އެމިރޭޓްސްގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސަނީ-- ފޮޓޯ:މިހާރު
30 ޖޫން 2020 - 13:08
ޖުލައި 16ވަނަ ދުވަހުން ފެށިގެން އެމިރޭޓްސްގެ ދަތުރުތައް ރާއްޖެ އަށް ފަށާނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
އެމިރޭޓްސްްއިން ބުނިގޮތުގައި އަލުން ދަތުރުތައް ފަށާއިރު ރާއްޖެ އާއި ދުބާއީއާ ދެމެދު ކޮންމެ ހަފްތާއަކު ފަސް ފްލައިޓް އޮންނާނެ އެވެ. މި ދަތުރުތައް އޮންނާނީ ބުރާސްފަތި، ހުކުރު، ހޮނިހިރު އާދީއްތަ އަދި ހޯމަ ދުވަހު އެވެ. އެހެންކަމުން މި ފްލްއިޓުތަކަށް ބުކިން ހެއްދުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށް އެ އެއާލައިނުން ބުންޏެވެ.
މި ދަތުރުތަކާ އެކު އެމިރޭޓްސްއިން ޖުލައި މަސްތެރޭގައި 52 މަންޒިލަކަށް ދަތުރުކުރާނެ އެވެ. މީގެ ތެރޭގައި މެދު އިރުމައްޗާއި އެފްރިކާ އަދި އެމެރިކާ އާއި ޔޫރަޕުގެ މަންޒިލްތައް ހިމެނެ އެވެ.
އެ އެއާލައިނުން ވަނީ އަލުން ދަތުރުތައް ފެށުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް ވަރުގަދަކޮށްފަ އެވެ. އެގޮތުން އެ އެއާލައިނުން ދަތުރުކުރާ ކޮންމެ ޕެސެންޖަރަކަށް މާސްކާއި އަންގިއާއި ސެނިޓައިޒާ އަދި އެންޓި ބެކްޓީރިއަލް ވައިޕްސް ހިމެނޭ ހައިޖީން ކިޓެއް ލިބޭނެ އެވެ.
ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވަން ނިންމާފައި ވަނީ ޖުލައި 15ގަ އެވެ. އަދި ރާއްޖެ އަށް އަންނަން ބޭނުންވާ އެއާލައިންތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ރާއްޖޭގެ މައި އެއާޕޯޓު ހިންގާ އެމްއޭސީއެލުން ބުނިގޮތުގައި އެ އެއާޕޯޓުގެ ސްލޮޓަށް 10އެއާލައިނަކުން ވަނީ އެދިފަ އެވެ. އެއާލައިންތައް އިތުރު ކުރުމަށް އެ ކުންފުނިން ވަނީ އެކި ހިދުމަތްތަކުން ޑިސްކައުންޓު ދޭން ވެސް ނިންމާފަ އެވެ. މި ނިންމުމުގެ ދަށުން އޮގަސްޓު 31 ގެ ކުރިން ދަތުރުތައް ފަށާ އެއާލައިންތަކަށް އެކި ހިދުމަތްތަކުން 100ޕަސެންޓު ޑިސްކައުންޓު ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy