ރަޝިޔާގެ އިދިކޮޅު ލީޑަރު ނަވަލްނީ އަށް މިހާރު ފަރުވާ ދެނީ ބާލިންގެ ހޮސްޕިޓަލެއްގައި. --ފޮޓޯ:ރޮއިޓާސް
25 އޯގަސްޓް 2020 - 11:21
ބާލިން (އޮގަސްޓް 25) - ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ އަށް ވިހައެއް ދީފައިވާކަން ކްލިނިކަލް ތަހުލީލުތަކުން އެނގޭ ކަމަށް އޭނާ އަށް މިހާރު ފަރުވާދޭ ޖަރުމަނުގެ ހޮސްޕިޓަލުން ބުނެފި އެވެ.
ބާލިންގެ ޗެރިޓީ ހޮސްޕިޓަލުން ބުނީ ނަވަލްނީ އަށް ދީފައިވާ ކެމިކަލެއްގެ ސަބަބުން އޭނާގެ ނާރުތަކުގެ ނިޒާމަށް މައްސަލަ ދިމާވެ ހަބަރު ހުސްވި ކަމަށެވެ. އެކަމަކު ރަޝިޔާގައި އޭނާ އަށް ފަރުވާ ދިން ޑޮކްޓަރުން ބުނެފައި ވަނީ ނަވަލްނީގެ ހަށިގަނޑުން ވިހައިގެ އެއްވެސް އަސަރެއް ފެނިފައި ނުވާ ކަމަށެވެ. އަދި ނަވަލްނީގެ ހާލަތު ގޯސްވީ ހަށިގަނޑުން ހަކުރު މާބޮޑަށް ދަށްވުމުން "މެޓަބޮލިކް ޑިސްއޯޑާއެއް"ގެ ސަބަބުން ކަމަށް ވެސް ބުނެފައިވެ އެވެ.
ނަވަލްނީ ކުއްލިއަކަށް ބަލިވީ ސައިބީރިއާ އިން މޮސްކޯ އަށް ދަތުރުކުރަނިކޮށް މަތިންދާބޯޓައި، މިދިޔަ ބުރާސްފަތި ދުވަހު އެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި ސައިބީރިއާގެ ޓޮމްސްކް އިން ބޯޓު ނައްޓާލުމާ އެކު ވަރަށް ބޮޑަށް އުނދަގޫވާތީ ނަވަލްނީ އުޅުއްވި އެވެ. ބޯޓު ވަނީ އަނބުރާލާފައި ކުއްލި ހާލަތުގައި ޓޮމްސްކް އަށް ޖައްސައިފަ އެވެ.
ރަޝިޔާގެ އިދިކޮޅު ލީޑަރު ނަވަލްނީ އަށް ފަރުވާ ދޭ ޖަރުމަނުގެ ހޮސްޕިޓަލްގެ ބޭރުގައި ފުލުހުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ
ނަވަލްނީގެ ސަޕޯޓަރުން ތުހުމަތު ކުރަނީ ޓޮމްސްކް އެއާޕޯޓުގެ ކެފޭ އިން އޭނާ ބެއްލެވި ސައިތައްޓަށް ވިހަ މާއްދާއެއް އަޅާފައިވާ ކަމަށެވެ.
ޖަރުމަނުގެ ޑޮކްޓަރުން ބުނެފައި ވަނީ ނަވަލްނީގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި އެކަމަކު މިހާރު ފުރާނައަށް ނުރައްކަލެއް ނެތް ކަމަށެވެ. އައިސީޔޫގައި މިހާރު ފަރުވާ ދޭ ނަވަލްނީ އޮތީ އާޓިފިޝަލް ކޯމާއެއްގަ އެވެ. ނަވަލްނީ ބާލިން އަށް ގެންގޮސް ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖެއްސީ އެންޖީއޯއެއް ކަމަށްވާ ސިނަމާ ފޯ ޕީސް އިންނެވެ.
ނަވަލްނީ، 44، އަކީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަށް ފާޅުގައި ފާޑުވިދާޅުވާ ބޭފުޅެކެވެ. އޭނާ ގެންދަވަނީ ކޮރަޕްޝަނުގެ މައްސަލަތަކާ ދެކޮޅަށް ވެސް އަޑު އުފުއްލަވަމުންނެވެ. ނަތީޖާއެއްގެ ގޮތުން ވަނީ އެތައް ފަހަރަކު ޖަލުގައި ބަންދުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަކީމް
25 August 2020
ރަޝީޔާ އަޒްރޭލް މީ މުޅިންވެސް އެމީހުންގެ ހަތުރުންނަށް ވިހަ ދީގެން މަރާ ބަޔެއް ..
ލިބަމަން
25 August 2020
ޕުޓިން އިސްތިއުފާ! ފުދިއްޖެ.
ރަދީފްއޮފިޝިއަލް
25 August 2020
ޕުޓިން އެއީ ނުރައްކާތެރި މީހެއް.ވާދަވެރިން ނައްތާލަން ކޮންމެފަދަ ކަމެއް ކުރަން ވެސް ފަސްނުޖެހޭ ލީޑަރެއް.މާޒީ ވަރަށް ބޮޑަށް ހެކިދޭ ޕުޓިން މިފަދަ އަމަލެއްގެ ފަހަތުގަ ހުރިކަން.ޕޮލޯނިއަމް ފަދަ ރޭޑިޔޯއެކްޓިވް މާއްދާ ބޭނުންކޮށްގެން ބައެއް މީހުން މާރާލަފައިވޭ. މިސާލު: 1)އެލެގްޒެންޑްރާ ލިޓްވިނެންކޯ 2)އަނާ ޕޮލިޓޮވޯސްކްޔާ 3)ލަޑިމިޔާ ކަރާމުރްޒާ 4)ސާޖީ ޔޫލިއާ ކެޕްރަލް 5)ޕަޔެޓްރ ވެރިޒޯލްވް
ސީސޯ
25 August 2020
އެކަމަކު ޕުޓިން އެއީ އެއްވަނަ.