މީރާ ބިލްޑިންގް: ފެކްސް މެދުވެރިކޮށް މީރާއަށް މައުލޫމާތު ފޮނުވޭ ގޮތަށް އޮތް އޮތުން ވެސް މިހާރު ވަނީ އުވާލާފައި --ފޮޓޯ/މިހާރު
30 އޮކްޓޯބަރ 2016 - 14:46
ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ކަނޑައެޅުމުގައި އެކި ގޮތްގޮތުން ހޯދާ މައުލޫމާތާއި ދައުލަތުގެ އިދާރާތަކުން ލިބޭ މައުލޫމާތު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބޭނުން ކުރެވޭ ގޮތަށް ހަދައިފި އެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރާގެ ގަވާއިދުގައި ކުރިން އޮންނަ ގޮތުން ދައްކަންޖެހޭ ޓެކުހުގެ އަދަދު ކަނޑައެޅުމުގައި މީރާ އިން ބަލާނީ ޓެކްސް ދައްކާ ފަރާތުން ދޭ މައުލޫމާތާއި އެ ފަރާތުން ދޭ ޚިދުމަތް ނުވަތަ ވިއްކާ މުދަލުގެ ބާޒާރު އަގުތަކާއި ފާއިތުވި އަހަރު ދައްކާފައިވާ ޓެކްސް ފަދަ މައުލޫމާތުތަކަށެވެ.
އެކަމަކު އެ ގަވާއިދަށް މިދިޔަ ބުރާސްފަތި ދުވަހު ގެނެސްފައިވާ އިސްލާހު ބުނާ ގޮތުން ޓެކުހުގެ އަދަދު ކަނޑައެޅުމުގައި މީރާ އިން އެކި ގޮތްގޮތުން ބަލާ ބެލުންތަކުން ލިބޭ މައުލޫމާތާއި ދައުލަތުގެ އެހެން އިދާރާތަކުން ލިބޭ މައުލޫމާތު ވެސް ބޭނުން ކުރެވިދާނެ އެވެ. އަދި އެހެން ފަރާތަކުން ހުށަހަޅާފައިވާ މައުލޫމާތެއްގައި، ޓެކްސް ދައްކާ ފަރާތާ ބެހޭ ގޮތުން ހުރި މައުލޫމާތަށް ބެލިދާނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
މީގެ އިތުރުން އިލެކްޓްރޯނިކް ކޮށް މީރާ އަށް މައުލޫމާތު ފޮނުވުމުގައި މީރާ އަށް ފެކްސް ކުރެވޭ ގޮތަށް އެ ގަވާއިދުގައި އޮތް ގޮތުން އެ އިސްލާހުގެ ދަށުން ވަނީ އުވާލައިފަ އެވެ. އަދި ޓެކްސް ބަޔާންތަކާއި އޭގެ ލިޔުންތައް އީމެއިލް މެދުވެރިކޮށް ހުށަހަޅައިފި ނަމަ، ބަލައިނުގަންނަ ގޮތަށް ވެސް ވަނީ އިސްލާހުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންސާފު
31 October 2016
މިހާރުވެސް ތިޔަ މީރާއާހެދި ނޯށުންނާއި ލޮލުން ރޮއިރޮއި ތިއްބާ އަނެއްކާ އަނެއްކަންތައް. ތިޔައީ ބޮޑު އުނދަގުލެއް.
އިންޓެލިޖަންސް
31 October 2016
ސުބްހާﷲ. އެއްކަލަ އިންޓެލިޖެންސް ރިޕޯޓް ދޯ. މީރާވެސް އިންޓެލިޖަންސް ހޯދުންޕޮލިސް އިން ކޮޕީކުރީތާ. ދެން ރަނގަޅު ފާޑުފާޑުގެ ޕެން ޑްރައިވް މައްޗަށް ބިނާކޮށް އެކިއެކިފަރާތްތަށް މިލިއަނުން ޓެކްސް ދައްކަން ނުޖެހުނިއްޔާ. މިނިވަން މުއައްސަސާތަކުގެ ތެރެއިން، އެންމެ ފުރަތަމަ ދޮވެ ސާފުކުރަންވެފައި އޮތީ ތިޔަ މީރާ. ކޮމިޝަނަރ ޔަޒީދު ވަކިކުރުމުން ނޫނީ ތިތަން ހަމައަކަށް ނޭޅޭނެ. އޭނާގެ ހުރި ނަޒާހަތްތެރިކަން ގާސިމާމެދު ކަންތައްކުރިގޮތުން ވަރަށް ރަނގަޅަށް ޢާންމުންނަށް އެނގޭ.
އުމަރު
30 October 2016
މީރާއަކީ ވިޔާފާރި ހުއްޓުވާ ތަނަކަށް ނުވަތަ މީރާއިން ހަދާ ގަވައިދަކީ ޓެކުސްދައްކާ މީހުންނަށް ހުރި ބިރަކަށް ހަދައިގެންނުވާނެ، މީރާގައިތިބި މީހުންނަށް އެނގޭނެ ރާއްޖެއަކީ އަދި ޓުކުހަށް މުޅިން އާޤައުމެއްކަން، އަދި އެތަކެއް އަހަރުތަކެއްގައި ޓެކުސްގެ ނިޒާމުނެތި ހިންގާފައިވާ އިޤްތިސާދެއްކަން އެހެންކަމުން އިޤްތިސާދުގައި ހަރަކާތްތެރިވާ ހުރިހައި މީހުންނަށްވެސް އެކަށީގެންވާ ފުރުސަތު ދިނުމަށާއި، ކުދި މެދުފަންތީގެ ވިޔަފާރިތަކަށް ތިޔަ ތަކްލީފް ނުޖައްސައި ޓެކުސްގެ ކަންތަށް ކުރިއަށް ގެންދިއުން، އަދި މީރާއިން ހިތުހުރިހައި ގަވައިދެއް ނެހެދޭނެ ޤާނޫނުގައިވާ ގޮތުގެ މަތިން ޓެކުސް ނެގޭނީ، މީރާއިން ހަދާ ގަވައިދަކީ ގެޒެޓްގައި ޖެހިޔަސް ޤާނޫނަކަށްތުރެން ބާރުގަދަ ގަވައިދަކަށްވާކަށެއްވެސް ނުޖެހޭނެ
ފާތުމަ
30 October 2016
ޕީޕީއެމް ސަރުކާރެއްގައި ގެ ދޮރު ކުލިން ޓެކްސް ނުނަގާނަމޭ ބުނި. މިހާރު ނުހުންނާނެ ހަދާނެއް. ޥަރަށް ސަލާމް.
ވޯލް
30 October 2016
މިއީ ހަމަ ސީދާ ސިޔާސީ ބޭނުމުގައި ހެދި ގަވާއިދެއް. މިނިވަން ނެތް އެންމެ މުއައްސަސާއެއްވެސް. މި ރާއްޖޭގައި ކުންފުނިތަކުގެ ޤާނޫނާގައި ވާގޮތަށް ހިންގަނީ މަދު އެންމެ ބޮޑެތި ކުންފުނިތައް، ދެން ހުރި ތަންތަނުގެ މެޖޯރިޓީ ސެޔަރ ހޯލްޑަރުން ހަދަނީ ހަދާނެ އެއްޗެއް. މިޢި ކަނޑަ އެޅިގެން މީރާއަށް ބެލޭނެ ކަންކަން.
ހަސަނު
30 October 2016
އިންޓެލިޖެންސަކީ ވަރަށް ނުރައްކާ އެއްޗެއް... މީގެ ކުރިން މިރާއްޖެގައި ގޯސްކޮށް ކޮށްފައި ހުރި ހުރިހ ާކަމެއް ކޯށްފައިވަނީ ތިޔަ ބުނާ ޒާތުގެ އިންޓެލިޖެންސް ރިޕޯޓުތަކެއް ހަދައިގެން...
އިންޓެލިޖަންސް ޓެކުސްމޭން
30 October 2016
ނަގާތި. ނަގާފަ ބަހައްޓާ. ކޮންމެ ގޮތެއް ހަދައިގެންނަމަވެސް އާދައިގެ ރައްޔިތުމީހާ އަތުން ފެލާލާތި. ނަމަ ނަމަ އެއްކަލަ ގައުމުގައި މިއުޅޭ ނަގާ ކިޔާ މަހުޖަނެއްގެ އަތުން އެންމެ ލޯލާރި ފޮއްޗެއް ނަމަވެސް ނުނަގާތި. އޭރުންނެއްނު ހުރިހާ ރައްޔިތުން ހަމަހަމަ ވާނީ. މިހާރުވެސް ހުރިހާ ރައްޔިތުން އުޅެނީ ތަނަވަސް އުފާފާގަތި ދިރިއުޅުމެއް ވިއްޔަ. ނަގާފަ ބަހައްޓާ. ރަގަޅު. ބަރާބަރު. ޔަގީން. ޝުކުރިއްޔާ.
މަހޭ
30 October 2016
މީ މާމޮޅުގޮތެއް. ސިޔާސީ މީހަކާ ގުޅިފަ އޮތް ކުންފުންޔެއް ނަމަ ކުއްލިއަކަށް އިންޓެލިޖެންސް ރިޕޯޓެއް އައިއްސާނެ ޓެކްސް ދައްކާވަރު މަދޭ ކިޔާފަ.
ހާދީ
30 October 2016
ރައްޔިތުން ފެލާލުން ނޫން ދެންކޮންކަމެއް.