ކުޅިވަރު / އުރީދޫ ދިވެހި ޕްރިމިއާ ލީގު

މޮޅަކާ އެކު މާޒިޔާ ލީގުގެ އައްޑަނަ އުފުލާލައިފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ މާޒިޔާ އިން ފަހު މެޗުގައި މިރޭ ކްލަބް އީގަލްސް އަތުން 2-1 އިން މޮޅުވެ، ލީގުގެ އައްޑަނަ އުފުލާލައިފި އެވެ.

މާޒިޔާ އިން ލީގު ނިންމާލީ 47 ޕޮއިންޓާ އެކު އެވެ. ލީގުގެ ދެ ވަނަ މަގާމް 42 ޕޮއިންޓާ އެކު ޓީސީ ސްޕޯޓްސް ކްލަބް ހޯދިއިރު ތިން ވަނަ އަކީ 38 ޕޮއިންޓާ އެކު އީގަލްސް އެވެ.

މާޒިޔާ އިން ފުރަތަމަ ފަހަރަށް ލީގުގެ ޗެމްޕިއަން ހޯދިއިރު އެ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށް ލީގުގެ އައްޑަނަ ހަވާލުކޮށްދެއްވީ ކުޅިވަރާ ބެހޭ މިނިސްޓަރުގެ ނައިބް އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އެވެ.

މާޒިޔާގެ ކުޅުންތެރިންނާއި އޮފިޝަލުން ލީގުގެ އައްޑަނައާ އެކު އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޒިޔާ އާއި އީގަލްސް އަށް ވެސް މުހިއްމު ކަމެއް ނެތް މިރޭގެ މެޗުގައި، ދެ ޓީމުގެ ފަރާތުން ވެސް އުފެއްދުންތެރި އެޓޭކިން ގޭމެއް ވަނީ ފެނިފަ އެވެ. މެޗުގެ ލީޑު ނެގީ 25 ވަނަ މިނެޓުގައި މާޒިޔާ އިންނެވެ. ހާފުގެ މެދުތެރެއިން މުހައްމަދު އުމެއިރު ނެގި ހުރަސް އޭރިއާ ތެރޭ ހުރެ ގޯލަށް ވައްދާލީ އަސަދުﷲ އެވެ.

އޭގެ މިނެޓެއް ފަހުން އީގަލްސް އިން ވަނީ މެސެޑޯނިއާ ފޯވާޑް ރިސްޓޭ ނައުމޯފްގެ ލަނޑުން އެއްވަރުކޮށްފަ އެވެ. އޭނާ ގޯލް ޖެހީ ވެސް އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅައެއް ބޮލުން ގޯލް ތެރެއަށް ވައްދާލައިގެންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޕޮއިންޓް ޓޭބަލް

1 - މާޒިޔާ: 47 ޕޮއިންޓް

2 - ޓީސީ ސްޕޯޓްސް ކްލަބް: 42 ޕޮއިންޓް

3 - ކްލަބް އީގަލްސް: 38 ޕޮއިންޓް

4 - ޔުނައިޓެޑް ވިކްޓަރީ: 23 ޕޮއިންޓް

5 - ނިއު ރޭޑިއަންޓް: 23 ޕޮއިންޓް

6 - ކްލަބް ވެލެންސިއާ 20 ޕޮއިންޓް

7 - ވިކްޓަރީ: 19 ޕޮއިންޓް

8 - ބީޖީ ސްޕޯޓްސް: 17 ޕޮއިންޓް

ފުރަތަމަ ހާފުގެ ފަހު ފަސް މިނެޓުގެ ތެރޭގައި ދެ ޓީމުގެ ފަރާތުން ވެސް ނުރައްކާތެރި ހަމަލާތަކެއް ފެނުނެވެ. އެގޮތުން 41 ވަނަ މިނެޓުގައި އީގަލްސްގެ މުސްތަފާ ސެޑިކް، މާޒިޔާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ކަނަށް އަމާޒުކުރި ބޯޅަ، މާޒިޔާގެ ގޯލްކީޕަރު އިމްރާން މުހައްމަދު މަތަކުރި އެވެ.

އޭގެ ފަހުން މާޒިޔާގެ އުމެއިރު އަދި އަހުމަދު އިމާޒް (އާއްކޮ) ފޮނުވާލި ދެ ބޯޅަ ސަލާމަތްކުރީ އީގަލްސްގެ ގޯލްކީޕަރު ސުޖަން ޕެރޭރާ އެވެ. މީގެ ތެރެއިން އުމެއިރު ގޯލަށް ނުރައްކާކުރީ ހިލޭ ޖެހުމަކުންނެވެ.

މާޒިޔާ އިން ދެ ވަނަ ހާފު ފެށީ ވެސް ހަމަލާއަކާ އެކު އެވެ. އީގަލްސްގެ ޑިފެންޑަރެއް ކައިރިން ދެމި ގަތުމަށް ފަހު އަސަދުﷲ އޭރިއާ ތެރެއަށް ހުސްކޮށް ވަދެ ފޮނުވާލި ބާރު ބޯޅަ ސުޖަން މަތަކުރި އެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން އަސަދުﷲ ވަނީ މާޒިޔާ އަށް ލީޑު ނަގައިދީފަ އެވެ. މި ފަހަރު އޭނާ ގޯލް ޖެހީ އުމެއިރު ކޯނަރަކުން ނެގި ހުރަހެއް ބޮލުން ގޯލަށް ވައްދާލައިގެންނެވެ.

މާޒިޔާގެ ކުޅުންތެރިން އެ ޓީމުގެ ކޯޗު އަލީ ސުޒޭން އުރާލައިގެން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މެޗުގެ ފަހު ވަގުތު މާޒިޔާ އަށް ތަފާތު ބޮޑުކުރަން ޕެނަލްޓީއެއް ލިބުނެވެ. އެކަމަކު އަލީ އަޝްފާގް (ދަގަނޑޭ) އަށް އީގަލްސްގެ ބަދަލު ގޯލްކީޕަރު މުހައްމަދު ޝަފީއު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އަސަދުﷲ ޖެހުމުން ދިޔައީ ގޯލް މަތިންނެވެ.

މިރޭގެ މެޗުގައި ޖެހި ދެ ގޯލާ އެކު ޖުމްލަ 26 ލަނޑު ހަމަކޮށް އަސަދުﷲ އޮތީ ލަނޑު ލިސްޓުގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި 29 ލަނޑާ އެކު އޮތީ މިއަދު ހަވީރު ކްލަބް ވެލެންސިއާ ކޮޅަށް ހެޓްރިކެއް ހެދި ޓީސީ ސްޕޯޓްސް ކްލަބުގެ އަލީ ފާސިރު (ސެންޓޭ) އެވެ.

1 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 17%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތިލިބިނީ !

23 October 2016

السلام عليكم ، بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ، އަޅުގަނޑު ބުނި ބަސް މިކަމުގަ މުޅިއަކުން ސީދަލެއް ނުވި އެކަމަކު ތިލބުނީ އުފާ ދެންކުރިޔައް އޮތް ތަނުގަ ބަލާތި ފެނިގެންދާނެ ބޮޑު އުފާ ލިބޭގޮތް ސަބަބެއް ސަބަބުތަކެއް ނެތިޔެއްނޫން ބަލާތި ، ﷲ އިރާދަފުޅުކުރެއްވިއްޔާ އަޅުގަނޑު މިބުނި ބަހުގަ ހުރިވަރު ، ان شاء الله ، آمين ،،،،،!.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454