މިގޮތަށް ލޮނުފެނުން ނޭފަތް ދޮވެ އަދި ލޮނުފެނުން ކަރު ދޮވެގެން ކޮވިޑް-19 އަށް ފަރުވާ ކުރެވިދާނެތޯ އަންނަނީ ބަލަމުން
25 ޖޫން 2020 - 21:54
އާދައިގެ އަރިދަފުސް ރޯގާ ޖެހުމުން ގޭގައި ފަރުވާކުރުމަށް ހަދާ ލޮނުފެނުން ކޮވިޑް-19 އަށް ފަރުވާ ކުރެވިދާނެތޯ ބެލުމަށް ސްކޮޓްލެންޑުގެ އެޑިންބާގްގެ ރިސާޗަރުން މަސައްކަތް ފަށައިފި އެވެ.
މީގެ ކުރިން ހަދާފައިވާ ދިރާސާއަކުން ބެލެވިފައިވާ ގޮތުގައި، އާދައިގެ އަރިދަފުސް ރޯގާ ޖެހުމުން ލޮނުފެނުން ކަރާއި ނޭފަތް ދޮވުމުން ބަލީގެ އަލާމާތްތައް ކުޑަވެ އެވެ. އަދި މި ފެނުން ކަރާއި ނޭފަތުގެ އެތެރެ ދޮންނަ ނަމަ ބަލި ރަނގަޅުވުން ވެސް އަވަސްވާކަން ވެސް އެނގިފައިވެ އެވެ. ނޭފަތް ދޮވުން ކަމަށް ބަލާފައި ވަނީ ނޭސަލް އިރިގޭޝަން ނުވަތަ އެއް ނޭފަތުން ފޮނުވާލާ ލޮނުފެން އަނެއް ނޭފަތުން ނުކުންނަ ގޮތަށް ދޮވުމަށެވެ.
ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 އަށް ވެސް މިގޮތަށް ފަރުވާ ދެވިދާނެތޯ ބެލުމުގެ މަސައްކަތް އެޑިންބާގް ޔުނިވާސިޓީގެ ސައިންސްވެރިން މިހާރު ވަނީ ފަށައިފަ އެވެ.
ސައިންސްވެރިން މިހާރު އަންނަނީ ކޮވިޑް-19 ގެ އަލާމާތްތައް ހުރި ނުވަތަ އެ ބަލި ޖެހިފައިވާކަން ކަށަވަރުވެފައިވާ މީހުން ދިރާސާގައި ބައިވެރިކުރަމުންނެވެ.
އަރިދަފުސް ރޯގާ ޖެހުމުން ލޮނުފެނުން ކަރާއި ނޭފަތް ދޮވުމުން ބަލީގެ އަލާމާތްތައް ކުޑަވެ، އަވަހަށް ރަނގަޅުވާ ކަމަށް ދެއްކި "އެޑިންބާގް އެންޑް ލޮތިއަންސް ވައިރަލް އިންޓަވެންޝަން ސްޓަޑީ" ގައި ސައިންސްވެރިން ވަނީ އާންމު އަރިދަފުސް ރޯގާ ޖެހިފައި ތިބި ބައެއްގެ ތެރެއިން އެއް ބަޔަކު، އުނދަގޫވާ ނަމަ ކަރާއި ނޭފަތް ލޮނުފެނުން ދޮންނަން ބުނެފަ އެވެ. އަނެއް ގްރޫޕްގެ މީހުން އާންމު އެހެން ފަރުވާތައް ހޯދަން ބުންޏެވެ.
މި ދިރާސާގައި ބައިވެރިކުރި މީހުން ދެ ހަފުތާ ވަންދެން، އެ މީހުން ރޯގާ އަށް ފަރުވާ ހޯދަމުން ދިޔަ ގޮތް ލިޔެފައި ބެހެއްޓި އެވެ. އަދި މި މުއްދަތުގެ ތެރޭގައި ނޭފަތުން އަމިއްލަ އަށް ސާމްޕަލް ނަގާފައި ބެހެއްޓި އެވެ.
ދިރާސާ ޓީމުން އޭރު ބުނެފައިވާ ގޮތުގައި ނޭފަތާއި ކަރު ލޮނުފެނުން ދޮވުނު މީހުންގެ ބަލި މާ އަވަހަށް ރަނގަޅުވި އެވެ. އަދި އެ މީހުންގެ ފަރާތުން އެހެން މީހުންނަށް ރޯގާ ޖެހުމުގެ ފުރުސަތު ވެސް ކުޑަވި އެވެ. މީގެ އިތުރުން ރޯގާގެ ވައިރަސް އެ މީހުންގެ ހަށިގަނޑުން ފިލައިގެން ދިޔުން ވެސް އަވަހެވެ. އަދި އިތުރު ބޭހެއް ބޭނުންކުރަން ޖެހުނު މީހުން ވެސް މި ގްރޫޕްގެ ތެރޭގައި މަދެވެ.
ކޮވިޑް-19 އާ ދެކޮޅަށް މި ފަރުވާ ބޭނުންކުރެވިދާނެތޯ ބެލުމާ ބެހޭ ގޮތުން ޔުނިވަސިޓީގެ ޕްރޮފެސަރު އަޒީޒް ޝައިޚް ވިދާޅުވީ މިއީ ހަމައެކަނި ލޮނުން ދޭ ފަރުވާއެއް ކަމަށް ވާތީ، މިގޮތަށް ކޮވިޑް-19 އަށް ވެސް ފަރުވާ ކުރެވޭކަން ޔަގީންކުރެވިއްޖެ ނަމަ މިއީ އަގު ހެޔޮ އަދި ފަސޭހައިން ދެވޭނެ ފަރުވާއަކަށް ވާނެ ކަމަށެވެ. -- ބީބީސީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިރާސް
25 June 2020
ކޮވިޑް ޖެހިފަހުރި މީހަކު މޫދުގައި ހުރިނަމަ އެތާތިބި އެހެން މީހުނަށް ޖެހޭނެތަ..
ގެދާނޯމޮސް
25 June 2020
ﷲ އީ އިންސާނާ ނުދަންނަ ކަންކަން ހޯދުމަށް އެއިންސާނާ ގަދައަޅައި މަސަތްކަތް ކުރުމަށް އަންގެވި ރަސްކަލާނގެއެވެ. އަދި އެންގެވިއެވެ. ތިޔަބައި މީހުންނަށް އުނދަގޫކަމާއި އެކު ފަސޭހަކަން ވެއެވެ. އެންމެ އުނދަގޫ ކަމަކަށް އެންގެވި ކަމަކަށް ފަރުޝު ނަމާދު ވެސްއެވަނީ 50 ނަމާދުން 5 ނަމާދަށް އިންސާނާ އަށް ލުއިކޮށް ދެއްވާފައެވެ.
ެލެބޯޓެރީ
25 June 2020
ތިބޭސް ކާމިޔާބު ވެއްޖެ ނަމަ ތިބޭސް އެއްމެ ގިނަވާނީ ދިވެހި ރާއްޖޭގައި ތާއެވެ.
ދެނޯ
25 June 2020
"އެެއް ނޭފަތުން ފޮނުވާލާ ލޮނުފެން އަނެއް ނޭފަތުން ނިކުންނާނީ" މީހެއްގެ ދެނޭފަތް ހުރެގެން ތާއެވެ؟ ހެހެހެ
ހާދަ މޮޅޭ
26 June 2020
ރަދީފު ބަލައިލާ. ބަސް ދަސްކޮށްފަ ފާޑު ކިޔާ
އިޔެ1
25 June 2020
ނޭސަލް އިރިގޭޝަނަކީ ވުޞޫ ކުރަން އޮންނަގޮތަށް ނޭފަތަށް ފެންލުން. ސައިންސްވެރިން ތިއުޅެނީ މާފަހަތުގައި.