އޭސީސީގެ މެމްބަރުން، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ޖަވާބުދާރީވަނީ.---ފޮޓޯ: މަޖިލިސް
07 ސެޕްޓެމްބަރ 2020 - 16:01
އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ގެ އެހީގައި ހިންގާ 6.7 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ)ގެ މަޝްރޫއު ޔޫއޭއީގެ ވެބް ފޮންޓެއިންއާ ހަވާލުކުރުމުގައި ހިންގި ކަމަށް ފެންމަތިކުރި މައްސަލަތަކުން އެއްބަސްވުން އުވާލުމާ ހިސާބަށް ދިޔައިރު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފިޔަވަޅެއް ނޭޅި އަދިވެސް އޮތީ ތަހުގީގުގެ މަރުހަލާގަ އެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި އެތަނާ ގުޅުން ހުރި އިދާރާތަކުގެ ޚިދުމަތްތައް އެއް ވިއުގައަކުން ގުޅާލުމުގެ މަޝްރޫއު އޭޑީބީން އަންގައިގެން ބާތިލްކުރަން ފިނޭންސް މިނިސްޓްރީން ނިންމީ، ކޮރަޕްޝަން ހިންގި ކަމުގެ ތުހުމަތުތަކެއް އޭސީސީ އަށް އަމިއްލަ ފަރާތްތަކުން ހުށަހަޅައި ބަލައިދޭން އެދިފައި އޮއްވަ އެވެ.
މި މަޝްރޫއު ފެބުރުއަރީ 2019 ގައި ބީލަމަށް ހުޅުވާލައި ވެބްފޮއިންޓެއިނާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އަގު ބޮޑު މި މަޝްރޫއު ވެބް ފޮއިންޓެއިން އިން ހޯދީ ފިލިޕީންސްގައި ހުންނަ އެ ކުންފުނީގެ ރިސާޗު ޔުނިޓެއްގެ ނަމުގައި ޑޮކިއުމެންޓް ހުށަހަޅައިގެން ޔޫއޭއީގައި ހުންނަ ވެބް ފޮންޓެއިން ކުންފުނިން ހުރިހާ މަސައްކަތެއް ކުރިއަށް ގެންދާ ގޮތަށެވެ. މި މަޝްރޫއުގައި ބައިވެރިވާ ކުންފުނިތައް ނިސްބަތްވާން ޖެހޭ ގައުމުތަކުގެ ލިސްޓުގައި ޔޫއޭއީއެއް ނުހިމެނެ އެވެ. އެކަމަކު ޕިލިޕީންސް އެ ލިސްޓުގައި އޮތެވެ.
އޭސީސީއަށް ހުށަހަޅާފައި އޮތީ ޝަރުތު ހަމަނުވާ ކުންފުންޏަކުން ކުރިމަތިލައި، އެހެން ހުރިހާ ކުންފުންޏެއްގެ މައްޗަށް ކުރި ހޯދުމުގައި ހިންގާފައިވާ ގޯސްތަކެވެ.
އޭސީސީ އަށް ފުރަތަމަ މި މައްސަލަ ހުށައެޅީ، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، ޑިސެމްބަރު 5، 2019 ގަ އެވެ. މައްސަލަ ހުށަހެޅި އަމިއްލަ ފަރާތުން އެ ފަހަރު ވެސް އެދުނީ މި ޕްރޮޖެކްޓް އެވޯޑުކުރުން ހަވާލުކުރުން ހުއްޓުވައިދޭށެވެ. އެކަމަކު އޭސީސީގެ މާ ބޮޑު އަޅާލުމެއް ނުލިބުމުން ދެ ވަނަ ފަހަރަށް ކޮމިޝަންގެ ސަމާލުކަމަށް އެކަން ގެނައުމުން މައްސަލަ ރަޖިސްޓްރީކުރީ ޑިސެމްބަރު، 11، 2019 ގަ އެވެ. މިކަމުގައި ނިންމި ގޮތެއް މައްސަލަ ހުށަހެޅި ފަރާތާ މިހާތަނަށް ވެސް އޭސީސީން ހިއްސާނުކުރާކަން "މިހާރު"އަށް އެނގިފައިވެ އެވެ.
މިކަން ހިނގާފައިވާ ގޮތް "މިހާރު"ން ރިޕޯޓްކުރުމުން ފިނޭންސް މިނިސްޓްރީން ވަނީ ޕްރޮކިއުމަންޓް އެސެސްމެންޓް ރިވިއުއެއް އޭޑީބީއާ ގުޅިގެން ހަދައިފަ އެވެ. މި ރިވިއުއަށް ފަހު ނިންމީ ވެބް ފޮއިންޓެއިންއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކުރާށެވެ. އެކަމުގައި ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ރާއްޖެ އަށް މާލީ ގޮތުން ގިނަ އެހީތަކެއް ވެދެމުން އަންނަ އޭޑީބީގެ އެހީގައި ހިންގާ ބޮޑު މަޝްރޫއުއެއް، އޮޅުވާލައިގެން ލިއުން ހުށަހެޅި އަދި ޝަރުތު ހަމަނުވާ ކުންފުންޏަކާ ހަވާލުކުރި މައްސަލައިގައި އޭސީސީން އެޅީ ކޮން ފިޔަވަޅެއްތޯ "މިހާރު"ން އެހުމުން އެ ކޮމިޝަނުން ބުނީ ތަހުގީގު ކުރިއަށް އެބަދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ތަހުގީގުން އޭސީސީ އަށް ފާހަގަވި ކަންކަމާ ގުޅިގެން ނެޝަނަލް ޓެންޑާ ބޯޑަށް ނުވަތަ އިކޮނޮމިކް މިނިސްޓްރީ އަށް އެންގުމެއް އަންގާފައިވޭތޯ ވެސް ޔަގީންކޮށެއް ނުދެ އެވެ.
އިކޮނޮމިކް މިނިސްޓްރީގެ މި މަޝްރޫއު ވެބް ފޮއިންޓެއިންއާ ހަވާލުކުރީ މިކަމާ ގުޅުން ހުރި ހުރިހާ އިދާރާތަކެއް ހިމެނޭ ޓެކްނިކަލް ކޮމިޓީން ނިންމައިގެންނެވެ. ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި، ބިޑް އިވެލުއޭޝަނާ ހިސާބުން ފެށިގެން ހުރިހާ މަރުހަލާއެއްގައި ވެސް އޭޑީބީގެ ބައިވެރިވުން އޮތެވެ.
ޓެކްނިކަލް އިވެލުއޭޝަން ކޮމިޓީގައި އިކޮނޮމިކް މިނިސްޓްރީ އާއި ކަސްޓަމްސް އާއި ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ)ގެ ބޭފުޅުން ހިމެނެ އެވެ. މި ކޮމިޓީން ވެބް ފޮއިންޓެއިންއާ މި މަޝްރޫއު ހަވާލުކުރީ ކުންފުނިން ހުށަހެޅި ލިއުންތަކަށް ބަލައިގެންނެވެ. އެ ލިއުންތަކަށް އެކަނި ބަލައި މަޝްރޫއު ހަވާލުކުރިއިރު ކުންފުނީގެ ޑިއުޑެލިޖެންސް ހެދިތޯ ސުވާލު އުފެދެ އެވެ.
މި މައްސަލަ ތަހުގީގުކޮށްދޭން އޭސީސީއަށް ހުށަހަޅައި "މިހާރު"އަށް ކޮޕީ ލިބިފައިވާ ލިއުމާއި ފިނޭންސްގެ ބިޑް ޑޮކިއުމެންޓުގައިވާ ގޮތުން ބިޑުގައި ބައިވެރިވާ ކުންފުނިތަކުން މަދުވެގެން 4 މިލިއަން ޑޮލަރަށް ވުރެ ދަށް ނޫން ދެ މަޝްރޫއު ހިންގާފައި ވުމަކީ ޝަރުތެކެވެ. އެކަމަކު ފިލިޕީންސްގެ ވެބް ފޮންޓެއިންގައި މި ޝަރުތު ހަމައެއްނުވެ އެވެ. އޭގެ ބަދަލުގައި ބިޑް ކާމިޔާބު ކުރަން ހުށަހެޅީ ޔޫއޭއީގައި ހުންނަ މައި އޮފީހުން ހިންގި މަޝްރޫއުތަކުގެ ލިއުންތައް ކަމަށާއި އެއީ ވެސް ބޮޑު އޮޅުވާލުމަކަށް ވެދާނެ ކަމަށް، މައްސަލާގައި ބުނެފައިވެ އެވެ.
އޭސީސީއަށް ހުށަހެޅި މައްސަލައިގައި ތުހުމަތުކޮށްފައިވާ ގޮތުގައި، މީގެ ކުރިން އެއްވެސް މަޝްރޫއެއް ހިންގާފައި ނުވާ ފިލިޕީންސްގެ ވެބް ފޮންޓެއިންގެ ނަމުގައި ކުރިމަތިލީ، ލިސްޓްގައި ހިމެނޭ ގައުމެއްގެ ނަން ބޭނުންކޮށް، ބިޑް ކާމިޔާބު ކުރާށެވެ. ހަމައެކަނި ކަރުދާސް ކުންފުންޏެއްގެ ގޮތުގައި ބެލެވޭ އެ ކުންފުނިން މަޝްރޫއު ނެގިއަސް ހިންގަނީ ދުބާއީގައި ހުންނަ މައި އޮފީހުން ކަމުގެ ތުހުމަތު ވެސް، އޭސީސީއަށް ހުށައެޅި މައްސަލާގައި، ކޮށްފައިވެ އެވެ.
އޭޑީބީގެ ލޯން އެހީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުގެ ބޭނުމަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން ރާއްޖޭގެ އިމްޕޯޓް-އެކްސްޕޯޓް ވިޔަފާރިތަކަށް ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމެވެ. ނެޝަނަލް ސިންގަލް ވިންޑޯ މަޝްރޫއުގެ ދަށުން އޮންލައިން ޕޯޓަލެއްގެ ތެރެއިން އިމްޕޯޓާއި އެކްސްޕޯޓާ ގުޅޭ ލިޔެކިޔުންތައް ލުއި ފަސޭހަކޮށް ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިދެ އެވެ. އެ ޕޯޓަލަށް ކަމާ ގުޅޭ ވުޒާރާތައް ގުޅުވާލައި، އިމްޕޯޓް-އެކްސްޕޯޓް ހުއްދަތައް އަންނަ އަހަރުގެ ތެރޭގައި އޮންލައިންކޮށް ފޯރުކޮށްދޭން ފަށާނެ ކަމަށް ސަރުކާރުން މިދިޔަ ފެބުރުއަރީ މަހު ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
08 September 2020
އޭ ސީ ސީ ގެ ކުރިން ތިޔަޒާތު ޝައްކު ދެނެގަންނާނެ އެޖެންސީއެށް ނެތީތޯ ؟ ޕައްކިއާފަ ތުހުމަތެއް ވާއިރަށް ތިޔަ ތަނުގެ ( ސިސްޓަމަށް ) ނުކަތާ ސަކޭގަ ނުވާ ވަރަށް ތިޔަ ތަކަށް ތިޔަ ހުށަ އަޅަނީ.؟؟؟
ކަޅުމޮހޮނު
08 September 2020
އޭސީސީގެ ނަން 'ދަ ކަރަޕްޓް ކޮމިޝަން' އަށް ބަދަލު ކުރަން ފެނޭ. އެއީ ކަރަޕްޝަން ހުއްޓުވާ ތަނެކޭ ކިޔުން އައުލާވެގެން ނުވޭ. އެންމެ ފުރަތަމަ އެތަނުގަ ތިބި މުވައްޒަފުން ވަޒީފާއަށް ނެގުމުގަވެސް އޮތީ ކޮރަޕްޝަން. ދެން ކޮން ކަމެއްގަ އެމީހުން ކޮރަޕްޓް ނުވާނީ؟
ޒަވިޔަނި
08 September 2020
އެހެންމީވަ، ދައުލަތުން ބޮޑު ހޭދައެއްކޮށްގެން ތިކޮމިޝަން ބޭއްވުމުގެ ބޭނުމެއް ނެތެއްނު.
ދޮންތުއްތު
08 September 2020
ތިޔައީ ކުރިއްސުރެން ހަމަޖެހިފައިވާ ގޮތް.
ޝިފާން_
08 September 2020
އޭސީސީގެ ވެރިޔާއާ ތިކޮންޓްރެކްޓް ލިބިފައޮތް ރާއްޖެ ޕާޓީގަ ތިބީ އެއްރަށެއްގެ މީހުންތޯ ބަލަމާ؟
ައަފުރާސިޔާބު
08 September 2020
ފިނޭންސްގެ ޕޮލިސީ ބޭފުޅާއަށް ކިޔޭ ނުކިޔޭ އެއްޗެއްނޭގޭ އިރު އޭސީސީގައި ތިބި އިއްޔެ މެންދުރުގެ ޅަކުދިންނަށް މަކަރުވެރިން މިހަދާ ހުރިހާ މަކަރެއް ދެނެގަނެވޭނެ ގާބިލުކަމެއް ހުންނާނޭކަމަކަށް މަގޭ ވިސްނުމަކަށް ނާދޭ. ފިނޭންސް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ދޮވެލައިގެން ނޫނީ ކޮރަޕްޝަނެއް ނުހުއްޓުވޭނެ. އެތަންތަނަށް ވޭތުވެދިޔަ ދުވަސްތަކުގައި އިންދި ކޮރަޕްޝަނުގެ ގަސްތައް ބޮޑެތިވެ މުޅިގައުމަށް އޭގެ މޫފައިބާފައިވަނީ. ފިނޭންސުން އެބުނީނޫންތޯ އިވެލުއޫޝަންގޯހަސްއޯކޭއޭ
ޖަރީ
08 September 2020
އޭސީސީ އެއްނޫން ، އެއީ ހަރުކޮށްފައި ހުރި އޭސީ އެއް. ސަރުކާރު އެއްކޮށް ދަވާލިޔަސް އެ އެއް ގުޑައެއް ނުލާނެ.
ޝޮކްތެރަޕީ
08 September 2020
މުޅި ޤައުމުގެ ދުވަސް މި ދުއްވާލަނީ.
ޓެރަބައިޓް ޝާހު
07 September 2020
ދެކުނު ޅިޔަނު ރަށު ކުދިން ތިބީމާ އޭސީސީއިން އޮޅުވާލެވޭނެ. އެކަމު މިފަހަރު އިންޓަނޭޝަނަލް އިދާރާތަކުން އޮޅުވައެއް ނުލެވިގެން އަތައް ގޮވީމި.
އެންދެރިމާ
07 September 2020
ތަޖުރިބާ ނެތް ބަޔަކު ލީމަ އެހެން ވެދާނެ އެވެ.