އިއްތިހާދުގެ އެއްބަސްވުމުގައި ސޮއިކުރައްވައި ޑރ. ޖަމީލް ނޫސްވެރިންގެ ސުވާލްތަކަށް ޖަވާބު ދެއްވަނީ. -
01 ޖޫން 2016 - 19:47
ދައުލަތުގެ ހުރިހާ ބާރުތައް މުށުތެރެއަށް ޖަމާކުރައްވައި ގާނޫނުތައް މުގުރައި ހުދުމުހުތާރުވެރިކަމެއް ކުރެއްވުމުގެ ފުރުސަތެއް އިދިކޮޅު އިއްތިހާދުން ރައީސް އަބްދުﷲ ޔާމީނަށް ނުދެއްވާނެ ކަމަށް އެ އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރާ އިދިކޮޅު ހުރިހާ ފަރާތްތަކެއް ހިމެނޭގޮތަށް، ރައީސް ޔާމީން މަގާމުން ދުރުކުރަން ލަންޑަންގައި އިއްތިހާދެއް އެކުލަވާލައި މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި އެއްބަސްވުމުގައިވާ ކަންކަން ތަންފީޒުކުރަން ވަނީ ޝެޑޯ ކެބިނެޓެއް ވެސް އެކުލަވާލައިފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ ޑިމޮކްރަސީ އާއި ގާނޫނުތައް ނަގަހައްޓައި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދެއްވަން ވެރިކަން ކުރެއްވުމުގެ ވިސްނުންފުޅެއް ރައީސް ޔާމީން ނުގެންގުޅުއްވާ ކަަމަށެވެ. ރައީސް ޔާމީން އަމާޒު ހިފާފައި ވަނީ އިންސާނީ ހައްގުތައް ނިގުޅައިގަނެ ގާނޫނުތައް މުގުރާލައި ވެރިކަން ކުރައްވަން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
އިދިކޮޅު އިއްތިހާދުގެ ޕްރެސް ކޮންފަރެންސް ކުރިއަށް ދަނީ. -- ޓްވިޓާ ފޮޓޯ: މޫސާ އަންވަރު
"މިއަދު އަޅުގަނޑުމެން [އިދިކޮޅު ފަރާތްތަކުން] އެކުގައި މި ނުކުތީ ގޮންޖެހުންތަކާ ކުރިމަތިލާން. މި ހާލަތުގެ ނާޒުކުކަން އަޅުގަނޑަށް ވިސްނޭ. މި ނިކުތީ މާޒީގައި ހެދުނު ގޯސްތައް ވެސް އެނގި ތިބެ. މާޒީގައި އަޅުގަނޑުމެންނަކީ ވާދަވެރިކަން އެއީ ސިއްރެއް ނޫން. އެކަމަކު އަޅުގަނޑުމެން މިއަދު މި ނިކުތީ އެއްބައިވެގެން އެއް ކޯލިޝަނެއްގެ ގޮތަށް،" ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ އިއްތިހާދާ ގުޅޭގޮތުން ޖަމީލް ވިދާޅުވި އެވެ.
ދެހާސްއަށްވަނަ އަހަރު ރާއްޖެ އަށް ޑިމޮކްރަސީ އައި ނަމަވެސް ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތް ހިސާބުން ގައުމުގެ ހުރިހާ ކަމެއް ބަދަލުކުރައްވައި، ނުރައްކާތެރި ހާލަތަކަށް ގައުމު ވައްޓާލައްވާފައިވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.
އިއްތިހާދުން ބޭއްވި ޕްރެސް ކޮންފަރެންސް: އަމާޒު ހިފާފައި ވަނީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން.
ރާއްޖޭގެ ހާލަތު ސިފަކޮށްދެއްވަމުން ޖަމީލް ވިދާޅުވީ ޖުޑިޝަރީ އާއި ރައްޔިތުންގެ މަޖިލީހަށް ރައީސް ޔާމީން ނުފޫޒު ފޯރުއްވައި މިނިވަން މުއައްސަސާތަކުގެ ބާރުކަނޑުވާލައި މިނިވަން ނޫސްވެރިކަމާއި ނޫސްވެރިންނަށް ދަތިތަކެއް ކުރިމަތިކޮށް ބައެއް ނޫސްވެރިންނާ މެދު ޝަރީއަތް ހިންގަމުންދާ ކަމަށެވެ. އަދި ގާނޫނާ ހިލާފަށް ޝަރީއަތްތައް ހިންގައި ސިޔާސީ ލީޑަރުންނަށް ހުކުމް އިއްވަމުންދާ ކަމަށް ޖަމީލް ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވީ، ޖަމީލް ވިދާޅުވި ގޮތުގައި، ގާނޫނުތަކުގެ ބޭރުން ސިޔާސީ މަގްސަދެއްގަ އެވެ. ނަޝީދުގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ގާނޫނީ އިމުން ބޭރުގައި ކަން ބައިނަލްއަގުވާމީ ޖަމާއަތްތަކުން ބުނެފައިވާ ކަން ވެސް ޖަމީލް ފާހަގަކުރެއްވި އެވެ. ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ވެސް ހުކުމް އިއްވީ އިންސާފުން އެއްކިބާވެ ތިބެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލު ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާއިރު، އޭގައި ރައީސް ޔާމީނާއި އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ ބައިވެރިވެވަޑައިގަތުން އޮތް ކަމަށް ވެސް ޖަމީލް ތުހުމަތުކުރެއްވި އެވެ. ހިޔާނާތުގެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ވަން ކަމަށް ޖަމީލް ތުހުމަތުކުރެއްވި އެވެ.
މޯލްޑިވްސ ޔުނައިޓެޑް އޮޕޮޒިޝަން ނަމުގައި އިދިކޮޅު ފަރާތްތަކުން މިއަދު ލަންޑަންގައި ބޭއްވި ރަސްމިއްޔާތު.--ފޮޓޯ:މޫސާ އަންވަރު
ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ އިގްތިސާދީ އެޖެންޑާއަކާ އެކު ނަމަވެސް މަންޒަރު ބަދަލުވެ، ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެފައިވާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ކުރިން ހިޔާލުތަފާތުވުންތަކެއް ހުއްޓަސް، ހާލަތު ބަދަލުވެ އިއްތިހާދުން އަމާޒު ހިފާފައި ވަނީ ރައްޔިތުންނަށް ގައުމު އަނބުރާ ހޯދައިދޭން ކަމަށެވެ. އެކަން ކާމިޔާބުވެ، އެ ކޯލިޝަނަކީ ރައްޔިތުން ތަމްސީލްކުރާ ބައެއްގެ ގޮތުގައި ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފުތު
13 September 2016
އެއްފުޅައްމަތީން ފުންމި ބަކަރި އަނެއް ފުޅައްމަތީން ފުއްމާނެ.
ސޯބިރު
11 September 2016
ދެ އަގައިން ވާހަކަ ދައްކާ މީހުނަކައް ވެސް ދެން މި ގައމަކު ފުރުސާތެއް ނެތެވެ.
ޖާދޫﷲ
02 June 2016
އޭ ޖަމީލޫ. ވެރިކަމަކީ ﷲ ތަޢާލާ ދެއްވާ އެއްޗެއް. އެކަން ނިމޭނޭ ﷲ އެކަމަށް އިރާދަކުރެއްވީމަ. މީހެއްގެ ބާރަކުން ވާކަމެއް ނޯންނާނެ. ޖަމީލު ކޯއްޗެއް ކިޔެވީ.
ޕީސިކްސް
02 June 2016
ޖަމީލު މޮޔަ ނުގޮވާ. މަނިކުފާނު ދެއަގައިން ދައްކަވާ ވާހަކަ އަޑުއަހާނެ ބަޔަކު ދިވެހިރާއްޖޭގައި މިހާރަކުނެތެވެ.އަދި އެފުރުސަތެއް ޖަމީލު އަށް ދެން ނުލިބޭނެ. ގަބޫލުކުރިއަސް ނުކުރިއަސް މިއީ ހަގީގަތް.
ޝިހާބު
02 June 2016
"ސަރުކާރާ އިދިކޮޅު ހުރިހާ ފަރާތްތަކެއް ހިމެނޭގޮތަށް" ކަމަށް ފަޒީނާ ތިލިޔުއްވީ ކޮންމާނަފުޅެއްގައި ކަން ސާފުކޮށްދެއްވުން އެދެމެވެ. ސަރުކާރާ އިދިކޮޅު ރާއްޖޭގައި ތިބީ ތިޔަ ހައެއްކަ މީހުންކަމަށް ވަންޏާ ތިޔަށްވުރެ އުފާވެރި ޚަބަރެއް މިސަރުކާރަކަށް ނޯންނާނެތާއެވެ.
މޮހަނާ
02 June 2016
މޮޔައިން މޮޔަ ތަޅަނީ
ކަނބުލޮ
02 June 2016
ދުވަސްކޮޅެއްވެއްޖެ މާލެތެރެ ތަންކޮޅެއް ހިމޭންކަންމަތީ އޮންނަތާ އެހެންވެ އެއުޅެނީ ކޮންމެވެސް ސަކަރާތްގަނޑެއް ޖަހަން؟
އަންކަލޯ
02 June 2016
ފިލައިގެން އުޅޭމިހުނަށް ދައުލަގެ ނިޝާން ބޭނުންކުރެވޭތަ؟
ޙަފުޞާ / މާލެ
02 June 2016
ރަގަޅަށް ގޮބޯހެދިފަ ތިހުރީ! ކަލޭތިޔައި ރައީސޭބުނީމާ ތިހުރީ ގޯނިފުލުގައި ! ސާބަސް!
ޒަބީބު
02 June 2016
މި ރާއްޖޭގެ ކުރިމަގު ވަރަށް ބަނަ އެވެ.