ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

އެވަޓަން އިން ލިވަޕޫލް ހިފަހައްޓައިފި

އެވަޓަންގެ ކީން (ކ) ކައިރިން ލިވަޕޫލްގެ މާނޭ ބޯޅަ ކޮންޓްރޯލްކުރަން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް (ޖޫން 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އިން ލީގުގެ އެއް ވަނައިގައި ބޮޑު ތަފާތަކާ އެކު އޮތް ލިވަޕޫލާ ލަނޑެއް ނުޖެހި އެއްވަރުކޮށްފި އެވެ.

މިއީ ލީގުގައި ލަނޑެއް ނުޖެހި އެވަޓަން ދަނޑުގައި ލިވަޕޫލާ ޖެހިޖެހިގެން އެއްވަރުވި ތިން ވަނަ ފަހަރެވެ.

ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 23 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ 30 މެޗުން 83 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 30 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ. ލީގުގައި މިރޭ ސިޓީ އަމިއްލަ ދަނޑުގައި ބާންލީ އަތުން މޮޅުނުވެވިއްޖެނަމަ ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް ބަލިކޮށްގެން ލިވަޕޫލަށް ލީގުގެ ޗެމްޕިއަންކަން ހޯދޭނެ އެވެ. އެކަމަކު ސިޓީން މިރޭ މޮޅުވެ އަދި އާދިއްތަ ދުވަހު ޗެލްސީގެ މައްޗަށް ކުރިހޯދައިފިނަމަ ލިވަޕޫލަށް ލީގު ހޯދުމުގެ ފުރުސަތު ދެން އެންމެ އަވަހަށް ލިބޭނީ އަންނަ މަހު ދެ ވަނަ ދުވަހު ސިޓީ ދަނޑުގައި ކުޅޭ މެޗުންނެވެ.

އެވަޓަންގެ ގުޑިސަން ޕާކުގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލުން އެ ޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ސަލާހާއި އެންޑީ ރޮބަޓްސަން ނުކުޅެ އެވެ. ރޮބަޓްސަންގެ ބަދަލުގައި ވާތު ފަޅިން ފުލްބެކަކަށް ކުޅުނީ ޖޭމްސް މިލްނާ އެވެ. ފުރަތަމަ ހާފުގައި މިލްނާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާގެ ބަދަލުގައި ޖޯ ގޯމޭޒް ވަނީ ކުޅެން އަރުވައިފަ އެވެ.

މެޗުގެ ކުރީކޮޅުގައި އެވަޓަންގެ ރިޗާލިސަން ޖެހި ބޯޅައެއް ދިޔައީ ގޯލުގެ ދަނޑިކައިރިން ބޭރުންނެވެ. އަދި ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ ފޮނުވާލި ހަމަލާ ވެސް ގޯލާ ސީދާނުވި އެވެ. ދެ ވަނަ ހާފުގައި ދެ ޓީމުން ވެސް ބަދަލުތަކެއް ގެނެސް ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ.

އެވަޓަންގެ ޓޮމް ޑޭވިސް ލިވަޕޫލްގެ ގޯލާ އަމާޒުކޮށް ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: އޭއެފްޕީ

މުޅި މެޗަށް ބަލާއިރު ލަނޑެއް ޖެހުމާ އެންމެ ގާތަށް ޖެހިލީ އެވަޓަން އިންނެވެ. އެއީ މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ޓޮމް ޑޭވިސް އެވެ. އޭރިއާ ތެރެއިން ޑޮމިނިކް ކަލްވެޓް-ލެވިން ޖެހި ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އަތުގައި ޖެހިފައި ލިބުނީ ޑޭވިސް އަށެވެ. އޭނާ ތިރިތިރިން ފޮނުވާލި ބޯޅަ ލިވަޕޫލްގެ ގޯމޭޒް ފައިގައި ޖެހިފައި އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު ރޭ ލިވަޕޫލުން ފުރަތަމަ ފަހަރަށް މެޗެއް ކުޅުނުއިރު، މިއީ އެލިސަން ވެސް އަނިޔާ އަށް ފަހު އެނބުރި އައި މެޗެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ އެލިސަން ރޭ ދެއްކި ކުޅުމަށް ތައުރީފުކޮށްފަ އެވެ.

ރޭގެ މެޗަކީ 10 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލިވަޕޫލްގެ މައްޗަށް ކުރިހޯދަން އެވަޓަން އަށް ލިބިގެންދިޔަ ރަނގަޅު ފުރުސަތެއް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

"ލިވަޕޫލް އަކީ ޔަގީނުން ވެސް ޗެމްޕިއަންކަން ހޯދާނެ ޓީމު. ލިވަޕޫލަށް މި ސީޒަނުގެ މިހާތަނަށް މޮޅު ނުވެވުނީ ތިން މެޗުން އޭގެން އެއް މެޗަކީ އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗަކަށް ވުމަކީ އަހަރެމެންގެ ލެވަލް ރަނގަޅުވެފައިވާ ކަމުގެ ހެއްކެއް. މީގެން ނެގޭނެ އެޑްވާންޓޭޖް އެބަހުރި،" އަންޗެލޮޓީ ބުންޏެވެ.

އޭނާ ބުނީ ރޭގެ މެޗުގައި އެވަޓަން އަށް ވެސް ގިނަ އުނދަގޫތަކެއް ދިމާވި ކަމަށާއި ލިވަޕޫލް ހުއްޓުވުނީ ޕްލޭނާ އެއްގޮތަށް ހުރިހާ ކުޅުންތެރިން މަސައްކަތްކުރުމުން ކަމަށެވެ.

0 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 30%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454