ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ޓޮޓެންހަމް މޮޅުވީ ވާދަވެރިންގެ ފައިދާ އަކަށް ނޫން: މޮރީނިއޯ

ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ.-- ފޮޓޯ: އޭއެފްޕީ

20 ޖުލައި 2020 - 10:35

ލަންޑަން (ޖުލައި 20) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ، ހަތަރު ވަނައިގައި އޮތް ލެސްޓާ ސިޓީ އަތުން 3-0 އިން ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވީ ވާދަވެރި އެހެން ޓީމުތަކެއްގެ ފައިދާ އަށް ބަލައިގެން ނޫން ކަމަށް ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ރޭ ޓޮޓެންހަމް މޮޅުވުމުން މޮރީނިއޯ ކުރިން ކޯޗުކޮށްދިން ދެ ޓީމު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނެ އެވެ. ލެސްޓާއާ ގަދަ ހަތަރެއްގެ ރޭހުގައި ޗެލްސީ އާއި ޔުނައިޓެޑުން ވާދަކުރެ އެވެ.

ލީގުގެ ތިން ވަނައިގައި ޗެލްސީ މި ވަގުތު އޮތީ 36 މެޗުން 63 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ލެސްޓާ އަށް 62 ޕޮއިންޓް ލިބިފައިވަނީ 37 މެޗުންނެވެ. ޔުނައިޓެޑަށް 36 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ލެސްޓާ މި ވަގުތު ކުރީގައި އޮތީ ޖެހި ގޯލުން ކުރީގައި އޮތުމުންނެވެ. ރޭ ޓޮޓެންހަމުން ލެސްޓާ ބަލިކުރުމާ އެކު ބުދަ ދުވަހުގެރޭ ޔުނައިޓެޑް ކުޅޭ މެޗުން މޮޅުވެގެން ގަދަ ހަތަރަކަށް ވަދެވޭނެ އެވެ.

މޮރީނިއޯ ބުނީ ޓޮޓެންހަމް މޮޅުވީ އަމިއްލަ ޓާގެޓްތަކެއް އިސްކޮށްގެން ކަމަށާއި ވަކި ބަޔަކަށްވާނެ ފައިދާ އަށް ބަލައިގެނެއް ނޫން ކަމަށެވެ.

"އަހަރެމެން މި މެޗުން މޮޅުވެގެން ފައިދާވި އެހެން ބަޔަކު ތިބެދާނެ. އެ މީހުން މި މެޗު ބަލާނެ. އެވެސް ޔަގީންކަމެއް. އެކަމަކު މީގައި އެންމެ މުހިއްމު ކަމަކީ އަހަރެމެން މޮޅުވީ ވާދަވެރި އެހެން ބައެއްގެ ފައިދާއަކަށް ނޫން. (މޮޅުވީ) އަމިއްލަ ފައިދާއަށް އުއްމީދުތަކެއް ހުރީމާ،" މޮރީނިއޯ ބުންޏެވެ.

ލެސްޓާގެ ގޯލަށް ޓޮޓެންހަމްގެ ކޭން ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: އޭއެފްޕީ

މޮރީނިއޯ ބޭނުންވަނީ ޓޮޓެންހަމް އަންނަ ސީޒަނުގެ ޔޫރޮޕާ ލީގަށް ގެންގޮސްދޭށެވެ. މިހާރު އޮތްގޮތުން ޕްރިމިއާ ލީގުގެ ގަދަ ހައެއްގެ ތެރޭގައި ނިންމައިގެން ޓޮޓެންހަމަށް އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުގައި ވާދަކުރަން ޖާގަ ލިބޭނެ އެވެ. ހަތް ވަނައިގައި ނިންމައިގެން ޓޮޓެންހަމަށް ޔޫރޮޕާ ލީގުގެ ޖާގައެއް ލިބެން އޮތީ އެފްއޭ ކަޕް ޗެމްޕިއަންކަން ޗެލްސީން ހޯދައި އަދި އެ ޓީމުން ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ނިންމައިގެންނެވެ.

"އަހަރެން ބޭނުންވަނީ މި ކުޅުންތެރިން (ޓޮޓެންހަމް ކުޅުންތެރިން)ގެ ހިތުގައި ޔޫރޮޕާ ލީގު ކާމިޔާބު ކުރުމުގެ ހިތްވަރު ބަހައްޓަން. މި ޓީމުގައި އެބަހުރި ޔޫރަޕްގައި ގިނަ އަހަރުތަކެއް ކުޅުނު ކުޅުންތެރިން. ޗެމްޕިއަންސް ލީގު ފައިނަލުގައި ވެސް ކުޅުނު ކުޅުންތެރިން. އެ ހުރިހާ ކަމަކަށް ބަލާއިރު ޔޫރަޕްގެ ތަށްޓަކަށް މި ކުޅުންތެރިން ވެސް އިންތިޒާރުކުރާނެ. އެ އުއްމީދުގައި އަހަރެން ކުރިއަށްދާން ބޭނުމީ،" މެންޗެސްޓާ ޔުނައިޓެޑާއި ޕޯޓޯ އަށް ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދިން މޮރީނިއޯ ބުންޏެވެ.

ޓޮޓެންހަމް ދަނޑުގައި ރޭ އެ ޓީމުން ލެސްޓާ ބަލިކުރިއިރު ހެރީ ކޭން ދެ ގޯލް ޖެހިއިރު އަނެއް ގޯލަކީ ލެސްޓާގެ ޖޭމްސް ޖަސްޓިން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މޮރީނިއޯ ބުނީ ރޭގެ މެޗުގައި ދެ ގޯލު ޖެހި ކޭން އަކީ ޓޮޓެންހަމްގެ މުހިއްމު ތަރިއެއް ކަމަށާއި އޭނާ އެހެން ޓީމަކަށް ގޮސްފިނަމަ އެ ފަދަ ތަރިއަކަށް ނުވެވިދާނެ ކަމުގެ ބިރު އޮންނާނެ ކަމަށެވެ.

ލީގުގައި ޓޮޓެންހަމް ކުޅޭ ފަހު މެޗުގައި ރަށުން ބޭރުގައި ނުކުންނާނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454