ޚިޔާލު / މަސައްކަތްތެރިންގެ ހައްގުތައް

މުސާރައިގެ ހައްގު ރައްކާތެރިނުކޮށް ކުރިޔަކަށް ނުދެވޭނެ

މަސައްކަތްތެރިންގެ ހައްގުތައް ހޯދަން ގޮވާލާ އެއްވުމެއް: މުސާރައަކީ މަސައްކަތްތެރިންގެ އެންމެ ބޮޑު ހައްގު

އަބްދުﷲ ކަމާލުއްދީން

20 ޖުލައި 2020 - 08:05

2 comments

މަސައްކަތަކީ މަސައްކަތް ކުރާ މީހާގެ މިލްކެކެވެ. އެހެންކަމުން މަސައްކަތް ކުރާ މީހާގެ މަސައްކަތް އެހެން މީހަކަށް ހޯދޭނީ މަސައްކަތް ކުރާ މީހާ ކުރި މަސައްކަތުގެ ހައްގު ދީފަ އެވެ. މުސާރަ ނުވަތަ އުޖޫރަ އަކީ ދީނީ ގޮތުން ބެލި ނަމަވެސް، މަސައްކަތް ކުރާ މީހާ އަށް ރައްކާތެރި ކޮށްދެއްވާފައިވާ ހައްގެކެވެ. އެހެނީ މަސައްކަތް ކުރާ މީހާ މަސައްކަތްކޮށް ނިންމުމަށް ފަހު އޭނާގެ ގައިން ދާ ނުހިކެނީސް، އޭނާއަށް ދޭން ޖެހޭ އުޖޫރަ ދީ ނިންމަން ޖެހޭނެ ކަމަށް ކީރިތި ރަސޫލާ މުހައްމަދު ޞައްލައްލާޙް އަލައިހި ވަސައްލަމްގެ އިރުޝާދެއް އޮންނަކަން އެއީ އަޅުގަނޑުމެން އެންމެން ވެސް ދަންނަ ކަމެކެވެ. މިޒަމާނުގައި އަޅުގަނޑުމެންގެ ގައުމުގައި މަސައްކަތް ކުރާ މީހާއަށް މުސާރައިގެ ހައްގު ހޯދައިދެވިފައިވަނީ ވަޒީފާގެ ގާނޫނުގައި ލާޒިމްކުރާ ވަޒީފާގެ އެއްބަސް ވުމުންނެވެ.

ވަޒީފާގެ ގާނޫނު ބުނަނީ ވަޒީފާ ދޭ ފަރާތާއި މުވައްޒަފާ ދެމެދު ވަޒީފާގެ އެއްބަސްވުމެއް ސޮއިކޮށްފައި އޮންނަން ޖެހޭނެ ކަމަށާއި، އެ އެއްބަސްވުމުގައި އެއްބަސްވެވޭ އެއްކަމެއްގެ ގޮތުގައި މުވައްޒަފުގެ މުސާރަ އާއި، މުސާރަ ދޭ ދުވަސް ފަދަ މައުލޫމާތު ހިމަނަން ޖެހޭނެ ކަމަށެވެ. ގާނޫނާ ޚިލާފަށް އަދި އެއްބަސްވުމާ ވެސް ޚިލާފަށް މުސާރަ ނުދީފި ނަމަ، މުވައްޒަފަށް ކުރެވެން އޮންނަ ކަމަކީ ވަޒީފާގެ ގާނޫނާ ޚިލާފުވާ މައްސަލަތައް ބަލަން އުފައްދާފައި އޮންނަ ޓްރައިބިއުނަލް އަށް ނުވަތަ އެފަދަ އެހެން މުއައްސަސާއަކަށް މައްސަލަ ހުށަހެޅުމެވެ.

އަޅުގަނޑުމެންގެ ގައުމުގެ ވަޒީފާގެ ބާޒާރުގައި ކަން ހުރި ގޮތަށް ބަލައިލާއިރު މުސާރަ ނުދީ މަސައްކަތް ކުރުވުން ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. މިކަމަށް ހައްލެއް ހޯދަން ބަލައިލާއިރު އެންމެ ފުރަތަމަ މިއީ ކިހާވަރެއްގެ ކަމެއްކަން އެނގެން އެބަ ޖެހެ އެވެ. މުސާރަ އަކީ މުވައްޒަފު ނުވަތަ މަސައްކަތް ކުރާ މީހާ އާއި އެމީހެއްގެ އަނބިދަރިންނާއި، އެމީހަކު ބަލަން ޖެހޭ މީހުންގެ ދިރިއުޅުމާއި ނޫނީ ދިރިތިބުމާ ގުޅިފައިވާ ހުރިހާ ކަމެއް ބެލެހެއްޓުމުގެ ވަސީލަތެވެ. ވިޔަފާރީގެ ފައިދާއިންނާއި އެހެން ގޮތްގޮތުން އާމްދަނީ ހޯދައިގެން ދިރިއުޅޭ މީހުންނާއި މުސާރައިން ދިރިއުޅޭ މީހުންނާ ވަރަށް ތަފާތެވެ. އެހެނީ މުސާރައިން ދިރިއުޅޭ ގިނަ މީހުންނަކީ މާކަ ބޮޑު އެއްޗެއް ފަހަށް ރައްކާކުރެވޭ ވަރުގެ މީހުންނެއް ނޫނެވެ. އެ މީހުންނަށް މުސާރަ އަކީ އެމީހުންނާއި، އެމީހުންގެ އާއިލާތަކާއި، ބަލަން ޖެހޭ މީހުން ދިރިތިބެން ލިބޭ ހަމައެކަނި ވަސީލަތެވެ. އެ ލިބެން ޖެހޭ ދުވަހަށް ނުލިބިއްޖެ ނަމަ، އެ މީހުންނާއި، އެ މީހުންގެ އާއިލާތަކާއި، ބަލަން ޖެހޭ މީހުންނަށް ކުރިމަތިވަނީ ވަރަށް ބޮޑު މައްސަލައެކެވެ. އާދެ، އެތައް ބައެއްގެ ދިރިތިބުން ނުރައްކަލުގެ ތެރެއަށް ވެއްޓުމުގެ މައްސަލަ އެވެ.

ރާއްޖޭގެ އިގުތިސާދުގެ މުހިއްމު ބައެއް ކަމުގައިވާ ގަނެ ވިއްކުމުގެ ވިޔަފާރި އާއި ޚިދުމަތް ދިނުމުގެ ވިޔަފާރި އަދި މިނޫން ވެސް އެތައް އެހެން ވިފާރިތަކެއް ވަރަށް ބޮޑަށް ގުޅިފައި އޮންނަނީ ވެސް މުވައްޒަފުންގެ މުސާރައާ އެވެ. އެހެންކަމުން ހަމަޖެހިފައިވާ ގޮތުގެ މަތިން މުސާރަ ނުދިނުމަކީ ގައުމުގެ އިގުތިސާދަށް ލިބޭ މަޑުޖެހުމެއް ކަމުގައި ބެލިދާނެ އެވެ. މިކަމުގެ ހެތްކެއްގެ ގޮތުން މަހުގެ ފަހުކޮޅު ފިހާރައެއް ހިންގާ މީހެއް ކައިރީގައި ނުވަތަ ޓެކްސީ ޑްރައިވަރެއް ކައިރީގައި ވިޔަފާރި ކިހިނެއްތޯ އަހައިފި ނަމަ ޖަވާބުގައި ގިނަ ފަހަރަށް ބުނާނީ ވިޔަފާރި ދަށްކަމަށާއި، ދެން ރަނގަޅުވާނީ މީހުންނަށް މުސާރަ ލިބުނީމާ ކަމުގަ އެވެ.

އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މަސައްކަތްތެރިންނަށް މުސާރަ ނިދީގެން ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފަހު ފުލުހުން އެމީހުންނާ މުއާމަލާތް ކުރަނީ. ފޮޓޯ:ނިޝާން އަލީ/މިހާރު

މުސާރަ ދޭން އެއްބަސްވެފައިވާ ގޮތަށް ނުދިނުމަކީ، އަޅުވެތިކުރުން ނުވަތަ މަޖްބޫރުން މަސައްކަތް ކުރުވުން ކަމުގައި ވެސް ބެލެވިދާނެ އެވެ. އަޅުވެތި ކުރުން ކަމަށް ބެލެވިދާނެ ގޮތަކީ، މުސާރަ ނުލިބުމުން އެ ލިބެން ޖެހޭ މީހާ އާއި، އެމީހާ ބަލާ މީހުން މިނިވަންކޮށް ދިރިއުޅުމަށް ހުރަސް އެޅޭތީ އެވެ. މަޖުބޫރުން މަސައްކަތް ކުރުވުން ކަމުގައި ބަލަން ޖެހޭ ގޮތަކީ، ވަޒީފާގެ އެއްބަސް ވުމުގައި ހިމެނޭ އެހެން މާއްދާތަކާ ޚިލާފު ނުވުމުގެ ގޮތުންނާއި، އެހެން ވަޒީފާއެއް ހޯދުމުގެ ދަތިކަމާއި، ލިބެން އޮތް އެއްޗެއް ދޫކޮށްލާފައި ދާން ބޭނުންނުވުން، މިހެންގޮސް އެތައް ސަބަބަކާ ހުރެ، ހިތާ ދެކޮޅަށް ވެސް މުވައްޒަފަށް މަސައްކަތް ކުރަން މަޖުބޫރު ވާތީ އެވެ.

މުވައްޒަފުންގެ މުސާރައިގެ މައްސަލަތަކާ މެދު ވިސްނާއިރު އަޅުގަނޑުގެ ހިތަށް ދެތިން ކަމެއް އާދެ އެވެ. އެއް ކަމަކީ ދިރިއުޅެވޭ ވަރުގެ މުސާރައެއް މުވައްޒަފުންނަށް ކަށަވަރު ކޮށްދެވޭނެ ގޮތަކީ ކޮބައިތޯ އެވެ؟ ދެވަނަ ކަމަކީ، މިގޮތުން ކަނޑައެޅޭ މުސާރަ ކަނޑައެޅިފައިވާ ގޮތަށް މުވައްޒަފުންނަށް ލިބުން ކަށަވަރު ކުރާނީ ކިހިނަކުން ހެއްޔެވެ؟ ތިން ވަނަ ކަމަކީ، ކަނޑައެޅިފައިވާ ގޮތަށް، ވަޒީފާ ދޭ ފަރާތްތަކުން މުވައްޒަފުންނަށް މުސާރަ ނުދޭ ނަމަ، އެ މައްސަލަ ހައްލު ކުރާނީ ކިހިނަކުންތޯ އެވެ؟

އަޅުގަނޑުގެ ނަޒަރުގައި ލިވިން ވޭޖެއް ނުވަތަ ދިރިއުޅެވޭ ވަރުގެ މުސާރައެއް މުވައްޒަފުންނަށް ކަށަވަރު ކޮށްދިނުމަށްޓަކައި، މުވައްޒަފުންގެ މުސާރަ ކަނޑައެޅުގައި މުވައްޒަފުން ބައިވެރިކުރަން ޖެހޭނެ އެވެ. އެގޮތުން، އެންމެ ކުޑަކޮށްދެވޭ މުސާރަ އާއި، އެހެން މުސާރަތައް ކަނޑައެޅުމުގައި އެކި އިންޑަސްޓްރީތަކަށް ނިސްބަތްވާ މުވައްޒަފުންނާއި މަސައްކަތްކުރާ މީހުންގެ ޖަމިއްޔާތަކާއި، ވަޒީފާދޭ ފަރާތްތަކުގެ ޖަމިއްޔާތަކާއި، ސަރުކާރާ މަޝްވަރާކޮށް ނިޒާމެއް ހަމަޖެއްސުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް އަޅުގަނޑު ދެކެމެވެ.

މުވައްޒަފުންނަށް މުސާރަ ނުދެވުމަކީ ހުރިހާ ލޭބަ މާކެޓްތަކެއްގައި، ހުރިހާ ޒަމާނެއްގައި ވެސް ހިނގާ ކަމެކެވެ. އެހެންނަމަވެސް، ކަނޑައެޅިފައިވާ ގޮތުގެ މަތިން މުސާރަ ނުދެވުނީމާ، އެ މައްސަލަ ހައްލުކުރަން ޖެހޭނީ ލޭބަ ޓްރައިބިއުނަލަކަށް ނުވަތަ އެފަދަ އެހެން މުއައްސަސާއަކަށް ގޮސްގެންކަން ދުށުމަކީ، މުވައްޒަފަނުންގެ ޙައްގުތަކާ މެދު ވަރަށް ބޮޑަށް އިހްމާލުވުން ނޫން އެހެން ކަމަކަށް ނުވާނެ އެވެ. ކޮންމެ ސަބަބަކާ ހުރެ ނަމަވެސް، ކަނޑައެޅިފައިވާ ގޮތަށް މުސާރަ ނުދެވުން ވާން ޖެހޭނީ ގާނޫނީ ގޮތުން ޖިނާއީ ބޮޑު ކުށަކަށެވެ. އެހެންކަމުން، އެއީ ޖިނާއީ ބޮޑު ކުށެއް ކަމަށާއި، އެކުށް ކުރާ މީހަކަށް ނުވަތަ ފަރާތަކަށް ލިބޭ އަދަބު ވަޒީފާގެ ގާނޫނުގައި ނުވަތަ އެފަދަ އެހެން ގާނޫނެއްގައި ބަޔާން ކޮށްފައި އޮންނަން ވާނެ އެވެ.

މުވައްޒަފުންނަށް މުސާރަ ނުދެވުނީމާ، އެ މައްސަލަ ވަގުތުން ވަގުތަށް ހައްލު ކުރުމަށްޓަކައި "އެމްޕްލޯއިމަންޓް ސެކިއުރިޓީ ފަންޑް" އެއް ވަޒީފާގެ ކަންކަން ބަލަހައްޓާ މިނިސްޓްރީއެއްގައި ގާއިމްކޮށްފައި އޮންނަން ވެސް ޖެހެ އެވެ. މިފަންޑަކީ މުސާރަ ނުދެވިގެން މިނިސްޓްރީއަށް މައްސަލަ ހުށަހެޅުނީމާ، އަވަހަށް މައްސަލަ ހައްލު ކުރުމަށްޓަކައި ކުރަން ޖެހޭ ޚަރަދުތައް ކުރަން އުފަންދަން ޖެހޭ ފަންޑެކެވެ. މި ފަންޑުން ކުރާ ޚަރަދުތައް ހުށަހެޅޭ މައްސަލަތަކުގެ ޒިއްމާ އުފުލަން ޖެހޭ ފަރާތްތަކުގެ އަތުން ފަންޑަށް އަނބުރާ ހޯދޭނެ އެވެ.

އެމްޕްލޯއިންޓް ސެކިއުރިޓީ ފަންޑަށް ފައިސާ ހޯދާ އެންމެ މައިގަނޑު ގޮތަކީ ރާއްޖޭގައި މަސައްކަތް ކުރަން އަންނަ ބޭރު މީހުން ސަރުކާރުގައި ބަހައްޓަން ޖެހޭ ޑިޕޮސިޓް ފައިސާ އެފަންޑަށް ޖަމާކުރުމެވެ. އޭރުން ރައްޔިތުންގެ އަތުން އިތުރު ޓެކްސްއެއް ނުނަގާ މައްސަލަ ހަމަޖެހިގެންދާނެ އެވެ.

ކޮންމެއަކަސް ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި މުވައްޒަފުންނަށް މުސާރަ ނުދިނުމުގެ މައްސަލަތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ އިރު، އެ މައްސަލަ ހައްލުކޮށް، ވަޒީފާގެ ބާޒާރު ހަމަހިމޭން ކުރަން ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ވަގުތެއްގައި، އެ ފިޔަވަޅުތައް ނޭޅި ދާ ނަމަ ގައުމަށާއި އެތައް ބައިވަރު އާއިލާތަކަކަށް ބޮޑެތި ގެއްލުންތަކެއް ވަމުން ދާނެ އެވެ. އެހެންކަމުން، ގައުމުގެ މަސައްކަތު މާހައުލު ހަމަހިމޭންކޮށް ސުލްހަވެރިކަމާ އެކު ގައުމީ އަމާޒުތައް ހާސިލް ކުރުމަށްޓަކައި، މުވައްޒަފުންނާއި މަސައްކަތް ކުރާ މީހުންގެ މުސާރައިގެ މައްސަލަތައް އެއްވެސް ފަރާތަކަށް ގެއްލުމެއް ނުވާނެ ގޮތަކަށް އަވަހަށް ޙައްލު ކުރެވޭނެ ނިޒާމަކަށް މިވަނީ ނުހަނު ބޭނުންވެފަ އެވެ.

އެޑިޓަރުގެ ނޯޓު

އަބްދުﷲ ކަމާލުއްދީނަކީ ރާއްޖޭގެ އެންމެ ފުރަތަމަ ލޭބަ މިނިސްޓަރެވެ. ވަރަށް ޒުވާން އިރުއްސުރެ ސަރުކާރުގެ ހިދުމަތަށް ނުކުންނަވައި، ކުރީގެ ރައީސް އިބްރާހިމް ނާސިރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އޭނާ ވަނީ ތަފާތު މަގާމުތައް ފުރުއްވައި، ވަރަށް ބުރަ ޒިންމާތަކެއް އުފުއްލަވައިފަ އެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ މާލޭގެ މެމްބަރުކަން ވެސް ކުރެއްވި އެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 33%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުވާލެއް

20 July 2020

އެމްޕްލޮއިމަންޓް ފަންޑެއް ހަދާ، ރާއްޖެ ގެންނަ ކޮންމެ މުވައްޒަފަކަށް މަދުވެގެން ދެމަސް ދުވަހުގެ ޑިޕޮސިޓެއް ބެހެއްޓުން ރަނގަޅު. ނަމަވެސް ސުވާލެއް ކިހިނެތްތޯ މުސާރައިގެ އަދަދު ނުވަތަ ދިންކަމާއި ނުދިންކަމާ މެދު ސުވާލު އުފެދޭ ހާލަތްތަކުގައި ފަނޑުން އަމަލުކުރާނީ؟

The name is already taken The name is available. Register?

ގަޓް ބްރޯ

20 July 2020

ރާއްޖޭގެ މަޝްހޫރު ބޮޑެތި ބައެއް ވިޔަފާރި ކުންފުނިތައް އެބަހުރި އަދިވެސް ވަޒީފާގެ އެއްބަސްވުން ނުހަދާ ބިދޭސީންނާ ދިވެހި މުއައްޒަފުންވެސް ގެންގުޅޭ. އެއީ އެކަން ބަލާނެ ބަޔަކު ނެތީމަ. އެކަމަކު 2008 އިން ފެށިގެން "ވަޒީފާ އާ ބެހޭ ޤާނޫނު" ކިޔާ އެއްޗެއްވެެސް އޮވޭ. އަދި އެ ޤާނޫނާ އެއްގޮތަށް ކަންކަން ކުރޭތޯ ބަލަން ހަވާލުކޮށްފަވާ "ލޭބާ ރިލޭޝަންސް އޮތޯރިޓީ" ކިޔާ ތަނެއްވެސް ހުރޭ. އެމީހުންނަށް މުސާރަދެނީވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454