މުނިފޫހިފިލުވުން / މުމްބާއީ

ކަންގަނާ ރަނާވަތުގެ އޮފީހަށް ދިން ގެއްލުމުގެ ބަދަލަށް 2 ކްރޯޑް ރުޕީސް ހޯދަން ކޯޓަށް ހުށަަހަޅައިފި

ކަންގަނާގެ އޮފީސް އިމާރާތުގެ ބައެއް ތަންތަން ބީއެމްސީން ތަޅައިލީ މި މަހުގެ 9 ގައި

15 ސެޕްޓެމްބަރ 2020 - 19:58

މުމްބާއީގެ ޕާލީ ހިލްގައި ހުންނަ ބަތަލާ ކަންގަނާ ރަނާވަތުގެ އޮފީސް އިމާރާތުގެ ބައެއް ތަންތަނަކީ ގަވައިދާ ހިލާފަށް އިމާރާތްކޮށްފައިވާ ތަންތަން ކަމަށް ބުނެ އެތަން ތަޅާލި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލަށް ބްރިހަމް މުމްބާއި މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ) ގެ ފަރާތުން ދެ ކްރޯޑް ރުޕީސް ހޯދަން ބޮމްބޭ ހައި ކޯޓަށް ހުށަހަޅައިފި އެވެ.

އެކަމާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ކަންގަނާ ބުނެފައި ވަނީ ޖެނުއަރީ މަހުގެ 15 ދުވަހު ހުޅުވި އޮފީސް އިމާރާތުގައި ގަވައިދާ ހިލާފަށް އެއްވެސް ބައެއް އިމާރާތްކޮށްފައި ނުވާނެ ކަމަށެވެ. އަދި އޭނާ އަށް ދިން ގެއްލުމަކީ ޒާތީ ގޮތުންނާއި ފާޅުކުރި ހިޔާލުތަކެއްގެ ސަބަބުން ދިން ގެއްލުންތަކެއް ކަމަށް ބުންޏެވެ.

ކަންގަނާ އޮފީހުގެ ބައިތަކެއް މިދިޔަ ހަފުތާގެ ބުދަ ދުވަހު ބީއެމްސީން ތަޅައިލީ ކަންގަނާ އާއިލާގެ ކައިރި އަށް ހިމާޗަލް ޕްރަދޭޝްގެ މަނާލީ އަށް ކުރި ދަތުރަށް ފަހު މުމްބާއީ އަށް އެނބުރި ދާން ދަތުރުކުރަމުން ދަނިކޮށެވެ. އަދި ގަވައިދާ ހިލާފަށް ހަދާފައިވާ ތަންތަން ހުސްނުކުރާ ނަމަ 24 ގަޑިއިރުގެ ތެރޭގައި ތަޅައިލާނެކަމުގެ އިންޒާރު ވެސް ބީއެމްސީން ދިނެވެ.

ބޮޑު ހަރަދެއްކޮށްގެން ހަދާފައިވާ އޮފީސް ތަޅައިލުމާ ގުޅިގެން ކަންގަނާ ބުނީ އެއީ ބީއެމްސީން ދިން ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. ސަބަބަކީ އޮފީސް ހުޅުވިތާ މާ ގިނަ ދުވަހެއް ނުވެ ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު އޮފީހުގައި އެއްވެސް މަސައްކަތެއް ރަސްމީކޮށް ނުފެށި ވަނިކޮށް އެތަން ތަޅައިލުމުންނެވެ. އޭނާ ބުނީ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާން ނިންމީ މި ހާލަތުގައި އަމިއްލަ އަށް އޮފީސް އިމާރާތްކުރަން ދަތިވެފައިވާތީ އެވެ. އަދި މިއީ އޭނާ އަންހެނަކަށްވެފައި، ކަންކަމާ ދޭތެރޭ ފާޅުގައި ހިޔާލު ފާޅިކުރާތީ އެކަމަށް ވެސް އަމާޒުކޮށް ދިން ގެއްލުމެއް ކަމަށް ބުނެފައިވެ އެވެ.

މި މައްސަލާފައި ކަންގަނާ ވަނީ މުމްބާއީ ހިމެނޭ މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރު އުދަވް ތާކްރީ އަށް ވެސް ބަހުގެ ހަމަލާތަކެއް ފޮނުވައިފަ އެވެ. އޭނާ ބުނީ އޮފީސް ތަޅައިލުމަކީ ސީދާ އުދަވްގެ އޯޑަރަށް ހިންގާފައިވާ ޖަރީމާއެއް ކަމަށާއި މިކަމުން ދޭހަކޮށް ދެނީ މަހާރަޝްތުރާ ސްޓޭޓްގެ ސަރުކާރުގެ ގޮތެއްފޮތެއް ނެތުން ކަމަށެވެ.

އުދަވް ނިސްބަތްވާ ޝިވް ސޭނާ ޕާޓީ އާއި ކަންގަނާއާ ދެމެދު ކޯޅުންތަކެއް އުފެދުނީ މުމްބާއީ އަކީ މިހާރު ޕާކިސްތާނުން ކޮންޓްރޯލްކުރާ ކަޝްމީރުގެ ސަރަހައްދުހާ ނުރައްކާތެރި ތަނަކަށްވުމުގެ އިތުރަށް މުމްބާއީގެ ފުލުހުން ވެސް މިހާރު އިތުރުބާރު ނުކުރެވޭ ކަމަށް ބުނެ ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. އެ ވާހަތަކާ ގުޅިގެން ޝިވް ސޭނާގެ ލީޑަޝިޕާއި ޕާޓީގެ ސަޕޯޓަރުން ދަނީ ކަންގަނާ މުމްބާއީ ދޫކޮށް ދާން ވެސް ގޮވައިލަމުންނެވެ. އަދި މި މައްސަލާގައި ކަންގަނާ ތާއީދުކުރާ މިހާރުގެ ވެރިކަންކުރާ ޕާޓީ ބީޖޭޕީ އާއި ޝިބް ސޭނާއާ ދެމެދު ވެސް ދަނީ ބަހުގެ ހަމަލާތައް ބަދަލުކުރެވެމުންނެވެ.

އޮފީސް ތަޅާލި މައްސަލާގައި ކަންގަނާ މީގެ ދެ ދުވަސް ކުރިން މަހަރާޝްތުރާގެ ގަވަރުނަރު ބަގަތު ސިންގް ކޮޝިޔާރާ ވެސް ބައްދަލުކޮށް ކަންބޮޑުންތައް ހިއްސާކުރި އެވެ. އެ ބައްދަލުވުމަށް ފަހު ކަންގަނާ ބުނީ އޭނާގެ ވާހަކަތައް ބައްޕައެއް ފަދައިން ގަވަރުނަރު އަޑުއެއްސެވި ކަމަށާއި އިންސާފު ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ކަންގަނާ ވަނީ އޮފީސް ތަޅައިލި ހާދިސާ އަށް ފިލްމެއް ހަދާނެ ކަމަށް ވެސް ބުނެފަ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 20%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454