ޑެނީ.
19 ޖޫން 2020 - 16:57
ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ޓީވީ ސިލްސިލާ "ދެޓް ސެވެންޓީސް ޝޯ" އިން މަޝްހޫރުވި އެކްޓަރު ޑެނީ މާސްޓަސަންގެ މައްޗަށް، ތިން އަންހެނަކު ރޭޕްކުރިކަމުގެ ދައުވާ އުފުލައިފި އެވެ.
ސިލްސިލާގައި ސްޓީވެން ހައިޑްގެ ރޯލް ކުޅުނު 44 އަހަރުގެ އެކްޓަރުގެ މައްޗަށް ދައުވާކުރީ 2001-2003 އާ ދޭތެރޭ ތިން އަންހެނަކު ރޭޕްކުރި މައްސަލައިގައި އެވެ. ނަމަވެސް އޭނާ ވަނީ އެ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. ދައުވާއާ ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ރޭ ޑެނީ ހައްޔަރު ވެސް ކުރި އެވެ. އެކަމަކު ކަފާލާފަށް 3.3 މިލިއަން ޑޮލަރު ދައްކައިގެން މިހާރު ހުރީ ދޫކޮށްލައިފަ އެވެ.
ތިން އަންހެނަކު ރޭޕްކުރި މައްސަލާގައި ޑެނީ އަށް ދައުވާކުރި އިރު، އޭނާގެ މައްޗަށް މިފަދަ އިތުރު ދެ ތުހުމަތެއް ވެސްކޮށްފައިވެ އެވެ. އެކަމަކު އެ މައްސަލަތަކާ ގުޅޭގޮތުން ސާބިތުވާ ވަރަށް ހެކި ލިބިފައިވާތީ ދައުވާއެއް ނުކުރެ އެވެ.
ޑެނީ އަކީ "އޯލްމޯސްޓް ފޭމަސް" އާއި "މޭޑް ފޮ އީޗް އަދާ" ފަދަ ފިލްމުތައް ކުޅުނު ބަތަލާ/މޮޑެލް ބިޖޯ ފިލިޕްސްގެ ފިރިމީހާ އެވެ. ދެހާސް އެގާރައިގައި ކުރި އެ ކައިވެންޏަށް މިހާރު 6 އަހަރުގެ ކުއްޖަކު ވެސް އެބަ ހުއްޓެވެ.
ޑެނީގެ މައްޗަށް ރޭޕްގެ ތުހުމަތުތައް އެންމެ ފުރަތަމަ ކުރެވުނީ ހޮލީވުޑްގައި ޖިންސީ ފުރައްސާރަތަކާ ދެކޮޅަށް #މީޓޫގެ ނަމުގައި ފެށި ކެމްޕޭނެއްގެ އަޑު ވެސް މަސައްކަތް އެންމެ ވަރުގަދަވި ދުވަސްވަރު އެވެ. އޭނާގެ މައްޗަށް ކުރެވުނު ތުހުމަތަކާ ގުޅިގެން ނެޓްފްލިކްސް އިން ވަނީ އެ ޕްލެޓްފޯމުން 2016-2018 އަށް ގެނެސްދިން ސިޓްކޮމް "ދަ ރާންޗް" އިން ވެސް ޑެނީ ވަކިކޮށްފަ އެވެ.
ގިނަ އަދަދެއްގެ ސިލްސިލާތައް ކުޅެފައިވާ ޑެނީ ފިލްމުތަކެއް ވެސް ކުޅެފައިވެ އެވެ. "ސްޓާ ކިޑް" އާއި "ޑްރެކިއުލާ 2000" އަދި "ކެލިފޯނިއާ ސޯލޯ" ފަދަ ފިލްމުތަކުން ފެނިފައިވާ ޑެނީގެ އެންމެ ފަހުގެ ފިލްމަކީ 2016 ގެ "އާޖް" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ކިލިން ވިިންސްޓަން ޖޯންސް" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy