ހަނދަށް ކުރާ ދަތުރުތަކަށް ނާސާ އިން ހާއްސަ ފާހާނާއއް ބޭނުންވޭ.
28 ޖޫން 2020 - 07:36
މީގެ ހަތަރު އަހަރު ފަހުން ހަނދަށް ކުރާ ދަތުރުގައި ބޭނުންކުރާ އުޅަނދަށް ހާއްސަ ފާހާނާއެއް ޑިޒައިންކުރަން އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން އާންމުކޮށް ހުޅުވާލައިފި އެވެ.
މިކަމަށް ނާސާ އިން ވަނީ 35،000 ޑޮލަރުގެ އިނާމެއް ވެސް ހުށަހަޅައިފަ އެވެ. އެއީ އެއް ވަނަ އަށް 20،000 ޑޮލަރު، ދެވަނަ އަށް 10،000 ޑޮލަރު އަދި ތިން ވަނަ އަށް 5،000 ޑޮލަރެވެ.
ޑިޒައިން ހުށަހަޅަން ޝައުގުވެރިވާ މީހުންނަށް އަންނަ އޮގަސްޓް މަހުގެ 17 އާ ހަމައަށް ވަނީ ޑިޒައިންތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. ވަނަތައް އިއުލާންކުރާނީ އޮކްޓޯބަރު މަހުގެ 20 ގަ އެވެ.
ނާސާ އިން ބުނި ގޮތުގައި ހަނދަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނެ ފާހާނާ އަކީ ދަތުރަށް ހާއްސަކޮށްފައިވާ އުޅަނދު އާޓެމިސް ލޫނާ ލޭންޑާގައި ހުންނާނެ އެއްޗެކެވެ. އެގޮތުން މީގައި ހާއްސަ ސިފަތަކެއް ހުންނަން ޖެހެ އެވެ. ޖައްވުގެ ތެރޭގައި ބޭނުންކުރާ އެއްޗަކަށްވާތީ މިއީ މައިކްރޮގްރެވިޓީ އަދި ލޫނާ ގްރެވިޓީ "ޒީރޯ-ޖީ" އެއްޗަކަށްވާން ޖެހޭނެ އެވެ.
ތަށީގެ ބަރުމިން 33 ޕައުންޑް (15 ކިލޯ) އަށް ވުރެ ބަރުވެގެން ނުވާނެ އެވެ. އަދި މި ފާހާނާ ވާންޖެހޭނީ ފެނުގެ ހަރަދު ކުޑަ، ސާފުކުރަން ފަސޭހަ، 70 ވޮޓަށް ވުރެ މަދުން ހަކަތަ ބޭނުންވާ އަދި ދެ މީހުންގެ ޖާގައިގެ އުޅަނދުގައި އިންނަ އަނެއް މީހާ އަށް، ފާހާނާކުރާ އިރު ވަސް ނުދުވާނެ އެއްޗަކަށެވެ. މީގެ އިތުރުން ފްލަޝްކުރުމުން އިވޭ އަޑު ވެސް އާދައިގެ ފާހާނާތައްޓަކަށް ވުރެ މަޑުވާން ޖެހޭނެ އެވެ.
ނާސާ އިން ބުނެފައިވާ ގޮތުގައި 2024 ގައި ހަނދަށް ކުރާ ފުރަތަމަ ދަތުރުގައި ފުރަތަމަ ފަހަރަށް އަންހެން އެސްޓްރޯނަޓަކު ވެސް ބައިވެރިވާނެ އެވެ.
އެހެންވެ މިއީ ވަރަށް ތާރީހީ ދަތުރަކަށްވެފައި، ދަތުރަށް ބޭނުންކުރާ އުޅަނދުގައި ހުންނަ ފާހާނާ އަކީ ދެ ޖިންސްގެ މީހުންނަށް ވެސް ފަސޭހަކަމާ އެކު ބޭނުންކުރެވޭ އެއްޗަކަށް ވާން ޖެހޭނެ އެވެ.
ޕްރޮޖެކްޓާ ބެހޭ އިތުރު މައުލޫމާތު ތިރީގައި މިއޮތް ލިންކުން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލަމްހަސަން
01 July 2020
ދަ ބިގް ބޭންގް ތިއަރީ؟
އިސްރޯ
28 June 2020
ތިކަމަށް ދިވެހި ކުދިން ވަރަށް މޮޅުވާނެ.