ލަންކާގައި ރާމާމަކުނުގެ އާބާދީ އިތުރުވުމުން ދަނޑުވެރިކަމަށް ގެއްލުންވާ ކަމަށް ސިރިސޭނާ ވިދާޅުވި.
23 އޯގަސްޓް 2020 - 11:54
ކޮލަމްބޯ (އޮގަސްޓް 23) - ސްރީ ލަންކާގައި ރާމާމަކުނުގެ އާބާދީ އިތުރުވެ، އެކަން ބޮޑު ބިރަކަށް ވެއްޖެ ކަމަށް ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.
ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް ވިދާޅުވީ ރާމާމަކުނުގެ އުނދަގޫ ދަނޑުވެރިންނަށް ވަރަށް ބޮޑުވެއްޖެ ކަމަށާއި ދަނޑުވެރިން ހައްދާ ތަކެއްޗަށް ރާމާމަކުނުތައް ގެއްލުން ދެމުންދާ ކަމަށެވެ. ރުއްތައް ވެސް ހަލާކު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ސިރިސޭނާ ވިދާޅުވީ އެމަނިކުފާން އެގްރިކަލްޗާ މިނިސްޓަރަކަށް ހުރި އިރު ލަންކާގައި ރާމާމަކުނުގެ އާބާދީއަކީ ގާތްގަނޑަކަށް އެއް މިލިއަން ކަމަށެވެ. ނަމަވެސް މިއަދު ލަންކާގައި ދެ މިލިއަނަށް ވުރެ ގިނަ ރާމާމަކުނު އުޅޭ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެއިން އެއްވެސް ޖަނަވާރަކަށް ގެއްލުމެއް ނުދޭ ކަމަށް ވިދާޅުވި އެވެ.
"ޖަނަވާރުންގެ ހައްގުތައް ހިމާޔަތް ކުރާ ޖަމާއަތްތައް އުޅޭކަން ވެސް ވިސްނަން ޖެހޭނެ. ލަންކާ އަކީ ޖަނަވާރުންނަށް ހިމާޔަތް ދޭ ގައުމެއް،" ސިރިސޭނާ ވިދާޅުވި އެވެ.
ލަންކާގައި 2015 އިން 2019 އަށް ވެރިކަން ކުރެއްވި ސިރިސޭނާ ވަނީ މި މަހު 5 ވަނަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގައި ވެރިކަންކުރާ އެސްއެލްޕީން ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެދަން
24 August 2020
ދޭތެރެދުރުކުރުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވަންތޯ؟
ރަދީފްއޮފިޝިއަލް
23 August 2020
ރާއްޖޭގަ ވެސް ރާމާމަކުނުގެ އުނދަގޫ ބޮޑު ދުވަސްތަކެއް މިހާރު ގުނަމުން މިދަނީ.2008 އިން 2012 އަށް ރާއްޖޭގަވެސް މަކުނުތަކުގެ އުނދަގޫ ބޮޑުވެގެން ދިޔަ.ތަފާތަކީ ރާއްޖޭގަ އުޅޭ މަކުނުތައް އެއީ ކޯޓް ފަޓްލޫނުގަ އުޅޭ އެއްޗިއްސައްވުން.ވ.ވެދުން