މަސްވެރިންތަކެއް މަސް ބާނަނީ: މަހުގެ އަގުގެ ކޮންޓްރޯލް ދޫކުރުމަށް މިފްކޯއިން ވަނީ ނިންމާފައި--
20 ސެޕްޓެމްބަރ 2020 - 18:55
ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް މިހާތަނަށް މަސް ގަންނަމުން އައި "ފިކްސްޑް" އަގު ދޫކޮށްލަން އެ ކުންފުނިން ނިންމައިފި އެވެ.
މި ބަދަލަށް އެ ކުންފުނިން އަމަލު ކުރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. އެހެންވެ، އެ ދުވަހުން ފެށިގެން މިފްކޯ އަށް މަސް ގަންނާނީ އެއިރެއްގައި ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ ވަރަށެވެ.
މިފްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީިގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ ފިކްސްޑް ރޭޓެއްގައި މަސް ގަންނަމުން އަންނަތާ ހަތް އަހަރުވެފައިވާ ކަމަށެވެ. ނަމަވެސް މީގެ ސަބަބުން ކުންފުނީގެ ކޭޝްފްލޯ މެނޭޖު ކުރުމުގައި ދަތިތަކާ ދިމާވާނެތީ އެ އުސޫލު މިހާރު ބަދަލު ކުރަން ނިންމާފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ބާޒާރުގައި މަހުގެ އަގު ހުންނަ ގޮތަށް ބަލާފައި ފައިސާ ނުދެވި ދަތިތަކެއް ދިމާވީ ވެސް އެ މަގުން ދިޔައީމާ. އެހެން ނަމަވެސް މިހާރު މި ބަދަލު ކުރަނީ ފްލޯޓިން ޕްރައިޒް މެކޭނިޒަމަކަށް. މިހެން ހެދުމުން އޭރު ބާޒާރުގައި ހުންނަ އަގަކަށް އަޅުގަނޑުމެން ކުރިއަށް ދާނެ،" އިސްމާއިލް ވިދާޅުވި އެވެ.
މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ މީޑިއާތަކަށް މައުޅޫމާތު ދެއްވަނީ-- ފޮޓޯ: މިހާރު
މިފްކޯ އަށް މިހާތަނަށް މަސް ގަންނަމުން އައީ ކިލޯއެއް 20ރ. ގެ ރޭޓުންނެވެ. ނަމަވެސް މި ބަދަލާއެކު ބާޒާރުގައި މަހުގެ އަގު އުފުލޭ ދުވަސްވަރެއްގައި މަސްވެރިންނަށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މަސްވެރިންގެ އާމްދަނީ އިތުރުކޮށް ސިނާއަތް ކުރިއެރުވުމަށްޓަކައި މިފްކޯ ދެމިއޮވެ ތަރައްގީވެގެން ދިއުމަކީ މަސްވެރިންގެ އެދުމެއް. މި އަމާޒަށް ވާސިލުވުމަށް އެޅޭ އެއް ފިޔަވަޅަކީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ މިންވަރަކަށް ބަލައިގެން މިފްކޯ އިން މަސްގަންނަން ފެށުން،" މިފްކޯ އިން ބުންޏެވެ.
"މި ބަދަލާއެކު މަސްވެރިންނަށް ލިބިގެންދާނެ އެންމެ ބޮޑު ފައިދާއަކީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ބޮޑުވެގެންދާއިރު އެ ހެޔޮ ބަދަލުގެ ފައިދާ ސީދާ ދިވެހި މަސްވެރިންނަށް ލިބިގެންދިއުން."
މިފްކޯ އިން ބުނިގޮތުގައި، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ ގޮތަށް ބަލައި، އެ ކުންފުނިން މަސް ގަންނާނެ އަގު މިފްކޯގެ ވެބްސައިޓްގައި ކޮންމެ ދުވަހަކު ޝާއިއު ކުރާނެ ކަމަށެވެ. އަދި ބުނީ، މަސް ގަތުމުގެ އައު އުސޫލާއެކު، މަސްވެރިންނަށް ލިބޭނެ އެންމެ ބޮޑު ޔަގީން ކަމަކީ މަސްކިރުވާ ދުވަހުން ފެށިގެން ގިނަވެގެން ހަތްދުވަހުގެ ތެރޭގައި ފައިސާ ލިބުން ކަމަށެވެ.
އިސްމާއިލް ވިދާޅުވީ، މަސްވެރިންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުމުގެ ގޮތުން އެ ކުންފުނިން އަންނަނީ މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެގޮތުން، މަސްވެރިންނަށް ތެލުގެ އިނާޔަތް ދެމުން އަންނަ އިރު ކުރިމަގުގައި އެ އިނާޔަތް އިތުރުކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މަސް ދޯނިތަކަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ހައްލު ކުރުމަށް ވެސް މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައްޓިބޮޑޭ
21 September 2020
ޑޮލަރުންތޭ
ޢިޙްސާސް
21 September 2020
މަސްވެރިންގެ ހަ މަ އަގަކީ ކޮބާބާ؟
ޕާޕާޕާ
21 September 2020
އެއީ ޕރއމ މނސޓރ ނިންމަވާ ކަންކަން.
ނަން
21 September 2020
ގާބިލުކަމެއް ނެތް ބައެއްގެ އަތްމައްޗަށް އަގު ކަނޑައަޅަން ދޫކޮށްލީމަ އެމީހުން ގަންނާނެ ގަނޑެއްގަނެފަ މަސްވެރިން އަތުން އެލާރި އަގުގެތެރެއިން ކަނޑާލީމަ ހުންނާނީ ވަރަށް ރަނގަޅަށް.
ލުތުފީ
21 September 2020
އެއްވެސް ބަޔަކަށް މާކެޓް ރޭޓަށްވުރެ ބޮޑުކޮށް މަސްނުގަނެވޭނެ. މިފްކޯ ދަތަނިވެރިވަނީ ހަމައެކަނި މަސްގަންނަ ރޭޓުގެ ސަބަބުން އެކަންޏެއްނޫން. ކުންފުނީގައި ކަރަޕްޝަން ބޮޑުވުމާއި، ކުންފުނީގެ ހިންގުމުގެ ޚަރަދު ބޮޑުވުން ހިމެނޭ. ފިނިކުރިމަސް ވިއްކައިގެން ފައިދާނުލިބޭކަން އެގޭއިރުވެސް، ދަޅުގައި މަސްބަންދުކުރެވޭނެ މިންވަރު އިތުރުނުކުރެވި، ފެލިވަރު މަސްފެކްޓަރީ ތަރައްގީކުރަން ނުކުޅެތިފައިވުމާއި، އިތުރު ފެކްޓަރީއެއް ދެކުނުގައި ނޭޅުމަކީ ކުންފުނީގެ ނުކުޅެދުންތެރިކަން.
ބުލޫފިންޓޭލް
21 September 2020
ތާހިރު ދިރިއުޅުމުގެ ހިތި ރަހަ ދިވެހިންގެ އަރުގައި 2 ވަނަފަހަރު ވެސް ލައްވައިލައިފި. ކީއްތަވާނީ މިކަހަލަ ހެޑިންނެެއް ޖަހާލަން. ވޯޓު ހޯދަން ފުރަތަމަ ބެހުނީ ޑޮލަރާއި. އެކަން އަތަށް ގޮވައިފި. ދެން ވޯޓު ހޯދަން ބެހުނީ މިފްކޯޔާ .. މަސްވެރިންނާއި.. އެކަން އަތަށްގޮވައިފި.
އެޑްމުންޑޯ
21 September 2020
މަސްވެރިންގެ ޖީބަށް ސީދާ ޑޮލަރ އަޅަން އައިސަރުކާރު ބޭޒާރުވީ ހާދަ އަވަހަކަށޭ ،
ދިވެއްސެއް1
21 September 2020
މިއީ ދޯ އެބުނާ 'ހަމައަގަކީ.. މިކަން އަޅެ ތަންކޮޅެއް ކުރީން ކުރިނަމަ - ހަމަޖެހިލައިގެން. މިކަން މިކުރީ މަސްވެރިންނަށްވެސް އެންމެ ދަތި ދުވަސްވަރު، އަދި ސަރުކާރަށްވެސް އެންމެ ދަތި ދުވަސްވަރު!!
ސައްލް
21 September 2020
ދެން ތިބުނާ އަގެއް ދުވަހަކުވެސް ބޮޑެއް ނުވާނެ ކުރިން 20ރ އަށް ދެން ކޮންމެވެސް މޮޅު ވާހަކައެއް ދައްކާފަ 15ރ ގަތީމަ ނިމުނީއެއްނު. ކޮން ދުނިއޭގެ މާރކެޓް އެކޭ ކިޔާކައް ފައިދާ ވާވަރު ކުޑަކަމުން..
ހުވަދޫކިންގް
21 September 2020
މިކަންކުރަން މާލަސްވެސްވެއްޖެ. ދުނިޔޭގައި މަސްގަންނަ ކުންފުނިތަކަކީ ވަރަށް ފައިދާވާކުންފުނިތަކެއް. ނަމަވެސް މަސްވެރިން ރުއްސުމުގެ ގޮތުން ނުއަގުގައި މަސްގަނެ މިފްކޯއިދަޖެހިގެން ދިއުމަކީ ހަގީގަތުގައި ދިވެހިމަސްވެރިންނަށް ލިބޭ ނިކަމެތި ކަމެއް. މަސްވެރިކަން ރަގަޅުވާ ދުވަސްވަރެއްނަމަ މިފްކޯނޫން ކުންފުންޔެއް ނުފެނެޭ، އެހެންކަމުން މިފްކޯއަށްވެސް ހިންދެމިލާ ވަސީލަތްތައް ރަގަޅުކޮށް މަސްވެރިންނަށް އެކީގައި ކުރިއަރާ ދިޔުމަށް ލިބުން ރަނުގެ ފުރުސަތެއް.
ހަމަހަމ
21 September 2020
ގޯހެއް ނޫން. އަތުގަ ނެތް ފެންވަރުން ބޮޑު އަގުގަ ގަންގަނަން އުޅެގެން، ފަހުން ލާރި ނުދެއްކި ދަރަނިވެރިވެގެން އުޅުމަށްވުރެ ރަނގަޅު، ދެއްކޭ ވަރުގެ އަގެއް ކިޔައިގެން އަވަހަށް ދަރަނިވެރި ނުވުން.