މާލެ: މޭ 5، 2019- މަސްމާރުކޭޓު ކައިރިން ކުޑަ ޑިންގީއެއްގައި އެއްގަމަށް ކަންނެލި ބާލަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
29 ޖުލައި 2020 - 11:37
މަސް ރައްކާ ކުރުމުގެ ކެޕޭސިޓީ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭ އިތުރު ކުރެވޭނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.
އިސްމާއިލް ވިދަޅުވީ ސައުދީ ފަންޑުގެ އެހީގައި ކޫއްޑޫގައި މަސް ރައްކާ ކުރުމުގެ ކެޕޭސިޓީ 2،000 ޓަނުން 6،000 ޓަނަށް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ޕްރޮޖެކްޓަށް 8 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ. މީގެ އިތުރުން ފެލިވަރުގައި 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ޕްރީޒް ސްޓޯރޭޖެއް ގާއިމް ކުރަން ފަންޑު ހޯދާފައިވާ ކަމަށް ވިދާޅުވި އެވެ. އިންޑިއާގެ އެގްޒިމް ބޭންކުން 17 މިލިއަން ޑޮލަރު އެ މަސައްކަތަށް ވަނީ ހޯދައިފަ އެވެ.
އިސްމައިލް ވިދާޅުވި ގޮތުގައި ރޯމަސް އެކްސްޕޯޓް ކުރުން މިދިޔަ އަހަރު ހުއްޓާލަން ނިންމި ނަމަވެސް މަހުގެ އަގު އިންތިހާއަށް ދަށްވުމުގެ ސަބަބުން ބޭނުންވާ އަގުގައި، ތައިލެންޑްގެ ފެކްޓްރީން އެކަން ނުކުރެވުނެވެ. އެހެން ކަމުން ރޯމަސް މިހާރު އެކްސްޕޯޓު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއިން އެކްސްޕޯޓް ކުރާ 70 ޕަސެންޓަކީ ރޯމަހުގެ ބާވަތްތަކެވެ. ރޯމަހުގެ ބާވަތްތައް އެންމެ ގިނައިން އެކްސްޕޯޓް ކުރަނީ ތައިލެންޑަށެވެ.
"ކޯލްޑް ސްޓޭޖްތައް ގާއިމް ކުރުމަށް ފަހު މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން،" އޭނާ ވިދާޅުވި އެވެ.
ޅ. ކޫއްޑު އާއި ގއ. ފެލިވަރުން ރާއްޖޭގައި ބާނާ މަސް ޕްރޮސެސްކޮށް ވިއްކަމުން އަންނަ އިރު އެ ދެ ތަނުން ޕްރޮސެސް ކުރެވެނީ ރާއްޖޭގައި ބާނާ މަހުގެ ގާތްގަނޑަކަށް 30 ޕަސެންޓެވެ.
ރާއްޖޭގައި ބާނާ ހުރިހާ މަހެއް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަން ދުވަސް އަދި ދުވަސް ނަގާނެ ކަމަށް މިފްކޯއިން ބުނެ އެވެ. އެހެން ނަމަވެސް ރާއްޖޭގައި ބާނާ 100 ޕަސެންޓް ޕްރޮސެސް ކޮށްގެން މަހުން ބޮޑު ނަފާއެއް ލިބޭނެ މަގު ތަނަވަސް ވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
29 July 2020
ފަތުރުވެރިކަން ފަދައިން މަސްވެރިކަމުގެ މައްޗަށްވެސް ނުފޫޒު ގަދަބަޔަކު ވެރިވެގަނެ އެމީހުން ބޭނުންވާގޮތަށް ފިނިމަސް އެކްސްޕޯޓް ކުރުމުގެ ޤަވާއިދު ހަދާ އާންމު ވިޔަފާރިވެރިޔާ އަށާއި މަސްވެރި އޮޑިވެރިޔާއަށް މަސް އެކްސްޕޯޓްކުރުމަށް ހުރަސް އަޅާ އެމީހުން ބޭނުންއަގެއް މަހަށްދޭންޖެހޭގޮތަށް ޤަވާއިދު ވަނީ ހަދާފަ. # މިކަން ބަދަލުކޮށް ފިނިމަސް އެކްސްޕޯޓްކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލަންޖެހޭ. މިއީ އިންސާފެއްނޫން.
ރޯމަސް
29 July 2020
ތައިލެންޑަށް ރޯމަސް އެކްސްޕޯޓު ކުރުން ހުއްޓައިފިއްޔާ ރިޖެކްޓް ވިއްޔޭ ކިޔާފަ އެކައުންޓަށް އަޅާހާ ޑޮލަރުތައް ލިބުން ހުއްޓޭނެ އެންނު. ރާއްޖޭ މަސްވެރިން އަތުން ގަންނަ ރަނގަޅު ކޮލިޓީގެ މަހުގެ ތެރެއިން ތައިލެންޑަށް ގެންދެވޭ އިރު ތިންބައިކުޅަ އެއްބައި ހުންނަނީ ‘ރިޖެކްޓް’ ވެފަ. ރަސްމީ ލިޔުމުން ދައްކަނީ އެބައި ޑަމްޕްކޮށް އާމްދަނީއެއް ނުލިބޭކަމަށް. އަސްލު އެބައި ޖަމާވަނީ ވެރިންގެ އެކައުންޓަށް. ދަޅުމަސް އެހެން ނުހެދޭނެ. ވީމަ ރޯމަހުގެ އެކްސްޕޯޓު ނުހުއްޓޭނެ.
ޙާލިދު
29 July 2020
ހުޅު މީދޫ ފެކްޓަރީގެ ބޭނުން ނުހިފޭ. އެތަނާ ޖެހިގެން ގޭ ދޮށު މަސް ފެކްޓަރީ އަޅަން އުޅެނީ މިސަރުކާރުން.