ކުޅިވަރު / ދިރާގު މޯލްޑިވްސް ރޯޑް ރޭސް

ދިރާގު ރޯޑް ރޭހަށް ހާއްސަ އެޕްލިކޭޝަނެއް ތައާރަފްކޮށްފި

ދިރާގު ރޯޑް ރޭސް ބައިވެރިވަން ފަށަނީ. -- ފޮޓޯ: ދިރާގު

ހުޅުމާލޭގައި އަންނަ މަހުގެ 11 ވަނަ ދުވަހު ބާއްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް ހާއްސަ މޯބައިލް ފޯން އެޕްލިކޭޝަނެއް ދިރާގުން ތައާރަފްކޮށްފި އެވެ.

ހުޅުމާލޭގެ ހިތްގައިމު މާހައުލުގައި ފުރަތަމަ ފަހަރަށް މި ރޭސް ބާއްވާއިރު، އިއްޔެ ދިރާގުން ތައާރަފްކުރި އެޕްލިކޭޝަނާ އެކު ދުވުންތެރިންނަށް އިތުރު ފަސޭހަތަކެއް ވެގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ރޭހަށް ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ރޭހުގައި ދުވުމަށް ހަމަޖެހިފައިވާ ރޫޓް މެޕާއި މޫސުމާ ބެހޭ މައުމޫލާތު ވެސް އެޕްލިކޭޝަނުން ލިބޭނެ އެވެ.

މި އެޕްލިކޭޝަނުގެ އެންމެ ހާއްސަ ފީޗާއަކީ ލައިވް ޓްރެކިން އެވެ. އެގޮތުން ބައިވެރިން ދުވަމުންދާ ރާސްތާ އާއި ޓައިމިން ވަގުތުން ބަލައިލެވޭ އިރު ރޭހުގެ ކުރީގައި އުޅޭ ދުވުންތެރިންގެ ތަފްސީލް ވެސް ބަލައިލެވޭނެ އެވެ. ދުވުންތެރިންގެ ބިބުގައި ހަރުކުރާ އިލެކްޓްރޯނިކް ޗިޕެއް މެދުވެރިކޮށް ޓައިމިން ބަލާއިރު މިއީ ރާއްޖޭގައި ބާއްވާ ރޭހެއްގައި ލައިވް ޓްރެކިން ފީޗާ ހިމެނޭ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން މި އެޕްލިކޭޝަން މެދުވެރިކޮށް ރޭސް އޮންނަ ދުވަހު ސެލްފީއެއް ނަގާލައި ސޯޝަލް މީޑިއާގައި ޝެއާކުރުމުގެ ފުރުސަތު ލިބޭއިރު، ދިރާގުގެ ފޭސްބުކާއި އިންސްޓްގްރަމް އަދި ޓްވިޓާގެ ލައިވް ފީޑް ވެސް އެޕްލިކޭޝަނުގައި ހިމެނޭނެ އެވެ.

މި އެޕްލިކޭޝަނުގެ އެންޑްރޮއިޑް ވާޝަން ގޫގަލް ޕްލޭސްޓޯރުން އައި އައިއޯއެސް ވާޝަން އެޕްސްޓޯރުން ހިލޭ ޑައުންލޯޑްކުރެވޭނެ އެވެ.

ރޭހުގައި ބައިވެރިވުމުގެ ފުރުސަތު އަންގާރަ ދުވަހުގެ ނިޔަލަށް ހުޅުވިފައިވާއިރު މިހާރު ވެސް ދެހާހަށް ވުރެ ގިނަ ދުވުންތެރިން ވަނީ ރެޖިސްޓްރީވެފަ އެވެ. ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ދެނީ އެންމެ ފުރަތަމަ ރެޖިސްޓްރީކުރާ 3000 ފަރާތަށެވެ.

"ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަނީ. މިހާތަނަށް ދެހާހަށް ވުރެ ގިނަ މީހުން ރޭހުގައި ބައިވެރިވެފައިވަނީ،" ދިރާގުގެ އޮފިޝަލަކު ބުންޏެވެ.

ޕްރޮފެޝަނަލް ދުވުންތެރިންގެ އިތުރުން ކަސްރަތަށް ދުވާ ފަރާތްތައް ވެސް ބައިވެރިވާ މި ރޭހުގައި ހިމެނޭ މައިގަނޑު ދެ ކެޓަގަރީ އަކީ ފަސް ކިލޯ މީޓަރު ރޭހާއި 10 ކިލޯ މީޓަރު ރޭހެވެ.

ކޮންމެ ކެޓަގަރީ އަކުން ވެސް އޯޕަން ބަޔާއި 45 އަހަރުން މަތީގެ ބަޔާއި ސްކޫލް ކުދިންގެ ބައި ވެސް ހިމެނެ އެވެ. އެހެން ނަމަވެސް ދެ ކަޓަގަރީގައި ވެސް ވަނީ ސްކޫލު ކުދިން ބައިވެރިކުރުމުގައި އުމުރުފުރާ ކަނޑައަޅައިފަ އެވެ. ފަސް ކިލޯމީޓަރުގެ ބައިގައި ބައިވެރިވެވޭނީ މި އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހަށް ހަތް އަހަރު ފުރިފައިވާ ކުދިންނަށެވެ. އަދި ދިހަ ކިލޯމީޓަރުގެ ބައިގައި ބައިވެރިވެވޭނީ މި އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހަށް 16 އަހަރު ފުރިފައިވާ ކުދިންނަށެވެ.

ރޯޑްރޭހުގެ އެޕްލިކޭޝަން.

ކުރިން މާލޭގައި ބާއްވަމުން އައި ރޭސް ހުޅުމާލެ އަށް ބަދަލުކުރީ މާލޭގެ މަގުތައް މިހާރު އޮތް ގޮތުން އެވަރުގެ ރޭހެއް ކުރިއަށް ގެންދަން އުނދަގޫވާނެތީ، އެ ހުއްދަ ދިރާގަށް ނުލިބުމުންނެވެ. ދިރާގުން ބުނީ މި ފަހަރުގެ ރޭސް ކުރިއަށްގެންދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ވަރަށް ބޮޑު އެއްބާރުލުމަކާ އެކުގައި ކަމަށެވެ.

ދިރާގުން އެންމެ ފުރަތަމަ މިރޭސް 2006 ގައި ފެށީ ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭސްގެ ނަމުގަ އެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ނަމަށް ބަދަލުކުރުމުގެ އިތުރުން މިހާރު މިއީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ދުވުމުގެ ރޭހެއް ވެސް މެ އެވެ. ރޭސް ބޭއްވުމުގެ ކުރިން ދުވާ ސަރަހައްދުގެ މިން އަޅަނީ ވެސް ބައިނަލްއަގުވާމީ ސެޓްފިކެޓް އޮންނަ ތަޖުރިބާކާރުންނެވެ.

0 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 11%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454