18 ޖުލައި 2020 - 10:23
ކޮވިޑް-19ގެ ސަބަބުން މެދުކަނޑާލާފައިވާ އޭއެފްސީ ކަޕްގެ މެޗުތައް އޮކްޓޫބަރުގައި އެއް ދަނޑެއްގައި އަލުން ފަށާއިރު، ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ ހުރިހާ މެޗެއް ރާއްޖޭގައި ބާއްވާން އެފްއޭއެމުން ރަސްމީކޮށް ބިޑްކޮށްފި އެވެ.
ގްރޫޕް ސްޓޭޖުގެ މެޗުތައް އެއް ދަނޑެއްގައި ކުޅޭ ގޮތަށް ކަނޑައެޅީ ކްލަބްތަކާ އެކު ބޭއްވުނު މަޝްވަރާތަކަށް ފަހު އޭއެފްސީގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓުން ވެސް ގިނަ ކަންކަން ބެލުމަށް ފަހު އެވެ.
އިއްޔެގެ ނިޔަލަށް މެޗުތައް ހޯސްޓް ކުރުމަށް ބިޑް ކުރުމުގެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ. ރާއްޖޭން ގްރޫޕް އީގެ މެޗުތައް ބާއްވަން ރާއްޖޭގެ އިތުރުން އެހެން ގައުމަކު ބިޑް ކުރިކަން ރަސްމީކޮށް އެނގިފައެއްނުވެ އެވެ. އެކަމަކު ބަންގްލަދޭޝް އިން ފަހު ވަގުތު ބިޑްކުރަން ތައްޔާރުވި ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގައި މި ވަގުތު ވާދަކުރަމުން އަންނަނީ ރާއްޖޭގެ ދެ ޓީމު ކަމަށްވާ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ. މީގެ ތެރެއިން އެއްވެސް ގައުމެއްގައި ނުބޭއްވިއްޖެ ނަމަ އެހެން ނިއުޓްރަލް ދަނޑެއްގައި ކުޅެން އޭއެފްސީން ނިންމާނެ އެވެ.
We’ve ( @MaldivesFA) officially submitted our bid to host AFC Cup 2020 group stage(to be played centralized).
— Bassam Adeel Jaleel (@bassam_jaleeI) July 17, 2020
We appreciate the support and assistance by Government, @MoYSCEmv and Min @AhmedMahloof #towardsfuture #groupE #maldivesisopen #safetotravel
ބައްސާމް ކުރެއްވި ޓްވީޓް.
އޭއެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓް ކުރުމަށް ބިޑް ކުރުމުގެ މަސައްކަތުގައި ސަރުކާރާއި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ހޯސްޓްކުރަން ބަލާއިރު މި ވަގުތަށް ވެސް ކުރަން ޖެހޭނެ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ ގަލޮޅު ދަނޑުގެ ލައިޓިން ރަނގަޅު ކުރުމުގެ މަސައްކަތެވެ. އެންމެ ފަހުން އޭއެފްސީން ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުން އެނގުނު ގޮތުގައި އެ އިދާރާ އިން ހިންގާ މުބާރާތުގެ މެޗުތައް ބޭއްވޭވަރަށް ދަނޑުގެ ލައިޓިން ރަނގަޅެއް ނޫނެވެ. އެހެން ކަމުން އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖެ ގެންނަން ބަލާއިރު އެކަން ރަނގަޅުކުރަން ޖެހޭނެ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ރާއްޖޭން ބިޑްކުރިއިރު މަސައްކަތްތައް ރޭވިފައި އޮތީ ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން މާ ބޮޑެތި ހަރަދުތަކެއް ނުކޮށް މުބާރާތް ހޯސްޓް ކުރުމަށް ކަމަށެވެ.
މިހާރު އޮތްގޮތުން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ފަހު ދެ މެޗު އެއް ވަގުތެއްގައި ކުޅޭ ގޮތަށް އޮތްއިރު، ގަލޮޅު ދަނޑުގެ އިތުރުން ދެ ވަނަ ދަނޑެއްގައި ކުޅެން ޖެހޭ މެޗު އޮންނާނީ އައްޑޫ ސިޓީގަ އެވެ. ރާއްޖޭން އެންމެ ފަހުން ހޯސްޓް ކުރި ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތަކީ މިދިޔަ އަހަރު އައްޑޫގައި ބޭއްވި ޔުއެފާ އެސިސްޓް ބައިނަލްއަގުވާމީ 15 އަހަރުން ދަށުގެ މުބާރާތެވެ.
އޭއެފްސީން ނެރެފައިވާ ޝެޑިއުލްގައިވާ ގޮތުން އޮކްޓޫބަރު މަހު 23 އިން ނޮވެމްބަރު ހަތަރަކާ ދެމެދު ގްރޫޕް ސްޓޭޖު މެޗުތައް ކުޅޭނެ އެވެ. މި ވަގުތު ހަދާފައި އޮތް ޝެޑިއުލަށް ބަލާއިރު، 13 ދުވަހު ތެރޭގައި ހުރިހާ ގްރޫޕް ސްޓޭޖުގެ މެޗެއް ނިމޭނެ އެވެ. ބާކީ ފަސް މެޗު ކޮންމެ ޓީމެއް ނުކުޅެ އޮތްއިރު، ކޮންމެ ދެ މެޗެއްގެ ދެމެދު ދެ ދުވަހުގެ ބްރޭކެއް ލިބޭނެ އެވެ. މިހާތަނަށް ކުޅެވުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު މާޒިޔާ އާއި ޗެންނާއީ ވަނީ 2-2 އިން އެއްވަރުވެފަ އެވެ. ޓީސީ ވަނީ ބަޝުންދުރާ ކިންގްސް އަތުން 5-1 އިން ބަލިވެފަ އެވެ.
- މާޒިޔާ - ބަޝުންދުރާ، ޓީސީ - ޗެންނާއީ (23 އޮކްޓޫބަރު)
- މާޒިޔާ - ޓީސީ، ޗެންނާއީ - ބަޝުންދުރާ (26 އޮކްޓޫބަރު)
- ޓީސީ - މާޒިޔާ، ބަޝުންދުރާ - ޗެންނާއީ (29 އޮކްޓޫބަރު)
- މާޒިޔާ - ޗެންނާއީ، ޓީސީ - ބަޝުންދުރާ (1 ނޮވެމްބަރު)
- ޓީސީ - ބަޝުންދުރާ، މާޒިޔާ - ޗެންނާއީ (4 ނޮވެމްބަރު)
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟާނު
20 July 2020
ޢައްޑޫނޫން އެހެން ރަށަކަށް މިފަހަރު މިމުބާރާތްގެންދަން އެބަޖެހޭ ޓާފްދަޑުގަވެސް މިމުބާރާްތް ކުޅެވޭނެ.މަހިބަދޫ.އޭދަފުށި.ނިލަންދޫ.ހޮޅުދޫ.ނައިފަރުވެސް މިހިރީ މިމިބާރާތްބެއްވޭފެންވަރު ތާފްއަލާފަހުރި ރަށްތަށް
ވައްލާ.
20 July 2020
އައްޑޫ ފިޔަވާ ޟާނު ތިޔަ ބުނާ ރަށްރަށުގައި ވެސް މުބާރާތް ބާއްވަންވީ. އެކަމަކު މުބާރާތް ބޭއްވުމަކީ ހަމަ އެކަނި އެދުވަހު ކުޅޭ މެޗް ކުޅެލުން ނޫންކަން ޟާނު އިގޭބާ ؟؟ މާލެ ނޫން ތަނަކަށް މުބާރާތް ގެންދާނަމަ މިވަގުތު އެންމެ ރަނގަޅީ އައްޑޫ ނުވަތަ ހަނިމާދޫ ކަމުގައި ދެކެން.
ލާމަރުކަޒު.
19 July 2020
ތިޔަމުބާރާތުގެ މެޗްތައް މާލޭގައި ކުޅުމުގެ ބަދަލުގައި އައްޑޫސިޓީގައި ކުޅުން ރަނގަޅު. ދުނިޔޭގެ ޤައުމުތަކުގައި މިފަދަ މުބާރާތް ތަކުގެ ބޭނުން ކޮށްގެން ސަރަހައްުތައް ތަރައްޤީ ކޮށްފައި އެބަހުރި. އަހަރުމެންވެސް އެގޮތަށް އެކަން ކުރާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
18 July 2020
އެފްއޭއެމް އިއުލާންކޮށްފައިވާ 2023 އަހަރުގެ ދިވެހި ލީޤުގެ ވާހަކައަކީ ޙަޤީގަތެއް ކަމުގައިވާނަމަ މިމުބާރާތް އައްޑޫސިޓީގައި ބާއްވަންޖެހޭ. # އަދި ސޯލިޙްއާއި އެމްޑީޕީ ވެފައިވާ ވައުދާއި އެއްގޮތަށް ރާއްޖެ ޑިސެންޓްރަލައިޒް ކުރުމަށްޓަކާވެސް މިމުބާރާތް މާލެއިން ބޭރަށް ގެންދާންޖެހޭ. # އައްޑޫސިޓީގެ ދަނޑުގެ ލައިޓް ހަރުކޮށް ބައެއް އިތުރު ވަސީލަތް ޤާއިމްކޮށް ސްޓޭޑިއަމްގެ ނަމަކީ "އައްޑޫ އިކްއިޓޯރިއަލް ސްޓޭޑިއަމް" ކަމުގައި ހަމަޖައްސާ 2023 ގެ ލީޤަށް ސްޓޭޑިއަމް ތައްޔާރުކުރާންޖެހޭ.
ޖިހާދު - ނިލަންދޫ
19 July 2020
ޤައުމީ ފުޓްބޯޅަ އިދާރާ އޭ ކިޔައިގެން އުޅުނު ކަމުގައި ވިޔަސް މުޅިތަން އޮތީ މާލޭގެ ޤުރޫޕް ތަކުން ޙިސޯރުކޮށްފަ. އެމީހުންގެ ޓީމަކަށް ނޫނީ ފުރަތަމަ ޑިވިޝަނަށް އަރާން ފުރުސަތުވެސް ނުލިބޭގޮތަށް ޤަވާއިދު ހަދާފައިއޮތީ. އަދި ރަށެއްގެ ޓީމެއް މޮޅަށް ކުޅެ މާލޭ ޓީމް ބަލިކޮށް ގަދަ 6 ނުވަތަ ހަތަރަކަށް ގޮސްފިނަމަ ވަގުތުން ޤަވާއިދު ބަދަލުކޮށްއެ ޓީމް ބާކީ ކުރާނެ. މިފަދަ ބަޔަކު ތިކަމެއް ނުކުރާނެ.
ގާޑި އައްލާ.
19 July 2020
މިދުވަސްވަރު ބިދޭސިންގެ އަމަލު ތަކާއި މާލޭގައި ކޮވިޑް ފެތުރެމުންދާ ބާރު މިނަށް ބަލާއިރު ތިޔަ މެޗްތައް މާލޭގައި ކުޅެން ނިންމައި ތައްޔާރީތަށް ވެފައިވަނިކޮށް އެންމެ ފަހުވަގުތު މެޗްތައް ބޭއްވޭގޮތް ނުވެ މުޅި މުބާރާތް ފަނިވެދާނެ. އައްޑޫ ނޫނީ ކުޅުދުއްފުއްޓަށް މެޗްތައް ބަދަލު ކުރޭ.
ސީނު.
19 July 2020
މުބާރާތް ބާއްވާނީ އައްޑޫގައި ކަމަށް ޔޫތު މިނިސްޓަރ މަޙްލޫފު ވިދާޅުވި. މެޗްތައް ބޭއްވުމަށް އެއްވެސް މަސައްކަތެއްނުކޮށް ތިބެފައި އެންމެ ފަހުވަގުތު ބުނާނެ /ވަގުތު ނެތުމުން މިފަހަރު އައްޑޫ ސްޓޭޑިއަމްގައި ބޭއްވޭގޮތް ނުވީ' އިރާދަ ކުރެއްވީއްޔާ ވޯލްޑް ކަޕް ކޮލިފައިން މެޗްތައް ބާއްވަން ވާއިރަށް އައްޑޫ ސްޓެޑިއަމް އެންމެ ޒަމާނީ ފެންވަރަށް ތައްޔާރު ކުރާނެ ކަމަށް. އައްޑޫ ކުދިން ބާރަށް އަތްޖަހާ.
ގަޓް ބްރޯ
18 July 2020
މިހާރު ބިޑް ކާމިޔާބުކޮށްފަވާ އޮލިމްޕިކް ގޭމްސް އަށްފަހު ދެން އޮންނަ އޮލިމްޕިކް ގޭމްސް އަށްވެސް ރާއްޖޭން ބިޑްކުރަންފެނޭ. އެއީ އޭރުން ލައްކަ ގިނަބަޔަކު ރާއްޖެ އަންނާނެތީ. އަނެއްކާ ރަށްރަށުގެ ބީޗް ގަ ރިޔާ އަޅައިގެން ނިދޭ ގޮތަށް އެކޮމޮޑޭޝަންގެ ކަންކަން ހަމަޖައްސާލެވިއްޖިއްޔާ ވަރަށް ގިނަ ބަޔަކަށް އާ ތަޖުރިބާ އަކަށްވެސް ވަރަށް އުފާވެސްވާނެ!