ލައިފްސްޓައިލް / ހަކުރު ބަލި

ދުވާލަކު ދެ ސޮފްޓް ޑްރިންކުން ހަކުރު ބަލީގެ ނުރައްކާ ދެ ގުނަ އިތުރުވޭ

ހަކުރު ހުންނަ ބުއިންތަކުން ހަކުރު ބަލީގެ ނުރައްކާ އެތައް ގުނަޔަކަށް އިތުރުވޭ

ދުވާލަކު ދެ ސޮފްޓް ޑްރިންކު ބޯ ނަމަ ހަކުރު ބަލީގެ ހުރިހާ ވައްތަރެއްގެ ނުރައްކާ ވެސް ދެ ގުނަ އަށް އިތުރުވާ ކަމަށް ޔޫރަޕިއަން ޖާނަލް އޮފް އެންޑޮކްރިނޮލޮޖީގައި ޝާއިއުކުރި ދިރާސާއެއްގައި ބުނެފި އެވެ.

ދިރާސާ ޓީމުން ބުނެފައި ވަނީ ސޮފްޓް ޑްރިންކް ކަމަށް މި ދިރާސާގައި ބަލާފައި ވަނީ ފޮނި ރަހަ ލެއްވުމަށް އާޓިފިޝަލް ގޮތްތައް ބޭނުންކޮށްފައި ހުންނަ އަދި ހަކުރު އަޅާފައި ހުންނަ ބުއިންތައް ކަމަށެވެ.

ހަކުރު ބަލީގެ ވައްތަރުތައް

ޓައިޕް 2 ޑައެބެޓީސް: މިއީ ހަށިގަނޑުގައި އެކަށީގެންވާ މިންވަރަކަށް އިންސިއުލިން އުފައްދައި ނުދޭތީ ލޭގައި ހަކުރުގެ މިންވަރު މައްޗަށް ދިއުމެވެ. މިއީ ހަކުރު ބަލީގެ އެންމެ އާންމު ވައްތަރެވެ.

ޓައިޕް 1 ޑައެބެޓީސް: މި ވައްތަރުގެ ހަކުރު ބަލީގައި ޕެންކްރިއާސްގައި ހުންނަ ހާއްސަ ސެލްތަކެއް ހަށިގަނޑުގެ ދިފާއީ ނިޒާމަށް އޮޅި، އެ ސެލްތައް ނައްތާލަ އެވެ. މިހެން ވުމުން އިންސިއުލިން އުފައްދައެއް ނުދެ އެވެ. އެހާ އާންމު ނޫން މި ވައްތަރަކީ އޮޓޯއިމިއުން ޑިޒީޒް އެކެވެ. ހަކުރު ބަލީގެ މި ވައްތަރު އުމުރުން ވަރަށް ކުޑައިރު ދިމާވެދާނެ އެވެ.

ހަކުރު ބަލީގެ ތިން ވަނަ ވައްތަރެއް ވެސް ހިމެނެ އެވެ. އެއީ އޮޓޯއިމިއުން ޑައެބެޓީސް އޮފް އެޑަލްޓްހޫޑް (އެލްއޭޑީއޭ) އެވެ. މިއީ ޓައިޕް 1 އާއި ޓައިޕް 2 ޑައެބެޓީސްގެ ސިފަތައް ވެސް ހުންނަ ވައްތަރެކެވެ. އެހެންވެ މިއީ ޓައިޕް 1.5 ޑައެބެޓީސް އޭ ވެސް ކިޔަ އެވެ. ހަކުރު ބަލީގެ މީހުންގެ ތެރެއިން 6-10 ޕަސެންޓާ ދެމެދުގެ މީހުންގެ ކިބައިން އެލްއޭޑީއޭ ފާހަގަވެ އެވެ. ނަމަވެސް އުމުރުން 35 އަހަރުން ދަށުގެ މީހުންގެ ތެރޭގައި މި ވައްތަރުގެ ހަކުރު ބަލީގެ 25 ޕަސެންޓް މީހުން އުޅޭނެ ކަމަށް އަންދާޒާކުރެވެ އެވެ.

ހަކުރު އެޅި އަދި ޑައެޓް ބުއިންތައް

ސްވިޑްންގެ ކަރޮލިންސްކާ އިންސްޓްޓިއުޓުން ކުރި މި ދިރާސާގައި ވަނީ ސޮފްޓް ޑްރިންކުން ޓައިޕް 2 ޑައެބެޓީސް އާއި އެލްއޭޑީއޭ އަށް ކުރާ އަސަރުތައް ދެނެގެންފަ އެވެ.

މި ދިރާސާކުރުމަށް ސްވިޑްންގެ 2864 މީހަކު ބައިވެރިކޮށްފައިވެ އެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއް ބައި މީހުންނަކީ ޓައިޕް 2 ޑައެބެޓީސް ހުރި މީހުންނާއި އެލްއޭޑީއޭ ހުރި މީހުންނެވެ. އަދި ބާކީ ތިބި މީހުންނަކީ ހަކުރު ބަލި ނެތް މީހުންނެވެ.

ދިރާސާއިން އެނގުނު ގޮތުގައި ދުވާލަކު 200 މިލިލީޓަރުގެ ދެ ތަށި ނުވަތަ އެއަށް ވުރެ ގިނައިން ސޮފްޓްޑްރިންކް ބޯ މީހުންނަށް ޓައިޕް 2 ޑައެބެޓީސް ޖެހުމުގެ ފުރުސަތު، އޭގެ ބުއިންތައް ބޭނުން ނުކުރާ މީހުންނާ އަޅާބަލާއިރު 2.4 ގުނަ އިތުރެވެ.

ސޮފްޓް ޑްރިންކް ބޭނުންކުރުން އިތުރުކުރި ވަރަކަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތު އިތުރުވަމުންދާ ކަމަށް ވެސް މި ދިރާސާއިން ދެއްކި އެވެ. އެގޮތުން ދުވާލަކު ފަސް ތައްޓަށް ވުރެ ގިނައިން ސޮފްޓް ޑްރިންކު ބޭނުންކުރި މީހުންނަށް ހަކުރު ބަލީގެ ޓައިޕް 2ގެ ނުރައްކާ 10 ގުނަ އިތުރުވިކަން ވެސް ދިރާސާއިން ހާމަވި އެވެ. އަދި އެލްއޭޑީއޭގެ ނުރައްކާ ހަތަރު ގުނަ އިތުރުވި އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454