ޓޮޓެންހަމް ކުޅުންތެރިއެއްގެ ގޮތުގައި ބޭލް ތަާރަފްކުރަނީ.-- ފޮޓޯ: ޓޮޓެންހަމް ހޮޓްސްޕާސް
20 ސެޕްޓެމްބަރ 2020 - 09:23
ލަންޑަން (ސެޕްޓެމްބަރު 20) - ހަތް އަހަރު ފަހުން އެނބުރި ޓޮޓެންހަމް ހޮޓްސްޕާސް އަށް އާދެވުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި ބޭނުންވަނީ އެ ޓީމާއެކު ތަށިތަކެއް ހޯދަން ކަމަށް ވޭލްސްގެ ތަރި ގަރެތު ބޭލް ބުނެފި އެވެ.
ސައުތެމްޓަން ދޫކޮށް 2007 ވަނަ އަހަރު ބޭލް ޓޮޓެންހަމަށް ބަދަލުވީ 10 މިލިއަން ޕައުންޑަށެވެ. ޓޮޓެންހަމްގައި ހޭދަކުރި ހަ އަހަރު ބޭލް ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެ ފަހަރެއްގެ މަތިން ހޯދިއިރު، އޭނާ އަށް އެ ޓީމަށް ކާމިޔާބެއް ހޯދައިނުދެވުނެވެ. ޓޮޓެންހަމް ދޫކޮށް 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 86 މިލިއަން ޕައުންޑަށް ރެއާލަށް ބަދަލުވުމަށް ފަހު ބޭލް ވަނީ އެ ޓީމާ އެކު ހަތަރު ޗެމްޕިއަންސް ލީގާއި ދެ ލަލީގާ ކާމިޔާބުކޮށްފަ އެވެ.
އެއް އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުން ބޭލް މި ފަހަރު ޓޮޓެންހަމާ ގުޅުނުއިރު އެންމެ ބޮޑު އުއްމީދަކީ އެ ޓީމާ އެކު ކާމިޔާބީ ތަކެއް ހޯދުމެވެ.
"އަހަރެން މި ޓީމު ދޫކޮށްލިއިރު ވެސް އޮތް އުއްމީދެއް އެނބުރި އާދެވޭނެ ކަމުގެ. އަހަރެން މި ހުރީ މި ކްލަބުން ތަށްޓެއް ހޯދަން ކުރާ އިންތިޒާރަށް ނިމުމެއް ގެނެސްދިނުމުގެ އަޒުމުގައި. ކުރިން ވެސް އެއީ އަހަންނަށް ނުވެ އޮތް ކަމެއް. މިހާރު އަހަންނަށް ކާމިޔާބީ ހޯދާ ވަރަށް މަސައްކަތް ކުރެވޭނެ،" އުމުރުން 31 އަހަރުގެ ބޭލް ބުންޏެވެ.
"މެޑްރިޑަށް ގޮސް ތަށިތަކެއް ހޯދައި ގައުމީ ޓީމާ އެކު ވެސް މުބާރާތްތަކެއްގައި ރަނގަޅު ހިސާބަކަށް ދެވިފައިވާތީ. އަހަރެންގެ ވިނިން މެންޓަލިޓީ ރަނގަޅުވެއްޖެ. ތަށި ހޯދަން ކުރަން ޖެހޭ މަސައްކަތް އެނގޭ މިހާރު."
ބޭލް ރެއާލް ދޫކޮށްލީ އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން އޭނާ އަށް ފުރުސަތު ނުދޭތީ އެވެ. އެކަމަކު ބޭލް އެ ވާހަކަ ދައްކަން ބޭނުމެއް ނުވެ އެވެ. ޒިދާން ބުނީ ޓޮޓެންހަމްގައި ބޭލް އަށް ކާމިޔާބަށް އެދޭ ކަމަށާއި ބޭލް އެ ޓީމުން ދޫކޮށްލީ ކުޅުމުގެ ފުރުސަތު ގިނައިން ލިބޭ ޓީމެއްގައި އޭނާ ހުރުން މުހިއްމުކަމަށްވާތީ ކަމަށެވެ.
ޓޮޓެންހަމްގައި ލޯން އެއްބަސްވުމުގެ ދަށުން ކުޅުނު ނަމަވެސް ބޭލްގެ އަހަރެއްގެ މުސާރައިގެ ދެބައިކުޅަ އެއްބައި ދޭނީ ރެއާލުންނެވެ. ބޭލް އަށް އަހަރަކު މުސާރައިގެ ގޮތުގައި 30 މިލިއަން ޔޫރޯ ލިބެ އެވެ.
މި މަހު ވޭލްސް ގައުމީ ޓީމަށް ކުޅުނު މެޗެއްގައި ކަކުލަށް ލިބުނު އަނިޔާ އަކަށް ފަރުވާ ހޯދަމުން އަންނަ ބޭލް އަށް ކުޅުމަށް އެނބުރި އާދެވޭނީ އަންނަ މަހު ފަހުކޮޅުގަ އެވެ. ބޭލް ބުނީ އެނބުރި އައިސް ޓޮޓެންހަމްގެ މިހާރުގެ ޓީމާ އެކު ކުޅެން ކެތްމަދުވެފައި ހުރި ކަމަށެވެ.
ބޭލްގެ އިތުރުން ޓޮޓެންހަމް އިން ވަނީ ރެއާލްގެ ޒުވާން ވާތުބެކް ސާޖިއޯ ރެގީލޯންގެ ސޮއި ވެސް ހޯދައިފަ އެވެ. އުމުރުން 23 އަހަރުގެ ރެގީލޯން 30 މިލިއަން ޕައުންޑް ޓްރާންސްފާ ފީ އަކަށް ޓޮޓެންހަމަށް ބަދަލުވީ ދިގު ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު އެ ކޮންޓްރެކްޓްގައިވަނީ ރެެއާލުން ބޭނުންވާނަމަ ވަކި މުއްދަތެއްގެ ތެރޭ އޭނާ އަލުން ގެނެވޭ ގޮތަށް މާއްދާ އެއް ހިމަނައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނބުޅުއަހައްމަދުބ
23 September 2020
ފުޓްބޯޅައަކީ ދުނިޔޭގައި ހަމައެކަނި ފޯރިގަދަ ކުޅިވަރަކަށްވުރެ ބޮޑަށް ބިލިއަންޑޮލަރުގެ ބޮޑު އިންޑަސްޓްރީއެކެވެ.މިއިންޑަސްޓްރީން ދިވެހިންކަހަލަ އާބާދީ މަދު ގައުމަކަށް ( ދިވެއްސަކަށް ) ފުރުސަތެއްލިބުމަކީ ވަރަށް ނާދިރުކަމެކެވެ.އެހެންނަމަވެސް މީ ދިވެހި މަހުޖަނުން ވިސްނަންވެއްޖެ ކަމެކެވެ.އޭރުން ދިވެހި ހުނަރުވެރި، މޮޅުކުޅުންތެރިންނަށް އަގުބޮޑު ލީގުތަކުގައި ކުޅުމުގެ ފުރުސަތެއް ލިބުނަސް ލިބޭނީ.
ހަޑިގިއްލާ
20 September 2020
ބޭލް.... ނުވާނެތިކަމެއް
މޮމޮމޮހޮރާބެ
21 September 2020
ކަލެއަށްތަ އެނގެނީ ނުވާނެކަން. އާސެނަލް ޗެ މްޕިއަންސްލީގު މެޗް އޮތީ ކޮންދުވަހަކުން.
ރޮމޭ
20 September 2020
ވެލްކަމް ޓު ދަ "ވީ އޮލްމޮސްޓް ވޮން އަ ކަޕް" ކްލަބް. #ލަންޑަންއިޒްރެޑް#ގޫނަރފޯރއެވަރ