ސަމާ އައިލެންޑް ރިސޯޓްގެ ޝެފް ޖެކް، އެންމެ މޮޅު ޝެފްގެ އެވޯޑާއި ސަމާ އައިލެންޑަށް ލިބުނު އެވޯޑާ އެކު ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: ސަމާ އައިލެންޑް
24 އޮކްޓޯބަރ 2016 - 12:45
ސަމާ އައިލެންޑް ރިސޯޓްގެ ޝެފް ޓިއަންގް ޓޯ ހުއަޓް (ޖެކް)، ދުނިޔޭގެ އެންމެ މޮޅު 50 ޝެފުންގެ ތެރޭގައި ހިމެނިއްޖެ އެވެ.
މާލެ އަތޮޅުގައި އޮންނަ ސަމާ އައިލެންޑް ރިސޯޓުން ނެރުނު ބަޔާނެއްގައި ބުނީ އެ ރިސޯޓްގެ އެޑްވައިޒަރީ އެގްޒެކެޓިވް ޝެފް ޖެކް އަށް އެ އެވޯޑް ލިބުނީ ޗައިނާގައި ނެރޭ މަގުބޫލް މަޖައްލާއެއް ކަމަށްވާ ގްލޯބަލް ގޯމޭ އިން ބޭއްވި މުބާރާތަކުން ކަމަށެވެ. ޝަންހާއީގައި މިދިޔަ ހަފުތާގައި ބޭއްވި އެ މުބާރާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ޝެފުން ބައިވެރިވެ، ތިން ކޯސްގެ ކެއުމެއް ތައްޔާރުކުރި އެވެ.
ދުނިޔޭގެ މަޝްހޫރު ޝެފުން ކަމަށްވާ ޑަ ޑޮންގާއި އަމްބާޓޯ ބަމްބާނޯ ފަނޑިޔާރުކަން ކުރި މުބާރާތުން ވަނައެއް ލިބުމާ ގުޅިގެން ޖެކް ވިދާޅުވީ އޭނާ މަސައްކަތް ކުރީ ރާއްޖެއާ ގުޅުންހުރި އަދި ރާއްޖެ ސިފަކޮށްދޭ ކަންކަން ހިމެނޭ މެނޫއެއް ތައްޔާރުކުރުމަށް ކަމަށެވެ. އެގޮތުން، ރާއްޖޭން ލިބޭ މަހާއި ހުނި ފަދަ ތަކެތި ބޭނުންކުރިކަން އޭނާ ފާހަގަކުރެއްވި އެވެ.
އެންމެ މޮޅު ޝެފުންގެ ތެރޭގައި ޖެކް ހިމެނުނުއިރު، ސަމާ އައިލެންޑް ރިސޯޓަށް ވެސް ވަނީ އެ ހަފްލާގައި އެވޯޑެއް ލިބިފަ އެވެ. އެއީ އެންމެ ރަނގަޅު ކެއުން ލިބޭ މަންޒިލްގެ އެވޯޑެވެ.
"މިއީ ސަމާ އައިލެންޑަށާއި ޝެފް ޖެކް އަށް ލިބުނު ވަރަށް ބޮޑު ފަހުރެއް،" އެ ރިސޯޓްގެ މެނޭޖަރު މާރިޔާ ޝަރީފް ވިދާޅުވި އެވެ.
ރާއްޖޭގައި ހުޅުވި އެންމެ ފުރަތަމަ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ސަމާ އައިލެންޑް ވަނީ ވަރަށް ފަހުން ވަރަށް ބޮޑު މަރާމާތެއްކޮށްފަ އެވެ. އެގޮތުން، ހަތަރު ތަރީގެ މި ރިސޯޓްގެ ކޮޓަރިތައް އާކޮށް، ރެސްޓޯރަންޓާއި ބާ އަދި ސްޕާ އަށް ވެސް ބަދަލުތަކެއް ގެނެސްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަންމަދު
24 October 2016
މަރުޙަބާ!