03 ސެޕްޓެމްބަރ 2020 - 07:03
އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު ޖޫން މަހު މަރުވި ފަހުން ސޯޝަލް މީޑިއާއާ ދުރުގައި ހުރުމަށް ފަހު ކަރަން ޖޯހަރް ފޮތެއް ނެރެން އުޅޭކަން އިއުލާންކޮށްފި އެވެ.
އަންގާރަ ދުވަހު އޭނާ ކުރި ޓްވީޓެއްގައި ބުނީ ކުޑަކުދިންގެ ފޮތެއް ނެރެން ތައްޔާރުވަމުން އަންނަ ކަމަށާއި މިއީ ކުޑަކުދިންނާ ގުޅޭ ގޮތަށް ތަސްވީރުތަކެއް ހިމަނައިގެން ގެނެސްދޭ ފޮތެއް ކަމަށެވެ. ފޮތުގެ ނަމަކީ "ދަ ބިގް ތޯޓްސް އޮފް ލިޓްލް ލަވް" އެވެ.
މި ފޮތާ ބެހޭ ގޮތުން ކުރި ޓްވީޓްގައި ކަރަން ވަނީ އޭނާގެ އެއްމާބަނޑު ދެ ދަރިން ކަމަށްވާ ޔާޝް އާއި ރޫހީ ޖޯހަރާ އެކު ނަގާފައިވާ ބައެއް ފޮޓޯތަކާއި ދެ ކުދިންގެ ވީޑިއޯކޮޅުތަކެއް ވެސް ހިމަނައި، ފޮތުގައި އެކުލެވޭ ކަންކަމާ ބެހޭ ވާހަކަތަކެއް ވެސް ހިއްސާކޮށްފަ އެވެ. މިހާރު އުމުރުން ތިން އަހަރުގެ ޔާޝް އާއި ރޫހީ އަކީ ކައިވެންޏެއް ނުކުރާ ކަރަން ސަރޮގޭޓް މަންމައެއް މެދުވެރިކޮށް ހޯދި ދެ ކުދިންނެވެ.
Wanted to share something exciting! My first picture book for kids ! #thebigthoughtsoflittleLUV ! Coming soon! Thank you @mrsfunnybones for introducing me to the wonderful @Chikisarkar @juggernautbooks pic.twitter.com/QkZdYzCcEL
— Karan Johar (@karanjohar) September 1, 2020
ކަރަންގެ ކުޑަކުދިންގެ ފޮތް ނެރެނީ މިހާރު ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ކުރީގެ ބަތަލާ ޓްވިންކަލް ކަންނާގެ އެހީއާ ވެސް އެކުގައި ކަމަށް ބުންޏެވެ. އެ ދެ މީހުންނަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ.
"މިސިޒް ފަނީ ބޯން" އާއި "ދަ ލެޖެންޑް އޮފް ލަކްޝްމީ ޕްރަސާދު" އަދި "ޕިޖާމާސް އާ ފޮގިވިން" ނެރެފައިވާ ދެ ކުދިންގެ މަންމަ ޓްވިންކަލް އަކީ އެކްޓަރު އަކްޝޭ ކުމާރުގެ އަންހެނުންނެވެ.
ކަރަންގެ ޓްވީޓްގައި ބުނީ "ދަ ބިގް ތޯޓްސް އޮފް ލިޓްލް ލަވް" ވަރަށް އަވަހަށް ނެރޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy