25 އޯގަސްޓް 2020 - 07:30
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "މަރުދާނީ" ފްރެންޗައިޒްގެ ދެ ފިލްމުގައި ބަތަލާ ރާނީ މުކަރްޖީ ދެއްކި ހުނަރަށް ޑައިރެކްޓަރު ގޯޕީ ޕުތުރާން ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.
މިދިޔަ އަހަރު ރިލީޒްކުރި "މަރުދާނީ 2" އަކީ އެ ފިލްމު ލިޔެ، ގޯޕީ ޑައިރެކްޝަނަށް ނުކުތް ފިލްމެވެ. ދެހާސް ސާދައިގައި ގެނެސްދިން "މަރުދާނީ" އަކީ އޭނާ ލިޔެ، ޕްރަދީޕް ސަރުކާރް ޑައިރެކްޓްކުރި ފިލްމެކެވެ. މި ދެ ފިލްމުގައި ވެސް ރާނީ ކުޅެފައި ވަނީ ކުށްވެރިންތަކެއް ހަމަބިމަށް ތިރިކުރަން މަސައްކަތްކުރާ ވަރުގަދަ ފުލުހެއްގެ ރޯލެވެ. އޭނާގެ ކެރެކްޓާގެ ނަމަކީ ޝިވާނީ ޝިވާޖީ ރޯއި އެވެ.
ރާނީ އަށް ތައުރީފުކުރަމުން ގޯޕީ ބުނީ ދެ ފިލްމުގައި ރާނީ ކުޅުނު ކެރެކްޓާ އޭނާ ނޫން ބަތަލާއަކަށް ނުކުޅެވޭނެ ކަމަށާއި ޝިވާނީގެ ކެރެކްޓާ އަށް ރާނީ ރޫހު ގެނެސްދީފައިވާ ކަމަށެވެ. އަދި އެ ކެރެކްޓާ އަށް ބެލުންތެރިން އެހާ ގަޔާވީ ވެސް ރާނީ ދެއްކި އެކްޓިން މޮޅުކަމުން ކަމަށާއި ރާނީއާ އެކު "މަރުދާނީ" ފްރެންޗައިޒް ހެދުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ބުންޏެވެ.
"މަރުދާނީ 2" ގެ ޑައިރެކްޓަރާއި ފިލްމުގެ ވިލަން (ވ)އާ އެކު ރާނީ.
"އަހަރެން އެންމެ ހައިރާންކޮށްލި ކަމަކީ އެކްޝަންތަކަށް ވެސް ރާނީ މޮޅުކަމުން. ހީކުރި ވަރަށް ވުރެ މާ ރަނގަޅަށް އޭނާ ވަނީ މަސައްކަތްކޮށްފައި،" ކުރިން ހުރިހާ ފިލްމުތަކެއްގައިހެން ލޯބީގެ ރޯލްތައް ކުޅެފައިވާ ބަތަލާއާ ބެހޭ ގޮތުން ގޯޕީ ބުންޏެވެ. "ރާނީ އަކީ ވަރަށް ނެޗްރަލް ބަތަލާއެއް. ޝިވާނީގެ ރޯލުން އޭނާ ކަށަވަރުކޮށް ދިނީ ކޮންމެ ކަހަލަ ރޯލަކަށް ވެސް ރާނީ ފިޓްވާކަން."
އޭނާ ބުނިގޮތުގައި "މަރުދާނީ" ގެ ސްކްރީންރައިޓަރުގެ ހައިސިއްޔަތުން އޭނާ ބިނާކުރި ޝިވާނީގެ ކެރެކްޓާ ލިޔުނު ގޮތަށް ވުރެ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ރޯލަކަށް ރާނީ ހަދައި ދިނުމަކީ ލިޔުންތެރިއެއްގެ ގޮތުން މިހާތަނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
"އަހަރެން ބުނާ ހިތްވަނީ ޝިވާނީގެ ކެރެކްޓާ އަކީ ހިންދީ ސިނަމާގައި ބަތަލާއަކު ގެނެސްދިން ވަރަށް ވެސް އާދަޔާހިލާފު ވަރަށް ވަރުގަދަ ކެރެކްޓާއެކޭ." ގޯޕީ ބުންޏެވެ. "އެއީ އެކްޓިންގައި ވެސް ރާނީ އަކީ ޖީނިއަސްއެއްކަން ސާބޮތުކޮށްދިން ކެރެކްޓާއެއް. ޝިވާނީގެ ކެރެކްޓާ އަކީ އަހަރެން ދެކޭ ގޮތުގައި އަބަދު ވެސް އިންޑިއާގެ ސިނަމާގެ ހާއްސަ މަގާމެއްގައި އޮންނާނެ ކެރެކްޓާއެއް."
އޭނާ ބުނިގޮތުގައި "މަރުދާނީ 2" އިން ލިބުނު އެންމެ ބޮޑު އެއް ފިލާވަޅަކީ މުޖުތައުމުގައި ހުރި ހަގީގީ މައްސަލަތަކަށް ބިނާކޮށް ފިލްމު ހަދައި، ބަތަލާއިން ސެންޓްރަލް ކެރެކްޓާތަކަށް ލައިގެން ފިލްމު ހެދުމަކީ ކާމިޔާބުކަމެއްކަން ކަމަށެވެ. އަދި އެފަދަ ފިލްމުތައް ގިނަގިނައިން ހަދަން ޖެހޭ ކަމަށާއި އޭގެ ސަބަބުން އަންހެނުންނާ ދޭތެރޭ މުޖުތަމައު ދެކޭ ބަލިކަށި ގޮތްތައް ނެތިގެން ދާނެ ކަމަށް ބުންޏެވެ.
"މަރުދާނީ ފްރެންޗައިޒަކަށް ހަދަން ބޭނުންވީ ވެސް އެ ސަބަބާ ހުރެ. އެހެންވީމަ ކުރިއަށް އޮތް ތަނުގައި ވެސް މި މަސައްކަތް އަހަރެމެން ކުރިއަށް ގެންދާނަން." ގޯޕީ ބުންޏެވެ.
"މަރުދާނީ" އާއި "މަރުދާނީ 2" އަކީ ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްސްމް (ވައިއާރްއެފް) އިން ގެނެސްދިން ފިލްމުތަކެކެވެ. ރާނީގެ ކުރިއަށް އޮތް ފިލްމަކީ އެ ސްޓޫޑިއޯގެ "ބަންޓީ އޯރް ބަބްލީ 2" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނޫވިލު
25 August 2020
ތިހެން ބުނެވިދާނެ. އެކަމަކު ތިޔަށްވުރެ ތިބައިތައް މާ ފުރިހަމަޔަށް އަދާކުރާނޭ ކުދީން މިހާރު އެބަތިބި.