭރު ދައުލަތުން އޮތީ ލުއިކުރަން އެއްބަސްވެ، އަދުހަމާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ވެސް ހަދައިފަ އެވެ. އެކަމަކު މިހާރު އެ އެއްބަސްވުން އޮތީ ނިމުމަކަށް އައިސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮކިއަލި
18 June 2020
މިއީ މިނުކުޅެދޭ މިއިންސާނުންގެ ސިކުނޑިން ހަދާގާނޫނުތަކުގެ ހާލަތަކީ. ދެންމިވާގޮތުން އެއްކަލަ ކުށްވެރިޔާ އަތުންދޫކޮށްލާ ކުށްވެރިޔާ ހައްޔަރު ކުރިމީހުންބަނދުކޮ ކުށްވެރިކޮށް އަދަބުދޭންޖެހުނީ. ނިކަން ކަންކުރަން އަންގަވާފަ އޮތްގޮތަށް އެއްފަހަރުން. ދެންމިގައުމުގައި ތިކަހަލަ ކަމެއް ކުރަންކެރޭތޯ.
އަހުމަދުބޭ
18 June 2020
މިއީ މިދައްކާ ވާހަކަ، މިއީ ކުއްވެރިންގެ ގައުމެކޭ، މަރުވެދިޔަ ފުރާނާގެ އަގެއްނެތި އަދިވެސް ގާތިލަށް ހިމާޔަތްދީ ވަކީލައި ދެމީހުން ފުލުހުން ބަދުނާމުކޮށް ގާތިލް މަގުމައްޗަށް ނެރެ އަނެކަކު މަރާލަން މިފުރުސަތުދެނީ؟ ގާނޫނުތަށް ގިނަވެ މައުސޫމް ރައްޔިތުން ނިކަމެތިވެ ކުއްވެރީން ހިމާޔަތަށް ގާނޫނު ހެދުމުގައި އެންމެން ހޭބޯނާރާ މިއޮއްގެން ދަނީ
އިބްރާ
18 June 2020
މީނާ ސަލާމަތްވާނެ ކަމަށް ބެލެވޭ. މިފަދަ މީހުންނަށްް އިސްލާމް ދީނުގައިވާ އަދަބު ދިނުމަކީ އެމްޑީޕީ ސަރުކާރުގައި ވާނެކަމެއްވެސް ނޫނެވެ.
ގެދާނޯމޮސް
18 June 2020
މަރުވެދިޔަ ފުރާނަޔަށް ވުރެ މިގާތިލްގެ ދަރަޖަ މިގައުމުގަ މިހާރު ހުރީހަތްވަނަ ދަރަޖަައަށް އުފުލިފައެވެ. މީކަންދެން ވާނެގޮތެވެ. ފުލުހުންދެކެ ނަފްރަތު ކުރާބަޔަކަށް މިފަދަ ކުށްވެރިންގެ ތުހުމަތު ކުރާނަމަ މިހާރުގެ ހާލަތުން މިގައުމުގެ އެއްވެސް ކޯޓަކުން މިފަދަ ކަމެއްނުބަލާނެއެވެ.
ހަސީ ހަސީ
18 June 2020
ކަމަކާ ނުލާވެސް ފުލުހުންގެ މުއައްސަސާގެ އަގުވައްޓާލަނީ! މިހާރުގެ ޓްރެންޑް!
ޙަލީމާ
18 June 2020
ވަކީލާއަށް ވަރަށް ސަލާމަށްފަހު ދަންނަވަމެވެ. މީހެއްގެ މަރުގެ މައްސަލާގައި ހައްޔަރު ކޮށްފައި ހުރި މީހަކު ސަލާމަތް ކުރުމަށް، ތިހަދާ ދޮގުތަކާއި މަކަރާއި އޮޅުވާލުމަކީ ގިޔާމަތް ދުވަހުން ބައްލަވާނެ ކަންކަމެވެ. ހަމަ ކަށަވަރުން މުއުމިނަކު މަރާފި މީހާގެ ހިސާބު ބައްލަވައި އޭނާ ނަރަކަށް އެއްލާލެވޭ ހިނދު، ދުނިޔެ މަތީގައި އެކަމުގައި ބައިވެރިވި މީހުންގެ ހިސާބު ވެސް ބައްލަވައި އަދަބު ދެއްވާނެތެވެ. ޤާތިލަކު ފިލުވި މީހަކަށް ހުރި ޢާޒާބު ލިބޭނެކަން ހަނދާންކޮށް ދެމެވެ.
ޙަލީމު
18 June 2020
އެނގޭ. އެންމެ ފަހުން ކުށްވެރިވާނީ ނިޔާވި މީހާއި ފުލުހުންކަން.
ފުންއަސަރު
18 June 2020
މިދުނިޔޭގާ ނުބައި ގޮތްގޮތަށް އުޅެވިދާނެ. އަދި ދޮގާ މަކަރާ ފައިސާއިން މީހުން ހައްލާލެވިދާނެ. އެކަމަކު ތިކުރާ ކަންތަކުގެ ހިސާބު ބެއްލެވޭނޭ ދުވަހެއް އަންނާނެ. އެދުވަސް އެމީހަކާ އަރާ ހަމަކުރާނެ. އެދުވަހަކުން ހަމަގައިމުވެސް އެކަންކަމުން ސަލާމަތްކޮށްދޭނޭ ވަކީލެއް، މައެއް ބަފައެއް، އަދި ދަރިންނެއްވެސް ނުތިބޭނެ. މިދުނިޔޭގާ ކުރި ހެޔޮއަމަލެއްގެ ފައިދާނޫނީ އެދުވަހަކުން ނުކުރާނެ. ސުބުހާނަﷲ! ސުބުހާނަﷲ! ސުބުހާނަﷲ!