ޑރ. އަންވަރު، "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
07 އޮކްޓޯބަރ 2020 - 08:57
"ކޮލެޖުގައި މަސައްކަތް ކުރިއަސް ހިތް އަދި ވެސް އޮތީ ސްކޫލުގައި،" ރާއްޖޭގައި މިވަގުތު ހުންނެވި ތައުލީމީ ދާއިރާގެ އެންމެ ބޮޑު އެއް ތަޖުރިބާކާރު، ޑރ. އަހުމަދު އަންވަރު ވިދާޅުވި އެވެ. އޭނާ އެގޮތަށް އެ ވިދާޅުވީ ސަބަބެއް ނެތިއެއް ނޫނެވެ. މަޖީދިއްޔާގެ ގްރޭޑު ނުވައެއްގައި އުޅުއްވި އިރު 1971 ގައި އެހެން ކުދިންނާއި މީހުންނަށް ކިޔަވައިދެއްވަން ފެއްޓެވި ގޮތަށް، ތައުލީމު އުނގަންނައިދެއްވުމުގެ މަސައްކަތުގައި އޭނާ އުޅުއްވާތާ ބައި ގަރުނު ވެއްޖެ އެވެ. އެކަަމަކު އަދިވެސް ހުންނެވީ އެ ހިދުމަތުގަ އެވެ.
ތަނަވަސް އާއިލާއަކަށް އުފަންނުވިއަސް، ތައުލީމަށް ލޯބިކުރެއްވި ބައްޕައެއް ލިބިވަޑައިގަތުމަކީ ޑރ. އަންވަރު، 66، ގެ ނަސީބެވެ. އުފަން ރަށް، ސ. މީދޫން ތައުލީމު ހާސިލްކުރެއްވުމަށް ފަހު އުމުރުން 11 އަހަރުގައި މާލެ ފޮނުއްވީ މަޖީދިއްޔާ ސްކޫލަށް ވައްދަވާށެވެ. މަޖީދިއްޔާއަށް ވަންނަން ދިން އިމްތިހާނުގައި ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވިޔަސް ފާސްވީ ވިއްސަކަށް ކުދިންނެވެ. އޭގެ ތެރޭގައި ޑރ. އަންވަރު ހިމެނިވަޑައިގަތެވެ. މަޖީދިއްޔާ ނިންމެވީ އޯ ލެވެލްއިން ރަނގަޅު ފާހަކާ އެކުގަ އެވެ. ދެން ފެއްޓެވީ ސަރުކާރުގެ ހިދުމަތެވެ.
ދަރުބާރުގޭގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަންވަރުގެ އިތުރުން އެ ކޮލެޖުގެ ބައެއް އިސް ވެރިން ބައިވެރިވަނީ، .-- ފޮޓޯ: ނިޝާން އަލީ /މިހާރު
ފުރަތަމަ ފޮރިން މިނިސްޓްރީއާ ގުޅިވަޑައިގަތީ އިނގިރޭސި ކާތިބަކަށެވެ. އޭގެ ފަހުން ފިނޭންސް މިނިސްޓްރީގެ ސެކްރެޓަރީގެ މަގާމަށެވެ. ޓީޗަރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން އުފެދުނީ އެ ދުވަސްވަރެވެ. އޭރު އެޑިއުކޭޝަން މިނިސްޓްރީން އޮތީ އިންޑިއާގެ ކަލްޗަރަލް ސްކީމުގެ ދަށުން މައިސޫރުގައި އޮންނަ ޓީޗަ ޓްރެއިނިންގެ ދެ ވަނަ ބެޗަށް ހުޅުވާލައިފަ އެވެ. އެކަމަށް ކުރިމަތިލައި، ހޮވުނު 10 މީހުންގެ ތެރެއިން ޑރ. އަންވަރަށް ފުރުސަތު ލިބިވަޑައިގަތެވެ. އިންޑިއާގެ އޭރު މަޝްހޫރު، ރީޖަނަލް ކޮލެޖު އޮފް އެޑިއުކޭޝަނުން، ދޮޅު އަހަރުގެ ސެޓްފިކެޓް ޕްރޮގްރާމް ފުރިހަމަކުރެއްވިއިރު އަންވަރު ހުންނެވީ، އުލޫމިޔާ ސްކޫލުގައި ކިޔަވައިދެއްވުމުން އެ ދާއިރާއިން ތިން އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފަ އެވެ. އަންވަރާ އެކު އޭރު ޓްރެއިނިން ފުރިހަމަކުރެއްވި ބޭފުޅުންގެ ތެރެއިން ހިދުމަތުގައި މިވަގުތު ހުންނެވީ އޭނާ އެކަންޏެވެ.
"އުލޫމިޔާ ސްކޫލުގެ ޕްރިންސިޕަލް ދޮން މަނިކު އަޅުގަނޑު ކައިރީގައި ބުނީ ކިޔަވައިދޭން އަންނަންވީ ނޫންހޭ އެތަނަށް. އެމީހުން ހިސާބާއި ދިވެއްސާއި މިކަހަލަ މާއްދާތައް ކިޔަވައިދޭނެ މީހަކު ނުވަތަ މުދައްރިސަކު ބޭނުންވެގެން އުޅުމުގެ ތެރޭގައި. އޭނާއާ އަޅުގަނޑާ ރައްޓެހިވީމަ އަޅުގަނޑު ކައިރީގައި ބުނަނީ މި މާއްދާތައް ކިޔަވައިދޭން އަންނަންވީ ނޫންހޭ... އެއީ ކިޔަވައިދޭން ވަދެވުނު ގޮތަކީ،" އަންވަރު ވިދާޅުވި އެވެ.
މާލޭގައި އެ ދުވަސްވަރު ސަރުކާރަށް ވަދެވެނީ ސަނަދު ނަގައިގެން ކަމަށް ވާތީ، ޑރ. އަންވަރު ގެންދެވީ މަޖީދިއްޔާގައި ކިޔަވާ ވިދާޅުވިއިރު ޕިޔޯނުކަމާއި ކާތިބުކަމުގެ އިތުރުން ސެކްރެޓަރީކަމުގެ ސަނަދު ވެސް ނަންގަވަމުންނެވެ. ނަތީޖާއަކަށް ވީ އޯ ލެވެލް ނިންމުމާ އެކު ވަޒީފާ ލިބިވަޑައިގަތުމެވެ.
އެ ކޯހަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ރަސްމީކޮށް ކިޔަވައިދިނުމުގެ ތެރެއަށް ވަދެވަޑައިގަތެވެ. ފުރަތަމަ އީޕީއެސްގަ އެވެ. އަންވަރުމެން ބޭރަށް ފޮނުވީ މަޖީދިއްޔާ އާއި އަމީނިއްޔާގައި ކިޔަވައިދޭނެ ޓީޗަރުން ބޭނުންވެގެންނެވެ. ނަމަވެސް މައިސޫރުން ރާއްޖެ ވަޑައިގެންނެވިއިރު ސަރުކާރު ބަދަލުވެފައި އޮތުމުން އެ ވިސްނުން ދޫކޮށްލައި ބައެއް ޓީޗަރުން އިސްކަންދަރު ސްކޫލަށް އަދި އަނެއް ބައި ޓީޗަރުން އަމިއްލަ ސްކޫލެއް ކަމަށް ވާ އީޕީއެސްގައި މަސައްކަތްކުރުމުގެ ފުރުސަތު ދިނެވެ. އީޕީއެސްގައި ކިޔަވައިދެއްވަނިކޮށް ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީ އަށް ބަދަލުކުރި އެވެ. އެތަނުން ޓްރާންސްޕޯޓު މިނިސްޓްރީއަށް އަދި އެ މިނިސްޓްރީން އަނެއްކާވެސް ފޮރިން މިނިސްޓްރީގެ ސެކްރެޓަރީއަކަށެވެ.
އެ މިނިސްޓްރީގައި މަސައްކަތްކުރައްވަނިކޮށް ށ. އަތޮޅުގެ އަތޮޅުވެރިއަކަށް ވަޑައިގަންނަވަން ޖެހިވަޑައިގަތެވެ. އެ ދަތުރުގައި ފުނަދޫގައި ހާއްސަ ކްލާސްތައް އުފައްދަވައިގެން ކިޔަވައިދެއްވި އެވެ. އަންވަރު އުފެއްދެވި ކްލާހަށް އެ ރަށުގެ ގާޒީންނާއި އެކި ފެންވަރުގެ ބޭފުޅުން ވަޑައިގެންނެވި އެވެ. އެއީ ލިޔެކިޔުން، ލެޓިނަށް ބަދަލުވި ދުވަސްވަރަށް ވުމުން ލެޓިން ދަސްކުރަން ގިނަ ބައެއްގެ ޝައުގު އޮތެވެ.
ޑރ. އަންވަރު ދެން ހިޔާރުކުރެއްވީ އަނެއްކާވެސް ތައުލީމީ ރޮނގުން ކުރިއަށް ވަޑައިގަތުމުގެ މަގެވެ. ހެޑްމާސްޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ދަށުން ހައި ޑިޕްލޮމާ ހެއްދެވުމަށް އިނގިރޭސިވިލާތަށް ވަޑައިގަތެވެ. ދެ އަހަރުގެ ކޯހަށް ފަހު ރާއްޖެ ވަޑައިގެން ނ. ވެލިދޫ ސްކޫލުގެ ހެޑްމާސްޓަރުގެ މަގާމު ލިބިވަޑައިގަތީ 1982 ގަ އެވެ.
އަވިން ކަރަންޓް އުފައްދާ ނިޒާމް ގާއިމްކުރުމުގެ އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ރެކްޓާ ޑރ. އަންވަރު (ކ) އަދި އަވި ޓެކްނޮލޮޖީސްގެ މެނޭޖިން ޑިރެކްޓަރު އާތިފް ސޮއިކުރެއްވުމަށް ފަހު ސަލާމްކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އޭރު އެ ސްކޫލު ވެސް ކޮމިއުނިޓީ ސްކޫލު މޮޑެލަކަށް ފަށައިގެން ދިޔައީ. އެ ދުވަސްވަރަކީ ރަށްރަށުގައި ސްކޫލުތައް އަޅަން ފެށި ދުވަސްވަރު ސަރުކާރާއި ޔުނީސެފް ގުޅިގެން،" ޑރ. އަންވަރު ވިދާޅުވި އެވެ.
އެ ރަށުގައި މަސައްކަތް ކުރެއްވުމަށް ފަހު އޭނާއަށް ދެން ޖެހިވަޑައިގަތީ ށ. ކޮމަންޑޫގައި ހުންނަ އަތޮޅު ތައުލީމް މަރުކަޒު އަލަށް ފަށައި އެ ސްކޫލުގެ ފުރަތަމަ ހެޑްމާސްޓަރުގެ ޒިންމާ ނަންގަވާށެވެ.
"ކޮމަންޑޫގައި ސްކޫލު ހިންގީ، އަޅުގަނޑު އިނގިރޭސިވިލާތުން ދަސްކުރި ގޮތަށް ކޮމިއުނިޓީ ސްކޫލެއްގެ މޮޑެލަށް. އޭގެ މާނައަކީ ކިޔަވައިދެމުން އެހެން ހަރަކާތްތަކުގައި އުޅެމުން، މަސައްކަތްކުރަމުން އެކަންކަމަށް. މަސައްކަތްކުރުމަކީ ސްކޫލުގެ ބައެއް. ކޮންމެ ވީކެންޑެއްގައި އޮންނާނެ މަސައްކަތްކުރުން،" ޑރ. އަންވަރު ވިދާޅުވި އެވެ.
ޑރ. އަންވަރު، "މިހާރު" އަށް އިންޓަވިއުދެއްވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
އޭގެތެރޭގައި ގަސް އިންދުމާއި އަތްތެރި މަސައްކަތާއި ފަނުގެ މަސައްކަތްތައް ކުދިންނަށް ދަސްކޮށްދިނެވެ. އެކަންކަމުގެ އިތުރަށް ސަގާފީ އަދި ކުޅިވަރުގެ ބައިތައް ވެސް ހިމެނެ އެވެ. އެ ދުވަސްވަރު ކޮމަންޑޫ ސްކޫލު ހިންގީ ވަރަށް ރަނގަޅު މޮޑެލްއެއްގައި ކަމަށް އަންވަރު ވިދާޅުވި އެވެ.
ދެ އަހަރު ފަހުން އޭނާ ދެން ވަޑައިގަތީ ބ. އޭދަފުއްޓަށެވެ. އެ ރަށުގެ ތައުލީމު ކުރިއަރުވަން ކުރެއްވުނު މަސައްކަތާއި ނެރެދެއްވުނު ނަތީޖާއާ މެދު ޑރ. އަންވަރު އަދިވެސް އުފާކުރައްވަ އެވެ. ކޮމިއުނިޓީ ސްކޫލުގެ ޕްރޮޖެކްޓުގެ ތެރެއިން ފުރަތަމަ ސްކޫލު ބ. އޭދަފުށީގައި އެޅި ނަމަވެސް އެ ސްކޫލަށް ކުދިން ފޮނުވަން ބެލެނިވެރިން ފަސްޖެހުނެވެ. އެމީހުން ބޭނުންވީ، ޑރ. އަންވަރު ވިދާޅުވި ގޮތުގައި، އޭރު އަމިއްލަ ސްކޫލެއްގެ ގޮތުގައި އޭދަފުށީގައި ހިންގަމުންދިޔަ ބަހިއްޔާ ސްކޫލަށް ދަރިވަރުން ފޮނުވާށެވެ. ނަމަވެސް އޭނާގެ ތަޖުރިބާ ބޭނުންކުރައްވައިގެން އެ ވިސްނުން ބަދަލުކުރެއްވި އެވެ؛ ނަތީޖާއަކަށް ވީ ސަރުކާރުގެ ކޮމިއުނިޓީ ސްކޫލަށް ދާ ކުދިން ގިނަ ވުމެވެ.
"ވަރަށް ބޮޑަށް ކާމިޔާބުވި. އަނެއް ސްކޫލަށް ދިޔަ ކުދިން ވެސް މި ސްކޫލަށް ދާން ފެށި،" އޭދަފުށީ ރައްޔިތުންގެ ވަރަށް ބޮޑު ލޯތްބެއް ލިބިވަޑައިގެންފައިވާ ޑރ. އަންވަރު ވިދާޅުވި އެވެ.
ބެލެނިވެރިންގެ ވިސްނުން ބަދަލުކުރުމަށް، އޭދަފުށީގެ ކޮމިއުނިޓީ ސްކޫލުގައި ގުރުއާން ކިޔަވަން ދަސްކުރުމާއި ނަމާދުކުރަން ދަސްކޮށްދިނުން ފަދަ ކަންތައްތައް ފެށި އެވެ. އެއާ އެކު ބަހިއްޔާ ސްކޫލަށް ދާ ދަރިވަރުންގެ އަދަދު މަދުވެ، ކޮމިއުނިޓީ ސްކޫލަށް ބާރުބޮޑުވި އެވެ.
އެކަން ކާމިޔާބުވުމުން އެކަމުގެ "އެވޯޑެއް"ގެ ގޮތުގައި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލުގެ އެހީތެރިކަން، އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު ހުސެއިން، އޭނާއަށް ދެއްވި އެވެ.
ޑރ. އަންވަރު (ވ-2): ތައުލީމީ ދާއިރާގެ ކުރީގެ ހިދުމަތުގެ ދުވަސްވަރުގެ ހަނދާނެއް
"އެއީ އަޅުގަނޑު، މިނިސްޓަރު ވިދާޅުވި ކަންތައް ފުރިހަމައަށް ކޮށްދިނުމުގެ ސަބަބުން މިނިސްޓަރު އަޅުގަނޑަށް ދެއްވި ފުރަތަމަ އެވޯޑު،" ޑރ. އަންވަރު ވިދާޅުވި އެވެ.
މަޖީދިއްޔާގައި އުޅުއްވުމަށް ފަހު އޭނާ ދެން ބޭރަށް ވަޑައިގަތީ 1991 ގައި މާސްޓާސްއަށް ކިޔަވާ ވިދާޅުވާށެވެ. އެ ކޯހަށް ފަހު ހަވާލުކުރީ ކޮލިޓީ އިމްޕްރޫވްމަންޓް ސެކްޝަނެވެ. ޒިންމާއަކީ ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި އެކްސްޓްރާ އެކްޓިވިޓީސް ފަދަ ކަންކަމެވެ. އޭގެ ފަހުން ޑިރެކްޓަ ޖެނެރަލް އޮފް ސްކޫލު ސިސްޓަމްގެ މަގާމު ލިބިވަޑައިގެން ސަރުކާރުގެ 212 ސްކޫލެއްގެ ހުރިހާ ކަމެއް ބެއްލެވުމުގެ ޒިންމާއާ 1992 ގައި ހަވާލުވެވަޑައިގަތެވެ.
"އެކަން ހަވާލުވިތާ ދުވަސްކޮޅެއް ތެރޭގައި، ތައިލެންޑުގައި ބޭއްވި ޔުނެސްކޯގެ ކޮންފަރެންސެއްގައި ހުރިހާ ސަރުކާރަކުން އެއްބަސްވަނީ 1995 ވަނަ އަހަރަށް، ޕްރައިމަރީ އެޑިއުކޭޝަން، ކޮންމެ ގައުމެއްގައި ވެސް އެ އިރަށް އާއްމުކުރުމަށް. ކޮންފަރެންސްގައި ބައިވެރިވި ހުރިހާ ސަރުކާރަކުން ވެސް އެއްބަސްވީ އެގޮތަށް،" ޑރ. އަންވަރު ވިދާޅުވި އެވެ.
"އެ ދުވަސްވަރު އަތޮޅުތެރޭގެ ތައުލީމީ ފެންވަރު ހުރީ ވަރަށް އާދައިގެ ފެންވަރަކަށް. އެހެންވެ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރައިމަރީ ތައުލީމް އާއްމުކުރުމަށް އެ ކުރެވުނު މަސައްކަތުގެ ތެރެއިން އަޅުގަނޑަށް ވަރަށް މުހިއްމު ބައެއް އަދާކުރެވުނު. އެތަނުގައި ރަނގަޅު ޓީމެއް އުފައްދައިގެން، އަޅުގަނޑުމެން މުޅި ރާއްޖޭގައި މާތްﷲ އިރާދަކުރެއްވިއްޔާ 1997ގައި މުޅި ރާއްޖޭގައި ޕްރައިމަރީ ތައުލީމް ގާއިމްކޮށްދެވުނު. އެބައިގައި ވަރަށް މުހިއްމު ބައެއް އަޅުގަނޑު އަދާކުރިން."
އޭނާ ވިދާޅުވާ ގޮތުގައި މިހާރު ވެސް ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރަށްރަށުގެ ސްކޫލުތައް މިހާރު އެ ހުރި ފެންވަރާ ހަމައަށް ގެންގޮސްދެއްވަން ވެދެއްވުނު އެހީތެރިކަމެވެ.
ކާމިޔާބު އަދި ހިދުމަތްތެރި މަސައްކަތްތަކަށް ފަހު ތައުލީމީ ދާއިރާއިން ޕީއެޗް.ޑީ ހެއްދެވުމަށް 2001ގެ ފަހުކޮޅު ބޭރަށް ވަޑައިގަތެވެ. އަތް ބިނދިގެން ދުވަސްކޮޅަކަށް ކިޔެވުމުގައި ދުރުގައި ހުންނެވިޔަސް 2007 ގައި ޕީއެޗް.ޑީ ނިންމެވި އެވެ.
މަތީ ތައުލީމުގެ ދާއިރާގައި ޑރ. އަންވަރު 2007 ހިސާބުގައި ފުރަތަމަ ފެއްޓެވީ ސެޓްފިކެޓް ލެވެލްގެ ކޯސްތަކެވެ. އޭނާ އިސްވެ ހުންނަވައި ފެއްޓެވި އެ މަސައްކަތުގައި ވިއްސަކަށް ދަރިވަރުން ބައިވެރިވި އެވެ. ޖެހިގެން އައި އަހަރު އެ ތަން ބަދަލުވީ ވިލާ ކޮލެޖަށެވެ. އަދި 2009 ގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭރުގެ ޔުނިވާސިޓީއެއްގެ ޑިގްރީ ޕްރޮގްރާމް، ވިލާ ކޮލެޖްގައި ފެށި އެވެ. އެއީ ރާއްޖޭގެ މަތީ ތައުލީމުގެ ނިޒާމަށް ގެންނެވި ވަރަށް ބޮޑު ބަދަލެކެވެ.
"ވިލާ ކޮލެޖު ހުޅުވިއިރު ވެސް ހުރި ބައެއް އިންސްޓިޓިއުޓުތައް، މަތީ ތައުލީމް ކިޔަވައިދޭ. ޕްރައިވެޓް ތަންތަން ވެސް ހުރި. އޭރު ހަޔަ އެޑިއުކޭޝަންގެ މުހިއްމު ތަންތަނަކީ މޯލްޑިވްސް ކޮލެޖު އޮފް ހަޔަ އެޑިއުކޭޝަނާއި މައުހަދަތުލް ދިރާސާތުލް އިސްލާމިއްޔާ[މިހާރުގެ އިސްލާމިކް ޔުނިވާސިޓީ]،" ޑރ. އަންވަރު ވިދާޅުވި އެވެ.
ވިލާ ކޮލެޖަށް 10 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ޑރ. އަންވަރު ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެކަމަކު އޭނާ ވިދާޅުވި ގޮތުގައި އެ ތަންތަނުގެ ކޯސްތައް ބިނާކޮށްފައި އޮންނަނީ ދިވެހި ބަހުން ކުރިއަށް ގެންދާށެވެ. އޭގެ 11 އަހަރު އަހަރު ފަހުން މިއަދު، ރާއްޖޭގެ ކޮލެޖްތަކާއި ޔުނިވާސިޓީތަކުގައި އެކި ބަސްބަހުން ކިޔަވައިދެ އެވެ. ބޭރުގެ އެކި ޔުނިވާސިޓީތަކާ ގުޅިގެން ހިންގާ އެކި ލެވެލްގެ ތަފާތު ކޯސްތައް ކުރިއަށް ގެންދެ އެވެ.
ވިލާ ކޮލެޖު ވެސް ފުޅާވެ، މިހާރު އެތަނުގައި އަށް ފެކަލްޓީއެއް ހިންގަ އެވެ. އެތަންތަނުގައި ހިންގާ 100 އަށް ވުރެ ގިނަ ޕްރޮގްރާމްތަކުގައި 3،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އެބަ ގެންދެ އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް (ޔޫވީ) ގެ މާސްޓާސް ޕްރޮގްރާމްތައް ވެސް ހިމެނެ އެވެ.
"އެމީހުންގެ ހުރި ޓްރެޑީޝަންތަކާއި އެ ހުރިހާ އެއްޗަކަށް ވަރަށް ބޮޑަށް ފުރިހަމަކޮށް، އިނގިރޭސި ބަހުން ކިޔަވައިދޭ ބިޒްނަސް މެނޭޖްމަންޓާއި އެޑިއުކޭޝަން މެނޭޖްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، މިހެން ގޮސް މި ދާއިރާތަކުން ކިޔަވައިދޭން ފެށީމަ އިންކްރިޑްބްލް ގްރޯތު އައީ. އޭރު މި ފުރުސަތު އެހެން ތާކު ނެތް،" ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދުގެ އެއްބަނޑު އެއްބަފާ ބޭބެ، އަދި ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލު މުހަންމަދު ޝަހުދީގެ ބައްޕަ ވިދާޅުވި އެވެ.
ޑރ. އަންވަރު މިހާރު އެންމެ އުއްމީދުކުރައްވަނީ ވިލާ ކޮލެޖު ޔުނިވާސިޓީއަކަށް ބަދަލުވާނެ ދުވަހަކަށެވެ.
"އަޅުގަނޑު އުއްމީދު ހާސިލްވާނީ ވިލާ ކޮލެޖު ޔުނިވާސިޓީއަކަށް ބަދަލުވީމަ. އެއީ އަޅުގަނޑު އުއްމީދުކުރާ އެންމެ މައްޗަކީ. އެކަން ވެފައި، އަޅުގަނޑު މި ކުރި މަސައްކަތުން، ފުރަތަމަ ފަށައިގެން އައިސް މިތަން މިހާ ވަރަށް ޑިވެލޮޕްވެ ޔުނިވާސިޓީއަކަށް ވެވުނީމަ އަޅުގަނޑުގެ ކެރިއާ ހުއްޓިގެންދާނީ،" ޑރ. އަންވަރު ވިދާޅުވި އެވެ.
އޭނާގެ ތައުލީމީ ހިދުމަތަށް ބަލާ ކަމަށްވަންޏާ އެ ލަނޑުދަނޑި ވެސް ހާސިލްވުން ދުރެއް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގްރީން
08 October 2020
ވަރަށް ހިތް ހެޔޮ، ހަރުދަނާ މުވައްޒަފުންނަށް އޯގާތެރި ޢިލްމީ ޤާބިލް ބޭފުޅެއް.
މަޖީދީ މިޖީދީ
08 October 2020
ޑރ. އަންވަރު އެއީ އަޅުގަނޑު ކުޔެވިއިރު މަޖީދިއްޔާގެ އެއްއިރެއްގެ ވައިސް ޕްރިންސިޕަލް. ކުދިންނައް ހެޔޮ ނަސޭހަތްތެރިވާ ކުދިންނައް ރަނގަޅު އަދި ސްތރިކްޓް ވެސް ޕްރިންސިޕަލްއެއް. މަރިޙަބާ ސްރ.
ރަމްލާ
07 October 2020
އަދި އެސްޓީއޯގަވެސް ޚިދުމަތް ކުރެއްވި
ޑީސީ
07 October 2020
މަރުހަބާ...
ސއނާ
07 October 2020
ޑރ އަންވަރަކީ އަޚްލާގް ރަނގަޅު ޢިލްމީ ތަޖުރިބާހުރި ބޭފުޅެއް.
ޙަނީފް
07 October 2020
މާތް އިންސާނެއް. ﷲ ރަޙްމަތް ލައްވައި ހެޔޮ ސިއްޙަތުގައި ގިނަ ޒަމާންތަކަށް ލައްވާށި
ޚިޔާލު...
07 October 2020
ޑރ އަންވަރަކީ ވަރަށް ޢިލްމީ، އަޚްލާޤު ރަނގަޅު، ގާތްތިމާގެކަން ވާސިލްކުރާ ބޭފުޅެއް
އެފް
07 October 2020
އަންވަރު އެވިދާޅުވި ގޮތަށް ވަސީލަތްތައް މަދުއިރުވެސް އަމަލީ މަސައްކަތާ ސިފަ ދަސްކޮށްދެއްވުުގެ ނަތީޖާ ފެނިގެން ގޮސްފައިވާނެެއެވެ. މިހާރު ވަސީލަތްތަކާ މާއްދާތަަކާ ވަގުތުއިރުވީއިރު ނަތީޖާ އާ ދެލިގަގަނޑަށް ބޮޑަށް ސަމާލުކަން ދެވި މިކިޔޭ ސްޕޫން ފީޑިން ބޮޑުވެ ދަރިންގެ ޒިންމާދާރުކަން އިތުރުވާން ޖެހޭ ކަމަށް އެއްބަސްވާ ބޭފުޅުން ޔަގީނުންވެސް އުޅުއްވާނެއެެވެ.
ަައާޝޯހު
07 October 2020
އަންވަރަކީ ވަރަށް ރަނގަޅު ބޭފުޅެއް! އެކަމަކު މައްސަލައަކީ ވިލާ ކޮލެޖުން އެތަނުން ކިޔަވާ ކުދިން ފެލާތީ. މަހަކު 3000 ހާހުން 5000 ހާހުން އެބަ ނަގާ .
މުންނިމު
07 October 2020
އަޝޯޚުމެންނަށް އެނގޭތަ އެތަނަށް ދާ ލެކްޗަރާއިންނަަށާއި ސްޓާފުންގެ މުސާރައަށް އެކަނިވެސް އެތައް މިލިޔަނެއް ޚަރަދުވާކަން.
ޒަރީނާ
07 October 2020
ގިނަ ބަޔަކަށް ނޭގުނަސް ތިޔަ އާއިލާގެ އެންމެންގެ ކިޔެވުން ބެލެގެއްޓެވީވެސް އަންވަރު. ސުއޫދު، މުނައްވަރު، ޒަމީރުމެން ފަދަ ބޭފުޅުންނާއި އާއިލާގެ އެތައް ބައެއްގެ ކިޔެވުން ހަމަޖައްސައިދެއްވި