ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގައި އިއްތިހާދުގެ މަތިންދާ ބޯޓު ޖައްސާފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
01 ޖުލައި 2020 - 12:59
ޔޫއޭއީގެ އިއްތިހާދު އެއާވޭސްގެ ދަތުރުތައް މި މަހުގެ 16 ދުވަހު ރާއްޖެ އަށް ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އިއްތިހާދު އެއާވޭސްއިން ދަތުރުތައް ފެށުމުގެ ގޮތުން މި މަހު ބާއްވާނީ ކޮންމެ ހަފްތާއަކު ދެ ދަތުރެވެ. ނަމަވެސް މި މަސް ނިމުމުން ދަތުރުތައް އިތުރު ކުރުމަށް އެ އެއާލައިނުން ވަނީ ނިންމައިފަ އެވެ.
ރާއްޖޭގެ އިތުރުން މި މަހުގެ ތެރޭގައި އިތުރު 40 މަންޒިލަކަށް އިއްތިހާދުން ދަތުރު ފަށާނެ އެވެ. މީގެ ތެރޭގައި އިންޑިއާގެ މުމްބާއީ އާއި ޗެއްނާއީ އަދި ބެންގަލޫރޫ ހިމެނެ އެވެ. އެ އެއާލައިންގެ ހުރިހާ ދަތުރުތައް ވެސް ރާވާފައިވަނީ އަބޫދާބީން ކަނެކްޓު ވާގޮތަށެވެ.
އެ އެއާލައިނުން ވަނީ ފަސިންޖަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ހިދުމަތްތަކަށް ބަދަލުތައް ވެސް ގެނެސްފަ އެވެ. އެގޮތުން ފްލައިޓުގައި ސެނިޓައިޒާ ހަރުކުރުމާއި ކޮންމެ ދަތުރަކަށްފަހު ފްލައިޓު އެއްކޮށް ޑިސްއިންފެކްޓު ކުރުމާއި ކާބޯތަކެތި ފަސިންޖަރުންނަށް ދިނުމުގެ ކުރިން ޓެސްޓު ކުރުން ހިމެނެ އެވެ.
މީގެ އިތުރުން އެ އެއާއަލިނުން ދަތުރު ކުރާ ކޮންމެ ފަސިންޖަރަކު ވެސް ހުންނަން ޖެހޭނީ މާސްކު އަޅައިފަ އެވެ. މިކަމަށް ބާރު އެޅުމުގެ ގޮތުން ކޮންމެ ފަސިންޖަރަކަށް ކެއާ ޕެކޭޖެއް ލިބޭނެ އެވެ. މި ޕެކޭޖުގައި މާސްކާއި އަންގި އަދި ސެނިޓައިޒާ ފުޅިއެއް އޮންނާނެ އެވެ.
އިއްތިހާދު އެއާލައިނުން ވަނީ ފްލައިޓް ތެރޭގައި ވެސް ސޯޝަލް ޑިސްޓެންސިން ބެހެއްޓޭނެ އިންތިޒާމް ހަމަޖައްސައިފަ އެވެ. އެގޮތުން، ދެ ސީޓު ދެމެދުގައި ދުރުމިން ބަހައްޓާފައިވާއިރު ކޮންމެ ސީޓެއްގައި ވެސް ބޭނުން ކުރާނީ އާ ކަވަރުތަކެކެވެ. އަދި މުޅި ފްލައިޓުގައި ހަރުކޮށްފައިވާ އެއާ ފިލްޓާގެ ސަބަބުން ވައިގެ ތެރޭގައި އުފެދޭ ޖަރާސީމު ނައްތާލަދޭނެ އެވެ.
އިއްތިހާދުގެ ދަތުރުތައް ރާއްޖެ އަށް އަލުން ފަށަން ނިންމާފައިވާއިރު އެމިރޭޓްސްގެ ދަތުރުތައް ވެސް މި މަހުގެ 16ގައި ރާއްޖެ އަށް ފަށަން ވަނީ ނިންމައިފަ އެވެ. މިއީ ކޮވިޑް-19އަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމުން އެންމެ ފުރަތަމަ ދަތުރުތައް ފަށާނެ ކަމަށް އިއުލާން ކުރި ދެ އެއާލައިނެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy