އެލްކްލަސިކޯ މެޗެއްގެ ތެރެއިން ބޭލް.-- ފޮޓޯ: އޭއެފްޕީ
23 ސެޕްޓެމްބަރ 2020 - 10:41
ލަންޑަން (ސެޕްޓެމްބަރު 23) - ރެއާލް މެޑްރިޑުން އެ ޓީމަށް ކުޅުނު ގެރެތު ބޭލް އަށް އެކަށީގެންވާ ވަރުގެ އިހުތިރާމެއް ނުލިބުނު ކަމަށް ބޭލްގެ އޭޖެންޓް ޖޮނަތަން ބާނެޓް ބުނެފި އެވެ.
ހަތް އަހަރު ރެއާލްގައި ހޭދަކުރުމަށް ފަހު ބޭލް ވަނީ ދާދި ފަހުން އެއް އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުން އޭނާގެ ކުރީގެ ކްލަބް ޓޮޓެންހަމަށް ބަދަލުވެފަ އެވެ. ރެއާލާ އެކު ބޭލްގެ އެއްބަސްވުން 2022 ވަަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ނަމަވެސް ދާދި ފަހުން ބޭލްގެ އޭޖެންޓް ބާނެޓް ވަނީ ޓޮޓެންހަމްގެ ލޯން އެއްބަސްވުން ދާއިމީކުރުމުގެ ވިސްނުމެއް ބޭލް ގެންގުޅޭ ކަމަށް ބުނެފަ އެވެ.
ޓޮޓެންހަމް ދޫކޮށް 2013 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 86 މިލިއަން ޕައުންޑަށް ރެއާލަށް ބަދަލުވުމަށް ފަހު ބޭލް ވަނީ އެ ޓީމާ އެކު ހަތަރު ޗެމްޕިއަންސް ލީގާއި ދެ ލަލީގާ ކާމިޔާބުކޮށްފަ އެވެ. ރެއާލުގައި ބޭލް އަށް ސަޕޯޓަރުންގެ ފަރާތުން ނުރުހުން އަމާޒުވިއިރު، ރެއާލްގެ ކޯޗު ޒިނެދިން ޒިދާނާއި ބޭލްއާ ދެމެދު ވެސް ގުޅުން ރަނގަޅެއް ނޫނެވެ.
"ރެއާލް ކަހަލަ ބޮޑު ކްލަބަކަށް ބޭލް ހޯދައިދިން ކާމިޔާބީއާ ބަލައި އޭނާއާ މެދު އެ ކްލަބުން ކަންތައް ކުރީ އެންމެ ރަނގަޅަކަށެއް ނޫން. އަހަރެން ނަޒަރުގައި ކަންތައް ހިނގާފައި ހުރީ ވަރަށް ގޯސްކޮށް. ވަކި ކަންކަމަށް އިނގިލި ދިއްކުރުން ރަނގަޅެއް ނުވާނެ. ޔަގީނުން ވެސް ބޭލް ފަދަ ރެއާލަށް ބޮޑު ރޯލެއް ކުޅުނު ކުޅުންތެރިއަކަށް އިހުތިރާމެއް ނެތް ލިބިފައި. އެއީ މެނޭޖްމަންޓުން ވެސް އަދި ސަޕޯޓަރުން ވެސް،" ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބާނެޓް ބުންޏެވެ.
ވޭލްސް މެޗެއްގެ ތެރެއިން ބޭލް ގެންގުޅުނު ދިދަ: މި ދިދައިގެ މައްސަލައިގައި ރެއާލް ސަޕޯޓަރުންގެ ފާޑުކިޔުން ބޭލް އަށް އަމާޒުވި.--
ރެއާލްގައި ބޭލް އާއި ސަޕޯޓަރުންނާ ދެމެދު އެންމެ މައްސަލަ ގޯސްވީ އޭނާ ވޭލްސް އަށް ކުޅުނު މެޗެއްގައި ނެގި ދިދައެއްގެ ސަބަބުންނެވެ. ބޭލް ހިފައިގެން ހުރި އެ ދިދައިގައި ޖަހާފައިވަނީ "ވޭލްސް. ގޮލްފް، މެޑްރިޑް. އިން ދެޓް އޯޑާ" މިހެންނެވެ. އެ ދިދައާ ބެހޭގޮތުން ސްޕެއިންގެ ނޫސްތަކުން ބޭލް އަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާއިރު، ރެއާލްގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު އެނަލިސްޓެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ޕެޔާ މިޔަޓޯވިޗް އޭރު ބުނީ ދިދަ އިން ދޭހަވަނީ ބޭލްގެ ޝައުގުވެރިކަން ހުރި ގޮތް ކަމަށެވެ. އެގޮތުން ބޭލް ފުރަތަމަ ބޭނުންވަނީ ވޭލްސް ކަމަށާއި އެ އަށް ފަހު ގޮލްފް ކުޅުން ކަމަށްވާއިރު، މެޑްރިޑް އަންނަނީ އެއަށް ވުރެ ފަހުން ކަން އޭގެން ސިފަވާ ކަމަށް އޭނާ ބުންޏެވެ.
ގޮލްފް ކުޅެން ހާއްސަ ޝައުގުވެރިކަމެއް ހުންނަ ބޭލްއާ ދިމާކޮށްލުމަށް ދިދަ މައްސަލައިގައި ރެއާލްގެ ބައެއް ސަޕޯޓަރުން ގޮލްފްގެ ވާހަކަތައް ހިމެނޭގޮތަށް ވަނީ ބައެއް މެޗުތަކުގެ ތެރެއިން ދަނޑުގައި އަޑުއުފުލައިފަ އެވެ.
"ސަޕޯޓަރުން އެކި ފަހަރު މަތިން ބޭލްއާ ދިމާކޮށްލި އޭގެން ކޮންމެ ފަހަރަކު އޭނަ އަށް ވަރަށް އަސަރުކުރި. ހަގީގަތަކީ ސަޕޯޓަރުންގެ ފަރާތުން ވެސް ބޭލް އަށް އިހުތިރާމެއް ނުލިބުނު،" ބާނެޓް ބުންޏެވެ.
އުމުރުން 31 އަހަރުގެ ބޭލް މި ވަގުތު ހުރީ އަނިޔާގަ އެވެ. ބޭލް އެނބުރި އައިސް ކުޅޭނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އަންނަ މަހު 17 ވަނަ ދުވަހު ވެސްޓް ހޭމްއާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ. އެކަމަކު ދާދި ފަހުން ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ އަންނަ މަހު ތިން ވަނަ ދުވަހު މެންޗެސްޓާ ޔުނައިޓެޑާ ކުޅޭ މެޗަށް ބޭލް ފިޓްވުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުދުއްﷲ އަތީފު
27 September 2020
އެއްވެސް މީހަކީ ވަކިރަގަޅުމީހެއްނޫން. ރަގަޅު ހެޔޮލަފާ މީހުންނަކީ އެކަކު އަނެކަކަށް އިހުތިރާމް ކުރަންދަންނަ މީހުންނަށް ވާންޖެހޭނެއެވެ. ރެއާލްމެޑްރިޑުން ގެރެތު ބޭލްއާއިމެދު ކަންތައް ކުރިގޮތުން ވަރަށް ދެރަވެއްޖެއެވެ. އަޅުގަޑަކީ ރެއާލްމެޑްރިޑުގެ ހާޑުކޯރ ފޭނެކެވެ.
ޕޮގުބަ
23 September 2020
ބާސެލޯނާ އެއަށްވުރެ 100 ގުނަ ގޯސްވާނެ
އޭނަ މީނަ
25 September 2020
ބާސެލޯނާ އެމީހުންގެ ލެޖެންޑުންނަށް ކުރިން ވަރަށް އިޙްތިރާމްކުރި. އެކަމަކު ބާޓެމޯ ރައީސްކަމަށް އައިފަހުން ހުރިހާކަމެއްވެސް ބަދަލުވީ. ކްލަބު ބޮލުގައި އެޅުވުމަށްވުރެ މިހާރުގެ ރައީސް ބްލޭމްކުރުން ރަނގަޅުވާނެ.
ރިއަލް
23 September 2020
ރިއަލް މެޑްރިޑް އެއީ އެއްވެސް އިންސާނަކަށް އިޙްތިރާމް ކުރާ ބަޔެއް ނޫން، ހަމަ އެކަނި ތަށި ބޭނުންވާނީ!
ހުތް އާދަނު
24 September 2020
ސުއަރޭޒް ބޭރުކޮށްލީ ވަރަށް ރީތިކޮށްތަ
ރަދީފްއޮފިޝިއަލް
25 September 2020
ސުއަރޭޒަށް ކްލަބުން ފެއަވެލް ސެރަމަނީއެއް ބޭއްވިކަން @ހުތްއާދަނަށް ނޭނގުނީ އަބަދު ހުތްވެފަ ހުންނާތީވެ.މައުލޫމާތު ނޭނގި ހުރެ ކޮމެންޓްކުރީމަ ލަދެއްގަ ބެދޭ ފަހަރުވެސް އަންނާނެ.ވ.ވެދުން.