މި އަހަރު ބޭއްވި "ދިރާގު މޯލްޑިވްސް ރޯޑު ރޭސް" އިން ލިބުނު 352،010ރ. އެ ދުވުމާ ގުޅުނު ޖަމިއްޔާތަކާ މިއަދު ހަދިޔާކޮށްފި އެވެ.
ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެ ފައިސާ ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ އިސްބޭފުޅުންނެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ރޭހުގެ މި އަހަރުގެ އިވެންޓުގައި ނުވަ ޖަމިއްޔާ އަކުން ބައިވެރިވިއިރު، އެ ޖަމިއްޔާތަކަށް ފައިސާ ކަނޑައެޅީ އެއްވަރަކަށް ބަހާލައިގެން ކަމަށް ދިރާގުން ބުންޏެވެ.
ފައިސާ ލިބުނު ޖަމިއްޔާތަކާއި ފައިސާގެ އަދަދު:
- އެޑްވޮކޭޓިން ދި ރައިޓްސް އޮފް ޗިލްޑްރަން (އާކް): 56،890ރ.
- ބިއުޓިފުލް އައިސް ޑައުން ސިންޑްރޮމް އެސޯސިއޭޝަން: 16،890ރ.
- ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް): 56،890ރ.
- ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް): 16،890ރ.
- މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސޭބަލްސް (އެމްއޭޑީޕީ): 56،890ރ.
- މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން (އެމްއޭއޭ): 56،890ރ.
- މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ (އެމްޓީއެސް): 16،890ރ.
- ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ): 16،890ރ.
- ޓައިނީ ހާޓްސް އޮފް މޯލްޑިވްސް 56،890ރ.
މިއީ ރޯޑް ރޭހުގެ ބިބް ދޫކުރިއިރު، ޓީޝާޓް ވިއްކައިގެން ލިބުނު ފައިސާ އެވެ. ޓީޝާޓް ދޫކޮށްފައި ވަނީ މަދުވެގެން 50ރ. ހަދިޔާކުރި މީހުންނަށެވެ. މީގެ އިތުރުން ދުވުންތެރިންގެ މެދުގައި އެންމެ މަގުބޫލު ފަސް ޖަމިއްޔާ އަކަށް ދިރާގުން ވަނީ 200،000ރ. ދީފަ އެވެ.
މިދިޔަ މަހުގެ 24 ގައި ހުޅުމާލޭގައި ބޭއްވި މި އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑު ރޭހުގައި 3،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ މަގުބޫލު އެއް ހަރަކާތުގެ މި އަހަރުގެ ޝިއާރަކީ "ރަން ފޯ ކޯސް "ނުވަތަ ކަމަކަށް އެހީތެރިވުމެވެ.