ދިރާގު މޯލްޑިވްސް ރޯޑު ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.


މި މަހުގެ 24 ގައި ހުޅުމާލޭގައި ބާއްވާ މި ރޭހުގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރެވޭނީ މި މަހުގެ 15 ގެ ނިޔަލަށެވެ. ރެޖިސްޓްރީ ކުރެވޭނީ އެ އިވެންޓުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ. އަދި ރޭހުގައި ބައިވެރިވެވޭނީ އެންމެ ފުރަތަމަ ރެޖިސްޓްރީ ކުރާ 3،000 މީހުންނަށް ކަމަށް ދިރާގުން ބުނެ އެވެ.

ރާއްޖޭގައި ދިގު ރާސްތާ ދުވުމުގެ ފޯރި އާލާކޮށްދިން ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ހިމެނެނީ ފަސް ކިލޯމީޓަރު އަދި 10 ކިލޯމީޓަރު ދުވުމުގެ ރޭހެވެ.

މީގެ 10 އަހަރު ކުރިން 2007 ގައި ދިރާގުން ތައާރަފްކުރި މި ހަރަކާތަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ބައިވެރިވާ ދުވުމުގެ ރޭހެވެ. އުމުރުން 7-45 އަހަރާ ދެމެދުގެ މީހުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި އިވެންޓުގެ މައިގަނޑު ބޭނުމަކީ ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތު އަދި އާއިލީ ގުޅުން ބަދަހި ކުރުމާއި ރަހްމަތްތެރިކަން އާލާކުރުން ކަމަށް ދިރާގުން ބުންޏެވެ.

މިދިޔަ އަހަރުގެ ރޯޑް ރޭހުގެ ބައިވެރިއެއް.

މި ފަހަރު ރޭހުގެ ޝިއާރަކީ ވެސް ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމުވެ. އަދި ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މަދަނީ އެކިއެކި ޖަމިއްޔާތަކުން މިއިވެންޓުގައި ބައިވެރިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ރޭހަށް ރަޖިސްޓްރީ ވާއިރު ބޭނުން ޖަމިއްޔާއަކަށް ދުވުން ޚާއްސަ ކުރެވޭނެ އެވެ. އެންމެ ގިނަ ދުވުންތެރިން ޚިޔާރުކުރާ ފަސް ޖަމިއްޔާއަކަށް ޖުމްލަ 200،000 ރުފިޔާ ދިރާގުން ހަދިޔާ ކުރާނެ އެވެ. މީގެ އިތުރުން ވެސް ރޭހުގައި ބައިވެރިވުމަށް ދުވުންތެރިން ގަންނަ ޚާއްސަ ޓީޝާޓުން ލިބޭ ފައިސާ ވެސް ކުޑަކުދިންގެ ހައްގުގައި، ޖަމިއްޔާތަކަށް ހަދިޔާކުރުމަށް ވަނީ ނިންމައިފަ އެވެ.