ރިޕޯޓް

ޔޫސުފްގެ ބަނޑު ފުއްޕުން ވީ ކެންސަރަށް، މަރުވީ ދޮޅު އަހަރުގައި

ޔޫސުފް މިދިޔަ އަހަރު މަރުވީ ލިވާގެ ކެންސަރު ގޯސްވެ ދެވޭނެ އިތުރު ފަރުވާއެއް ނެތިގެން އުއްމީދު ކަނޑާލާފައި ވަނިކޮށް

އެޑިޓަރުގެ ނޯޓު: މިއީ ކުޑަކުދިންނަށް ޖެހޭ ކެންސަރާ މެދު ހޭލުންތެރިކުރަން ހާއްސަ ކެމްޕޭނެއް ކުރިއަށް ގެންދާ މަހަކަށް ވާތީ، އެ ދާއިރާއަށް ބިނާކޮށް ލިއުނު ތިން ރިޕޯޓްގެ ތެރެއިން ފަހު ރިޕޯޓެވެ.

ކުޑަކުއްޖަކު ކެންސަރާ ހަނގުރާމަކޮށް މަރުވި ގޮތް ތަފްސީލްކޮށް ގެނެސްދީފައިވާ މި ލިޔުމުން ބައެއް ކިޔުންތެރިންނަށް ނަފްސާނީ ގޮތުން އަސަރުކުރުން އެކަށީގެންވެ އެވެ.

ފެށުމަކީ ބަނޑު ފުއްޕުމެވެ. ނިމުނީ ކެންސަރުންނެވެ. ގައިގައި ބޮޑެތި ވޭންތައް އެޅުމަށް ފަހު އެންމެ ދޮޅު އަހަރުގައި ޔޫސުފް ހިޒްޔަމް އަތީފް މަރުވީ އިތުރަށް ކުރެވޭނެ ކަމެއް ނެތި އޭނާގެ މައިންބަފައިން ބަލަހައްޓައިގެން ތިއްބަ އެވެ.

ހަތަރުވަނަ ދަރިފުޅު ލިބުމުން އަތީފް މުސްތަފާ އަށް ކުރެވުނީ އާއިލާ ފުރިހަމަވީ ކަމުގެ އިހުސާސެވެ. އެކަމަކު ޔޫސުފް އުފަންވިތާ މާ ގިނަ ދުވަހެއް ނުވެ އުފާވެރިކަން ހިތާމަ އަށް ބަދަލުވެއްޖެ އެވެ.

ވިހޭތަނާ ޔޫސުފްގެ ބަނޑު ފުއްޕަން ފެށުމުން އޭނާގެ މައިންބަފައިން ހީކުރީ އެ މީހުންގެ އަނެއް ތިން ދަރިން އުފަންވި އިރު ވެސް ވީ ގޮތަށް ޔޫސުފްގެ ބަނޑުގައި ވެސް ވައި ހެދިގެން އުޅެނީ ކަމަށެވެ. އެ މީހުން ބެލީ ގްރިޕް ވޯޓާ ދީގެން ހައްލުވޭތޯ އެވެ. އެކަމަކު ޔޫސުފަކަށް ލުޔެއް ނުލިބުނެވެ. ދެން ފެނުނީ އޭނާގެ މޭ ދަށުން ތަންކޮޅެއް އުފުލިފައި ހުއްޓަ އެވެ. ދުވަސްތަކެއް ފަހުން ޑޮކްޓަރަށް ދައްކައި ސްކޭން ހެދި އިރު، ލިބުނީ ހައިރާންކަމެވެ.

"ޑޮކްޓަރު ހާސްވެފައި އެހެން މީހަކަށް ވެސް ސްކޭން ދައްކައިފި. ދެން އަޅުގަނޑުމެންނަށް އެނގިއްޖެ ކޮންމެވެސް ކަމެއް އުޅެނީކަން،" އަތީފް، 46، ކިޔައިދިނެވެ.

"އެތެރެއިން އެހާ ބޮޑުކޮށް އެއްޗެއް އަޅުގަނޑުމެންނަށް ނޭނގި އިނީމަ ޑޮކްޓަރު ވެސް ހުރީ ހައިރާންވެފައި."

ލިވާއާ ދިމާލުން ޓިއުމަރެއް ފެނުނު އިރު ޔޫސުފަށް ދެ މަހެވެ. ފިސާރި ބާރުމިނުގައި ބޮޑުވަމުން ދިޔަ ޓިއުމަރު ވަގުތުން ނަގަން ޖެހޭނެކަން ޑޮކްޓަރު އެންގުމާ އެކު، އާސަންދަ ހަމަޖައްސަން ވެސް މަޑުނުކޮށް، އަތީފުމެން އަވަހަށް ސްރީ ލަންކާ އަށް ދިޔަ އެވެ. ލިވާގެ ކެންސަރު (ހެޕަޓޯބްލާސްޓޯމާ) ކަން ޔަގީންވި އެވެ. އޭރު ޓިއުމަރުގެ ސަބަބުން ޔޫސުފްގެ ގޮހޮރު ފިތެމުންދާ ކަމުގެ އިންޒާރު އޮތީ ލިބިފަ އެވެ. އެކަމަކު އާސަންދަ އިންޝުއަރެންސް ލިބެން އޮތީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ކަމަށް ވާތީ ލަންކާގައި ފަރުވާއެއް ނުފެށުނެވެ. އަތީފު ބުނިގޮތުގައި އެ މީހުންނަށް ލަންކާ އިން ކޮޗިން އަށް ދެވެން ނެތިގެން އެނބުރި މާލެ ގޮސްފައި އިންޑިއާ އަށް ދިޔައީ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

ކީމޯތެރަޕީ ދީގެން ޔޫސުފްގެ ޓިއުމަރު ކުޑަކޮށްފައި އޮޕަރޭޝަންކޮށް، ލިވާގެ ބަޔަކާ އެކު ޓިއުމަރު ނެގުނެވެ.

"ވަރަށް ބޮޑު ޓިއުމަރެއް. ބިރުވެރި ވައްތަރަކަށް މޫތައް ފަޅައި އެކި ދިމަދިމާލަށް ގޮސްފައި ހުރި އެއްޗެއް އެއީ،" އަތީފު ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ޓިއުމަރު ނެގުމަށް ފަހު، ޔޫސުފް ކުޑަކަމުން، ޑޮކްޓަރު ނިންމީ އިތުރަށް ކީމޯތެރަޕީ ނުދޭށެވެ. އޭގެ ބަދަލުގައި ރާއްޖެ އިން ގަވާއިދުން ލޭ ޓެސްޓުކޮށް ވާނުވާ ބަލަމުން ގެންދަން ޑޮކްޓަރު ލަފާދިނެވެ. އަތީފުމެން ހީކުރީ ކެންސަރުގެ ބިރުން ސަލާމަތްވެވުނީ ކަމަށެވެ.

"މި ކޮޅަށް އައިސް ވަރަށް އުފަލުގައި އުޅުނީ. ގަވާއިދުން ޓެސްޓު ވެސް ހަދަން. ދެން ހުން އަންނަން ފެށީ،" އަތީފު ކިޔައިދިނެވެ.

އެއާ އެކު އެނގުނީ ޔޫސުފްގެ ލޭގައި ދަށްކޮށް ހުންނަން ޖެހޭ މާއްދާއެއް އަނެއްކާވެސް ވަރަށް ބޮޑަށް މަތި ކަމެވެ.

"ހޮސްޕިޓަލުން ބުނީ ކޮންމެވެސް ދިމާލަކުން އަނެއްކާވެސް ގްރޯތެއް އުފެދޭތީއޭ އެ މަތިވީ. ބެލި އިރު ފުއްޕާމޭގައި ޓިއުމަރު އުފެދެން ފަށާފައި ހުރީ،" އަތީފު ކިޔައިދިނެވެ.

ދެވަނަ ފަހަރަށް އިންޑިއާ އަށް ދިޔުމުން އަނެއްކާވެސް ކީމޯ ދީގެން ޔޫސުފްގެ ހާލު ކުޑަކޮށް ރަނގަޅުވާން ފެށި ނަމަވެސް ދެން ވީ ގޯހެވެ. އެ ހިސާބުން ޑޮކްޓަރުންނަށް ގޮތް ހުސްވެ، އުއްމީދު ކަނޑާލީ އެވެ.

"ޑޮކްޓަރު ބުނީ ދެން ދެވެން އޮތް ކީމޯ އަށް އެ ވަރުގެ ކުޑަކުޑަ ކުއްޖަކު ބަދަލުކޮށްފިއްޔާ ދުނިޔޭގައި ހުންނާނެ ކަމަށް ލަފާކުރި ދުވަހަށް ވުރެ ވެސް މާ އަވަހަށް ދުނިޔެ ދޫކޮށްފައި ހިނގައިދާނެއޭ، ދެން ދެވެން އޮތް ކީމޯއަކީ އެހާ ވެސް ބާރުގަދަ އެއްޗެކޭ،" އަތީފު ބުންޏެވެ.

އަތީފުމެން އިތުރު ދެ ހޮސްޕިޓަލަކަށް ވެސް ދިޔަ އެވެ. އެކަމަކު ޑޮކްޓަރުންގެ ބަހަކަށް ވީ ޔޫސުފަށް ފަރުވާގެ ތަކުލީފުތައް ޖެއްސުމަށް ވުރެ، އާއިލާއާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ފުރުސަތު ދިނުން ރަނގަޅުވާނެ ކަމެވެ. އަތީފުމެންނަށް ޖެހުނީ އެ ހަގީގަތް ގަބޫލުކޮށްގެން އެނބުރި ރާއްޖެ ދާށެވެ.

"ދެން އަޅުގަނޑުމެން ހަމަ ބަލަހައްޓައިގެން ތިބީ. ކީމޯގެ ސަބަބުން ބޮލުގެ އިސްތަށިކޮޅު ފައިބާފައި ހުއްޓަސް ޔޫސުފް ހިނގާބިނގާވެ އުޅޭ، ސަކަރާތް ޖަހާ، ވަރަށް މަޖާކޮށް އުޅުނީ،" އަތީފު ކިޔައިދިނެވެ.

މިދިޔަ އަހަރުގެ ޖުލައިމަހާ ހަމައަށް ޔޫސުފް އުޅުނީ އެ ގޮތަށެވެ. ދެން ފެށީ ކައިބޮއެ ހަދާ އިރު ކޮށި އަރާށެވެ. އަތީފުމެންނަކަށް ކަމެއް ނުކުރެވުނެވެ. ކާން ދެވުނު ވަރަކަށް ކާން ދީގެން ވާ ގޮތް ބަލަން ތިބީ އެވެ. އެއް ދުވަހަކު ހުން އައިސްގެން އައިޖީއެމްއެޗުގައި އެޑްމިޓްކުރި އެވެ.

ޔޫސުފަށް އެނބުރި ގެއަކަށް ނުދެވުނެވެ.

ޓިއުމަރުން ޔޫސުފްގެ ފުއްޕާމޭ ފުރެމުން ދިޔަ ވަރަކަށް ނޭވާލާން އުނދަގޫވާ ތަން ދިޔައީ ފެންނަމުންނެވެ. އެންމެ ފަހުން ސިކުނޑިއާ އެއްކޮށް މުޅި ގަޔަށް ކެންސަރު ފެތުރި ލޯ އަނދިރި ވެސް ވީ އެވެ. އެ ހިތްދަތިކަމާއި ދަރިފުޅުގެ ގައިގައި އަޅަމުންދިޔަ ވޭންތަކުގެ ވާހަކަ ކިޔައިދޭން އަތީފަށް ނުހަނު އުނދަގުލެވެ.

"ލޯ ހުޅުވައިގެން އޮންނާނީ. ހީވާނީ ބަލަން އޮންނަހެން. އެކަމަކު އަތް ހޫރާލާ އިރު އެސްފިޔައެއް ވެސް ނުޖަހާނެ. މަންމަ އާއި ބައްޕަ ވެސް ނުފެނި ދިޔައީ،" އަތީފު ބުންޏެވެ.

"ހިކިގެން ގޮސް، ގައިގައި އެންމެ މަސްކޮޅެއް ވެސް ނެތް. ބަނޑަށް ޖެހިފައި ތިބޭ ކުދިން ތިބޭ ގޮތަށް، ގައިގައި ހުރީ ހަންކޮޅު އެކަނި."

ކަށިތަކުގައި ރިއްސާތީ ޔޫސުފް އުޅުނީ ކެތް ނުކުރެވިގެންނެވެ. އަބަދާއި އަބަދު ފައި މޮޑެދޭން އެދެމުން ގެންދިޔަ އެވެ. ރިހުންތައް ކަނޑުވައިދޭން ހޮސްޕިޓަލުން އެންމެ ފަހުން މޯފީން ދޭން ފެށި އެވެ. އެކަމަކު ވެސް ކުއްލި ކުއްލި އަށް އަރަމުންދިޔަ ތަދުގަނޑުތައް އޮބިގެނެއް ނުދެ އެވެ. އެންމެ ފަހުން، އާއިލާގެ އެންމެން އޭނާ ގާތުގައި ތިއްބާ މިދިޔަ އަހަރުގެ އޮކްޓޯބަރު 18ގައި ޔޫސުފް މަރުވީ އެވެ.

"އެ ދުވަހު މާ ބޮޑަށް ހާލު ދެރަވެގެން ފެމިލީ އެންމެން އައިސް ތިއްބާ އެންމެން ކުރިމަތީގައި މަޑުމަޑުން ވިންދު ދަށްވަމުން، އޮކްސިޖަން ދަށްވަމުން ގޮސް، އޮކްސިޖަން އިތުރުކުރެވޭ އެންމެ ބޮޑަށް އިތުރުކުރީމަ ވެސް ނުހިފަހައްޓާ، އެންމެން ބަލަން ތިއްބާ ވިންދު ފްލެޓްވެގެން ދިޔައީ،" އަތީފު ކިޔައިދިނެވެ.

އެތައް ހަނދާނެއް

އުމުރުން ދެ އަހަރު ނުވިޔަސް ޔޫސުފް ދިޔައީ އޭނާގެ އާއިލާ އަށް އެތައް ހަނދާންތަކެއް ދޫކޮށްފަ އެވެ.

"އާއްމުކޮށް އެ އުމުރުގެ ކުދިން ވާހަކަ ނުދައްކާހާ ރީއްޗަށް ބަސްބަސް ކިޔާލާނެ. މަންމާއޭ، ބައްޕާއޭ ކިޔާފައި ގޮވާނެ. އޭނާގެ ދޮންތި އަށް ވެސް ގޮވާލާނެ ނަމުން. ފައި މޮޑެދޭށޭ ވެސް ވަރަށް ރީއްޗަށް ބުނެލާނީ. މޮޑެދިނީމަ އޮންނާނެ އަރާމުވެފައި،" އަތީފު ބުންޏެވެ.

ދަރިފުޅުގެ ކެންސަރުގެ ތަޖުރިބާ އިން އަތީފަށް ދަސްވީ ނޭނގި ހުއްޓާ، ކޮންމެ މީހަކަށް ވެސް، ކުއްލިއަކަށް ކިތަންމެ ބޮޑު ކަމެއް ވެސް ދިމާވެދާނެ ކަމެވެ. ޔޫސުފްގެ ގައިގައި އުފުލިފައި ހުރި ތަންކޮޅު ފެނުމާ އެކު ވަގުތުން ސީރިއަސް ވެވޭ ވަރަށް އޭރު އޭނާ ހޭލުންތެރިވެފައި ހުރި ނަމަ ރަނގަޅުވީހޭ އަތީފުގެ ހިތަށް އަރަ އެވެ. ކުރީކޮޅު ބަލި ދެނެގަނެވިއްޖެ ނަމަ ކެންސަރުން ސަލާމަތްވުމުގެ ފުރުސަތު ބޮޑުކަމުން، އެހެން މައިންބަފައިންނަށް އަތީފު ނަސޭހަތަކީ ދަރިންގެ ސިއްހީ އެއްވެސް ކަމަކާ މެދު ފަރުވާކުޑަނުކުރުމެވެ.

"ބުނަން ބޭނުންވަނީ ކުއްޖާ ގައިން ކިތަންމެ ކުޑަ ވެސް އައިބު ކަމެއް ނުވަތަ ކިރިޔާ ވެސް އާދަޔާޚިލާފު ކަމެއް ފެންނަންޏާ، މިވެނި އެވެނި ކަމެކޭ ހިތަށް އަރުވައިގެން ނުތިބެ ވަގުތުން ޑޮކްޓަރަށް ދައްކާށޭ، ކަންފަސޭހަ ނުކުރާށޭ، އެއީ ކީއްވެގެން ވީ ކަމެއްތޯ ބަލާފައި ނޫނީ ހިތްހަމަޖެހިގެން ނުތިބޭށޭ،" އަތީފު ބުންޏެވެ.

27 ކޮމެންޓް, 629 ރިއެކްޝަންސް

icon happy icon happy 1%
icon sad icon sad 99%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Abdulla

30 September 2020

ދެރަނުވޭ. ތިޔަ ދެމަފިރިން ﷲގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާނަމަ ﷲ އޭގެ ބަދަލު މާ ފުރިހަމައަށް ދެއްވާނެ. ކުޑަދަރިފުޅު އެ އުމުރުގައި މަރުވެދިޔުމަކީ އިމްތިހާނެއް. އަދި ނަޞީބެއްމެ. ދަރިފުޅު ޔަޤީނުވެސް އެއީ ސުވަރުގެ ވަންތަވެރިއެއް.

The name is already taken The name is available. Register?

Azza

30 September 2020

ވަރަށް ދެރަވެއްޖެ،ޔޫސުފް އަދި އާއިލާ ހެޔޮ ރަހްމަތް ލައްވާށި.

The name is already taken The name is available. Register?

ޒުވާނާ.

29 September 2020

ވަރައްދެރަވެއްޖެ ތިޔަ ދެ މައިން ަަަަަަަަަ ނައް ﷲ ހެޔޮރަހު މަތް ލައްވާށި

The name is already taken The name is available. Register?

ބާބާ

29 September 2020

މައިންބަފައިންގެ އިހު މާލެއް ނުވަތަ މިކަން މިހެން ކުރެވުނު ނަ މައޭ ހިތަށް އަރުވައި ހިތާ މަކުރާނެ ކަ މެއްނެތް. އިރާދަފުޅުން ކަންހުރި ގޮތަށް ނިމިދިޔައީ. ލިޔުންކިޔާލާއިރު މައިންބަފައިން ނުހަނު ބޮޑު ސަ މާލު ކަ މެއް ޔޫސުފަށް ދިންކަން އެނގޭ.

The name is already taken The name is available. Register?

މުހައްމަދު25

29 September 2020

ކުއްޖާގެ މައިންބަފައިންނައް ހިޔޮ ރަހުމަތްލައްވާށި ، ﷲ ގެ ރަހްމަތުން އެކުޑަ ދަރިފުޅައް ދެރަގޮތެެއްނުވާނެ

The name is already taken The name is available. Register?

ބަލްގިސް

29 September 2020

މިލިޔުން ކިޔާފަ އަޅުގަނޑުު ބައްޕަ ހަނދާންވީ، ހަމަ ކެންސަރުގަ އެހާވޭނުގަ ދިޔައީ، އެންމެފަހުން ފެމިލީ އެންމެންތިއްބަ ފުރާނަ ދިޔައީ،

The name is already taken The name is available. Register?

ރޮވުނު

29 September 2020

ހަމަ އަސްލުވެސް ރޮވިއްޖެ. ޔޫސުފްގެ މައިންބަފައިންނަށް ކެއްތެރިކަން ދެއްވާ ޔޫސުފްގެ އާއިލާ އަށް އުފާވެރިކަން ކުރިއަށް އޮތް ދުވަސް ތަކުގައި މިންވަރު ކުރައްވާންދޭވެ. އާމީން.

The name is already taken The name is available. Register?

1234

29 September 2020

ކެންސަރަށް ހުޅަހެޅޭ ކާނާއާއި އެކި ފާޑުގެ ކެމިކަލްތަކަށް މީހުން ހޭލުން ތެރިކުރުވުން ނޫސްވެރިން ގާތުން ވަރަށް އެދެން.

The name is already taken The name is available. Register?

ޗިކުސް

29 September 2020

ޔޫސުފް އަށް ހެޔޮރަހްމަތް ލައްވާފާންދޭވެ.

The name is already taken The name is available. Register?

ސަންޕަދަރި

29 September 2020

ޔޫސުފްގެ މައިންބަފައިންނަށް ކެއްތެރިކަން ދެއްވާ ޔޫސުފްގެ އާއިލާ އަށް އުފާވެރިކަން ކުރިއަށް އޮތް ދުވަސް ތަކުގައި މިންވަރު ކުރައްވާންދޭވެ. އާމީން.

The name is already taken The name is available. Register?

ވާނުވާ

29 September 2020

އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454