ގާކަރީގެ ދޫ ދިގުކަމުން ލޮލުގައި ވެސް ޖެއްސޭ ކަމަށް އޭނާ ބުނޭ
31 އޮކްޓޯބަރ 2016 - 05:42
ފްލޮރިޑާގެ އޮކާލާގައި ދިރިއުޅޭ އުމުރުން 20 އަހަރުގެ ޒުވާން އަންހެނަކު، ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑްސްގައި ބައިވެރިވެ، ދޫ އެންމެ ދިގު މީހާގެ ރެކޯޑް މުގުރާލުމަށް ތައްޔާރުވަމުން އެބަދެ އެވެ. އޭނާ ބުނާ ގޮތުގައި އޭނާގެ ދުލުގައި 4.5 އިންޗި އެބަހުއްޓެވެ. އެ ދުލުން އޭނާއަށް ކަންފަތުގެ ފޫޅުގަނޑާއި އުޅޮނބޮށިކޮޅު އަދި ލޮލުގައި ވެސް ޖެއްސެ އެވެ.
ގާކަރީ ބްރޭޗޯ ބްލެކިއުޓް އަކީ މިހާރު ޔޫޓިއުބުގައި މަޝްހޫރު ތަރިއެކެވެ. އޭނާ ބުނި ގޮތުގައި އެންމެ ފުރަތަމަ އޭނާގެ ދޫ އެހާ ދިގުކަން ވިސްނުނީ ރައްޓެހިން އެދިގެން ލޮލާއި ކަންފަތު ފޫޅުގަނޑުގައި ދުލުގެ ކުރި ޖައްސަން އުޅެ އެކަން ކުރެވެން ފެށުމުންނެވެ.
އެންމެ ދިގު ދުލެއް އިން މީހާގެ ރެކޯޑް ހަދަން މަސައްކަތްކުރާ ގާކަރީ އޭނާގެ ދުލުގެ ދިގުމިން ދައްކާލަނީ
ނޭފަތާއި ލޯ އަދި ކަންފަތު ފޫޅުގަނޑު ފަދަ ތަންތަނުގައި ގާކަރީ ދޫ ޖައްސާތަން ފޮޓޯނެގުމަށް ފަހު އެންމެ ފުރަތަމަ އޭނާ ސޯޝަލް މީޑިއާގައި އެ ފޮޓޯތައް ޝެއާ ކުރުމުން ގިނަ ބަޔަކު އެއީ އަސްލެއް ކަމަކަށް ގަބޫލެއް ނުކުރި އެވެ. އެހެންވެ ފަހުން އޭނާ ވީޑިއޯ ނަގާފައި ޔޫޓިއުބަށް ލީ އެވެ. މިހާރު އޭނާގެ ވީޑިއޯ ޔޫޓިއުބުން މިލިއަނަކަށް ވުރެ ގިނަ މީހުން ބަލާފައިވާއިރު އިންސްޓަގްރާމްގައި ވެސް 6،000 – 7،000 މީހުން ވީޑިއޯތައް ބަލާފައިވެ އެވެ.
ގާކަރީ ބުނި ގޮތުގައި ސޯޝަލް މީޑިއާގައި މީހުން ވަރަށް ޕޮޒިޓިވް ކޮމެންޓާއި ނެގެޓިވް ކޮމެންޓްތައް ވެސް ކުރެ އެވެ. ނަމަވެސް ނެގެޓިވް ކޮމެންޓްތަކަކުން އޭނާއަކަށް ވަކި އަސަރެއް ނުކުރި އެވެ.
މިހާރު އޭނާ ތައްޔާރުވަމުންދަނީ ވޯލްޑް ރެކޯޑް ފޮތަށް ނަން އެރުވުމަށެވެ. މިހާރު ރެކޯޑް އޮންނަ ނިކް ސްޓޯބާލްގެ ދުލުގައި ހުންނަނީ 3.97 އިންޗި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy