އެމްޓީސީސީ ޓަވަރު (މ): އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ ކުއާޓާގައި ލިބުނީ 15 މިލިއަން ރުފިޔާ-- ފޮޓޯ:މިހާރު
02 އޯގަސްޓް 2020 - 14:49
މި އަހަރުގެ ދެވަނަ ކުއާޓާގައި އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި 15 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެމްޓީސީސީން ނެރުނު ކުއާޓާލީ ރިޕޯޓު ދައްކާ ގޮތުގައި އެ ކުންފުންޏަށް ދެ ވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި 248 މިލިއަން ރުފިޔާ ލިބުނެވެ. މިއީ މި އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު 30 ޕަސެންޓުގެ ދަށްވުމެކެވެ. ފުރަތަމަ ކުއާޓާގައި 354 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަގައި ވެސް ސާފު ފައިދާ އާއި އާމްދަނީ ވަނީ ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 14.2 މިލިއަން ރުފިޔާ އެވެ. އެހެންވެ މި އަހަރުގެ ދެވަނަ ކުއާޓާގައި އެ ކުންފުނީގެ ފައިދާ މިވަނީ ގާތްގަޑަކަށް އެއް މިލިއަން ރުފިޔާ އިތުރުވެފަ އެވެ.
އެމްޓީސީސީން ބުނި ގޮތުގައި އާމްދަނީ އަށް ވެސް ދެވަނަ ކުއާޓާގައި ކޮވިޑް-19ގެ ސަބަބުން ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފަ އެވެ. އެގޮތުން، ލޮކްޑައުންގެ ސަބަބުން އެ ކުންފުނީގެ ދަތުރުފަތުރުގެ ވިޔަފާރި 50 ޕަސެންޓް ދަށަށް ގޮސްފައިވާއިރު ޕްރޮޖެކްޓުތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުން ލަސްވެ މަސައްކަތްތައް ވެސް ވަނީ ލަސްވެފަ އެވެ. ބޭރުން ގެންނަ މުދާ ވެސް ލޮކްޑައުންގެ ސަބަބުން ލިބުން ދަތިވި ކަމަށް އެ ކުންފުނިން ބުންޏެވެ.
ކޮވިޑް-19 ގެ ސަބަބުން މިއަހަރުގެ ދެވަނަ ކުއާޓަާ އާއި ތިން ވަނަ ކުއާޓާގައި ގިނަ ކުންފުނިތަކަށް ގެއްލުން ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy