ރިޕޯޓް / ތައުލީމް

އިރުޝާދު އެކަން ކޮށްފި، ދެން ވެސް ކިޔެވުމުގައި

އިރުޝާދު، އޭނާގެ މަންމަ އާއި ބޭބެއާ އެކު އިއްޔެ ސީއެޗުއެސްއީއަށް ދަނީ: މުސްތަގުބަލާ މެދު ފޮނި އުއްމީދުތަކެއް ކުރޭ.- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަތުން އެހާ ބޮޑު ހަރަކާތެއް ނުކުރެވެ އެވެ. ހިނގުމުގެ ނަސީބުން ވަނީ މަހުރޫމްވެފަ އެވެ. އެއީ ކިޔެވުމަށް އޮތް ހުރަހެއް ކަމަށް ދެކޭ ނަމަ އިރުޝާދު ގާސިމް މިއަދު އޮންނާނީ އެނދުމަތިވެފަ އެވެ. އެކަމަކު އެ ގޮންޖެހުންތަކާ އެކު ވެސް އުފަން ރަށް، ށ. މަރޮށިން މިދިޔަ އަހަރު އޯ ލެވެލް ނިންމާލީ، އިމްތިހާނު ހެދި އަށް ކުދިންގެ ތެރެއިން ނަތީޖާ އެންމެ ރަނގަޅު ތިން ދަރިވަރުންގެ ތެރޭގައި ހިމެނިގެންނެވެ.

ނުހިނގޭ ކުއްޖަކަށް ވުމުން ކިޔަވައިދީގެން ވާނެ ފައިދާއެއް ނެތް ކަމަށް ބުނެ އިރުޝާދަށް ބައެއް މީހުންނާއި ބައެއް ކުދިން މަލާމާތް ވެސް ކުރި އެވެ. އެކަމަކު އެ ފާޑުކިޔުންތަކަށް ބީރުކަންފަތެއް ދީ، ކުރިއަށް ދެވެން ހުރި ވަރަކުން ކިޔަވައިދޭން މަންމަ، ނަސީމާ އުސްމާން ހުރީ ތައްޔާރަށެވެ. އުމުރުން ގާތްގަނޑަކަށް ދިހަ އަހަރުގައި ނުހިނގެން ފެށުމުން ސްކޫލަށް އެންމެ ފުރަތަމަ ގެންދިޔައީ ބަރޯގަ އެވެ. ފުރޮޅުލީ ގޮނޑި ލިބުނީ އޭގެ ފަހުންނެވެ.

އެކަމަކު ރަށުގެ ގިނަ ބައެއްގެ ހީކުރުންތަކާ ހިލާފަށް، ކިޔެވުމުގެ ފުރަތަމަ 10 އަހަރު، އިރުޝާދު ނިންމާލީ ކާމިޔާބުކަމާ އެކު އެވެ. އޯ ލެވެލްގައި ފަސް މާއްދާއިން ރަނގަޅަށް ފާސްވި އެވެ. އޭގެ ތެރެއިން ދިވެހިން އޭ ސްޓާ ހޯދި އެވެ. އެ ނަތީޖާތަކާ އެކު އޭ ލެވެލްއަށް ކިޔަވަން މާލެ އައިސް މިހާރު އޭނާ އަކީ ސީއެޗުއެސްއީގެ ދަރިވަރެކެވެ. އެހެންކަމުން އޭނާގެ ކިޔެވުން ދެން ވެސް އެ އޮތީ ކުރިއަށެވެ.

އިރުޝާދު ބުނިގޮތުގައި އޯ ލެވެލްއާ ހަމައަށް ކިޔެވުމުގައި ކްލާސް ކުދިންނާއި ޓީޗަރުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނެވެ. އެކަންކަމުން ހިތްވަރު ލިބިގަނެ، އޭ ލެވެލްގައި ވެސް ރަނގަޅު ނަތީޖާއެއް ހޯދުމަކީ ވަރަށް ބޮޑު އަމާޒެކެވެ.

އިރުޝާދު، ސީއެޗުއެސްއީގެ ކްލާހުގައި ކިޔަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނުހިނގުމުގެ އިތުރުން ވެސް އިރުޝާދަށް ޖިސްމާނީ އެހެން އުނދަގޫތަކެއް ކުރިމަތިވެ އެވެ. އޭގެ ތެރޭގައި ކަނދުރާ ހަރުނުލުމާއި އަމިއްލައަށް ފައިގެ އެއްވެސް ހަރަކާތެއް ނުކުރެވުން ހިމެނެ އެވެ. މިއީ ކިޔެވުމަށް ވެސް އޭނާ ކުރިމަތިލާން ޖެހުނު ގޮންޖެހުމެކެވެ. އެކަމަކު އަބަދުވެސް އުއްމީދުތައް ހާސިލްކުރުމުގައި ފަހަތަށް ޖެހޭކަށް ބޭނުމެއް ނުވެ އެވެ. ރަށު ސްކޫލުގައި ޕްރިފެކްޓްކަމާއި ތިމާވެށީގެ ކްލަބްގެ ރައީސްކަންކުރި އެވެ.

ފުރޮޅުލީ ގޮނޑީގައި އިރުޝާދު ސްކޫލަށް ގެންދަނީ މަންމަ އެވެ. އޭނާ ކްލާހަށް ވައްދައި، ކްލާހުގެ ގޮނޑީގައި ބައިންދަ އެވެ. ލިޔެވެނީ މީހަކު އަތަށް ގަލަން ލައިދިނުމުންނެވެ. މި ސަބަބުތަކަށްޓަކައި އޯ ލެވެލް އިމްތިހާނުގައި އޭނާއަށް އިތުރު ވަގުތު ލިބުނެވެ.

އިރުޝާދުގެ ރައްޓެހިންތަކަކާ އެކު އޭނާގެ އުފަން ދުވަހު ކޭކު ފަޅަނީ: ގާތް ރައްޓެހިންގެ އެހީތެރިކަން އޭނާ ފާހަގަކުރޭ

ނަސީމާ ބުނީ ގޭގައި ވެސް އިރުޝާދުގެ އަތަށް ފޮތް ދިނުމުން ކިޔަވާނެ ކަމަށެވެ. ކިޔެވުމަށް އޭނާގެ ބޮޑު ޝައުގެއް އޮތް ނަމަވެސް، ބައެއް މީހުންގެ ފަރާތުން އިވޭ ވާހަކަތަކުން ނަސީމާ ހިތުގައި ޖެހެ އެވެ. އެކަމަކު ބަރާބަރަށް ނަމާދުކޮށް، ރޯދަ ހިފައި ރަނގަޅު ދަރިޔަކު ތަރުބިއްޔަތު ކުރެވުމުގެ އުފާ ވެސް އެހާމެ ބޮޑެވެ.

"ކިޔަވައިދޭށާއި ކުދިން ޑޮކްޓަރަށް ދައްކަން މާލެ އަންނަން އުޅުނީމަ ވެސް ބައެއް މީހުން ބުނި ކީއްކުރަންހޭ ކިޔަވައިދެނީ. އެކަހަލަ ކުއްޖަކަށް ކިޔަވައިދީގެން ވާނެ ފައިދާއެއް ނޯންނާނެއޭ. އެކަމަކު އިރުޝާދަށް ކިޔެވުން ހުރި ވަރަކުން ކިޔަވައިދޭނަން،" 10 ކުދިންގެ މަންމަ ބުންޏެވެ.

ނަސީމާ (މ)، އޭނާގެ ދެ ކުދިން ކަމަށްވާ އިރުޝާދު އަދި ޒަހާއާ އެކު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނުހިނގޭތާ ހަތް އަހަރު، ވާ ގޮތެއް ނޭނގޭ!

އިރުޝާދުގެ އުމުރުން މިހާރު 17 އަހަރެވެ. އެއްކޮށް ނުހިނގެން ފެށުމުގެ ކުރިން ވެސް ދޭތެރެ ދޭތެރެއިން އޭނާ ވެއްޓެ އެވެ. އެކަން އެނގުނީ ވެސް އިރުޝާދަށް ދެ އަހަރު ވީ ފަހުންނެވެ. އެކަމަކު ހިނގުމުން މަހުރޫމްވީ އިރުޝާދުގެ ބައްޕަ، ގާސިމް އަބްދުﷲ، މީގެ ހަތް އަހަރު ކުރިން، މަރުވި މަހު އެވެ.

ގާސިމް މަރުވުމުގެ ކުރިން، އިރުޝާދަށް ވާ ގޮތެއް ބަލަން ދެ ތިން ފަހަރަކު އިންޑިއާއަށް ވެސް ދިޔަ އެވެ. އެތަނަށް ގޮސް އަގުބޮޑު ޓެސްޓުތަކެއް ހެދި އެވެ. އެކަމަކު ވާ ގޮތެއް ނޭނގުނެވެ.

Namoonaa maeh: Bali dharinthaa eku fahaiy belumeh neiy!

Namoonaa maeh: Bali dharinthaa eku fahaiy belumeh neiy!

The most trusted news source in the Maldives

Mihaaru

އިރުޝާދުގެ އާއިލާއާ ގުޅޭ ގޮތުން "މިހާރު"ގައި މިދިޔަ އަހަރު ލިޔުނު ލިޔުމެއް

ނުހިނގެން ފެށުމުގެ ކުރިން އަމިއްލައަށް އަތުގެ ހަރަކާތް ވެސް ކުރެވެ އެވެ. އެކަމަކު ހިނގުމުގައި ދިމާވި މައްސަލަތަކާ އެކު، އަތަށް ވެސް އޭގެ ނުބައި އަސަރުތައް ކުރަން ފެށި އެވެ.

"ބޭރަށް ވެސް ދިޔައިން ދެ ތިން ފަހަރަކު އެ ކުއްޖާއަށް ވާ ގޮތެއް ބަލަން. ބޮޑެތި ޓެސްޓުތަކެއް ވެސް ހެދިން. އެކަމަކު ވާ ގޮތެއް ނޭނގޭ ހަމަ،" އެންމެ ހަގު ދަރިފުޅާ ބެހޭ ގޮތުން ނަސީމާ ބުންޏެވެ.

"މިހާރު ކުރިއަށް ވުރެ ހާލަތު ގޯސް. ދުވަސްވާ ވަރަކަށް ސަކަރާތް ވަމުންދަނީ."

ބޭބެއާ އެކު އިރުޝާދު އިއްޔެ ސްކޫލަށް ދަނީ .- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިރުޝާދުގެ އިތުރުން އެ އާއިލާގައި ނުހިނގޭ އިތުރު ދެ ކުދިން ތިއްބެވެ. އެ ދެ ކުދިން ވެސް އޯ ލެވެލްއާ ހަމައަށް ކިޔެވި އެވެ. އޭގެ ތެރެއިން ދޮއްޓަށް ހުރި ރިލްވާން ގާސިމް މިދިޔަ އޭޕްރީލް ވަނީ މަރުވެފަ އެވެ. ދެން ހުރި ޒަހާ ގާސިމްގެ އުއްމީދަކީ ފުރުސަތެއް ލިބިއްޖެ ނަމަ ގުރުއާން ނުވަތަ ދީނީ ރޮނގުން ކިޔެވުމެވެ.

އިރުޝާދަށް ކިޔަވައިދޭށާއި، އޭނާ އާއި އޭނާގެ ދައްތަގެ ބޭސްފަރުވާ ވެސް ފަސޭހައިން ހަމަޖެހޭނީ މާލޭގައި ކަމަށް ވާތީ، ނަސީމާމެން މިހާރު ވަނީ މާލެއަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން އާއިލާއަށް ލިބެ އެވެ. އެހެންކަމުން އޭނާ އެ އެންމެންނަށް ޝުކުރު އަދާކުރި އެވެ.

ކިޔެވުމުގައި ފަހަތަށް ޖެހޭކަށް އިރުޝާދު ބޭނުމެއް ނުވެ އެވެ. އޭނާ އެވަނީ، ޖިސްމާނީ ނުކުޅެދުންތެރިކަމަކީ ދިރިއުޅުމުގެ އެހެން ކަންކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފަ އެވެ. އަދި ކުރިއަށް އޮތީ ވެސް އެ ސާބިތުކަމުގައި ހުރެ، ތައުލީމައިގެން ކުރިއަށް ދިއުމުގެ އަޒުމެވެ.

ސީއެޗުއެސްއީގެ މެނޭޖްމަންޓާއި ކްލާހުގެ އެހެން ދަރިވަރުންގެ އެހީތެރިކަން މިހާރު ވެސް އޭނާއަށް ބޮޑެވެ. އެއީ ރަށުގައި، އޭނާގެ ގާތް ރަހުމަތްތެރިންގެ ފަރާތުން ވެސް ލިބުނު ފަދަ އެހީތެރިކަމެކެވެ. އިރުޝާދު ހިތުގައި އެ އެންމެންނަށް ވެސް އޮތީ ލޯތްބެވެ.

"ދެއްވި ނިއުމަތްތަކަށް މާތްﷲއަށް ޝުކުރުވެރިވަން،" ހިނިތުންވުމަކާ އެކު އިރުޝާދު ބުންޏެވެ.

"މިހާރުގެ އަމާޒަކީ އޭ ލެވެލްގައި ވެސް ރަނގަޅު ނަތީޖާއެއް ހޯދުން."

14 ކޮމެންޓް, 207 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 17%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙިނި

22 July 2020

ވަރައް ހިއްވަރުގަދަ ކުއްޖެއް، ހެޔޮއެދޭ ތައުލީމީ ފަރާތަކުން އިޜްޝާދު އައް ބޭނުން ނަމަ ކެރިޔަރް ގައިޑެން ދެއްވަން ފަނޭ. ސުކޫލު ތަކުގަވެސް ކެރިޔަ ޑޭ ފާހަގަކޮއް ކެރިޔަރް ކައުސިލިން ދެންފެނޭ.

The name is already taken The name is available. Register?

1828

22 July 2020

ހިތްވަރެއް ހުރިއްޔަ ވާނެ. ނުކުޅެދުންތެރިކަން ހުރުމަކީ ކިޔެވުމަށް އޮތް ހުރަހެއްނޫން، މިއީ އެކަމުގެ އަލިގަދަ މިސާލެއް.

The name is already taken The name is available. Register?

އާދިލު

21 July 2020

ވަރަށް ދެތަވެއްޖެ ތިިޚަބަރު ކިޔާފަ ދުޢާއަކީ ﷲ ގެހެޔޮ ރަޙުމަތް ތިޢާއިލާއައް މިންވަރުކޮއްދެއްވުން

The name is already taken The name is available. Register?

ވައިސް

21 July 2020

ކާމިޔާބަށް އެދެން.. ހިތްވަރަށް ހަމަ ސެލިއުޓް ..

The name is already taken The name is available. Register?

ވޯލް

21 July 2020

މިފަދަ އާއިލާތަކަށް މާލެއިން ފުލެޓް ދޭންޖެހޭ، މިއީ އަސްލު ހަޤީޤީ ސޯޝަލް ހައުސިން ދޭންޖެހޭ ފަރާތްތަކަކީ. ބޮޑެތި މުސާރަ ލިބޭ މީހުންނަ ދައުލަތުން ނުޖެހޭ ބޯހިޔާވަހިކަން ދޭކަށް.

The name is already taken The name is available. Register?

ވައިސް

21 July 2020

ތާއީދު

The name is already taken The name is available. Register?

ޖުމާ

21 July 2020

"ދެއްވި ނިއުމަތްތަކަށް މާތްﷲއަށް ޝުކުރުވެރިވަން،" ހިނިތުންވުމަކާ އެކު އިރުޝާދު ބުންޏެވެ. ވަރަށް އިބުރަތްތެރި ބަސްކޮޅެއް، ސާބަސް އިރުސާދާއި އޭނަގެ މަންމަ އަށް

The name is already taken The name is available. Register?

ލައިޓް

21 July 2020

ނިއުމަތް ތަކުގެ މަތިން ހަދާންވަނީ އެހެންމީހުންގެ ވޭން އިހުސާސް ކުރެވުނީމައެވެ. މާތް ﷲ އީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ކަލާންގެއެވެ.

The name is already taken The name is available. Register?

ކަސަބު

21 July 2020

ހިތްވަރުގަދަ ކުއްޖެއް. ތިކުއްޖާގެ ހިތްވަރާއި ތި ހޯދި ކާމިޔާބީ އަށްޓަކައި ތަހުނިޔާ އާއި މުބާރަކުބާދީ. ނުހިނގޭ ކުއްޖަކަށްވީމަ ކިޔެވުމުގެ ފާއިދާއެއް ނެތްކަމަށް ބުނާމީހުނަކީ ހަގީގަތް ވިސްނޭ ބައެއް ނޫނެވެ. ނުހިނގޭ ކުއްޖަކަށް ކިޔެވުން މާ ބޮޑަށް މުހިންމު. ގޮނޑިއެއްގަ އިށީދެއިދެ ނުކިޔަވައިހުރި މީހަކުކުރާނެ ކަމެއްނެތް. އެކަމަކު ކިޔަވާފަ ހުރި މީހަކަށް ގޮނޑިއެއްގައި އިނދެ އޮފީސް މަސައްކަތް ކުރެވޭނެ. ޑިރެކްޓަރުކަންވެސް ކުރެވޭނެ.

The name is already taken The name is available. Register?

ހަކީމް

21 July 2020

ފާޑަކަށް ފެންކަޅި ވެއްޖެ. الحَمْدُ للهِ ... ތިބާގެ ތިމަސަތްކަތުގައި بركات‎ ލަށްވާށި.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

21 July 2020

މާޝާﷲ.ވަރަށް ހިތްވަރުގަދަ ދަރިވަރެއް.ނުކުޅެދުންތެރިކަން ހުރި އެތައް ބަޔަކު ވަނީ ދުނިޔޭގަ ފާހަގަކޮށްލެވޭފަދަ ކާމިޔާބް މީހުންނަށް ވެފަ.މީގެ ތެރޭގަ ލުޑްވިގް ބީތޮވޭން ، އެންޑިރިއާ ބޮސެލީ ، ނިކް ވުޖިސިޗް ، ސްޓެފަން ހޯކިންގް ، ޖޯން ނަޝް އަދި ފްރިދާ ކަލޯ ފަދަ އެތައް ބަޔަކު އެބަތިބި.އިރުޝާދު ކުރިއަށް ވަޑައިގަންނަވާ.ހަމަ ޔަގީނުން ވެސް އިރުޝާދުގެ މައިންބަފައިން އެއީ ކެތްތެރިބައެއް.މާތްﷲ ވޮޑިގެންވަނީ ކެތްތެރީންނާއެކުކަން ކަށަވަރު.ވ.ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454